ރިޕޯޓް

ބަރުހަތިޔާރު

"އިސްލާމދީނުގެ ހިމާޔަތުގައި ދިވެހިން" ގެ ނަމުގައި މަދަނީ އިއްތިހާދުން ބޭއްވި އެއްވުމުގައި ގިނަ ބަޔަކު ބައިވެރިވަނީ--ފޮޓޯ: ދިއިސްލާމް

މީގެ ދުވަސް ކޮޅެއް ކުރިން، އަޅުގަނޑުގެ ގާތްތިމާގެ ބޭފުޅެއް ފޭސްބުކް ގައި އިން ފޮޓޮއެއްގައި ޓެގް ކޮށްލިއެވެ. މަސްރަހުގެ ހަލަބޮލި ކަމާއެކު ވާނުވާ ބަލާލި އިރު، ދިވެހިރާއްޖޭގައި ދީނުގެ ޢިލްމު ލިބިވަޑައިގެން ތިއްބެވި 3 ބޭފުޅަކަށާއި، އެ ބޭފުޅުންގެ ގެ ގަދަރަށް ވަރަށް ކުޑައިމީސްވާ ގޮތަށް އިބާރާތްތައް ބައްޓަންކޮށްފައި ވިއެވެ.

ފޭސްބުކް ފަދަ ސޯޝިއަލް މީޑިޔާ ތަކުގެ ވަޔަށް އެފަދަ ޕޯސްޓަރުތައް ދޫކޮށް ނުވަތަ އާންމުކުރުމުގެ ކުރިން މި ކުރެވެނީ ކިހާވަރެއްގެ ކަމެއްތޯ ވިސްނާލުން ބުއްދި ވެރިއެވެ.

ކޮންމެއަކަސް، މި ދެންނެވިފަދަ ޕޯސްޓަރުތަކާއި، ފޮޓޯތަކުގެ ޙަޤީޤީ މަޤްސަދާމެދު އަޅުގަނޑުމެން ސަމާލުވާން ޖެހެއެވެ. އެއީ ހަމަ ސިޔާސީ ގޮތުން އައި ފޯރީގައި، ނިކުމެދާނެ ނަތީޖާއަކަށް ބަލާލުމެއް ނެތި ހިފެއްޓުމެއް ނެތް ގޮތުގައި ދޫކޮށްލެވޭ ބަސްތަކަކީ ތޯއެވެ؟ ނުވަތަ ދިވެހި އުއްމަތުގެ ކުރިއަށް ތިއްބެވި ޢިލްމުވެރީންގެ އަގު ވައްޓަލުމަށް ބަޔަކު ރާވާ ރޭވުމެއްގެ އަސަރުތޯ އެވެ ؟

ދިވެހި އުއްމަތުގައި މި ފަދައިން ބަޔަކު ރޭވުންތެރިކަމާއެކު ތައްޔާރުކޮށްފައިވާ ދަންތުރަތަކުގައި ދިވެހި ބައެއް އަޚުން ޖެހިގެން ދާކަމީ ހިތާމަ ކުރާކަމެކެވެ. އެ ގޮތުން ، ދާދި ފަހުން ދިވެހިންގެ ބޮޑު  ޖަމާއަތަކުން ޝެއިޚުންނަށް ބަދުބަސް ބުނުމަށްފަހު ، މައްސަލަ އުޅެނީ 3 ޝޭޚެއްގައި ކަމަށް ވަނީ ބުނެފައެވެ. ނަމަވެސް އަދި އަދާ ޖެހެންދެންވެސް ތުހުމަތު ކުރެވިފައިވާ މައްސަލަތަކަކީ ކޮބައިކަން ވަނީ ނޭގުމެއްގެ ތެރޭގައެވެ. ސިޔާސީ މައްސަލަތަކާ ގުޅޭ ގޮތުން ޝެއިޚުން އެބޭފުޅުންގެ ރައުޔު ފާޅުކުރެއްވުމުން ، ދީން ސިޔާސީ ހަތިޔާރަކަށް ހަދަނީ ކަމަށް ބައެއް ފަރާތްތަކުން ބުނެއެވެ. ނަމަވެސް ، ހަޤީޤަތުގައި ސިޔާސީ ހަތިޔާރަކަށް ދީނާއި، ދީނުގެ އަހުލުވެރިން ހެދުމުގެ މިސާލެއް ކަމުގައި އިސްވެ ދެންނެވިފައިވާ ހާދިސާ ނުވޭތޯއެވެ؟

