އޮކްޓޯބަރ 24، 2012 ވަނަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ތުޅާދޫ ދާއިރާގެ މެންބަރު ނާޒިމް ރަޝާދު ވަނީ ޤާނޫނު ނަންބަރު 75/4 (ދިވެހިރާއްޖެއަށް ގެނައުން މަނާ ތަކެތީގެ ޤާނޫނު) އަށް އިޞްލާޙު ގެނައުމަށް ބިލެއް ހުށަހަޅުއްވާފަ އެވެ. އެއީ ބަނގުރަލުގެ ބާވަތްތަކާއި އޫރުމަހާއި އޫރު މަހުން އުފައްދާ ތަކެތި ރާއްޖެ އެތެރެކުރުން މަނާކުރުމަށް ހުށަހެޅުއްވި އިޞްލާޙެކެވެ.
ބިލު ހުށަހަޅުއްވަމުން ނާޒިމް ވިދާޅުވީ، ﷲ ސުބްޙާނަހޫ ވަތަޢާލާ އިންސާނާ ޚަލްޤުކުރައްވައި، އެ އިންސާނާ އަށް ދެއްވި އެންމެ އަގުބޮޑު އެންމެ މާތް ނިޢުމަތަކީ ބުއްދީގެ ނިޢުމަތް ކަމަށާއި، އެހެންކަމުން މި އަގުބޮޑު ނިޢުމަތް އެންމެ ހިނދުކޮޅަކަށް ވެސް އެ އިންސާނާއާ ވަކިވެދާކަށް އެއްވެސް އެއްޗަކަށް ޖާގަދިނުމަކަށް ﷲ ސުބްޙާނަހޫ ވަތަޢާލާ ހުއްދައެއް ނުކުރައްވާ ކަމަށެވެ. އަދި ރާއްޖޭގައި އާއްމުވެފައިވާ މާރާމާރީތަކުގެ މައްޗަށް ބައްލަވާލައްވައި ވިދާޅުވީ، މިއަދު އަޅުގަނޑުމެން އެންމެ ބޮޑަށް ބިރުގަންނަންޖެހޭ އެއް ކަމަކީ ތޫނު ހަތިޔާރުން ހަމަލާދެމުން ގޮސް، އިންސާނާގެ ފުރާނަ ދުއްވާލުމަކީ ކުޅޭކުޅޭ ކަމަކަށް މި ޤައުމުގައި ވެސް ވެފައިވުން ކަމަށެވެ.
"މިއިން ކޮންމެ ކަމެއް ވެސް ދިވެހި ފުލުހުން ތަޙްޤީޤުކޮށް ބަލައި ނިމޭއިރު މިއިން ކޮންމެ ކަމެއްގެ ވެސް ފަހަތުގައި މި ވަނީ ބަނގުރަލުގެ ކޮންމެވެސް ދައުރެއް ހިމެނިފަ. އެހެންކަމުން، ބަނގުރާ މިއަދު ރާއްޖެ އަށް އެތެރެކުރަމުންދާ މިންވަރާއި ބަނގުރާ ރާއްޖޭގައި އަދާކުރާ ދައުރާއި، ބަނގުރާ ކުށަށް މަގުފަހިކުރުވާ މިންވަރު އަޅުގަނޑުމެންނަށް މި ވަނީ ބަލައި، ތަޙްޤީޤުކޮށް ހޯދަންޖެހިފަ. ޢިއްޒަތްތެރި ރައީސް. އާދެ! އަޅުގަނޑުމެންނަށް މިއަދު އަޑުއިވެމުން މި ދަނީ ބަނގުރަލަކީ ވަރަށް ޢާއްމު އެއްޗަކަށް މި ރާއްޖޭގައި ވެފައިވާ އެއްޗެއް ކަމަށް. ބަނގުރަލަކީ މިއަދު ގޭގޭ ސިޓިންރޫމްތަކުގައި ހުންނަ ފްރިޖުތަކުން ވެސް ބޭނުން ކޮންމެ ވަގުތެއްގައި ވެސް ލިބޭ އެއްޗެއް ކަމަށް އަޅުގަނޑުމެން ބާޒާރުމަތިން، ތުންތުންމަތިން ދައްކާ ވާހަކަތަކުން ވެސް އަޑުއަހަން. ބަނގުރަލަކީ ސްކޫލު ކުދިންގެ އިންޓަވަލަށް ބައެއް ކުދިން ގެންގޮސް ބޯލަން ބޭނުންކުރާ އެއްޗެއް ކަމަށް ވެސް އަޅުގަނޑުމެންނަށް މިއަދު އަޑުއިވެމުން އެބަދޭ. މި ހުރިހާ ކަމެއް މިހެން ހުރިއިރުގައި އަޅުގަނޑުމެން ނުވިސްނާ، މި ކަންތައްތައް ހަނދާންނައްތާލައިގެން އަޅައިނުލާ ތިބޭ ވަރަށްވުރެ މާ ބޮޑު ކަމަކަށް މިއަދު މި ވަނީ މި މައްސަލަ ވެފަ. އާދެ، މި މައްސަލަ އަކީ ޤައުމީ މައްސަލަ އެއް. މި މައްސަލަ އަކީ އަޅުގަނޑުމެން ފުންކޮށް ވިސްނަންޖެހިފައިވާ މައްސަލަ އެއް. މި މައްސަލަ އަކީ އަޅުގަނޑުމެން އަޅާލައި، ހައްލެއް ހޯދަންޖެހިފައިވާ މައްސަލަ އެއް." ނާޒިމް ވިދާޅުވި އެވެ.
