16. ފިނިމޫސުމުގެ ދުވަސްވަރެވެ. ޚަލީފާ ފެންވެރުމަށްޓަކައި ހޫނުފެން ބޭނުންފުޅުވިއެވެ. އެގެއަކު އެއިރު ފެންކައްކާކައް އެއްވެސް ދަރެއްނެތެވެ. އެދުވަސްވަރު ޚަލީފާ މީސްތަކުންނަށް ފަސޭހަކޮއްދިނުމަށް ރައްޔިތުންގެ ބަދިގެއެއް އަޅާފައި ހުރެއެވެ. އެއީ ބޭނުންމީހަކު އައިސް އެތަނުން ކެއްކުމަށެވެ. އެހެންކަމުން އުމަރު ބުން އަބްދުލް އަޒީޒުގެ ހާދިމް ފެން ހޫނުކުރުމަށްޓަކައި ދިޔައީ އެތަނަށެވެ. އަދި މީހުން ކައްކައި ނިމިފައި އުކާލަންވެފައި ހުރި އަނގުރުތަކެއްމަތީ ފެންހޫނުކުރިއެވެ. ހޫނުފެން އެކަލޭގެފާނަށް ގެނެސްދެވުމުން އެކަލޭގެފާނު ގޭގައި ދަރުނެތް އިރު ފެން ހޫނުކުރީ ކިހިނަކުންތޯ ސުވާލުކުރެއްވިއެވެ. ދެން ހާދިމު ހޫނުކުރިގޮތުގެ ވާހަކަ ބުނެދިނެވެ. އަދި ހޫނުކުރި އިތުރު މީހަކު ބޭނުން ނުކުރާނޭ އަނގުރުގައިކަންވެސް ބުންޏެވެ. ނަމަވެސް ޚަލީފާ އެދަރަށްވާ އަގު ބައިތުލް މާލަށް ދެއްކެވުމުގެ ކުރިން އެފެނުން ބޭނުން ނުކުރެއްވިއެވެ. މީހުން ބުނާނެއެވެ. އެއީ ދެންކޮންކަމެއް ހެއްޔެވެ... އެބޭނުން ކުރުމަކުން މައްސަލައަކީ ކޮބައިހެއްޔެވެ؟ ނިކަން ވިސްނަބަލާށެވެ، މައްސަލަ ތިޔަހުރީ ދިމާއަށް ފެންނާށެވެ. އަމިއްލައަށް ދެކޮޅު ނުޖެހިގެން އުޅޭ ހިސާބަށް ތިޔަހަރަދަނީ ސަރުކާރުގަޔާއި މުޅިގައުމުގައި ކޮރަޕްޝަން މައްޗަށް ކޮރަޕްޝަން ފާވެގެންނެވެ. މީ މައްސަލައެއްނޫން.. އެއީ މައްސަލައެއްނޫން... މިހެންގޮސް ބިލިޔަނަށް ދާއިރުވެސް މައްސަލައެއްނޫނޭ ބުނަމުން ދިޔުމުގެ ސަބަބުންނެވެ.
17. މިހިލާފަތުގައި އިސްލާމީ ދުނިޔޭގައި އަދުލުވެރިކަން ފެތުރުނީ ވަރަށްވެސް ބޮޑަށެވެ. މިތަނުގައި މި ކިޔައިދެނީ އެކަމަށް ހެކިދޭވާހަކަތަކެވެ. އެއްފަހަރަކު މިސްރުން އަންހެނަކު ޚަލީފާކައިރިޔަށް އައެވެ. އާދެ މިސްރުން ދިމިޝްގަށް އައީ ކީއްކުރަންކަން އެނގޭތޯއެވެ؟ އެ އަންހެންމީހާގެ ކުކުޅުތައް ވަގަށް ނަގާތީއެވެ. ކުކުޅު ވަގަށްނަގާތީ މިސްރުން ދިމިޝްގަށް މީހަކު އަންނާނީ ހަމަގައިމުވެސް އިންސާފެއް ލިބޭނެކަން ޔަޤީންވާތީތާއެވެ. މިމީހާއައިސް ޝަކުވާ ހުށައެޅުމުން ގަވަރނަރަށް އެމީހާގެ ގޭގެ ފާރު އުސްކުރުމަށް ލާރިދޭން އަމުރުކުރިއެވެ. މިއަދު ގޭދަރިންކޮޅު ވަގަށްނަގައި ތަޅާމަރައި ރޭޕްކޮށް ކަންކަން ކުރާއިރުވެސް ހައްޤެއް ހޯދައިދެވުނު އެކަކުވެސް ވޭތޯއެވެ. އެއިންކަމެއް މަދުކުރެވުނުތޯއެވެ...
މިހިސާބަށް އައިއިރު އެކަލޭގެފާނުގެ މިއަދުލުވެރިކަމާއި ހިތްތިރި ކަމާއި ދީނަށް ލޯބިކުރުމުގެ ސަބަބުން ހާސިލްވީ ކޮންކަމެއްހޭ ކިޔުންތެރިން ސުވާލުކޮއްފާނެއެވެ. އެހެން ކަމުން ދެން މިލިޔެލަނީ އެ އަދުލުވެރިކަމުގެ ނަތީޖާއެވެ.
