ރިޕޯޓް

ސަލަފުން އަންހެނުން ވެރިކަމަށް އިސްވުމާއި ބެހޭގޮތުން ނެރެފައިވާ ޤަރާރު

މިއީ 2008 ވަނަ އަހަރު ދިވެހިރާއްޖޭގެ ޤާނޫނޫ އަސާސީގައި އަންހެނުން ވެރިކަމަށް އިސްކުރެވޭނެކަމަށް ފާސްކުރުމާއި ގުޅިގެން ސަލަފުން ނެރެފައިވާ ނޫސް ބަޔާނެކެވެ. އެކަމާއި ސަލަފު ޖަމިއްޔާއާއި އަދި އަދާލާތު ޕާރޓީންވަނީ ވަރަށް ބޮޑަށް ދެކޮޅު ހަދާފައެވެ. ނަމަވެސް މިހާރު ކުރިމަތިވެގެން އުޅޭ އިންތިޙާބުގައި އަދާލާތު ޕާރޓީން މާލޭ ކައުންސިލަށް އަންހެން ބޭފުޅަކު ނެރުމުގެ ސަބަބުން އަދާލަތު ޕާރޓީއަށް ބައެއް ފަރާތްތަކުން ދަނީ ފާޑުކިޔަމުންނެވެ. ހަމަ މިޔާއެކު އަދާލަތު ޕާރޓީންވެސް ވަނީ މިގޮތަށް ކައުންސިލުކަމަށް އަންހެން ބޭފުޅުން ނެރުމަކީ ދީނީގޮތުން މައްސަލައެއް ނޫންކަމަށް ބުނެ ފަތުވާތަށްވެސް ދައްކަވައި ނެރުއްވަމުންނެވެ.

ނަމަވެސް ސަލަފުން މިފަހަރު އަދިއެއްވެސް އެއްޗެއް މިކަމާއި ގުޅޭގޮތުން ރަސްމީކޮށް ހާމަކޮށްފައެއް ނުވެއެވެ. މިހާރު މިގެނެސްދެނީ ސަލަފު ޖަމިއްޔާއިން އަންހެނުން ވެރިކަމަށް އިސްކުރުމާއި ބެހޭގޮތުން އެބޭފުޅުން ނެރުއްވާފައިވާ ބަޔާނެވެ.

ސަލަފުން އަންހެނުން ވެރިކަމަށް އިސްވުމާއި ބެހޭގޮތުން ނެރެފައިވާ ޤަރާރު
بسم الله الرحمن الرحيم

ޖަމިއްޔަތުއް ސަލަފު
މ.މުއިރި
މާލެ
ނަމްބަރު: جمس/1/8/1429
އިޢުލާމް
الحمد لله الذي أرسل وأنزل الكتب مبشرين و منذرين, والصلاة والسلام على من بعثه الله رحمه للعالمين. وعلى اله وصحبه أجمعين. أما بعد.

އާދެ ދިވެހިރާއްޖޭގައި އިސްލާމް ދީން ޙިމާޔަތްކޮށް، ދިވެހި މުސްލިމު ރައްޔިތުންގެ ލާބަޔާއި މަސްލަހަތަށްޓަކައި މިހާރު އިސްލާހް ކުރވެމުންދާ ކުރީގެ ގާނޫނު އަސާސީގައި ފިރިހެނުންނެކޭ އެއްފަދައިން އަންހެނުންނަށްވެސް ދިވެހިރާއްޖޭގެ ވެރިކަމުގެ މަޤާމަށް އާދެވޭނެހެން ތަނަވަސްކޮށް، އެކަން ފާސްކުރި ކުރުމީ ކަނޑައެޅިގެން އިސްލާމީ ޝަރީޢަތާއި ޚިލާފު އަދި އިސްލާމް ދީނުގެ އަޞްލުތަކާއި ތަޢާރަޝުވެ ފުށުއަރާ ކަމެއްކަން އެންމެހާ މީސްތަކުންނަށް ބަޔާންކޮށް ޖަމިއްޔަތުއް ސަލަފުން އިޢުލާން ކުރަމެވެ.

