ރިޕޯޓް

ތަކްފީރު ކުރުމުގެ ކުރިން...

ޝެޢިޚުލް އިސްލާމް އިބްނު ތައިމިއްޔާ ތަފްޞީލުކޮށްދެއްވާފައިވެއެވެ:

ނުބައިކޮށް ކަމެއް ކުރެވުނު ނަމަވެސް މުސްލިމެއްގެ މައްޗަށް ތަކްފީރުކުރުމުގެ ޙައްޤު އެއްވެސް މީހަކަށް ލިބިގެނެއް ނުވެއެވެ. އެއީ އެމީހަކަށް ޙައްޤު އަންގައި، އޮޅުން ފިލުވައި ދިނުމަށްފަހުގައި މެނުވީއެވެ. އަދި މުސްލިމެއްކަން ޔަޤީންވާ ޙާލުގައި އެމީހެއްގެ އިސްލާމްކަން ހީއެއް ނުވަތަ ޝައްކެއްގެ މައްޗަށް ބިނާކޮށް ނިގުޅައެއް ނުގަނެވޭ ހުއްޓެވެ. އެހެނެއްކަމަކު އެފަދަ މީހެއްގެ އިސްލާމްކަން ނިގުޅައިގަނެވޭ ހުށީ އޭނާއަށް ޙަޤީޤަތް ސާފުވާނޭހެން ބަޔާންކޮށް، ހުރިހާ ޝައްކެއް ނުވަތަ އޮޅުމެއް ފިލުވާލެވުމަށް ފަހުގައެވެ. (މަޖްމޫޢު އަލްފަތާވާ 466 / 12)

އެބޭފުޅާ (ރަޙިމަހުﷲ) އިތުރަށް ވިދާޅުވެފައިވެއެވެ:

ފާޙިޝް ކަންތައްތަކަށް އަރައިގަންނާތީ އަދި ފާފަކުރާތީ މުސްލިމުންގެ މައްޗަށް ތަކްފީރު ކުރާ ކުރުމުން މީސްތަކުން ދުރުހެލިވާން ޖެހެއެވެ. އެހެނީ އިސްލާމްދީނުގައި އެންމެ ފުރަތަމަ އުފެދުނު ބިދުޢައަކީ ބިދުޢަވެރިން މުސްލިމުންގެ މައްޗަށް ތަކްފީރުކުރުމެވެ. އަދި އޭގެ މައްޗަށް ބިނާކޮށް އެބައިމީހުން މުސްލިމުންގެ ލޭ ހުއްދަ ކޮށް، މުދަލާއި ބިން އަތުލިއެވެ. (މަޖްމޫޢު އަލްފަތާވާ 31 / 13)

ރަސޫލުﷲ ޞައްލައްﷲ އަލައިހި ވަސައްލަމް ހަދީޘްކުރައްވާފައިވެއެވެ:

"ތިމާގެ އަޚާއަށް 'އޭ ކާފިރޭ' މީހަކު ބުނެފި ކަމުގައިވާނަމަ، ފަހެ އެކަން އެތަނުން ކޮންމެވެސް އެކަކު ލިބިގަނެފިއެވެ. އެއްގޮތަކީ އެމީހަކު އެބުނި ފަދައިން އަނެކާ ވުމެވެ. ނަމަވެސް އެފަދަ މީހެއް ކަމުގައި އަނެކާ ނުވާނަމަ އެކަން ރައްދުވާހުށީ އެހެން އެންމެ ފުރަތަމަ ބުނި މީހާއަށެވެ." (މުއްތަފަޤުން ޢަލައިހި)