ދިވެހިރާއްޖޭގައި އެހެން ދީންތައް ފެތުރެން އޮތީ ކުރިއަށް ތިބި ޝޭޚުންގެ އިތުބާރު ގެއްލުވާލައިގެން ކަމާމެދު ދެމީހަކު ދެބަސް ނުވާނެއެވެ. މިގޮތުން ރާއްޖޭގައި ޣައިރުދީންތައް އަދި ވަކީން ޚާއްޞަކޮށް ކްރިސްޓިއަންދީން ފެތުރުމަށް އެންމެ ބޮޑަށް މަސައްކަތްކުރަމުން ދާ އެކަކީ ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ އެޑްވައިޒަރަކަށް އުޅުނު ޑޭވިޑް ހާޑިންގްހަމެވެ. މީނާއަކީ ފްރެންޑްސް އޮފް މޯލްޑިވްސް ކިޔާ ޖަމާއަތެއް ހަދައިގެން އެ ނަމުގެ ފަހަތުގައި މަސައްކަތް ކުރަމުންދާ މީހެކެވެ. އަދި ދިވެހިރާއްޖޭގެ ފަތުރުވެރިކަންވެސް ބައިނަލް އަޤްވާމީ ދުނިޔޭގައި ބޮއިކޮޓް ކުރަމުންދާ މީހެކެވެ. މީގެ އިތުރުންވެސް މީނާ އަކީ "މިނިވަން ރޭޑިޔޯ" ކިޔާ ރޭޑިޔޯ އެއް އުފައްދާ ކްރިސްޓިއަންދީން ފަތުރަން މަސައްކަތްކުރާ ފަރާތްތަކަށް އެހީވެދޭ ޖަމާޢަތްތަކުގެ އެހީތެރިކަމާއެކު ދިވެހިބަހުން އެރޭޑިޔޯ ހިންގާފައިވާ މީހެކެވެ. އަދި ކުރީގެ ރައީސް މައުމޫނުގެ ވެރިކަމުގައި ދިވެހިރާއްޖޭގައި ކްރިސްޓިއަން ދީން ފެރުތުމަށް މަސައްކަތް ކުރާމީހެއްގެ ގޮތުގައި ބްލެކްލިސްޓް ކުރެވި ޑީޕޯޓް ކޮށްލެވިފައިވާ މީހެކެވެ. ކޮންމެ އަކަސް، ދިވެހި ވަޠަނުގެ ލެޔާއި ލޮނު ހަށިގަނޑުގައި ނެތް ހިނދު، މި ދީބާއި، މި ދީބުގެ އަހުލުވެރިންގެ މަސްލަހަތު މީނާގެ މައްޗަށް ބޮޑުވާނީ އެކަމުގެ ފަހަތުގައި އޭނާގެ އަމިއްލަ މަސްލަހަތެއް އޮންނާތީ ކަމަށް ޤަބޫލުކުރެވެއެވެ.

