ލޮނުޒިޔާރަތްކޮޅު ، މާލެ ، ދިވެހިރާއްޖެ :
ސްޓޭޖުގައި ތިބި ގްރޫޕްގެ މީހުން ބޮޑުބެރުޖަހައި މިއުޒިކް ކުޅެ ލަވަކިޔައި ނަށަމުން ދަނީއެވެ. ބޮލާއި އަތްފައި ހޫރުވައި ވައްވައްޖަހައި އެ މީހަކަށް ޖެއްސުނު ވައްތަރެއް ޖައްސަމުން ދަނީއެވެ. ޝައިޠާނާގެ ދުންމާރިން މުޅިތަން ވަނީ ގުގުމާފައެވެ. ނާޗަރަންގީގެ ކުޅިވަރު ބަލަން ގޮސްތިބި ދެޖިންސުން މަސްހުނިވެގެން ތިބި މީހުންވެސް ވަޖިދުވަދެ އަތްޖަހައި ހަޅޭއްލަވަމުން ދަނީއެވެ. މި ހިނގަމުންދަނީ ކޮން ނާޗަރަންގީ ޝޯއެއްތޯ ބަލާލުމުން އެނގުނީ، މިއީ ފުންހިތާމައެއް ތަހައްމަލުކުރަމުންދާ ބަޔަކަށް އެހީވުމުގެ ނަމުގައި ދިވެހިންގެ ބަޔަކު ބާއްވާ ބޮޑުބެރު ފެސްޓިވަލެއް ކަމަށެވެ.
"އަޅުގަނޑުމެން މި ޝޯ މި ބާއްވަނީ ވަރަށް ހެޔޮ ނިޔަތުގައި ޣައްޒާއަށް އެހީތެރިވުމަށް. އިޒްރޭލުން ޣައްޒާއަށް ދެމުންދާ ލާއިންސާނީ އަނިޔާތަކުގައި ހާލުޖެހިފައިވާ ރައްޔިތުންނަށް އެހީތެރިކަމެއް ފޯރުކޮށްދެއްވާ." ބޮޑުބެރު ލަވައަކަށްފަހު، ސްޓޭޖްމަތީގައި ހުރި ލަވަކިޔުންތެރިޔާ ހަރުއަޑުން ގޮވާލިއެވެ.
ޣައްޒާ ، ފަލަޞްޠީން :
އެއްވެސް އާރެއް ބާރެއް ނެތް ތުއްތު ތުއްތު ކުދިން ކަތިލައި ޝަހީދުކުރަމުންދަނީއެވެ. މުސްލިމް އަޚުންނާއި އުޚުތުންގެ ފުރާނަތައް ކޮންމެ ދުވަހަކު ދުއްވާލަމުން އެ ދަނީ އެއްވެސް ރަހުމެއް ނެތި ލާއިންސާނީ އަނިޔާވެރި ޢަމަލުތައް ހިންގައިގެންނެވެ. ބޮންއަޅައި ޢިމާރާތްތައް ސުންނާފަތިކޮށް ބިމާހަމަކޮށްލަމުން ދަނީއެވެ. ގެތަކާއި މިސްކިތްތަކާއި ސްކޫލުތަކާއި ހޮސްޕިޓަލްތަކާއި އެހީތެރިކަންފޯރުކޮށްދޭ މަރުކަޒުތަކެވެ. މަރުވެފައިވާ މީހުންނާއި ޒަޚަމްވެފައިވާ މީހުން ގިނަވެ ހޮސްޕިޓަލްތައް ފުރިބާރުވެފައެވެ. ލޭގެ ކޯރުތައް ދެމެމެން ދަނީއެވެ. ލޯތަކުން ވޭނީ ކަރުނަ އޮހެމުންދަނީއެވެ. ފުނޑުފުނޑުކޮށްލާފައިވާ ޢިމާރާތްތަކުގެ ދަށުވެ މަރުވެފައިވާ ހަށިތަކެވެ. ފެނާއި ކާނާއަށް އެދި ރޮމުންދަނީއެވެ. ވަންނާނެ ބޯހިޔާވަހިކަމެއް ނެތި ބިކަހާލުގައި ޖެހިފައިވާ މީހުންގެ ޢަދަދު ގިނައެވެ. ޒަޔަނިސްޓް އިޒްރޭލުގެ ލާއިންސާނީ ޓެރަރިޒަމްގެ ޢަމަލުތަކުން ޣައްޒާ ސުންނާފަތިކޮށް ފަނާކުރަމުން ދަނީއެވެ.
