ޝައިޚަކު ދަރުހެއްގައި ވިދާޅުވެދެއްވި ވާހަކައެކެވެ. ޝެއިޚް ވިދާޅުވިއެވެ. އަޅުގަނޑާ ދިމާވި މީހެއްގެ ވާހަކައެވެ. ހުކުރުދުވަހެއްގައި އަޅުގަނޑު ހުކުރު ޚުތުބާ ދިނުމަށްފަހު ހުކުރު ނަމާދު ކޮށް އަވަދި ވެގެން މިސްކިތުން ނުކުމެގެން ދަނިކޮށް މީހަކު އަހަރެންގެ ގާތަށް އައެވެ. އޭނާގެ ލޮލަށް ބަލައިލުމުން، އެއައީ ކޮންމެވެސް ވާހަކައެއް ކިޔައިދޭން ކަން އަޅުގަނޑަށް ހީވިއެވެ. އޭނާ އަޅުގަނޑު ގާތަށް އައިސް ބުންޏެވެ: "ޝައިޚެވެ. ޝައިޚް މިއަދު ޚުތުބާގައި ތިޔަ ދެއްކެވި ވާހަކަތަކުން އަޅުގަނޑަށް ވަރަށް އަޘަރު ކޮށްފިއެވެ." އޭނާ މިހެން ބުނުމުން އަޅުގަނޑަށް ކޮންމެވެސް ވަރެއްގެ ޙައިރާން ކަމެއް ލިބުނެވެ. އެއީ އަޅުގަނޑު ޚުތުބާގައި ވާހަކަދެއްކީ ރަސޫލުﷲ ޞައްލައްﷲ ޢަލައިހި ވަސައްލަމް ގެ ސީރަތުގެ ތެރެއިން ޚަދީޖަތުގެފާނާއި އަބޫ ޠާލިބު ގެފާނު އަވަހާރަވި ޙާދިޘާ އާ ބެހޭގޮތުންނެވެ. (މިވާހަކައިން މީހަކަށް އެހާވަރަށް އަޘަރު ކޮށްފާނެ ކަމަކަށް އަޅުގަނޑު ހިތަކަށްވެސް އަރާފައި ނުވެއެވެ.)
އޭނާގާތު އިށީނުމަށް ބުނުމުށްފަހު އޭނާގެ ވާހަކަ އަޅުގަނޑަށް ކިޔައިދިނުމަށް އޭނާ ކުރެން އަޅުގަނޑު އެދުނީމެވެ. އެހިނދު އޭނާ ބުންޏެވެ. "ޝެއިޚެވެ. މިއަދަކީ ފާއިތުވި އެއް އަހަރު ތެރޭގައި އަހަރެން ނަމާދެއް ކުރި ފުރަތަމަ ދުވަހެވެ. އަހަންނަކީ މުސްލިމު އާއިލާއަކަށް އުފަން މީހަކީމެވެ. މާޒީގައި އަހަރެން ވީ ވަރަށް ފަރުވާތެރިކަމާއި އެކު ދީނީ އަޅުކަންތަށް ބަރާބަރަށް އަދާކުރަމުން އައި ވަރަށް ދީނަށް ލޯބިކުރި މީހެއްކަމުގައެވެ. ނަމަވެސް ޙަޔާތުގައި ކަންތައްތަކެއް ހިނގައި ހިތާމަޔާއެކު ބުނެލަންޖެހެނީ ފާއިތުވި އެއް އަހަރު ތެރޭ އަހަރެން ކުރި ފުރަތަމަ ނަމާދަކީ މިއަދު މިކުރި ނަމާދު ކަމެވެ." އަޅުގަނޑު ޙައިރާން ކަމާއެކު އޭނާ ގާތުން ވީގޮތް ކިޔައިދިނުމަށް އެދުނީމެވެ.