މާޒީވެ ގޮސްފައިވާ ހުޅަނގުގެ ޙަޟާރާތްތަކުގައި ކްރިސްޓިއަންދީން ދެކެ މީހުން ނަފްރަތުވާން ފެށި އެއްސަބަބަކީ ފާދިރީންގެ ބަސްތަކުގެ އިތުބާރު ގެއްލި އެބައިމީހުންގެ މައްޗަށް މީހުން ރުޅިއެރީތީއެވެ. މި ބީދައިން ރާއްޖޭގައިވެސް ދީނާއި ދީނީ ޢިލްމުވެރިންނާއި މެދު ކަންކުރަން އުޅޭކަމުގެ ނިޝާންތައް މިހިރަދަނީ ފެންނަމުންނެވެ.

މަސްރަހުގެ ހޫނު ކަމާހުރެ އިއްޔެގެ ސަރުކާރުގެ އަހުލުވެރިން އެ ވިދާޅުވާ 3 ޝޭޚުންގެ ބޮލުގައި އެޅުވުން އެންމެ ގާތީ ސިޔާސީ އިލްޒާމްތަކެކެވެ. އެއީ ކޮން އިލްޒާމްތަކެއް ކަމެއް، ނުވަތަ އެ އިލްޒާމްތަކުގައި ހުރީ ކިހާވަރެއްގެ ބުރަދަނެއް ކަމެއް ދެންނެވުމަކީ ވަރަށް ދަތިކަމެކެވެ. އެހެނީ، މިއިން ޝޭޚެއް އިއްޔެގެ ސަރުކާރުގެ ޕާޓީ އާ ގުޅިއްޖެނަމަ، އެ ދެންނެވި މައްސަލަތަކަކީ އެބައިމީހުން ދައްކާނޭ ވާހަކަ ތަކެއްނޫނެވެ.

ކޮންމެ އަކަސް، އިއްޔެގެ ސަރުކާރު ގެނައުމުގައި އެ ބޭފުޅުން އެ ވިދާޅުވާ ޝޭޚުން ކަރުނަ އަޅުއްވާ ކުރެއްވި ދުޢާތަކާއި ކުރެއްވި މަސައްކަތްތައް ހަދާންނައްތާލާ، ފަސް އެޅީތީ އަހުރެން ހައިރާންވަމެވެ. އޭގެ އިތުރުން، އެބޭފުޅުންގެ މައްޗަށް މީސްތަކުން ރުޅި އެރުވުމަށްޓަކައި ރާއްޖޭގައި ކޭންޕޭންތައް ހިންގޭ މަންޒަރު ފެނުމުން އަހުރެންގެ ހައިރާންކަން އިތުރުވެގެން އެބަދެއެވެ.

ހިތާމައަކީ ރައްޔިތުންގެ ތެރެއިން މަންޒަރު ބަލަންތިބި ބައެއް މީހުންނަށް ހަމައެކަނި "ހުއްޓިފައިވާ ސޫރަ" ފެންނާތީއެވެ. އެ ސޫރަ ފޮޓޯއެއްގޮތަށް ހުއްޓުމުގެ ކުރިން ހިނގާފައިވާ ކަންކަމަށް ރިއާޔަތް ނުކުރެވޭތީއެވެ. ފަހެ، ތަސްވީރެއް މީހަކު ބަލާހިނދު، އެ ތަސްވީރު ދައްކާ މަންޒަރުގެ ފަހަތުގައިވަނީ ކޮން އެއްޗެއްތޯ ފިކުރު ނުކުރެވޭނަމަ، އެ މަންޒަރުން އޭނާއަށް އެ ގެއްލުނީ ވަރަށް ބޮޑު އެއްޗެކެވެ.

ހިތާމައަކީ ރައްޔިތުންގެ ތެރެއިން މަންޒަރު ބަލަންތިބި ބައެއް މީހުންނަށް ހަމައެކަނި "ހުއްޓިފައިވާ ސޫރަ" ފެންނާތީއެވެ. އެ ސޫރަ ފޮޓޯއެއްގޮތަށް ހުއްޓުމުގެ ކުރިން ހިނގާފައިވާ ކަންކަމަށް ރިއާޔަތް ނުކުރެވޭތީއެވެ. ފަހެ، ތަސްވީރެއް މީހަކު ބަލާހިނދު، އެ ތަސްވީރު ދައްކާ މަންޒަރުގެ ފަހަތުގައިވަނީ ކޮން އެއްޗެއްތޯ ފިކުރު ނުކުރެވޭނަމަ، އެ މަންޒަރުން އޭނާއަށް އެ ގެއްލުނީ ވަރަށް ބޮޑު އެއްޗެކެވެ.