ނާޒިމް ވިދާޅުވީ، ދިވެހިރާއްޖެ އަކީ ސައްތައިން ސައްތަ އިސްލާމީ ޤައުމަކަށް ވެފައި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 10 ވަނަ މާއްދާގެ (ހ)ގައި ދިވެހި ދައުލަތުގެ ދީނަކީ އިސްލާމްދީން ކަމަށާއި އަދި އިސްލާމްދީނަކީ ދިވެހިރާއްޖޭގެ ޤާނޫނުގެ މައިގަނޑު މަސްދަރުކަމަށް ލިޔެވިފައިވާ ކަމަށެވެ. އަދި ޤާނޫނުއަސާސީގެ 10 ވަނަ މާއްދާގެ (ށ)ގައި ދިވެހިރާއްޖޭގައި އިސްލާމްދީނުގެ އަސްލަކާ ޚިލާފު އެއްވެސް ޤާނޫނެއް ނުހެދޭނެ ކަމަށް ބުނެފައިވާ ކަމަށެވެ.
އެހެންކަމުން ބަނގުރަލާއި އޫރުމަހުން އުފައްދާ ތަކެތި ޤާނޫނު ނަންބަރު 75/4 [ދިވެހިރާއްޖެ އަށް ގެނައުން މަނާ ތަކެތީގެ ޤާނޫނު]ގެ ދަށުން ބާރުލިބިގެން، ހުއްދަލިބިގެން ހަދާފައިވާ ޤާނޫނެއްގެ ދަށުން ދިވެހިރާއްޖެ އަށް އެތެރެކޮށް، ބަނގުރަލާއި އޫރުމަހާއި އޫރުމަހުން އުފައްދާ ތަކެތީގެ ވިޔަފާރި މި ދިވެހި ލޮބުވެތި ފަސްގަނޑުގައި ކުރުމަކީ ޤާނޫނުއަސާސީގެ އިސްވެ ދެންނެވުނު މާއްދާތަކާ ޚިލާފު ކަމެއް ކަމަށް ނާޒިމް ވިދާޅުވި އެވެ.
"މި ޤާނޫނު އިޞްލާޙުކުރުމަކީ ދިވެހިރާއްޖޭގެ ރައްޔިތުންގެ މަޖިލީހުން ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށް އަޅުގަނޑު ޤަބޫލުކުރެވޭތީ އަޅުގަނޑު މި އިޞްލާޙު ހުށަހަޅާފައި މި ވަނީ. ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 70 ވަނަ މާއްދާގެ (ހ)ގައި ދިވެހިރާއްޖޭގައި ޤާނޫނު ހެދުމުގެ އެންމެހައި ބާރުތައް ލިބިފައި ވަނީ ރައްޔިތުންގެ މަޖިލީހަށް ކަމަށް ބަޔާންކޮށްފައިވޭ. ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 70 ވަނަ މާއްދާގެ (ށ) އަށް ބަލައިލާއިރު މިކަން މިހެން ކުރަންޖެހޭތީ އަޅުގަނޑު ޤަބޫލުކުރާ ގޮތުގައި މި ޤާނޫނަކީ މި ޢިއްޒަތްތެރި މަޖިލީހުން އިޞްލާޙުކުރަންޖެހޭ ޤާނޫނެއް. އާދެ! ޢިއްޒަތްތެރި ރައީސް. ރައްޔިތުންގެ މަޖިލީހުގެ ހުވާގައި ލިޔެވިފައިވޭ އިސްލާމްދީނަށް ހުރުމަތްތެރިކޮށް ހިތުމުގެ ވާހަކަ. އިސްލާމްދީނަށް ހުރުމަތްތެރިކޮށް ހިތުމުގެ ވާހަކަ ލިޔެވިފައި ވާއިރުގައި، ހަމަ މި ބީދައިން އަޅުގަނޑުމެންނަށް ޤާނޫނު ހެދުމުގެ ބާރު ލިބިދީފައި ވަނީ ވަކި ހުދޫދެއްގެ ތެރޭގަ. އެ ހުދޫދުން ބޭރުން އަޅުގަނޑުމެން އިސްލާމްދީނުގެ އަސްލުތަކާ ޚިލާފަށް ޤާނޫނެއް ހެދުމުގެ އެއްވެސް ބާރެއް މި ޢިއްޒަތްތެރި މަޖިލީހަށް ލިބިގެންވާ ކަމަކަށް އަޅުގަނޑު ޤަބޫލެއް ނުކުރަން." ނާޒިމް ވިދާޅުވި އެވެ.
"ރައްޔިތުންގެ މަޖިލީހުގެ ހުވާގައި ލިޔެވިފައިވޭ އިސްލާމްދީނަށް ހުރުމަތްތެރިކޮށް ހިތުމުގެ ވާހަކަ. އިސްލާމްދީނަށް ހުރުމަތްތެރިކޮށް ހިތުމުގެ ވާހަކަ ލިޔެވިފައި ވާއިރުގައި، ހަމަ މި ބީދައިން އަޅުގަނޑުމެންނަށް ޤާނޫނު ހެދުމުގެ ބާރު ލިބިދީފައި ވަނީ ވަކި ހުދޫދެއްގެ ތެރޭގަ. އެ ހުދޫދުން ބޭރުން އަޅުގަނޑުމެން އިސްލާމްދީނުގެ އަސްލުތަކާ ޚިލާފަށް ޤާނޫނެއް ހެދުމުގެ އެއްވެސް ބާރެއް މި ޢިއްޒަތްތެރި މަޖިލީހަށް ލިބިގެންވާ ކަމަކަށް އަޅުގަނޑު ޤަބޫލެއް ނުކުރަން." - ނާޒިމް ރަޝާދު
ނޮވެމްބަރ 23، 2011 ގައި ސަރުކާރުން ގެޒެޓްކޮށް، އެތާރީޚުގައި ޢަމަލުކުރަން ފަށާފައިވާ "ބަނގުރަލާއި އޫރުމަހުގެ ޤަވާއިދު"ގެ ތަޢާރަފްގައި ބުނެފައި ވަނީ އެއީ ބަނގުރަލާއި، ބަނގުރާ އެކުލެވޭ ތަކެއްޗާއި، އޫރުމަހާއި، އޫރުމަސް އެކުލެވޭ ތަކެއްޗާއި، އޫރުމަހުން އުފައްދާ ތަކެތި ދިވެހިރާއްޖެ އަށް ގެނައުމާއި، އިމްޕޯޓް ކުރުމާއި، ރާއްޖޭގައި ވިއްކުމާއި، ގެންގުޅުމާއި ބޭނުންކުރުމާއި، ބަނގުރަލާއި އޫރުމަހާ ގުޅޭ ގޮތުން ކުރަން ޖެހޭ އެނޫނަސް ކަންކަމާ ބެހޭ ގޮތުން ބަޔާންކުރާ ޤަވާއިދު ކަމަށެވެ. އަދި އެޤަވާއިދަކީ ޤާނޫނު ނަންބަރު 75/4 (ދިވެހިރާއްޖެ އަށް ގެނައުން މަނާތަކެތީގެ ޤާނޫނު) ގެ 5 ވަނަ މާއްދާގެ ދަށުން ހަދާފައިވާ ޤަވާއިދެއް ކަމަށް ބުނެފައި ވެއެވެ.