ދިވެހި ރެޑްކްރެސެންޓުގެ ހަރަކާތެއް :
އިޒްރޭލުން ފަލަސްތީނުގެ ރައްޔިތުންނަށް ދެމުންދާ ލާއިންސާނީ އަނިޔާތަކުގައި ހާލުޖެހިފައިވާ ރައްޔިތުންނަށް އެހީތެރިކަމެއް ފޯރުކޮށްދިނުމަށް ދިވެހި ރެޑް ކްރެސެންޓުން އިސްނަގައިގެން ބޮޑުބެރު ފެސްޓިވަލެއް ބޭއްވުމަށް ނިންމާފައިވާ ކަމަށް ބުރާސްފަތި ދުވަހުގެ ރޭ އެ ޖަމްޢިއްޔާއިން ވަނީ ބުނެފައެވެ. އެ ފަރާތުން ބުނެފައިވާ ގޮތުގައި، އަންނަ ހުކުރު ދުވަހު ހަވީރުން ފެށިގެން ރޭގަނޑު 12:00 އަށް ލޮނުޒިޔާރަތްކޮޅުގައި ކުރިއަށް ގެންދަން ނިންމާފައިވާ ބޮޑުބެރު ފެސްޓިވަލްގައި ރާއްޖޭގެ ގިނަ ޢަދަދެއްގެ ބޮޑުބެރު ގްރޫޕްތައް ބައިވެރިވާނެއެވެ.
އެހަރަކާތް ބާއްވަމުން ދާއިރު ޣައްޒާއަށް އެހީތެރިކަން ފޯރުކޮށްދޭން ފަންޑު ފޮށިތަކެއް ބެހެއްޓިފައި ހުންނާނެ ކަމަށާއި، ކުންފުނިތަކަށް ބޮޑުބެރު ގްރޫޕްތައް ސްޕޮންސާކޮށްގެން ފައިސާ ހަދިޔާކުރުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށް ދިވެހި ރެޑްކްރެސެންޓުން ވަނީ ބުނެފައެވެ.
މިފަދަ ހަރަކާތަކަށް ރުހެންތަ؟
ޣައްޒާގައި ހާލުގައި ޖެހިފައިވާ އަޚުންނާއި އުޚުތުންނަށް އެހީތެރިވުމަށް ބޮޑުބެރު މިއުޒިކް ފެސްޓިވަލެއް ބޭއްވުމަކީ ރަނގަޅު ކަމެއްތޯ ސުވާލުކޮށް ވިސްނާލަން އެބަޖެހެއެވެ. މިއުޒިކަކީ ހަރާމް އެއްޗެއްކަން ދީނީ ޢިލްމުވެރިން ޤުރުއާނާއި ސުންނަތުގެ އަލީގައި ބަޔާންކޮށްދެއްވަމުން ގެންދަވާއިރު، މިފަދަ ފެސްޓިވަލެއް ބާއްވަން ހެޔޮވާނީ ކިހިނެއް ހެއްޔެވެ؟ އެއީ ކޮންމެ މަޤްޞަދެއްގައި ކޮންމެ ނިޔަތެއްގައި ބޭއްވި ކަމުގައި ވިޔަސް މިފަދަ ނުބައި ހަރަކާތްތައް އެކުލެވޭ ފެސްޓިވަލެއް ބަލައިގަނެވޭނީ ކިހިނެއް ހެއްޔެވެ؟
ބައެއް ދިވެހިންގެ ޝުޢޫރުތައް:
"ޣައްޒާގެ ރައްޔިތުންގެ ހިތާމައިގައި ބައިވެރިވުމަށް އަހަރުމެންވީ ބެރުޖަހާ މަޖާކުރަން!!! އިޒްރޭލްގަވެސް އުފާކޮށް މަޖާކުރަނީ!!! ދެން ކޮންބަޔަކާތޯ އަހަރުމެންނައް މި ބައިވެރި ވެވެނީ؟؟؟؟"
*****
"ތިހެން ކަލޭމެން މަޖާކޮށް ނާޗަރަންގީ ނުކުޅޭކަށް ކަމެއް ކަމެއް ނޯވޭ ދޯ؟ ތީ ހަމަ އިސްލާމުންނަށް ޖެހޭ ހަޖޫއެއް.. ފަލަސްތީނަށް ފަންޑު އެއްކުރުމަކީ ވަރަށް މުހިންމު ކަމެއް އެކަމުގެ ފައިދާ ތިނަގަނީ ނަހަމަ ގޮތުގައި"
*****
"މިއުޒިކް ޝޯތައް ނުބޭއްވިއަސް ފަންޑު އެއްކުރެވިދާނެ ދޯ؟ ޢަދާލަތު ޕާޓީން އިސްނަގައިގެން ހުޅުވާފައިވާ "ޣައްޒާ ފަންޑް މޯލްޑިވްސް" ގެ ފަންޑް ފޮށިތަކަށް ތިން މިލިއަނަށްވުރެ ގިނަ ރުފިޔާ ލިބުނީ މިއުޒިކް ޝޯ ބާއްވައިގެންތަ؟ އާންމުން ހޭލުންތެރިކުރުވައިގެން ދޯ އެވަރަށް ފައިސާ ލިބުނީ؟"

ޢަދާލަތު ޕާޓީން އިސްނަގައިގެން ހުޅުވާފައިވާ ޣައްޒާ ފަންޑް މޯލްޑިވްސްއަށް ލިބުނު ޢަދަދުގެ އަޕްޑޭޓް – އޮގަސްޓް 1، 2014
*****
އީމާންކަމުގެ ރޫޙާނިއްޔަތު މަރާލަން ކުރާ ކަމެއް
"ފަލަޞްޠީނުގެ މުސްލިމު ރައްޔިތުން މަރުގެ ކަށްވަޅުމަތީގައި ވަނިކޮށް އަހަރެމެން ލައްވައި ބޮޑުބެރު ޖައްސައި ބަބަރުލަވައަށް ކޮރުލައްވައި ވައްވައްޖައްސަން އެ ކުރާ މަސައްކަތަކީ އަހަރެމެންގެ ކިބައިން އީމާންކަމުގެ ރޫޙާނިއްޔަތު މަރާލަން ކުރާ ކަމެއް. މުސްލިމުން މުސްލިމުންނަށް އެހީވަނީ ﷲ އަށް ޓަކައި. މިއަދު އެ މީހުން އެ ކުރުވާ ކަންކަމުގައި އެހީ ދޭން މި ޖެހެނީ ބޮޑުބެރު ބެލުމަށްޓަކައަނި. އަންހެނުންނާއި ފިރިހެނުން މަސްހުނިވެ ލަދުހަޔާތް ކަނޑައިލުމަށްޓަކައި. ނަތީޖާއަކަށް ވާނީ އަހަރެމެންގެ ޒުވާނުންގެ ހިތްތަކަށް އިސްލާމީ އަޅުވަންތަކަމުގެ ކުލުނަށްވުރެ ޖިންސާއި މިއުޒިކްގެ މީރުކަން މާބޮޑަށް އިހުސާސްވުން. ހިތްތަކުގައި އުފެދެންވީ ދުޢާ އާއި ލޯތަކުން ފޫދެންވީ ކަރުނައިގެ ބަދަލުގައި މުސްލިމު އަޚުންނާމެދު އެއްވެސް ރަޙުމެއް އަސަރެއް ނެތި މަޖާ ނެގުން"
ޙަރާމް ކަންތައް ބޮއިކޮޓް ކުރަންޖެހޭ
