ރިޕޯޓްކޮލަމިސްޓް

ޢީދު ފާހަގަ ކުރަން މާރަނގަޅު ގޮތެއް

ދިވެހިންގެ ޒަމާންވީ އާދަކާދައަށް ނަޒަރު ހިންގާލާއިރު ޢީދަށް ތައްޔާރުވުމުގެ ގޮތުން އެކި ކަހަލަ ކުޅިވަރުތައް ރާވާ ހަދައެވެ. ފެންކުޅި ކުޅުމާއި، ބޭން ޖެހުމާއި، ބޮޑު މަސް ދުއްވުން އަދި މާލި ނެށުން ފަދަ މުނިފޫހިފިލުވުމުގެ ތަފާތު ކުޅިވަރުތަކެވެ. އަޅުގަނޑުމެންނަކީ މުސްލިމުން ކަމުގައި ވީނަމަވެސް، މީގެން ގިނަ ކުޅިވަރުތައް ތައްޔާރު ކުރެވިފައިވަނީ އިސްލާމްދީނުގެ މިންގަނޑުތަކަށް ރިޢާޔަތް ކުރެވިގެންތޯއެވެ؟ ދެޖިންސުގެ މަސްހުނިވުންތަކާއި ލަވަ އާއި ނެށުމުގެ ޝޯވ ތަކުން މުޅި ދިވެހިރާއްޖެ ގުގުމާލާ ދުވަހެއް ކަމުގައި ޢީދު ވަނީ ވެފައެވެ. އެހެން ދީންތަކުގެ ޢީދުތަކުގައި ވެސް އެފަދައިން ޢަމަލުކުރާ މީހުން ނިސްބަތުން މަދެވެ. ރޯދަ މަހަކީ ތިމާއަށްވުރެން ދަތި ޙާލުގައި ދިރިއުޅެމުންދާ މީސްތަކުންގެ އިޙުސާސްތައް ދެނެގަނެވި، އެހެން މީހުންނަށްޓަކައި ތިމާގެ ހިތުގައިވާ ޙަމްދަރުދީ އާއި ލޯބި އާލާވެގެން ދިޔުމަށް ހުޅުވިގެންދާ ދޮރަކަށްވީ ހިނދު، އާދަވެގެން ޢީދު ދުވަސް ވޭތުކޮށްލެވެމުންދާގޮތް ތަފާތުކޮށްލުން ކިހިނެތްތޯއެވެ؟

ކޮންމެ އަހަރަކު އެއްފަހަރު ޢީދެއްގެ ގޮތުގައި އުފަން ދުވަސް ފާހަގަކުރުމަށް ގިނަ ދިވެހީންގެ ހިތް އެދި ގޮވާ އެއްސަބަބަކީ ވެސް މިއީކަމުގައި ވެދާނެއެވެ. އަނެކުންގެ އަޅާލުމާއި ސަމާލުކަން ތިމާއަށް ލިބޭތީއެވެ. ރޫޅިފައިވާ ރަޙުމަތްތެރިކަމާއި ރަޙިމުގެ ގުޅުންތައް، ތިމާ ހިތް އެދޭ ފަދަ އަގުހުރި ހަދިޔާތައް ލިބުމުގެ ސަބަބުން ހަރުދަނާވެގެން ދާތީއެވެ. ނަމަވެސް ފާހަގަކޮށްލަންޖެހޭ ކަމަކީ، އަޅުގަނޑުމެން މުސްލިމުންނަށްޓަކައި އަހަރަކު އެންމެ ޢީދެއްގެ ބަދަލުގައި ދެޢީދު ލައްވަވާފައި ވާކަމެވެ. އެއީ ފިތުރު ޢީދާއި އަޟްހާ ޢީދެވެ.