މުޅި އުމުރު ދުވަހުގައިމެ ތިމާ ދަނެތިބި މުސްލިމުންގެ މައްޗަށް 'ކާފިރު' ، 'މުޝްރިކު' ، 'ފާސިޤު' ، 'ތާޤޫތު' ނުވަތަ އެނޫންވެސް ޢަރަބި ބަހެއް އެކެއްގެ ފަރާތުން އަނެކަކު ނަޤުލުކޮށްލައިގެން ޒުވާން އުމުރު ފުރައިގެ ބައިގަނޑުތަކެއް ވަކި ވަކި މުސްލިމުންނަށް ގޮވާ އުޅޭތަން ފެނުމަކީ ހިތާމަހުރި ކަމެކެވެ. އަޅުގަނޑުމެން މުސްލިމުންގެ މެދުގައި ދިރިއުޅެމުންދާ މި ބައިގަނޑުތަކުން ފުންމައިގަންނަނީ އެކަކު އަނެކަކާއި ވާދަކޮށް ރޭސްޖަހައިގެން ނަމަވެސް ލިބޭ އެންމެ ފުރަތަމަ ފުރުޞަތުގައި އަނެކާގެ މައްޗަށް ތަކްފީރު ކޮށްލާށެވެ. މިކަމަކީ އެމީހުންގެ މައްޗަށް ފެންފޮދެއް ބޯލުންހާ ފަސޭހަކަމެކެވެ. އެއްވެސް ކަހަލަ ތަޙުޤީޤު ކުރުމެއް، އަންގައިދިނުމެއް، ޔަޤީންކުރުމެއް، ޝައްކު ފިލުވައި ދިނުމެއް، އިރުޝާދު ދިނުމެއް އަދި އެމީހުން އެކުރާކަމުގެ ނުރައްކާތެރިކަމާއި މެދު ވިސްނާލުމެއްނެތެވެ.

އަޅުގަނޑު ޙައިރާންވާ ކަމަކީ ހަމަ މިޅަފުރައިގެ މީހުން ޝެޢިޚުލް އިސްލާމް އިބްނު ތައިމިއްޔާގެ ބަސްފުޅުތަކަށް ރިޢާޔަތްކުރާއިރު، އެބަސްފުޅުތަކަށް ތަބަޢަވުމެއް ނުވަތަ އެބަސްފުޅުތަކާއި މެދު ވިސްނާލުމެއްނެތެވެ. ދަލީލެއް 'އެނގުމާއި' (ނުވަތަ ޝެޢިޚް ގޫގުލް އިން ކޮޕީ ޕޭސްޓު ފަދަ ކަންކަން ކުރުމާއި) އަދި ދަލީލެއް 'ވިސްނުމަކީ' ހާސްބައި ތަފާތު ހުރި 2 ކަމެވެ. މިސާލަކަށް، އިސްވެ ދެންނެވިފައިވާ ޝެޢިޚުލް އިސްލާމް އިބްނު ތައިމިއްޔާގެ ބަސްފުޅުތަކުން ދޭހަވާ ގޮތުގައި އެންމެ ފުރަތަމަ ވެސް، މުސްލިމަކަށް ތަކްފީރު ކުރުމުގެ ކުރިން އެމީހަކަށް ހަޤީޤަތް އޮތް ގޮތް ސާފުކޮށްދޭން ޖެހެއެވެ. އެއީ އެމީހެއްގެ ހިތުގައި އެކަމަކާއި މެދުގައި އެއްވެސް އޮޅުމެއް ނުވަތަ ދެކޮޅަށް ކިރޭ ހާލު ނެތިއްޖައުމަށް ދާންދެނެވެ. ދެވަނައަށް، އިބްނު ތައިމިއްޔާ އިންޒާރު ދެއްވާފައިވަނީ ޝައްކާއި ، ދޭހަވާ މާނައަށް ވިސްނައިގެން ނުވަތަ ހީވާ ހީވުމެއްގެ މައްޗަށް ބިނާކޮށް ތަކްފީރުކުރުމުން މުޅިން ދުރުހެލިވުމަށެވެ.