އޭނާ ބުންޏެވެ: "މީގެ އަހަރެއް ކުރިން އަހަރެންގެ ދިރިއުޅުން ވީ ވަރަށް ފުރިހަމަ ދިރިއުޅުމެއް ކަމުގައެވެ. ހުރިހާކަމެއް ވެސް ހިނގަމުން ދިޔައީ އެންމެ ރަނގަޅަށެވެ. އަހަރެން ދިރިއުޅުމަށް އެންމެ ކުރީއްސުރެ ކޮށްފައިވާ ޕްލޭންތައް އެންމެ ފުރިހަމައަށް ދިޔައީ ތަޠްބީޤު ވަމުންނެވެ. ރަންވަނަތަކާއެކު ޘާނަވީ ތަޢުލީމުގެ ސެޓްފިކެޓްތައް ހޯދުމަށްފަހު މެޑިކަލް ސްކޫލަށް އަހަރެން ހޮވި، ކިޔަވަމުން، ދެވަޒީފާއަކަށް ދަމުން އަހަރެން ދިޔައީ ދިރިއުޅުމަށް ވަރަށް ފޮނި އުންމީދު ތަކެއް ކުރަމުންނެވެ. އެހެންގޮސް އަހަންނަށް ވަރަށް ފުރިހަމަ، ޙަޔާތުގެ ބައިވެރިއެއް ލިބުނެވެ. އަހަރެންގެ ދިރިއުޅުމުގެ ޝަރިކާގައި އަހަންނާ ބައިވެރިވާނެ އަހަރެންގެ ހުވަފެނުގެ ރާނީ އަހަންނަށް ލިބުނީއެވެ. އަދި މާގިނަ ޒަމާންތަކެއް ނުވެ އަހަރެމެންގެ މި ކުޑަ ކުޑަ އާއިލާއަށް ދެ މެހުމާނަކު އިތުރުވެ އަހަރެމެންގެ ދިރިއުޅުމުގެ މޭވާ ކަމުގައިވާ ލޯބި ލޯބި ދެކުދިން ﷲ އަހަރެމެންނަށް ރިޒުޤު ކުރެއްވިއެވެ. އޭރު އަހަރެމެންގެ ދިރިއުޅުން އެހާ ފަސޭހައެއް ނޫނެވެ. އަހަރެމެން ދިރިއުޅުނީ ކުޑަ ކުޑަ އެޕާރޓްމެންޓެއްގައެވެ. ގެންގުޅުނީ ބާ ކާރުގަނޑެކެވެ. މިފަދަ ގޮތަކަށް އެތައް އަހަރެއް އަހަރެމެން ވެއަތުކުރީމެވެ.
ނަމަވެސް މެޑިކަލް ކޮލެޖް ނިމި ޙަޤީޤީ މަސައްކަތުގެ މާޙައުލަށް ނުކުތުމާއެކު އަހަންނަށް އެކި އެކި ހޮސްޕިޓަލް ތަކުންނާއި ކްލިނިކްތަކުން އޮފާތައް އަންނަށް ފެށިއެވެ. ދުވަހަކުވެސް ތަސައްވަރު ކުރެވިފައި ނުވާފަދަ ބޮޑެތި މުސާރަތަކާއެކު އައި އޮފާތަކެކެވެ. އަހަރެންގެ ދިރިއުޅުމަށް ސަތޭކަ އައްޑިހަ ޑިގްރީގެ ބަދަލެއް އައެވެ. އެންމެ ކުރާހިތްވާ މަސައްކަތް ކުރެވުމާއެކު ފައިސާވެސް އައީ ބޯކޮށް ލިބެމުންނެވެ. ބޯހިޔާކޮށްލާނެ ރަނގަޅު ފެންވަރެއްގެ ގެއެއް ހޯދުމަށްޓަކައި އަހަރެމެން އެހިސާބުން މަސައްކަތް ފެށީމެވެ. ދަރިންނަށް ރަނގަޅު ޠަޢުލީމެއް ހޯދައި ދިނުމަށްޓަކައި މޮޅެތި ސްކޫލުތައް ބަލައި ހެދީމެވެ. އަދި ދުއްވާނެ ރަނގަޅު އުޅަނދެއް ވެސް ހޯދީމެވެ. މުޅި އާޢިލާއަށްވެސް ފަސޭހަކަމާއެކު އަރާލެވޭ ފަދަ މިނީ ވޭނެކެވެ. ހުރިހާކަމެއްވެސް ދިޔައީ ރަނގަޅަށެވެ.