ޤަވާއިދުގެ ދެވަނަ މާއްދާގައިވާ ގޮތުގައި، އެ ޤަވާއިދުގެ މަޤްޞަދަކީ، ބަނގުރަލާއި، ބަނގުރަލާއި، ބަނގުރާ އެކުލެވޭ ތަކެއްޗާއި، އޫރުމަހާއި، އޫރުމަސް އެކުލެވޭ ތަކެއްޗާއި، އޫރުމަހުން އުފައްދާ ތަކެތި ދިވެހިރާއްޖެ އަށް ގެނައުމާއި، އިމްޕޯޓް ކުރުމާއި، ރާއްޖޭގައި ވިއްކުމާއި، ގެންގުޅުމާއި ބޭނުންކުރުމާއި، މިކަންތައްތައް ކުރުމަކީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުން ހުއްދަ ނަގައިގެން، ޤަވާއިދުގައިވާ ގޮތުގެ މަތިން ކުރާ ކަމެއްގެ ގޮތުގައި ހަމެޖެއްސުމެވެ.
ނާޒިމް ރަޝާދު ހުށަހެޅުއްވި ބިލަށް މަޖިލީހުގައި ބަހުޘްކުރައްވަމުން، ފަރެސްމާތޮޑާ ދާއިރާގެ މެންބަރު އިބްރާހީމް މުއްޠަލިބު ވިދާޅުވީ، ބައެއް މީހުންނަށް ޤަބޫލުކުރެވޭ ގޮތުގައި އެ މީހުންނަށް ރިޒުޤު ލިބެނީ ބަނގުރާ ވިއްކައިގެން ކަމަށާއި، ނަމަވެސް އަޅުގަނޑުމެން ބަނގުރާ ނުވިއްކިޔަސް އަދި ރާ ނުގެނަޔަސް ﷲ ސުބުޙާނަހޫ ވަޠައާލާ އަޅުގަނޑުމެންނަށް ރިޒުޤު ތަނަވަސްކޮށްދެއްވާނެ ކަމަށެވެ.
"ﷲ ސުބުޙާނަހޫ ވަޠައާލާ ދޫނިސޫފާސޫފިން މިސާލެއް ޖައްސަވާފައި އޮތީ. ހެނދުނު ތެދުވެގެން އޭތި ހާލިން އުދުހިގެންދަނީ ހުސްބަނޑާއޭ . އެހެންނަމަވެސް، ﷲ ރަޙްމަތުން އޭތި އެނބުރި އަންނަނީ، ހާއްޔަށް އަންނަނީ ބަނޑުބޮޑުކޮށްގެންނޭ. ﷲގެ ރިޒުޤު ތަނަވަސްވެގެންނޭ. މިއީ އަޅުގަނޑުމެންގެ މިސާލު. އެހެންވީމާ، އަޅުގަނޑުމެން ރާ ނުވިއްކިޔަސް އަދި ރާ ނުގެނަޔަސް ﷲ ސުބުޙާނަހޫ ވަޠައާލާ އަޅުގަނޑުމެންނަށް މި ރިޒުޤު ތަނަވަސްކޮށްދެއްވާނެ. އަޅުގަނޑުމެންނަށް ރިޒުޤު އިތުރުވެގެންދާނެ." މުއްޠަލިބު ވިދާޅުވި އެވެ. "ރާ އެކަނި ވިއްކައިގެންތޯ ރިސޯޓު ހިންގަނީ. ﷲގެ ރަޙްމަތުން އަޅުގަނޑުމެން އެ ރިސޯޓުތައް ޕްރޮޓެކްޓުކުރަން ނޫނީ ސަލާމަތްކުރެވިފައި ހުރީތީ އަޅުގަނޑުމެން ޝުކުރުވެރިނުވަނީތޯ. އަޅުގަނޑުމެންނަށް އެންމެ ފަހުން އައި ސުނާމީގައި މަދު ރިސޯޓުތަކެއް، ނޫނީ މަދު ރަށަކަށް ގެއްލުންވެގެން ދިޔައީ. ދިވެހި ރައްޔިތުންގެ ތެރެއިން 84 މީހުން މަރުވެގެންދިޔައިރު އެއްވެސް ޓޫރިސްޓަކު މަރުވެގެނެއް ނުދޭ. ޢިއްޒަތްތެރި ރައީސް. އަޅުގަނޑުމެންގެ ޓޫރިސްޓު ރިސޯޓުތަކުގެ އޮޕަރޭޓަރުން ﷲގެ ނިޢުމަތަށް ޝުކުރުނުކުރަންވީތޯ. ﷲގެ ނިޢުމަތަށް ޝުކުރުކުރަންވީ. ﷲ އިރާދަކުރެއްވި ނަމަ ހުރިހާ ރިސޯޓެއް ނެތިވެގެން ހިނގައްޖައީސް. އެހެންނަމަވެސް، ﷲގެ ކުޅަދުންވަންތަކަން އެއަށްވުރެ ބޮޑު. ﷲ އެ މީހުންގެ އެ މުދާތައް ސަލާމަތްކޮށްދެއްވީތީ ﷲގެ ނިޢުމަތަށް ޝުކުރުކުރަންވީ. ރަލާއި އޫރުމަސް ނުވިއްކި ނަމަވެސް، ނާސިގެ އާއި ކުލަބުތައް ނުހިންގި ނަމަވެސް އަޅުގަ ނޑުމެންނަށް ދެއްވާ ރިޒުޤަކަށް ކުޑަވެސް ބަދަލެއް ނާންނާނެ."