އަޅުގަނޑުމެންނަށް ފެންނަނީ މިއަޚުންނާއި އުޚްތުން މީގެ ސީދާ އިދިކޮޅަށް ކަންކުރާތަނެވެ. އެމީހުން 'ތަކްފީރު' ، 'ތަޝްރީކު' ، 'ތަފްސީކު' އަދި 'ތަޤްވީތު' ގެ ލަޤަބު މީހަކަށް ދިނުމަށްފަހުގައި އޭވާހަކަ އެއްފިކުރެއްގެ ރަޙުމަތްތެރިންނާއި ޙިއްސާކޮށް، އެކަން ޑްރާމާ ގަނޑަކަށް ހަދާލައެވެ (އެމީހުންނަށް އެއީ މާކެއުމެއް ފަދައެވެ، މާޝާ ﷲ). އެކަކު އަނެކަކު ހިތްހަމަޖައްސައިދިނުމަށްޓަކައި އަނެކާއަށް ދިމާކޮށް އެއްޗެހިކިޔާ، އެމީހާއަށް ދޭހަވެފައިވާ ނުބައި މާނައާއި ހީތަކުގެ މައްޗަށް މިމީހުން 'ކޮޕީ ޕޭސްޓު ޙުއްޖަތް' ޤާއިމުކޮށްލައެވެ. އަދި ފަހު ނިންމުމާއިއެކު އެމީހަކީ ތާއަބަދަށް ހަލާކުވެފައިވާ މީހެއްކަމަށް އެކަށައަޅައެވެ. ކުރީބައިގައި އޮޅުން ފިލުވައިދީ، މަޝްވަރާކޮށް ނުވަތަ ޔަޤީންކުރުމެއް ވެސް ނޯވެއެވެ.

އޭ ބިރެއްނެތި ތަކްފީރު ކުރާ މީހާއެވެ؛

ތިބާ ލަޤަބުދިން މުސްލިމަކީ ބައެއް ދަލީލުތަކާއި ޢިލްމު ރަނގަޅަށް ނުދަންނަ މީހެއްކަމުގައި ތިބާ ވިސްނާލީމު ހެއްޔެވެ؟ އެމީހާއަށް އެޢިލްމު ލިބިފައިވީނަމަ ތިބާ އޭނާގެ މައްޗަށް ނިޔާ އިއްވައި މާތްﷲ ގެ ޢަޛާބު ލިބިގަތުމުގެ ކުރިން އެމީހާގެ ވިސްނުން ހުރިގޮތް ބަދަލުކުރުން އެކަށީގެންވާކަން ވިސްނާލީމު ހެއްޔެވެ؟ އެހެނީ ތިބާ އަމިއްލައަށްމެ ޝަރީޢަތުގެ ޤަވައިދުތަކާއި ދެކޮޅުހަދައިފިއެވެ.

ނުވަތަ އޭގެ އަނެއް ކޮޅެވެ؛

ތިބާއަށް ނޭނގޭ ދަލީލުތަކާއި ޢިލްމު އެމުސްލިމަށް އެނގިފައިވުން އެކަށީގެންވާކަމަށް ނުވިސްނަމު ހެއްޔެވެ؟ ތިބާއަށް އެޢިލްމު ލިބިފައިވީނަމަ ތިބާ އޭނާގެ މައްޗަށް ނިޔާ އިއްވައި މާތްﷲ ގެ ޢަޛާބު ލިބިގަތުމުގެ ކުރިން ތިބާގެ ވިސްނުން ހުރިގޮތް ބަދަލުކުރުން އެކަށީގެންވާކަން ވިސްނާލީމު ހެއްޔެވެ؟ އެހެނީ ތިބާ އަމިއްލައަށްމެ ޝަރީޢަތުގެ ޤަވައިދުތަކާއި ދެކޮޅުހަދައިފިއެވެ.