ދަންނައެ. ﷲ ސުބުހާނަހޫ ވަތަޢާލާ އެކަލާނގެ ދީން އިއްވައި، ބާވައިލައްވާ ޝަރީޢަތް ތަންފީޛު ކުރުމަށްޓަކައި ހޮއްވަވަނީ އެކަލާނގެ މަޙުލޫޤުންގެ ތެރެއިން ފިރިހެނުންކަން ކީރިތި ޤުރުއާނުގައި ވަރަސް ޞަރީޙަކޮސް ބަޔާންކުރައްވާފައިވެއެވެ. މާތް ﷲ ވަޙީކުރައްވާފައިވެއެވެ. وَمَآ أَرْسَلْنَا قَبْلَكَ إِلَّا رِجَالًا نُّوحِىٓ إِلَيْهِمْ ۖ فَسْـَٔلُوٓا۟ أَهْلَ ٱلذِّكْرِ إِن كُنتُمْ لَا تَعْلَمُونَ ﴿٧﴾ ސޫރަތުލް އަންބިޔާއުގެ 7 ވަނަ އާޔަތް. މާނައީ : އެބަޔަކަށް ވަޙީ ބާވާލެއްވޭ ބޭކަލުން ކަމުގައި ކަލޭގެފާނުގެ ކުރިޔަކުންވެސް ހަމައެކަނި ފިރިހެނުން މެނުވީ ތިމަންރަސްކަލާނގެ ނުފޮނުއްވަމެވެ. ފަހެ މިކަން ތިޔަބައިމީހުންނަށް ނޭންގޭނަމަ އެނގޭ ދަންނަ ބޭކަލުންނާ ނިކަން ސުވާލުކޮށްބަލާށެވެ. " ހަމަ މިފަދަޔަކުން ޔޫސުފް ސޫރަތުގެ 109 ވަނަ އާޔަތާއި އަލްއަންބިޔާ ސޫރަތުގެ 7 ވަނަ އާޔަތުގައިވެސް ވަޙީކުރައްވާފައިވެއެވެ.

ފަހެ ފިރިހެނުންނާއި އަންހެނުން އުފައްދަވާ ދެ ޖިންސު އެއްޖިންސުން އަނެޖިއްސުގެ ތަބީޢަތާއ ތަފާތުކުރައްވައި، އޭގެ ތެރެއިން ފިރިހެނުންނަކީ އަންހެނުންގެ މައްޗަށް ބާރުވެރިކަން ދެއްވާ އެކަނބަލުންގެ މައްޗަށް ދަރަޖަ އުފުއްލަވާފައިވާ ބައެއް ކަމުގައި ހަމަޖައްސަވައި ކަނޑައަޅުއްވާފައި ވަނީ އެދެބައިމީހުންނާއި، އަދި މުޅި ކާއިނާތުވެސް އުފައްދަވާފައިވާ ހުރިހާކަމެއް މޮޅަށް ދެނެވޮޑިގަންނަވާ ޙަކީމްވަންތަ މާތްﷲ އެވެ. އެކަލާނގެ ވަޙީކުރައްވާފައިވެއެވެ.( ٱلرِّجَالُ قَوَّٰمُونَ عَلَى ٱلنِّسَآءِ بِمَا فَضَّلَ ٱللَّـهُ بَعْضَهُمْ عَلَىٰ بَعْضٍ وَبِمَآ أَنفَقُوا۟ مِنْ أَمْوَٰلِهِمْ ۚ ) ނިސާ ސޫރަތުގެ 34 ވަނަ އާޔަތް: " އެއްބަޔެއްގެ މައްޗަށް އަނެއްބަޔަކު މާތްކުރައްވާފައިވުމުގެ ސަބަބުންނާއި ފިރިހެނުން އެމީހުންގެ މުދަލުން އެކަނބަލުންނަށް ހޭދަކުރާންޖެހޭތީ އަންހެނުންގެ މައްޗަށް ފިރިހެނުން ވަނީ ބާރުވެރި ކުރައްވާ މަތިވެރިކުރައްވާފައެވެ. " އަދިވެސް ބަޤަރާ ސޫރަތުގެ 228 ވަނަ އާޔަތުގައި ވަޙީކުރައްވާފައިވެއެވެ.( وَلِلرِّجَالِ عَلَيْهِنَّ دَرَجَةٌ ۗ ) މާނައީ : " އަދި ފިރިހެނުންނަށް އެކަނބަލުންގެ މައްޗަށް މަތިވެރިކަމެއް ލިބިގެންވެއެވެ.