ކޮންމެ އަކަސް އަނިޔާވެރިކަމާ ދެކޮޅަށް، އަދި މިނިވަން ކަމާއި އިންސާފު ހޯދުމަށްޓަކައި ދިވެހި ތާރީޚުގައި އުފުލިގެން ދިޔަ އަތްތަކަށް ވަނީ ވެރިންގެ ވެރި އިލާހު އިޖާބަ ދެއްވާފައެވެ. ޕޯޗުގީޒުންގެ އަނިޔާވެރިކަމާ ދެކޮޅަށް ދިވެހިންގެ އަތްތައް އުފުލާލި ހިނދު، މަތިވެރި ޙަޟްރަތުން އިޖާބަ ދެއްވާ ޕޯޗުގީޒުންގެ މައްޗަށް ބޮޑުތަކުރުފާނު ފޮނުއްވިއެވެ. ހޮޅިންގެ ހަމަލާއާ ވިދިގެން ދިވެހިންގެ ދުޢާގެ އަތްތައް އުފުލިގެންދިޔަ ހިނދު، ދޮންބަންޑާރައިންގެ އަތްމައްޗަށް ނަސްރު ދެއްވާ އެކަލާނގެ ދުޢާ ރައްދު ކުރެއްވިއެވެ. "އިއްޔެ ނޫން ކުރީ ދުވަހުގައި" އެ ވިދާޅުވާ ޝޭޚުންނާއި އަދިވެސް ޞާލިޙް ތަޤްވާވެރީންގެ އަތްތައް އުފުލިގެން ދިޔައީ، ދިވެހިރާއްޖޭގައި ޢަދްލުވެރި އިންސާފުވެރި، ވެރިކަމެއް ޤާއިމްކޮށްދެއްވައި އަނިޔާވެރިކަމުން ސަލާމަތްކޮށްދެއްވާތޯއެވެ. އެގޮތުން "އިއްޔެގެ ސަރުކާރަށް" ވެރިކަން ދެއްވާ އެބައިމީހުން އިމްތިޙާނު ކުރެއްވެވިއެވެ. ނަމަވެސް ހާލަތު މަޖްބޫރު ކުރުވި ހިނދު "އިއްޔެ" ހަމަ އެއަތްތައް އުފުލިގެން ދިޔައީ ދީނުގެ ދިފާއުގައެވެ. ފަލަސްޠީނުގެ ޙައްޤުގައެވެ. ރަލާ ދެކޮޅަށަވެ. އިސްލާމީ ޝަރީޢަތުގެ ޙައްޤުގައެވެ. ދީނީ ތަޢްލީމް ގެ ޙައްޤުގައެވެ. އަދި މިނޫންވެސް ދިވެހި އުއްމަތުގެ މަސްލަހަތަށްޓަކައެވެ. މި ގޮތުން މާތް ﷲ އިއްޔެގެ ސަރުކާރުގެ މައްޗަށް ދައުލަތުގެ ފުލުހުންނާއި ސިފައިން ވެރިކުރައްވާ ފޮނުއްވިއެވެ.