"ޣައްޒާގެ މުސްލިމުން ލެޔާތަތްތެޅި ބޯނެ ފެންފޮދެއް ނެތި މަގުމަތީގައި ނިދަންޖެހިފައިވާ މި ވަގުތު އެ މީހުންނަށް އެހީވާށޭ ކިޔާ، ރާއްޖޭގައި އޮތް ރެޑްކްރެސެންޓް ޖަމާޢަތުން ބޮޑުބެރުޖަހާ ނާޗަރަންގީ ކުޅެ އުފާފާޅުކުރުމަކީ މުސްލިމުންނަށް ކުރާ މަލާމާތެއް. އިޒްރޭލުގެ މުދާ ބޮއިކޮޓްކުރި ގޮތަށް މި ޙަރާމް ކަންތައް ބޮއިކޮޓްކުރަންޖެހޭ"
ޣައިރު މުސްލިމުންގެ ތެރެއިން އައިސްފައިވާ ކަމެއް
"ބަޔަކަށް ލިބިފައިވާ ބޮޑު ހިތާމައެއްގައި ބައިވެރިވުމުގެ ގޮތުން މަޖާކޮށް ކުޅިވަރު ކުޅެ އުފާފާޅުކުރުމަކީ ހާދަހާ ނުގުޅޭ ކަމެކެވެ. މިއީ ޣައިރު މުސްލިމުންގެ ތެރެއިން އަހަރެމެންގެ ތެރެއަށް އައިސްފައިވާ ކަމެކެވެ." ޖަމްޢިއްޔަތުއްސަލަފްގެ ނައިބު ރައީސް އަދި ޤައުމީ ޔުނިވާސިޓީގެ ލެކްޗަރަރ އައްޝައިޚް ޙަސަން މޫސާ ފިކުރީ ވިދާޅުވެފައިވެއެވެ.
"ބަޔަކަށް ލިބިފައިވާ ބޮޑު ހިތާމައެއްގައި ބައިވެރިވުމުގެ ގޮތުން މަޖާކޮށް ކުޅިވަރު ކުޅެ އުފާފާޅުކުރުމަކީ ހާދަހާ ނުގުޅޭ ކަމެކެވެ. މިއީ ޣައިރު މުސްލިމުންގެ ތެރެއިން އަހަރެމެންގެ ތެރެއަށް އައިސްފައިވާ ކަމެކެވެ." - ޝައިޚް ޙަސަން މޫސާ ފިކުރީ
ދިވެހިންގެ ތެރޭގައި އާންމު ކަމެއް؟
ޑިސެމްބަރ 26، 2004 ގައި ރާއްޖެ އަށް ކުރިމަތިވި ސުނާމީގެ ކާރިޘާގައި ޙާލުގައި ޖެހުނު މީހުންނަށް އެހީވުމުގެ ނަމުގައި ފިލްމީ ތަރިންނާއި މިއުޒިކް ކުޅޭ މީހުންނާއި އެފަދަ “ފަންނާނުން” އެ ދުވަސްވަރުގައި މާލޭގައި މިއުޒިކާއި ނާޗަރަންގީގެ ޝޯތައް ބާއްވާފައި ވެއެވެ. އަދި މާރިޗު 11، 2011 ގައި ޖަޕާނަށް ކުރިމަތިވި ބޮޑު ޒަލްޒަލާ އާއި ސުނާމީ ގައި ހާލުގައި ޖެހުނު މީހުންގެ ހިތާމައިގައި ބައިވެރިވެ، ޖަޕާނަށް އެހީފޯރުކޮށްދިނުމުގެ ނަމުގައިވެސް މިއުޒިކް ޝޯ ބާއްވައި ނާޗަރަންގީގެ ކުޅިވަރު ކުޅެފައި ވެއެވެ. އަދި ތަފާތު ބޮޑެތި ބަލިތައް ޖެހިފައިވާ މީހުންނަށް އެހީވުމުގެ ނަމުގައިވެސް ދިވެހިން ދަނީ މިފަދަ ޝޯތައް ބާއްވަމުންނެވެ.