އެއްދުވަހަކު ތަންކޮޅެއް އަވަހަށް ވަޒީފާ ނިމުމުން އަހަރެން އެހެންޏާ އަންނަ ގަޑިއަށް ވުރެ އަވަހަށް ގެއަށް އައީމެވެ. ގެއަށް ވަދެ ސަލާމްގޮވާލީމެވެ. ނަމަވެސް ސަލާމުގެ ޖަވާބެއް އަހަންނަކަށް ނީވުނެވެ. އަހަރެން ގަޑިއަށް ބަލައިލީމެވެ. އެވަޤުތަކީ އަހަރެންގެ އަންހެނުން ދަރިން ނިންދަވާ ގަޑީއެވެ. އެއީ މެންދުރުގަޑީގައި ނިދާލާ ކުޑަ ނިދާލުމެކެވެ. އަންހެނުންވެސް އާންމުކޮށް ދަރިންނާ އެކު އެގަޑީގައި ނިދާނެއެވެ. ވީމާ އަނބިމީހާ އާއި ދަރިންނަށް އުނދަގޫ ނުކުރުމަށްޓަކައި އަހަރެން އަމިއްލައަށް ކާއެއްޗެއް ހޯދާލައި ކާހަދައިގެން، ބައެއް ފޮތްތައް ބަލާލައި، ލިބިފައިހުރި އީމެއިލް ތަކަށް ޖަވާބު ފޮނުވާލައި ހަދާލަނިކޮށް ދަރިންގެ އަޑު އިވެން ފެށިއެވެ. ކުޑަމީހާ ރޯއަޑާއި އެއަށްވުރެ ބޮޑު ކުއްޖާ ވާހަކަދައްކާ އަޑުވެސް އިވުނެވެ. އަހަރެން ވަރަށް އުފާވިއެވެ. ދަރިން ހޭލުމުން ދަރިންނާއެކު ވަޤުތުކޮޅެއް ހޭދަކޮށްލުމަށް އަހަރެން ބޭނުން ވިއެވެ. އެހެންކަމުން އަހަރެން އެކޮޓަރިއަށް ދިޔައީމެވެ. ދިޔައިރު ދެކުދިން ހޭލާތިއްބެވެ. އަންހެނުން އޮތީ އެދެކުދިންގެ ދެމެދުގައި ހަރަކާތެއް ނެތި އޮށޯވެގެންނެވެ. އަންހެނުން އޮތްގޮތުން ކޮންމެވެސް ނުބައެއް އުޅޭހެން އަހަންނަށް ހީވިއެވެ. އަހަންނަކީ ޑޮކްޓަރެއް ކަމުން ލަސްކުރުމެއްނެތި އަންހެނުން ގާތަށް ޖެހިލައި އޭނާހެ ޙާލަތު ބެލުމަށް އަހަރެން އަވަސް ވެގަތީމެވެ. އަހަންނަށް އެއްވެސް ޝައްކެއް ނެތި އެނގުނީ އޭނާގެ ފުރާނަ، ހަށިގަނޑާ ވަކިވެފައިވީ ކަމެވެ. އަދި މަރުވެފައި އޮންނަތާ ތަންކޮޅެއް ގިނައިރުވެފައި ވީކަންވެސް އަހަންނަށް ފާހަގަވިއެވެ."