މުއްޠަލިބު ޤަބޫލުކުރައްވާ ގޮތުގައި، އަޅުގަނޑުމެން ބަނގުރާ ނުގެނަޔަސް، ރާ ނުވިއްކިޔަސް، އޫރުމަސް ނުގެނަޔަސް، އޫރުމަސް ނުވިއްކިޔަސް އަޅުގަނޑުމެންގެ ޓޫރިޒަމަށް ވެސް، އަޅުގަނޑުމެންނަށް ލިބިފައިވާ ނިޢުމަތަކަށް ވެސް ބަދަލެއް ނާންނާނެ އެވެ.
"ރަލާއި އޫރުމަސް ނުވިއްކި ނަމަވެސް، ނާސިގެ އާއި ކުލަބުތައް ނުހިންގި ނަމަވެސް އަޅުގަނޑުމެންނަށް ދެއްވާ ރިޒުޤަކަށް ކުޑަވެސް ބަދަލެއް ނާންނާނެ" – އިބްރާހީމް މުއްޠަލިބު
ކާށިދޫ ދާއިރާގެ މެންބަރު ޢަބްދުﷲ ޖާބިރު ވިދާޅުވި ގޮތުގައި މި ބިލުގައިވާ ހުށަހެޅުމަކީ، އިސްލާމްދީން ބާއްވައިލެއްވީއްސުރެ ޤުރުއާން ބާއްވައިލެއްވީއްސުރެ، އިސްލާމީ ޝަރީޢަތުގައި ކަނޑައެޅި، ޙަރާމްކުރެވި، މަނާކުރެވިފައިވާ ކަންކަމެވެ. އަދި މަޖިލީހަކީ އަލުން އެ ކަންކަން މަނާކުރަންޖެހޭ ތަނެއް ނޫން ކަމަށް ޖާބިރު ވިދާޅުވި އެވެ.
"ދިވެހިރާއްޖެ އަށް ރާ އެތެރެކުރުމާއި އޫރުމަސް ގެނައުމާ، މިއީ އެއްގޮތަކަށްވެސް ކޮށްގެންވާނެ ކަންތައްތަކެއް ނޫން. އަޅުގަނޑުމެން ޤައުމުގައި އެކަން ކޮށްގެންނުވާނެ. ޖުވާކުޅޭ ތަންތަން ހެދުމާއި ކެސިނޯއަޅައިގެން އެ ކަންކަން ކުރުން އެއީ ކޮށްގެންވާނެ ކަންތަކެއް ނޫން. އަޅުގަނޑުމެންގެ ޤައުމުގައި ޓޫރިޒަމް ވެސް ހިނގަންވާނީ އިސްލާމީ ޓޫރިޒަމް. އަޅުގަނޑުމެން ޤަބޫލުކުރަންޖެހޭ ޙަޤީޤަތެއް އެއީ. އެހެން އެކަން އޮންނަންވާނީ. އަޅުގަނޑުމެންގެ ޤައުމުގައި ތެޔޮ އިމްޕޯޓުކުރުމާއި ތެލަށް، ރާ ވިއްކައިގެން ލިބޭ ލާރިދީގެން އޭގެން ޖަނަރޭޓަރުތައް ހިނގައިގެންނުވާނެ. އަޅުގަނޑުމެން އުޅެންޖެހޭނީ ފުޅިބައްތި ދިއްލައިގެން." ޖާބިރު ވިދާޅުވި އެވެ.
މަޑަވެލި ދާއިރާގެ މެންބަރު މުޙައްމަދު ނާޒިމު ވިދާޅުވީ، ރާއްޖޭގައި ދިމާވެގެން މި އުޅޭ ޙަޤީޤީ މައްސަލަތަކަށް ކުރިމަތިލާން އަޅުގަނޑުމެންނަށް ނުކެރޭ ކަމަށެވެ. އަދި ރާއްޖޭގައި ތިބި ހައެއްކަ، އަށެއްކަ މަހުޖަނެއްގެ އަތްދަށުގައި ރާއްޖޭގެ ރައްޔިތުންނަށް އެ މަހުޖަނުންގެ ފަހަތުގައި ތާށިވެގެން ތިބުމުގެ ނަތީޖާ އެއްގެ ގޮތުގައި ރާއްޖޭގެ ދީނެއް ވެސް ހިމާޔަތެއް ނުކުރެވޭނެ ކަމަށާއި ރާއްޖޭގެ އިޤްތިޞާދީ މައި ތަނބު ވެސް ހިމާޔަތެއް ނުކުރެވޭނެ ކަމަށެވެ.