މިއުއްމަތުގެ ނަބިއްޔާ މުޙައްމަދު ސައްލަﷲ އަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައިވެއެވެ. " لن يفلح قوم ولوا أمرهم إمرأة" ( ރިވާކުރެއްވީ ބުޚާރީ 7099 އަދި ހަމަ އެމަގުން އަޙުމަދު، ނަސާއީ އަދި ތިރިމިޛީ މި ޙަދިޘް ރިވާ ކުރައްވައެވެ) މާނައީ: " އެ ބައެއްގެ ވެރިކަމަށް އަންހެނަކު އިސްކޮށްފި ބަޔަކު ހިލާ ކާމިޔާބެއް ނުވާނެއެވެ. " އިސްވެ ދިޔަ އާޔަތާއި ކީރިތި ރަސޫލާގެ ޞައްލަﷲ އަލައިހި ވަސައްލަމަގެ ބަސްފުޅުތަކުގެ މައްޗަށް އަންހެނަކު ވެރިކަމަށް އިސްކުރުމަކީ ހުއްދަނުވާނޭ ކަމެއްކަމުގައި އިސްލާމީ އުއްމަތްވަނީ ކަނޑައަޅައި އިޖުމާޢުވެފައެވެ. ފަހެ މިއުއްމަތުގެ އެންމެ ތަޤުވާވެރި އެންމެ ޢިލްމުވެރި އަންހެންތަކުން އެދުވަސްވަރު އިސްލާމުންގެ ތެރޭގައި ތިބެމެ އިސްލާމީ ދައުލަތުގެ 7 ޤަރުނަށްވުރެ ގިނަ ދުވަސްވަންދެން ޤާއިމުވެފައިވާ ދިގު ތާރިޚުގައިވެސް އަންހެނުން ވެރިކަމަށް އިސްކުރުވުން ޢަމަލީގޮތުން އެއްކިބާވެފައިވުމީ މުސްލިމުންނަށް ފެންނާން އޮތް އެންމެ ހެޔޮމަގު ކަމުގައްޔާއި ރިވެތި ނަމޫނާކަމުގައި ޤަބޫލުކުރަން ޖެހެއެވެ.

އާދެ އަންހެނުން ވެރިކަމަށް އިސްކުރުމަކީ އިންސާނީ ފިތުރަތާއި ތަބީއަތާއި އިސްލާމީ ޝަރީޢަތާއި ޚިލާފު، އަދި އޭގެ ސަބަބުން އެތައް ފަސާދައަކާއި، ފޫނުބެއްދެނިވި އިޖުތިމާޢީ ގެއްލުންތައް ކުރިމަތިވެދާނޭ ކަމެއްކަން ދުނިޔޭގެ ތާރީޚުން ފެންނަން އޮތުމީ ބުއްދިވެރިންނަށް އޮތް ޢިބުރަތެކެވެ. އަދި ﷲއާއި ރަސޫލާއަށް އީމާންވާ މީހުންކަމުން އީމާންކަން ތާޒާކޮށް ވަރުގަދަ ކުރުމަށް ލިބޭ ވަރުގަދަ ފިލާވަޅެކެވެ.

ފަހެ ނަބީކަމާއި ރަސޫލުކަމާއި ވާރުތަ މުދަލާއި ހެކިވެރިކަމާއި ޢަޤީޤާއާއި ދިޔައިގެ ޙުކުމްގައްޔާއި ޖިހާދުކުރުމާއި ޢީދާއި ހުކުރު ޤާއިމުކުރުމާއި ބުއްދި ފުރިހަމަވުމާއި ޚަރަދުކުރުމާއި ކައިވެނީގެ ވަލީއެރުވުމުގައްޔާއި އަދި މިނޫންވެސް އެތައްކަމެއްގައި އިންސީންނާއި ޖީންނީން ހެއްދެވި ﷲ ވަނީ އެދެބައިމީހުން ފަރަޤުކުރައްވާ ފިރިހެނުން އަންހެނުންގެ މައްޗަށް މަތިވެރިކުރައްވާފައެވެ.