ނުބައި ކަންތައް ހުއްޓުވަން މަސައްކަތްކުރަންޖެހޭ
ފާފަތަކަށް އަރައިގެން ނޫނީ، ބަޔަކަށް އެހީއެއްވެސް ފޯރުކޮށްނުދެވެނީ ހެއްޔެވެ؟ މިއީ ރާއްޖޭގައި ވަރަށް ޢާއްމުވެފައިވާ ކަމެކެވެ. މިފަދަ ތަފާތު ހަރަކާތްތައް ރާވާ ހިންގަމުންދާއިރު އެކަމަކީ ﷲ ޙަރާމްކުރައްވާފައިވާ ނުބައި ކަމެއްކަން އެނގިތިބެވެސް އެކަންތައް ދަނީ ކުރަމުންނެވެ. މިފަދަ ހަރަކާތްތަކާއި ދެކޮޅު ހަދައި، މިފަދަ ކަންތައްތައް އިންތިޒާމްކުރާ ފަރާތްތަކަށް ނަސޭހަތްދީ މިކަންތައް ހުއްޓުވަން މަސައްކަތްކުރަންޖެހެއެވެ.
މިކަން ހުއްޓުވާނެ ބަޔަކު ރާއްޖޭގަ ނެތީތަ؟؟ ވަރަށް ހިތާމަ ހުރި ކަމެއް!! މިއުޒިކާ ނުލާ އެހީވެވެން އެބަހުރި… މުސްލިމުން ނަމުގައި ރާއްޖެގައި މިއުޅޭ ނާތަހުޒީބު އަހުންނާ އުހުތުންނަށް ހަލާލް އާއި ހަރާމް ވެސް ވަކިނުވޭ.. އެހެން ނޫންތޯ ވާނީ ދިވެހި ރާއްޖޭގެ ގައުމީ ޔުނިވަރސިޓީގެ ބައެއް ފެކަލްޓީ ތަކަކީ އެފަދަ ބޮޑުބެރު ޝޯވ ތައް ބާއްވާ ކުދިންނަށް އެފަދަ ކަންތައް ތަކަށް ހިތްވަރު ދޭ ތަންތަން.. އަޅުގަނޑު އުޚްތެއްގެ ހައިސިއްޔަތުން އަދި ދަރިވަރެއްގެ ހައިސިއްޔަތުން އެކަންކަން ކުއްވެރި ކުރަން… އަދި ބަޔަކު މީހުން އެކަން އެގޮތައް ޕްރޮމޯޓް ކުރިނަމަވެސް އަޅުގަނޑުމެން އުހްތުންގެ ތެރޭގައި އިލްމީ ޤާބިލް އިސްލާމީ އުއްމަތެއް ބިނާ ކުރާނެ އުޚްތުން ނުކުންނާނެ އިންޝާ ﷲ….
ކުޑަ އިރުއްސުރެެ ބޮޑުވަންދެން ސުކޫލުތަކުން އަޅުގަނޑުމެންނަށް ކޮންމެ ދުވަހަކު ގޮތަކަށް އިވެމުންދާ އަޑަކީ “ޓު ޓު ޓު ތުން ތުން ތުން ޓިންޓިން ޓީން”…
ރަނގަޅު ޖީލެއް ބިނާކުރުމަށް ފުރަތަމަ ޖެހެނީ ބިންގާ ރަނގަޅުކުރަން… “ޓިން ޓިން ” ގެ ބަދަލުގާ ދީނީ ދަރުސް ތައް ކުޑަ އިރުއްސުރެ ދިނުން….
ހަމަ އެކަނި އެންމެ ރަށެއްގެ ރައްޔިތުންތަކެއް އެކަނި ނަމަވެސް އެއްގަލަކަށް އަރާ އެއް އަޒުމެއްގާ މަސައްކަތް ކޮށްފިނަމަ މުޅި ޤައު،ު އިސްލާހުވުމަކީ ދާދި ގާތުގާ ވާކަމެއް…
try win will be back…in sha allah..
ޔާ ﷲ…ދިވެހިންނަށް ހެޔޮ ވިސްނުން ދެއްވާށި….