"ރަލާ ބެހޭ ގޮތުން ވަރަށް ގިނަ ވާހަކަތައް ކީރިތި ޤުރުއާނާއި ރަސޫލާގެ ސުންނަތުން ސާބިތުވާން ހުރި ކަންތައްތައް. އެއީ އަޅުގަނޑުމެންނަށް އެއަކަށް އިންކާރެއް ނުކުރެވޭނެ. އެއީ އިލާހީ ޤާނޫނު. ރަލާ ބެހޭ ގޮތުން އޮތީ ތިޔަބައި މީހުން ރަލާ ގާތްނުވާށޭ. އޭގެ މާނައަކީ އެއީ ނުރައްކާތެރިކަމެކޭ. އެއާ ގާތް ވެސް ވެގެންވާވަރުގެ ކަމެއް ނޫނޭ މިއީ. އެހެންވީމާ، އެކަމާ ބެހޭ ގޮތުން އަޅުގަނޑުމެންނަކަށް އިތުރަކަށް ދެން ދެއްކޭނެ މާ ގިނަ ވާހަކަތަކެއް ނެތް." ނާޒިމް ވިދާޅުވި އެވެ.
ފުވައްމުލަކު މެދު ދާއިރާގެ މެންބަރު ޝިފާޤު މުފީދު ވިދާޅުވީ، އިސްލާމީ މުޖުތަމަޢުގައި ވަކި ކުދި ރަށްތަކަށް ރާއްޖޭގެ ތުނި އާބާދީ ފެތުރިފައި ވާހިނދު، ރަލާއި އޫރުމަހާއި މަސްތުވާތަކެތީގެ ވަބާ އިން ސަލާމަތްކުރުމަށްޓަކައި އެޅިގެންދާ އިތުރު ބާރަކާއި ފިޔަވަޅެއް ކަމުގައި، މި އިޞްލާޙް ވެގެންދާނެ ކަމަށް ދެކިލައްވާ ކަމަށެވެ.
"އަޅުގަނޑު ތަކުރާރުކޮށް، ތަކުރާރުކޮށް، ތަކުރާރުކޮށް މިތާގައި ތިއްބެވި ފަތުރުވެރިކަމުގެ ސިނާޢަތުގައި މަސައްކަތްކުރައްވާ ބޭފުޅުންނާ، އަދި އެ ސިނާޢަތަށް ނިސްބަތްވެވަޑައިގަންނަވާ ރިސޯޓު އޯނަރުންނަށް ދަންނަވާލަން އޮތީ ކަންބޮޑުވެވަޑައިނުގަންނަވާށޭ. ތި ބޭފުޅުންނަށް ތި ބޭފުޅުންގެ ރިސޯޓުތައް ހަމަ މިހާރުވެސް ހިންގަވާ އުސޫލުން ހިންގެވޭނެ ގޮތަށޭ ބިލު ފަރުމާކުރެވިފައި މި އޮތީ. މިއަކު ނެތޭ އެއްވެސް ކަންބޮޑުވުމެއް. މީގައި މި އޮތީ އަޅުގަނޑުމެންގެ މުސްލިމު މުޖުތަމަޢު ތާހިރުކުރުމަށް ޓަކައި، އަޅުގަނޑުމެންގެ މީހުން ދިރިއުޅޭ ރަށްތައް ތާހިރުކުރުމަށްޓަކައި އެޅިފައި އޮތް ހަރުދަނާ ފިޔަވަޅެކޭ މިއީ." ޝިފާޤް ވިދާޅުވި އެވެ.
ބަނގުރަލާއި އޫރުމަސް އެތެރެކޮށް ވިއްކުމަށް ހުއްދަ ދިނުމަށް ސަރުކާރުން ހަދާފައިވާ ގަވާއިދަކީ އިސްލާމްދީނާއި ގާނޫނު އަސާސީއާ ޚިލާފު އެއްޗެއް ކަމަށް ބުނެ، އެ ޤަވާޢިދު ބާޠިލު ކޮށްދިނުމަށް އެދި އޭޕްރީލް 11، 2010 ގައި ހ. ކޮޔާ އިބްރާހީމް ޝަމީމް ހައިކޯޓަށް މައްސަލަ ހުށަހަޅާފައިވެ އެވެ.
އެ ދައުވާގައި ބުނެފައި ވަނީ ބަނގުރަލާއި އޫރުމަހާއި އޫރުމަހުން އުފައްދާ ތަކެތި ވިއްކުމުގެ ހުއްދަ ދީފައިވާ ގަވާއިދަކީ ގާނޫނު އަސާސީގެ އަސްލު މަސްދަރު ކަމަށްވާ އިސްލާމްދީނާ ތައާރަޒްވާ އެއްޗެއް ކަމަށެވެ. އަދި ބަނގުރަލަކީ ކަނޑައެޅިގެން އިސްލާމްދީނުގައި މުޅި އުއްމަތަށް ހަރާމް ކުރައްވާފައިވާ އެއްޗަކަށްވީ ހިނދު އަދި ބަނގުރާ ވިއްކާ މީހާ އާއި ގަންނަ މީހާ އާއި އުފުލާ މީހާ އާއި ވިއްކުމުގެ ހުއްދަ ދޭ މީހާގެ އިތުރުން ބަނގުރަލާއި ގުޅިގެން ދިހަ ފަރާތަކަށް އިސްލާމީ ޝަރީއަތުގައި އަދަބު ކަނޑައެޅިފައިވާތީ އިސްލާމް ދީނުގެ ހައިބަތު ދިފާއު ކުރުމުގެ ގޮތުން މުސްލިމުންގެ މައްޗަށް މުސްލިމް ގައުމަކުން ކޮށްގެންނުވާނެ ކަމެއްކަން އިސްލާމްދީނުގެ އަސްލުތަކުން ފާޅުކަން ބޮޑު ގޮތެއްގައި އެނގޭ ކަމަށް އެ ދައުވާގައިވެ އެވެ.