އަނަސް ރަޟިޔަﷲ އަންހުގެ އަރިހުން ރިވާވެގެންވެއެވެ: "ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް މަދީނާއަށް ހިޖުރަކުރެއްވިއިރު މަދީނާގެ މީސްތަކުން ދެ ދުވަހެއް ފާހަގަކުރަމުން ގެންދިޔައެވެ. އެ ދެ ދުވަހަކީ އުފާފާޅު ކުރުމުގެ ދެ ދުވަހެވެ. އެކަމާއި ބެހޭގޮތުން ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް މަދީނާގެ މުސްލިމުންކުރެން (އަންޞާރިއްޔަ ބޭކަލުންކުރެން) ސުވާލުކުރެއްވިއެވެ. އެބޭކަލުން ވިދާޅުވި ގޮތުގައި އެއީ އިސްލާމްދީން އައުމުގެ ކުރިން އެބައިމީހުން އުފާފާޅުކޮށް، މަޖާކުރުމަށްޓަކައި ކާނިވާ ތައްޔާރުކޮށް ހަދާއުޅޭ ދެ ދުވަހެއް ކަމުގައެވެ. ދެން ފަހެ ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘްކުރެއްވިއެވެ: 'އެ ދެ ދުވަހުގެ ބަދަލުގައި، އެއަށްވުރެއް މާ މާތްވެގެންވާ ދެ ދުވަހެއް މާތް ﷲ ލައްވައިފިއެވެ. އެއީ ފިތުރު ޢީދާއި އަޟްހާ ޢީދުދުވަހެވެ.'" (އަބޫ ދާވޫދް)

އިސްލާމްދީނުގައި އަހަރަކު ދެޢީދު ލައްވަވާ، އެދެ ޢީދުގެ އުފަލުގައި މުއްސަނދިންނާއި ފަޤީރުން – އެއްވެސް ފަރަޤެއް ނެތި – ބައިވެރިކުރުމަށް އަންގަވާފައިވާ ހިނދު، އެންމެ ޢީދަކުން (އުފަންދުވަހުން) ފުއްދާލުމުގެ ބޭނުމަކީ ކޮބައިތޯއެވެ؟ އެދުވަސްތަކަކީ އެކުވެރީންނަށާއި ރަޙިމުގެ ގުޅުމުން ގުޅިފައިވާ ޢާއިލާ މެމްބަރުންނަށް - އަދި ކިއެއްތަ، ތިމާ މީގެ ކުރިން ނުދަންނަ އެތަކެއް މުސްލިމުންނަށް – ޢީދުގެ ތަޙުނިޔާ ރައްދުކޮށް، ހަދިޔާ ބަދިޔާ ބަދަލުކުރުމަށް އަވަސްވެގަންނަންވީ ދުވަސްތަކެކެވެ.

އިބްނު އައްބާސް ރަޟިޔަﷲ އަންހުގެ އަރިހުން ރިވާވެގެން ވެއެވެ: "މީސްތަކުންގެ ތެރެއިން އެންމެ ދީލަތި ބޭފުޅާކަމުގައި ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ވިއެވެ." (ބުޚާރީ)

އަދި ވެސް ރިވާވެގެންވެއެވެ. އަބޫ ޙުރައިރާ ރަޟިޔަﷲ އަންހު ވިދާޅުވިއެވެ: "ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ހަދީޘްކުރެއްވިއެވެ. 'ތިޔަބައިމީހުން ހަދިޔާ ބަދަލު ކުރާށެވެ. އޭރުން ލޯބި އިތުރުވާހުއްޓެވެ.'" (ބުޚާރީ)

އަޅުގަނޑުމެންގެ އަމާޒަކަށް ވާންވީ މިރަމަޟާން މަހުން ޢިބްރަތް ޙާޞިލްކޮށް، ދީލަތިވުމެވެ. ރަމަޟާން މަހުގައި ތިމާއަށް ލިބޭ ޙާއްސަ އިނާޔަތް ހަމައެކަނި މީރުހައި ކާނާއެއް ކައްކައި، އިސްރާފުކުރުމަށް ހޭދަ ނުކުރާށެވެ. އޭގެ ބަދަލުގައި އޭގެން ޞަދަޤާތްކޮށް، ތިމާގެ އުޚްރަވީ ޙަޔާތަށް ފައިދާކުރުވަނިވި ކަމެއް ކުރުމަށްޓަކައި ތިމާގެ މީހުންނަށް ހަދިޔާ ބަދިޔާ ދިނުން ކިހިނެއްތޯއެވެ؟