ދީނުގައި ކަނޑައަޅުއްވައިފައިވާ ކޮންމެ ހުކުމަކީވެސް ހަމަ އަހަރެމެންގެ ފައިދާއައް ﷲ ކަނޑައަޅުއްވައިފައިވާ ހުކުމްތަކެއް ކަމީ ޝައްކެއް ނެތް ކަމެކެވެ. އެގޮތުން އުމަރު ބުން އަބްދުލް އަޒީޒުގެ ދުވަސްވަރު ޒަކާތް ބަރާބަރަށް އޭގެ ހައްޤުވެރިންނަށް ދެވެމުން ދިޔުމުގެ ސަބަބުން ސަދަގާތް ބަހާ މީހުން އެމީހުންގެ ސަދަގާތް ގަބޫލުކުރާނޭ މީހަކު ނުވެގެން އުޅޭކަމުގައި ވިއެވެ. މާނައަކީ ފަގީރުން ހުސްވިއެވެ. ޒަކާތާއި ސަދަގާތުގެ ލާރިގިނަވެ، މުސާފިރުންނަށް ފަސޭހަވާނޭހެން ފެންވަޅު ހެދުމާއި ބޭނުން މީހެއްގެ ކައިވެނި ދައުލަތުގެ ފަރާތުން ބާއްވައިދޭ ހިސާބަށް ފޯރުންތެރިކަން ދިއައެވެ. އަދި ކޮންމެ ގެއަކަށް އަޅެއް ހޯދައިދެވުނެވެ. އެވަރު ނުވެގެން އަޅުން މިނިވަންވެސް ކުރެއްވިއެވެ. މިވަރަކުންވެސް ނުފުދެއެވެ. ޖަނަވާރުންނަށްވެސް ކާންދެއްވިއެވެ. މީއީ ހަމަ ހުސް ތެދެވެ. ދެން އޮތީވެސް ތެދެކެވެ. މިއަދު މީހަކަށް ގަބޫލުކުރަން ދަތިވިއަސް މިއީވެސް ހަމަ ސައްހަ ރިވާއެކެވެ. އެއީ އެދުވަސްވަރު ވަލުކުއްތާ ބަކަރިތަކާއި އެފަދަ ނައަމް ސޫފިތަކާއި އެއްކޮށް ހަމަލާއެއްނުދީ އެކީ އުޅުނެވެ. މިހެން ނުވާންވީ ސަބަބެއްނެތެވެ. މާތް ﷲ އެކަލާނގެ ފޮތުގައި މީސްތަކުން އެކަލާނގެއަށް ކިޔަމަންވެއްޖެނަމަ އުޑާއި ބިމުން ރިޒުޤު އަހަރެމެންނަށް ނޭންގޭ ގޮތްގޮތަށް ދެއްވާނޭކަމަށް ވަނީ ވަހީކުރައްވާފައެވެ. އެކަލާނގެއީ ބަސްފުޅުގައި ތެދުވެރި އިލާހެވެ.
އެކަލޭގެފާނު ދުނިޔެދޫކުރެއްވިދުވަހު ވަލުޖަނަވާރުތައް ދަނޑުވެރިންގެ ބަކަރިތަކަށް ހަމަލާދިނެވެ. އަދި އެގޮތުން ދަނޑުވެރިންނަށް ދުނިޔެއިން އަދުލުވެރި ވެރިޔަކު އަވަހާރަވެއްޖެކަން އެނގުނެވެ. ފަހެ ވެރީންގެ ތެރެއިން ރަނގަޅުވެރިންނަށް ހުރި އުފާވެރި ހަބަރެއްގެ ބޮޑކަމެވެ. އެއީ އެދުވަހެއްގައި އަރުޝީގެ ހިޔަނޫން ހިޔަލެއް ނުވާދުވަހުގައި އެހިޔަލުގެ ދަށުގައިވާނޭ އަހުލުވެރީންނެވެ. އަދި ވެރިންގެ ތެރެއިން އަނިޔާވެރިވީ ނުބައިވެރިންނަށް ހުރީ ބިރުވެރި ހަބަރެވެ.
ދުއާއަކީ އަޅަމެންގެ ވެރިންނަށް ހިދާޔަތްދައްކަވައި ދިރިއުޅުން އަމާންކުރެއްވުމެވެ. އަދި މިފަދަ ވާހަކަތައް އަޑުއަހައި އެއިން އިބުރަތްލިބިގަނެ ހެޔޮލަފާ ސާލިހު އަޅުންކަމުގައި އަޅަމެންވުމެވެ. އާމީން!
=ނިމުނީ=
މިފަދަ އިބުރަތްތެރި ހާދިސާތައް މިސައިޓުގައި އިތުރުކޮށްދިނުން އެދެން، އެއިރުންވެސް ހިތްތަކަށް އަސަރުކުރާލަތްބޮޑުވެ ހެޔޮވިސްދުމެއްއަތުވެދާނެ. ގިނަގިނައިން ނަސޭހަތްލިބުމަކީ ގާފިލްކަން ނެތިހިގައިދާކަމެއް.