އަދި އެ މައްސަލައިގައި ކޯޓުން ވަކި ގޮތަކަށް ހުކުމް ކުރަންދެން ގަވާއިދުން ހުއްދަ ދީފައިވާ ކަންކަން ކުރުން މަނާކޮށް އެ ޤަވާއިދަށް އަމަލު ނުކުރުމަށް އެންގުމަށް ވެސް އެ ދައުވާގައި އެދިފައި ވެއެވެ. އެ މައްސަލަ ސާބިތު ކުރުމަށް ހެކީގެ ގޮތުގައި ބަނގުރަލުގެ ޙުކުމް ބަޔާންކޮށް އިސްލާމިކް މިނިސްޓްރީން ދީފައިވާ ޖަވާބެއް ހުށައަޅާފައިވެ އެވެ. އަދި ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ ފެބްރުއަރީ 26، 2010 ގެ ރޭޑިއޯ ހިޠާބު ވެސް ދައުވާއާ އެކު ހުށައަޅާފައިވެ އެވެ. އެއީ އެހިތާބުގައި ރާއްޖޭގައި ހިންގާފައިވާ ހުރިހާ މާރާމާރީއަކީ ރާބޮއެ މަސްތުވެގެން ހިންގާފައިވާ މާރާމާރީތަކެއް ކަމަށް ރައީސް ނަޝީދު ވިދާޅުވެފައިވާތީ އެވެ.
އެ މައްސަލައިގެ ފުރަތަމަ އަޑުއެހުން މެއި 2، 2011 ގައި ބާއްވާފައިވެ އެވެ.
އެ އަޑުއެހުމުގައި ކޮމިޓީގެ އިސްގާޒީ ޢަބްދުﷲ ޙަމީދު ތަކުރާރުކޮށް އެޤަޥާޢިދަކީ އިސްލާމްދީނާއި ތައާރަޒް ނުވާ އެއްޗެއްތޯ އެއްސެވުމުން ދައުލަތުގެ ވަކީލުން ބުނެފައި ވަނީ ފުށުއަރާކަމަށް ދައުލަތުން ނުދެކޭ ކަމަށެވެ. އަދި އެއީ ޤާނޫނުން ބާރު ލިބިދީގެން ހެދިފައިވާ ޤަޥާޢިދެއްކަމާއި، އެހެންކަމުން ވަޤުތީ އަމުރެއް ނެރުއްވުމަކީ ހަމަޖެހޭ ކަމެއް ނޫން ކަމުގައި ދައުލަތުގެ ވަކީލުން ބުނެފައިވެ އެވެ.
ހައިކޯޓުން މި މައްސަލައިގައި މިއަދާ ހަމައަށް ވަކި ގޮތަކަށް ނިންމާފައިވާ ކަމުގެ މަޢުލޫމާތެއް ނުލިބެ އެވެ.
“އަޅުގަނޑު ތަކުރާރުކޮށް، ތަކުރާރުކޮށް، ތަކުރާރުކޮށް މިތާގައި ތިއްބެވި ފަތުރުވެރިކަމުގެ ސިނާޢަތުގައި މަސައްކަތްކުރައްވާ ބޭފުޅުންނާ، އަދި އެ ސިނާޢަތަށް ނިސްބަތްވެވަޑައިގަންނަވާ ރިސޯޓު އޯނަރުންނަށް ދަންނަވާލަން އޮތީ ކަންބޮޑުވެވަޑައިނުގަންނަވާށޭ. ތި ބޭފުޅުންނަށް ތި ބޭފުޅުންގެ ރިސޯޓުތައް ހަމަ މިހާރުވެސް ހިންގަވާ އުސޫލުން ހިންގެވޭނެ ގޮތަށޭ ބިލު ފަރުމާކުރެވިފައި މި އޮތީ. މިއަކު ނެތޭ އެއްވެސް ކަންބޮޑުވުމެއް. މީގައި މި އޮތީ އަޅުގަނޑުމެންގެ މުސްލިމު މުޖުތަމަޢު ތާހިރުކުރުމަށް ޓަކައި، އަޅުގަނޑުމެންގެ މީހުން ދިރިއުޅޭ ރަށްތައް ތާހިރުކުރުމަށްޓަކައި އެޅިފައި އޮތް ހަރުދަނާ ފިޔަވަޅެކޭ މިއީ.” - ޝިފާޤު މުފީދު
މީގެ ކުރިން ފުލުހުން ބުނެފައިވަނީ، ރާއްޖޭގައި ހިނގާ ބައެއް ކުށްތައްކުރާ ފަރާތްތައް ކުށްތަކަށް އަރައިގަންނަނީ މަސްތުގެ ހާލުގައި ތިބެގެންކަން ފާހަގަކުރެވެމުން ދާކަމަށާއި، ގިނަ ޢަދަދަކަށް ބަނގުރާ މާލެތެރެއާއި އަތޮޅުތަކުގައި ވެސް ގެންގުޅޭ ކަމަށެވެ.
އޮކްޓޯބަރ 26، 2012 ގައި "ވީ މީޑިއާ އޮންލައިން" ގައި ޝާއިޢުކޮށްފައިވާ ޚަބަރެއްގައި ބުނެފައިވަނީ، ބަނގުރަލާއި އޫރު މަސް ރާއްޖެ އެތެރެކުރުން މުޅިން މަނާކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބިލަކީ ހައްދުފަހަނައަޅާފައިވާ ބިލެއް ގޮތުގައި ޓޫރިޒަމް މިނިސްޓަރ އަޙްމަދު އަދީބު ސިފަކުރައްވާފައިވާ ކަމަށެވެ. އަދި ބިލް މަޖިލީހުން ބޭރު ކުރުމަށް އަމިއްލަ ގޮތުންނާއި ސަރުކާރުގެ ތެރެއިން ވެސް މަސައްކަތް ކުރައްވާނެ ކަމަށް އަދީބާ ޙަވާލާދީ ބުނެފައިވެ އެވެ.