ބައެއް މީހުން ކަންކުރަމުން އަންނަ ޢުޞޫލަކީ، ތިމާއަށް ހަދިޔާއެއް ދީފިނަމަ އޭގެ ބަދަލުގައި ހަދިޔާއެއް ދިނުމެވެ. ނުވަތަ ތިމާއަށް ޒިޔާރަތް ކޮށްފިނަމަ އޭގެ ބަދަލުގައި ޒިޔާރަތްކުރުމެވެ. ތިމާއަށް ހަދިޔާއެއް ނުދޭނަމަ، ނުވަތަ ތިމާއަށް ޒިޔާރަތް ނުކުރާނަމަ އެއިން އެއްވެސްކަމެއް ނުކުރާނެއެވެ. މިއީ އިސްލާމްދީނުގައި ރަޙިމުގެ ގުޅުން ދަމަހައްޓަން އަންގަވާފައިވާ ގޮތެއް ނޫނެވެ. އަދި އެދެވިގެންވާ ގޮތެއްވެސް ނުމެނޫންމެއެވެ. މިއީ ޖަވާބުދާރީވުމެވެ. ނުވަތަ ބަދަލުދިނުމެވެ. އިސްލާމްދީނުގައި އަންގަވާފައިވާ އެންމެ މަތިވެރިވެގެންވާ ގޮތެއްނޫނެވެ.

ސޫރަތުއް ލައިލްގެ 17 ވަނަ އާޔަތުން ފެށިގެން ގޮސް އެސޫރަތް ނިމެންދެން މާތް ﷲ ސުބުޙާނަހޫ ވަތަޢާލާ ވަޙީކުރައްވާފައިވެއެވެ: "އަދި تقوى ވެރިކަން ބޮޑުމީހާ، އެ ނަރަކަޔާ ދުރުކުރައްވާނެތެވެ. އެމީހާއީ، އެމީހާ طاهر ވެގަތުމަށްޓަކައި، އޭނާގެ މުދާ ހޭދަކުރާ މީހާއެވެ. އެހެންމީހެއްގެ ފަރާތުން އޭނާޔަށް ލިބޭނެ ހެޔޮކަމެއްގެ ބަދަލުގައެއް ނޫނެވެ. (އެހެނެއްކަމަކު، އޭނާ ހޭދަކުރަނީ) އޭނާގެ ވެރި، މަތިވެރިވަންތަ ރަސްކަލާނގެ وجه ފުޅު އަދައިގެންނެވެ. އަދި ނިކަންހުރެ (ސުވަރުގެއަށް ވަދެވޭ ހިނދު) އޭނާ ރުހޭނެކަން ކަށަވަރެވެ."

މީހަކު ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަށް ދެންނެވިއެވެ. "އަހުރެން ގުޅުން ދަމަހައްޓަން އެދޭ ގާތްތިމާގެ މީހުން އަހުރެންގެ ވެއެވެ. ނަމަވެސް އެބައިމީހުން ވަނީ އަހުރެންނާއި ގުޅުންކަނޑާލައިފައެވެ. އަހުރެން އެމީހުންނަށް ހެޔޮކޮށް ހިތަމެވެ. ނަމަވެސް އެބައިމީހުން އަހުރެންނަށް އިހާނެތިކޮށް ކަންތައްކުރެއެވެ. އަހުރެން އެމީހުންނާއިމެދު ކެތްތެރިކަން އިސްކުރަމެވެ. ނަމަވެސް އެމީހުން އަހުރެންނަށް ހުތުރު ބަސް ރައްދުކޮށް ހަދައެވެ." ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘްކުރެއްވިއެވެ. "ތިޔަ ބުނާ ގޮތަށް ތިބާ ކަންކުރަމުންދާ ކަމުގައި ވަނީނަމަ، އެބައިމީހުންގެ އަނގަޔަށް ހޫނުވެގެންވާ ހިރަފުސް އެޅެމުންދާ ފަދައެވެ. ތިބާ ތިހުރި ގޮތުގައި ދެމިހުންނަހާ ހިނދަކު، މާތް ﷲ ސުބުޙާނަހޫ ވަތަޢާލާ ތިބާއަށް ނަޞްރު ދެއްވާހުއްޓެވެ." (މުސްލިމް)