އެވަގުތު އޭނާ ބުންޏެވެ: "ޝައިޚެވެ. އެވަގުތު އަހަރެންނަށް ހުރިހާއެއްޗެއް ގެއްލުނު ކަހަލައެވެ. އަހަރެންގެ ޙަޔާތުގެ ބައިވެރިޔާ އަހަންނަށް ގެއްލުނީއެވެ. އަހަރެންގެ ދަރިންނަށް އެކުދިންގެ މަންމަ ގެއްލުނީއެވެ. އަދި އެވަގުތު އަހަންނަށް އަހަރެންގެ އީމާންވެސް ގެއްލުނެވެ. އަންހެނުން ވަޅުލެވެންދެން ވީއެއްކަމެއްވެސް އަހަންނަށް ނޭނގޭ ކަހަލައެވެ. އަހަރެން، އަހަރެންގެ ކޮޓަރިއަށް ވަދެ އެތައް ދުވަހެއް ވަންދެން ކޮޓަރިތެރޭގައި އޮތީމެވެ. ބޮކިތައް ނިއްވާލުމަށް ފަހު ސީލިންގަށް ބަލަހައްޓައިގެން އެތައް އިރަކު އިނީމެވެ. އަހަރެންގެ ދަރިންނަކަށް އަހަރެން އަޅައެއް ނުލަމެވެ. އެކުދިން އުރައި ސަމާސާކޮށެއް ނަހަދަމެވެ. އެކުދިން ބަލަމުން ދިޔައި އަހަރެންގެ މަންމައާއި ބޭބެއެވެ. ދުވަސްތަކަކަށްފަހު އެނދުން ތެދުވެ، ދަރިންނާ ގާތްވެ، ވަޒީފާއަށް އަލުނު ނުކުންނަން އަހަރެން މަސައްކަތް ކުރީމެވެ. ލަސްލަހުން އެތައް މަހެއްގެ މަސައްކަތުން އަހަންނަށް އަހަރެންގެ ދިރިއުޅުން ހަމަޔަކަށް އެޅުވުނެވެ. އަހަރެން ވަޒީފާއަށް ނުކުމެ، ދަރިންނަށް ވަގުތު ހުސްކުރުމަށްޓަކައި ވަގުތުތައް ޝެޑިޔުލްކޮށް ހެދީމެވެ. ނަމަވެސް އެއް ކަމެއް މަދުވިއެވެ. އެއްކަމެއް އަހަންނަކަށް ޙައްލެއް ނުކުރެވުނެވެ. އަހަރެންގެ ކިބައިގައިވީ އީމާންތެރިކަން ވީ ހިސާބެއްވެސް ނޭގެއެވެ. އަހަރެން ނަމާދު ކުރުން ހުއްޓާލީމެވެ. ދީނީ އަޅުކަންތައް ކުރުމުން އަހަރެން މުޅިން ދުރުވެގަތީމެވެ.
އަހަރެންގެ ބޭބެއަކީ ވަރަށް ޞާލިޙު މީހެކެވެ. އޭނާ އަހަންނާއި އަހަރެންގެ ދަރިންގެ ކަންކަން ބަރާބަރަށް ބަލައެވެ. އޭނާއަކީ ވަރަށް ދީންވެރިވެސް މީހެކެވެ. އަހަރެން ނަމާދާއި ދީނީ ކަންކަމާ ދުރުވާތީ ނަމާދަށް ދިއުމަށް އަބަދުވެސް ބޭބެ ނަސޭޙަތްތެރިވެއެވެ. ނަމަވެސް އަހަރެން ދިޔައީ ބޭބެގެ ނަސޭޙަތްތަކަށް ބީރު ކަންފަތެއް ދެމުންނެވެ. މިއަދު ހެނދުނު ބޭބެ އަހަރެން ގާތަށް އައިސް ބުންޏެވެ. "މިއަދު ތިބާ ޖެހޭނީ އަހަންނާ އެކު މިސްކިތަށް އަންނާށެވެ. މަންމަ ދަރިން ބަލާނެއެވެ. އަހަރެންގެ މި އެދުމަށް މިއަދު ނޫނެކޭ ބުނެގެން ނުވާނެއެވެ. މިއަދުވީ އަހަންނާއެކު ހުކުރު ނަމާދަށް ގޮސް ﷲގެ ޙަޟްރަތުގައި ނަމާދުކޮށް ސަޖިދަކޮށް ހަދާށެވެ. ތިބާގެ ހިތުގައި ތިވާ ލޯވަޅު އެއްކޮށް ރަނގަޅުވެގެންދާނެއެވެ." މިއަދު ބޭބެގެ އެއެދުމަށް ނޫނެކޭ ބުނާން ނުކެރުމުން، ބޭބެއާއެކު އަހަރެން ހުކުރު ނަމާދަށް އައީމެވެ. އަދި ހުކުރު ޚުތުބާގައި ޝައިޚް ތިޔަދެއްކެވީ ރަސޫލުﷲ ޞައްލައްﷲ ޢަލައިހި ވަސައްލަމަ ގެ ލޯބިވާ އަނބި ކަންބަލުން އަވަހާރަވީ ވާހަކައެވެ. އެކަލޭގެފާނުގެ ބޭފުޅުންގެ މަންމަ ދުނިޔެއަށް އަލްވަދާޢު ކީވާހަކައެވެ. އަހަންނަށް ވެސް ކުރިމަތިވީ އެފަދަ ގޮތެކެވެ. މި ޙާލަތުގައި ކަންކުރަންވީ ގޮތް އަހަންނަށް މިއެނގުނީ އަދި ކިރިޔާއެވެ. އެކަލޭގެފާނު ޞައްލައްﷲ ޢަލައިހި ވަސައްލަމްގެ އަނބިކަނބަލުން އަވަހާރަވުމާއެކުވެސް އޭގެ އަނެއްދުވަހު ހަމަ ވަރުގަދައަށް ޘާބިތުކަމާއެކު ދީނަށް ގޮވާލުމުގައި ދެމި ހުންނެވިއެވެ. އެކަލޭގެފާނު ގެއަށް އެނބުރިވަޑައިގަންނަވާ ހިނދު ގޭގައި އަންހެނުން ނެތުމުން ފަޅުކަން ލިބޭނެކަން އެނގޭ އިރު އަދި އެކަލޭގެފާނު ނިދިކުރަށްވާއިރު ކައިރީގައި ލޯބިވާ އަނބިމީހާ ނޯންނާނެކަން ވެސް އެނގިވަޑައިގަންނަވާއިރުވެސް އެކަލޭގެފާނު ގެންދެވީ އާއަޒުމަކާ، އާހިތްވަރަކާއެކު ކުރިއަށް ވަޑައިގަންނަވަމުންނެވެ. އެ ހިތްދަތި ވަޤުތުގައި ﷲ، އެކަލޭގެފާނަށް ވަރަށް ބޮޑު ހަދިޔާއެއް ދެއްވި އެވެ. އެހަދިޔާ ލިބިވަޑައިގަތީ އިސްރާއާއި މިއުރާޖުގެ ދަތުރުފުޅުގައެވެ. އެއީ ނަމާދެވެ. ނަމާދު މިއުންމަތުގެ މައްޗަށް ފަރުޟުވެގެންދިޔައީއެވެ. މިކަމުން ﷲ އަންގަވަނީ ކޮންކަމެއް ހެއްޔަވެ. ދިރިއުޅުމުގައި ހިތާމަވެރި ކަންކަން ދިމާވާނެއެވެ. ނަމަވެސް އެފަދަކަމެއް ދިމާވުމުން މީހާ އެއްކޮށް ހަލާކުވެ، ދިރިއުޅުމުން މާޔޫސްވެ ދީނާ ދުރަށް ދިއުމުގެ ބަދަލުގައި އޭނާގެ ވެރި އިލާހާ ބައްދަލު ކޮށް ނަމާދުކުރަން ވީއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހޮ ވަސައްލަމައަށް ކުރިމަތިވި އެންމެ ހިއްދަތި ދުވަސްކޮޅުގައި، އެކަލޭގެވާނާއި އެކަލޭގެފާނުގެ އުންމަތަށް ﷲ ނަމާދު ފަރުޟުކުރެއްވީއެވެ."
ލޮބުވެތި އަޚުންނާއި އުޚްތުންނޭ!!! ނަމާދަކީ ތިބާޔާއި ﷲއާ ދެމެދު ހިނގާ ބައްދަލުވުމެކެވެ. ތިބާއަށް ކުރިމަތިވާ މައްސަލަތަކަށް ޙައްލެއް ހޯދާލެވޭނޭ ހަމައެކަނި ފަރާތަކީ ﷲއެވެ. ވީމާ ﷲ މޮޅަށް ދެނެވޮޑިގެންވާ ޙާލުވެސް، ދިރިއުޅުމުގައި ހިއްދަތިކަމެއް ކުރިމަތިވާހިނދު ﷲ އެންމެ ލޯބިވާ އެއް އަޅުކަން ކަމަށް ވާ ނަމާދަށް ރުޖޫޢަ ވެ ﷲގެ ޙަޟްރަތުން ވާތްގައް އެދޭށެވެ. ކާމިޔާބާއި ފަލާޙް ލިބޭނީ މިމަގުގައި ހިފައިގެންނެވެ.
ޚިޔާލު