"އިޤްތިޞާދު ދެކެ ލޯބިވާ އަދި ހަމަވިސްނުމަކުން ވިސްނަވާ އެއްވެސް ބޭފުޅަކު އެބިލަށް ވޯޓް ނުދެއްވާނެ. ބަނގުރަލާއި އޫރުމަހަކީ މުސްލިމުންނަށް ހުއްދަ އެއްޗެއް ނޫން. އެއީ ޓުރިސްޓުންނަށް އަމާޒުކޮށް ދެވޭ ހިދުމަތެއް. މުސްލިމް ޤައުމެކޭ ކިޔައިގެން ދީން ހަތިޔާރަކަށް ހަދައިގެން އަސްލު އަމާޒަކީ ޓޫރިޒަމް އިންޑަސްޓްރީ ފުނޑުފުނޑުކޮށްލުން. މިއީ ހައްދުފަހަނައަޅާދާ ވަރަށް ދީން ބޭނުން ކުރުން. އަޅުގަނޑުމެންގެ ދީނަކީ އެންމެ ޕްރޮގްރެސިވް ދީން. އެ ދީން ބޭނުން ކޮށްގެން މާފަހަތުގައި އޮތް ދިމާލަކަށް ގެންދަން މިއުޅެނީ. އަޅުގަނޑު ދެކޭ ގޮތުގައި މިއީ ހަމަ ވަރަށް ހައްދުފަހަނައަޅާފައިވާ ބިލެއް،" އަދީބު ވިދާޅުވެފައިވެ އެވެ.
ޓޫރިޒަމް މިނިސްޓަރު އަދީބު އެސިފަކުރައްވާ ގޮތަށް ބަނގުރަލާއި އޫރު މަސް ރާއްޖެ އެތެރެކުރުން މުޅިން މަނާކުރުމަކީ ހައްދުފަހަނައަޅާ ދިއުމަށް ވެދާނެ ހެއްޔެވެ؟
އާއްމު ބައެއް ދިވެހިން ބުނަމުންދަނީ ބަނގުރަލާއި އޫރުމަހާ ނުލައި ރާއްޖޭގެ ޓޫރިޒަމް ކުރިއެރުވިދާނެ ކަމަށާއި، ބަނގުރަލާއި އޫރު މަސް ރާއްޖެ އެތެރެކުރުން މުޅިން މަނާކުރުމަކީ އެއްގޮތަކަށް ވެސް ހައްދުފަހަނައަޅާ ދިއުމެއް ނޫން ކަމަށެވެ.
"ޓޫރިސްޓުން ރާއްޖެ އަންނަނީ އެމީހުންގެ ރަށުން ރާ ނުބޮވޭތީ ރާ ބޯކަށް ނޫން. މިތަނުން ކޭ އެފްސީ މެކް ޑޮނަލްޑް ޖިއެޑާނޯ ފަދަ ބްރޭންޑް ތައް ނެތަސް ޓޫރިސްޓުން ދަނީ އަހަރުންއަހަރަށް ގިނަވަމުން. މިހާރުވެސް ތިބިލު ފާސްކޮށްގެން ރަލާ އޫރުމަސް މަނާ ކޮށްބަލަ. 100% ޔަގީން މާތްﷲ ގެ އިރާދަފުޅާއެކު މިރާއްޖޭގެ ފައިސާ ތަނަވަސްވެ ރިޒުޤު އިތުރުވާނެ." އޮންލައިން ނޫހަކަށް މީހަކު ކޮށްފައިވާ ކޮމެންޓެއްގައި ބުނެފައިވެ އެވެ.

















މިފަހަރު ހިނގާ މެންބަރުން ހަދާގޮތެއް ބަލަން ތިބެމާ އެގޮތަށް ހައްލުނުވެއްޖެއްޔާ ޑިސެންބަރ 23 ކަހަލަ ބޮޑުއެއްޗެއް ޖައްސަނިކޮށް ތިކަންހައްލުވެދާނެ މައްސަލައަކީ އަހަރެމެން ހުސްވާހަކަތަކެއްދައްކާތީ އިހްލާސްތެރިކަމެއްނެތީމަ ހުރިހާ ކަމެއްވެސް ސިޔަސީ……………………..
“ޙައްދު ފަހަނައަޅާދިއުން” މީ ދިވެހިންގެ ތެރޭގައި ވަރަށް ޢާންމުކޮށް މިހާރު ބޭނުންކުރެވެމުން އަންނަ ބަހެއް، އަދި ފާހަގަކޮށްލެވޭ ގޮތުގައި އިސްލާމްދީނުގައި ޙައްދު ފަހަނައަޅައިދާ ވާހަކަ ދައްކަމުންދަނީ ދީނުގެ ޢިލްމު ނެތްމީހުންނޭ ބުނުން ދޮގަކަށްނުވަާނެ. އަދި ބައެއްމީހުން ޤަބޫލް ކުރާގޮތުން ހަރުކަށިވުމާއި ޙައްދު ފަހަނައަޅައި ދާމީހުން ވަކިކުރަން އެގޭނީ ޔޫރަޕައި އެމެރިކާގެ މީހުނަށް. މިގޮތަށްދެކޭމީހުން ނަށް ބުނެލަންއޮތް ވާހަކައަކީ ކަމަކާއި ބެހޭގޮތުން ވާހަކަދައްކަން އެގޭނީ އެކަމެއްގެ މަޢުލޫމާތު ނެތްމީހުންހެއްޔެވެ؟ ކޮމްޕިއުޓަރަށް ދިމާވާމައްސަލަތަކުގެ ވާހަކަ ދައްކަން އެންމެރަގަޅުވާނީ ރާވެރިޔަކުހެއްޔެވެ؟ ނޮޫނީ މަސްވެރިޔަކު ހެއްޔެވެ؟ ނޫނީ އެދާއިރާއިރާއަކުން ކިޔަވައިގެން ތިބި މީހުން ހެއްޔެވެ؟ ވިސްނާލާށެވެ.