އެހެންކަމުން ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް އަންގަވާފައިވާ ރިވެތި އުޞޫލުތަކަށް ތަބަޢަވަމާ ހިންގަވާށެވެ. ޢީދަކީ ރަޙިމުގެ ގުޅުން ދަމަހައްޓައި، ވަރުގަދަކުރުމަށް ލިބޭ މަތިވެރި ފުރުޞަތެކެވެ. ހަދިޔާ ތައްޔާރުކޮށް ހެދުމަކީ ފަސޭހަކަމެއްނޫނެވެ. ޢާއިލާގެ އެކި މެމްބަރުންގެ އެކި ބޭނުންތަކާއި ރަހަތައް ތަފާތު ވެގެންވާނޭކަން ގައިމެވެ. ނަމަވެސް މިއީ ހިތްވަރު އެލުވާލަންވީ ވަރުގެ ކަމެއްނޫނެވެ. ދުރާލާ ރާވާލާށެވެ. ޢީދާއި ބައްދަލުވާން ދުވަސްކޮޅެއް އޮތްކަމުގައި ވާނަމަ އެކަމަށް ޙާއްސަކޮށް ފަންޑު ފޮއްޓެއް ތައްޔާރުކޮށް، ފައިސާ އެއްކުރަން ފަށާށެވެ. ތިމާދޭ ހަދިޔާތަކަކީ އަގުބޮޑު ހަދިޔާތަކަކަށްވުން ކޮންމެހެން ލާޒިމެއްނޫނެވެ. އޭގެ ބަދަލުގައި ޢީދުގެ ތަހުނިޔާ ރައްދު ކުރުމަށްޓަކައި ކާޑުކޮޅެއް ވެސް ތައްޔާރު ކޮށްލެވިދާނެއެވެ. މިކަން ކުރުމަށް އެހީތެރިވެދޭން ގޭގައި އުޅޭ ކުދިވެރީން ވަރަށް ފޯރި ހުންނާނޭކަން ކަށަވަރެވެ. އަމިއްލަ އަތުން ފަރުމާކޮށްގެން ލިޔެލާ ކާޑުގައިވާ ފަށުވި ޢިބާރަތްކޮޅަކީ އަނެކާގެ ހިތަށް އުފާވެރިކަން ލިއްބައިދޭނޭ އެއްޗަކަށް ނުވާނެތޯއެވެ؟

ގިނަ ފަހަރަށް އަމިއްލަ އަނބިމީހާ ނުވަތަ ފިރިމީހާ ގާތުގައި ލޯބިވާ ވާހަކަ ބުނަން ކެރުނު ނަމަވެސް، ތިމާގެ ޢާއިލާގެ އެހެނިހެން މެމްބަރުން ގާތުގައި އެވާހަކަ އޮންނަނީ ބުނަން ނުކެރިފައެވެ. މަރަކީ އަންނާނޭ ދުވަހެއްކަން ގައިމެވެ. ވީއިރު ތިމާގެ ފެންވަރު ހުރި މިންވަރަކުން އެމީހުންގެ ހިތްހަމަޖައްސައިދޭން މަސައްކަތް ކުރާށެވެ. މާތްވެގެންވާ މިރަމަޟާން މަސް ނިންމާލާއިރު، ތިބާގެ ޢާއިލާގެ ހުރިހާ މެމްބަރުންގެ ލޯތްބާއި ހެޔޮ ދުޢާތައް ޙާޞިލްކުރެވޭތޯ އަތުކުރި އޮޅާލާށެވެ. މިއީ ފަހެ ޢީދުގެ އުފާ ފާޅުކުރެވިދާނެ މާރަނގަޅު ގޮތެއް ނޫންތޯއެވެ؟

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *

More in ރިޕޯޓް