ވުމާއެކު، މާޒީގެ ޞަފްޙާތަކުން އިބްރަތް ޙާޞިލްކޮށް އިންސާފުވެރި އަދި ޢަދުލުވެރި ވެރިކަމެއް ކުރުމަށް އަދުގެ ސަރުކާރަށް ނަޞޭޙަތްތެރިވަމެވެ. އޭރުން ކަލާނގެ މަދަދާއި، އެހީތެރިކަމާއި ނަސްރު ލިބިގެން ދާނެއެވެ. ނަމަވެސް، މިއަދުގެ ސަރުކާރުން ކައިރި މާޒީގެ ރާގަށް ނަށަމުންދާނަމަ، މަތީގައި ބަޔާންކުޅަ އަތްތައް މިއަދުގެ ސަރުކާރާ ދެކޮޅަށް އުފުލިގެން ދާނެކަމީ ޝައްކެއް ހުރިކަމެއް ނޫނެވެ.

ސޫރަތުލް އާލް ޢިމްރާން 26

ކަލޭގެފާނު ވިދާޅުވާށެވެ! ވެރިކަން މިލްކުވެގެންވާ، ހައްދަވާ ބޮޑުކުރެއްވި ރަސްކަލާކޯއެވެ! އިބަރަސްކަލާނގެ އިރާދަކުރައްވާ މީހަކަށް ވެރިކަން ދެއްވަމުއެވެ. އަދި، އިބަރަސްކަލާނގެ އިރާދަކުރައްވާ މީހެއްގެ ކިބައިން ވެރިކަން ވަކިކުރައްވަމުއެވެ. އަދި، އިބަރަސްކަލާނގެ އިރާދަކުރައްވާ މީހަކު މަތިވެރިކުރައްވަމުއެވެ. އަދި، އިބަރަސްކަލާނގެ އިރާދަކުރައްވާ މީހަކު ނިކަމެތިކުރައްވަމުއެވެ. އެންމެހާ ހެޔޮކަންވަނީ، އިބަރަސްކަލާނގެ يدقدرة ފުޅުގައެވެ. ހަމަކަށަވަރުން، އިބަރަސްކަލާނގެއީ، ކޮންމެކަމެއްގެ މައްޗަށް ކުޅަދުންވަންތަ ރަސްކަލާނގެއެވެ.

 

މައުލޫމާތު : ހަބަރު ފަތުރާ އެކި ފަރާތްތަކުގެ ލިޔުންތަކުގެ މައްޗަށް ބިނާކޮށް އެކުލަވާލެވިފައި

ގުޅުންހުރި

4 ޚިޔާލު

  1. ލިޔުން ލިޔާނިންމަލެވުނު އިރުދެލޮލުން ކަރުނަ އޮހޮރިގެން ހިނގައްޖެ. މި ދިވެހި ފަސްގަނޑުގައި އިސްލާމްދީން ނައްތައިލުމަށް ފޮރުވިގެންތިބެއާއި ފާޅުގައި ބަޔަކު ކުރާ ކަންތައްތަކަށް ހިތުގެ އެންމެ ފުންމިނުން ދޮކޮޅުހަދައި ފާޅުގައި އެކަމާއި ދެކޮޅަށް މަސައްކަތް ކުރުމަށް ދިވެހި އެންމެހާ އަޚުންނާއި އުޚްތުންނަށް ގޮވާލަން.

  2. ވަރަށްވެސް ފުރިހަމަ އެހާމެ ޢިބުރަތްތެރި ލިޔުމެއް!! ޝުކުރިއްޔާ!!

  3. ވަރަށް ފުރިހަމަ ލިޔުމެއް.. ވަރަށް ބޮޑަށް ޝުކުރިއްޔާ ތިޔަ ކޮށްދެއްވި ދީނީ އަދި ޤައުމީ ޚިދުމަތަށް.. މާތްﷲ ތިބާއަށް ހެޔޮ ޖަޒާ ދެއްވާށި އާމީން.

  4. ވަރަށް ފުރިހަމަ ލިއުމެއް ތިބާއަށް މާތްﷲ ހެޔޮޖަޒާ ދެއްވާށި ..އާންމީން ..

Your email address will not be published. Required fields are marked *

More in ރިޕޯޓް