މިބިދުޢައަކީ އަޅުގަނޑުމެންގެ ރަސޫލުބޭކަލުން (ޢަލައިހުމުއް ސަލާމް) އަދި ހެޔޮލަފާ ޞާލިޙުންގެ މަގު ކަމުގައި ވާނަމަ، މޫސާ (ޢަލައިހިއް ސަލާމް) އަށް އަލް-ޚާޟިރުގެ ޢަމަލުތައް ފެނިވަޑައިގަތް ހިނދު އެކަލޭގެފާނުގެ މައްޗަށް ތަކްފީރުކުރެއްވީހެވެ. އަދި ޢުމަރު (ރަޟިޔައްﷲ އަންހު) ވަގުންގެ އަތްކެނޑުން ބަނޑުހައި ހޫނުކަމުގެ ދުވަސްވަރެއްގައި ވަގުތީ ގޮތުން މެދުކަނޑުވައިލެއްވުމުން އަޅުގަނޑުމެން އެކަލޭގެފާނުގެ މައްޗަށް ތަކްފީރު ކުރީމުހެވެ. އެއީ ޤުރުޢާނުގެ ޙުކުމަކަށް ވެފައި އެކަލޭގެފާނުގެ ޚިލާފަތުގެ ދަށުގައި މާތްﷲ ގެ ޙުކުމުގެ ދަށުން ޙުކުމް ނުކުރާކަމަށް ބުނެއެވެ.

ހަމަ އެހެންމެ، ކާފިރުންނާއި މުސްލިމުންނާއި ދެމެދު ވެވުނު ހުދައިބިއްޔާގެ އެއްބަސްވުމުގައި އިސްލާމްވާ މީސްތަކުން މައްކާގެ ކާފިރުންނަށް އަނބުރާ ރައްދުކޮށް ދިނުމަށް ރަސޫލު ﷲ ޞައްލަﷲ ޢަލައި ވަސައްލަމް އެއްބަސްވި ކަމަށްޓަކައި އަޅުގަނޑުމެން އިސްލާމްކަން ދޫކޮށްލައި، އަޅުގަނޑުމެންގެ ރަސޫލު ﷲ ޞައްލަﷲ ޢަލައި ވަސައްލަމްގެ ނަބީކަމާއި މެދު ޝައްކު އުފައްދާނީ ހެއްޔެވެ؟ އެހެނީ އަނބުރާ ރައްދުކުރެވޭ މުސްލިމުންނަށް ފިތުނަތަކާއި ކުރިމަތި ވާނޭކަމާއި އިސްލާމްކަން ދޫކޮށްލަން ކާފިރުން މަޖުބޫރު ކުރާނޭކަން އެކަލޭގެފާނު ޞައްލަﷲ ޢަލައި ވަސައްލަމް ރަނގަޅަށް ދެނެވަޑައިގެންނެވިއެވެ.

އަޅުގަނޑުމެންނަށް މިފަދަ އެތައް ބައިވަރު މިސާލުތަކެއް ދެއްކިދާނެވެ.

އަޅުގަނޑުމެންގެ އަޚުންނާއި އުޚްތުންނޭ، ޤިޔާމަތް ދުވަހުގައި ޢާލަމްތަކުގެ ވެރި އިލާހުގެ ކޯޓުގައި އަޅުގަނޑުމެން އެކަކު އަނެކެއްގެ ވާދަވެރިންގެ ގޮތުގައި ވާކަށް ބޭނުމެއްނޫނެވެ!

ޢުމަރު (ރަޟިޔަﷲ އަންހު) އެކަލޭގެފާނުގެ މަރު ތަންމަތީގައި ވިދާޅުވެފައި ވެއެވެ، "ތިމަންކަލޭގެފާނަށް ހަމަލާ ދިނީ މުސްލިމެއްކަމުގައި ނުވެ، (މަޖޫސީ) މުޝްރިކެއްކަމުގައި ވީތީ މާތްﷲ އަށް ޙަމްދުކުރަމެވެ. އެހެނީ ޤިޔާމަތް ދުވަހު މާތްﷲ ގެ ކުރިފުޅުމަތީ ތިމަންކަލޭގެފާނުގެ ވާދަވެރިއެއްގެ ގޮތުގައި މުސްލިމަކު ވާކަށް ތިމަންކަލޭގެފާނު ނޭދެމެވެ."

މާތްﷲ ތިބާއަށް ޙިދާޔަތް ދައްކަވާ، ފާފަ ފުއްސަވާންދޭވެ. އާމީން.

 

މަސްދަރު: ބިލާލް ޢަސަދު (ފޭސްބުކް ޕޭޖް)

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *

More in ރިޕޯޓް