މިހެން މިކަން އޮއްވާ މިދެޖިންސު ހަމަހަމަކުރާށޭ ކިޔައި އެކަލާނގެ ޤާނޫނުތަކަށް ގޮތްކިޔައި އިދިކޮޅު ހަދައިގަތުމީ އަދަބުކުދަ ނުލަފާ ކަމެކެވެ. ޔަޤީންކުރަން ޖެހެނީ ކިތަންމެ ވަރަކަށް ބަޔަކު ވާހަކަތަކެއް ދެއްކިޔަސް ﷲއަށް ވުރެ އެކަލާނގެ އަޅުތަކުންގެ މައްޗަށް އޯގާވެރިވެ ހަމްދަރުދީވާނެ އަދި ވެވޭނެ އެއްވެސް ފަރާތެއް ނެތްކަމެވެ. ޚާލިޤުވަންތަ ﷲ ގެ ޙިކުމަތްތެރި ކަމުގެ މުޤާބަލާގައި މަޚުލޫޤުންނަށް ޖެހޭނީ ކުރުނީސްކޮށް ކުޑަކަކޫ ޖަހާށެވެ. އެކަލާނގެ އަށް އީމާންވާނަމަ އެކަލާނގެ އަށް އަދަބުވެރިވެ، ޙުކުމްފުޅުތަކަށް ޤަދަރުކުރާން ޖެހޭނެއެވެ.

ކަން މިހެން އޮތްއިރު އިސްލާމީ އުޞޫލުތަކާއި މުސްލިމް އުއްމަތުގެ އިޖުމާޢާއި ޙިލާފަށް ދިވެހިރާއްޖޭގެ ޤާނޫނޫ އަސާސީގައި ހިމެނިގެންދިޔަ މި ނުގުތާއަކީ ބާޠިލްވެގެންވާ، ބޭކާރު ވާހަކައެއްކަން މިޖަމްއިއްޔާއިން ދެކޭ ވާހަކަ އެންމެހާ މުސްލިމުންނަށް އިއްވަމެވެ. ދިވެހި ޤާނޫނޫ އަސާސީގައި އިސްލާމީ އަސްލުތަކާއި ފުށުއަރާ އަކުރުތަކާއި ފިލިތައް ފާސްވަމުން ދިޔުމީ ވަރަށް ނުރައްކާތެރި، އަޑި ނުބައި ޢަދާވާތްތެރި ރޭވުމެއްގެ ޙަރަކާތް ހިނގަމުންދާ ކަމުގެ ނިޝާނެކެވެ. ކީރިތި ޤުރުއާނަކީ އެ ފޯރައިފި ކޮންމެ ބަޔަކުމެ އެއަށް ޢަމަލުކުރަން ޖެހޭ ﷲ ބާވާލެއްވި ދުސްތޫރެވެ.

ވީއިރު އެކަލާނގެ ކަލާމްފުޅުގައި ވަނީ ކީކޭތޯ ބަލައި އެފޮތުގައި އެވާ ޙުކުމްތައް ތިމާމެންގެ މައްޗަށް ތަންފީޛު ކުރުމަށް ރުހިގެންތިބޭ ޙާލު އެއާ ޚިލާފުވެ ޙުކުމްތަކަށް އިންކާރުކުރާ ބައެއްކަމުގައި ދިވެހިރާއްޖޭގެ އެންމެހޭ އަހުލުވެރީން ވެތިބުމަށް މިޖަމްޢިއްޔާއިން ގޮވާލަމެވެ.
وما علينا إلا البلاغ
14 މުޙައްރަމު 1429
21 ޖެނުއަރީ 2008
މަސްދަރު: ޅޮހީ

ގުޅުންހުރި

2 ޚިޔާލު

  1. ކައުންސިލް މެމްބަރަކީ ބައެއްގެ ވެރިޔަކަށް އިސްކުރެވޭ މީހެއް ކަމުގައި އަޅުގަނޑު ޤަބޫލެއް ނުކުރަން. އެއީ ސަރުކާރުގެ ސިޔާސަތުތައް ތަންފީޛް ކުރަން ރައްޔިތުން އިންތިޚާބުކުރާ މަންދޫބެއް. އެހެން ކަމުން ޤައުމެއްގެ ވެރިޔަކަށް އަންހެނަކު އިސްކުރުމާ ކައުންސިލް މެމްބަރަކަށް އަންހެނަކު އިސްކުރުމާ މި ދޭތި އެއް ހަމަޔަކަށް ގެނެސް އެއް ފަތުވާއެއްގެ ދަށަށް ގެނެވިދާނެތޯ މިއީ ކޮށްލަން ރަނގަޅު ސުވާލެއް.

  2. އެހެން ކަމަށް ވާނަމަ ރައީސުގެ މަޤާމުގަ ހުންނަމީހާ ވެސް އެއީ ބައެއްގެ ވެރިއަކަށް އިސްކުރެވޭމީހެއް ކަމުގައި އަޅުގަނޑު ނުދެކެން…..

Your email address will not be published. Required fields are marked *

More in ރިޕޯޓް