ޖާބިރު އެދުވަހު މަލާމަތުގެ ރާގުގައި ވާހަކަ ދެއްކީ. އެއްވެސް ހާލެއްގައި އެބިލަށް ތާއިދު ކޮށްފައްކާ ވާހަކަ ދެއްކީ އަކީނޫން. އަޅުގަނޑު ޙައިރާންވަނީ އަދީބު މިހާފާޅުކަން ބޮޑުގޮތެއްގައި މިވާހަކަ ދެއްކީމަވެސް އިސްލާމިކުމިނިސްޓުރީންވެސް އަދި އަދާލަތުޕާޓީންވެސް މިކަން ކުށްވެރިނުކުރާތީ. އަދި އެއްވެސް ދީނީ ޖަމުޢިޔާއަކުންވެސް މިކަން ކުށްވެރިނުކުރާތީ. ވިލާޓީވީންވެސް އަދީބުގެ މިމުޑުދާރު އިންޓަވިއު ފޮނުވި. އަދީބުގެ މިއިންޓަވިއު އަކީ ހައްދުފަހަނާޅާފައިވާ އިންޓަވިއުއެއް. ޖާބިރު މަޖިލިސްތެރޭގައި ދައްކާ ދީނާހިލާފު ވާހަކަތަކަށް ވެސްމިހާރު އެއްގޮތަކަށްވެސް އަދާލަތު ޕާޓީންއަޅައެއްނުލާ. ކޮޅުބަދަލުވީމަ މިކަންކަން ނުފެންނާތީ މައްސަލައަކީ. އިސްލާމިކް މިނިސްޓަރު ކުރިން ބުނި އިސްލާމީ މަރުކަޒުގެ ކާޕެޓް ރޯދައިގެ ކުރިން ބަދަލުކުރާނަމޭ އެކަމެއްވެސް ނުވި. އަދި ބުނި ފަންކާވެސް ހަރުކުރާނަމޭ އެކަމެއްވެސް ނުވި. އަދި ބުނި ކޮންމެ މަހަކު އިޙުޔާ ޕުރޮގުރާމެއް ބާއްވާނަމޭ އެކަމެއްވެސް ނުވި. މަސާޖުޕާލާ ތަކުގެ މައްސަލާގައި ކުރީގެ ދެސަރުކާރުން ދައްކާ ވާހަކަަ މިސަރުކާރުންވެސް މިހާރު ދައްކަނީ.
އަދީބު ތިހުރީ ހަމަ ރަގަޅަށްވެސް ހައްދުފަހަނައަޅާފަ، ބަނގުރަލާ އޫރުމަސް މަނާކުރުމަކުން އަހަރަމެންނަށް ވާނެ ހަމަ އެއްވެސް ގެއްލުމެއް ނޯންނާނެ.
މިއުޅެނީއަކީ އެއްވެސް ބަޔަކު ހައްދުފަހަނައަޅައިގެންނެއް ނޫނެވެ. ވެގެންއުޅޭ ގޮތަކީ ހަމަ އިސްލާމް ދީން ނޭގެނީއެވެ. ޖާހިލުކަން ބޮޑީއެވެ. ތަންދޮރު ނޭގެނީއެވެ. ބަލަ ތިމާގެ މަގާމު ކިތަންމެ މަތިވިޔަސް އަދި ތިމާގެ ކަރުގައި ދަންމަޅިއެއްހެން އައްސާފައި އެ އިންނަ ޓައީއޭ އެކިޔާ އެތި ކިތަންމެ ފުޅާވިޔަސް އެކަންކަމަކުން ތިމާ ވަކީ މޮޅު މީހަކަށެއް ނުވާނެއެވެ. މާތް ﷲ ގެ މަތިވެރި ދީނުގައި އޮތް ގޮތަކަށް ކަމެއް ކުރަން ބަޔަކު އުޅެގެންފިނަމަ ބައެއް މީހުންނަށް ހީވަނީ ގައުމު ބަނޑަށްޖެހި، ގައުމުގައި ހަމަނުޖެހުން ބޮޑުވެ، ގައުމު ފަނާވެ ނެތި ހިގައިދާނެކަމަށެވެ. ރާއްޖޭގައި ރާވެސް ވަނީ ރާއްޖޭގެ ގިނަ ބައެއްގެ އަތާއި އަދި ފައިވެސް ފޯރާފަށަށް އައިސްފައެވެ. އޫރުމަހާއި ޙަރާމް ކުރެއްވިހާ އެއްޗެއް ކައިބޮއެ ޙަރާމް ކުރެއްވިހާ ކަމެއް ކުރަމުން ދަނީއެވެ. މިކަންކަމުގެ ސަބަބުން ރާއްޖޭގެ ރައްޔިތުންގެ ފުދުންތެރިކަން އިތުރުވެއްޖެ ހެއްޔެވެ. ރާއްޖޭގައި ހަމަޖެހުން ގާއިމުވެއްޖެ ހެއްޔެވެ. ރާއްޖެއަށް ކުރިއެރުމެއް ލިބިއްޖެ ހެއްޔެވެ. އެހެންކަމުން ގަބޫލުކުރަން ޖެހޭ ހަގީގަތަކީ ރާއްޖޭގައި އެއްވެސް އެއްޗެއް ހައްދުފަހަނައަޅާ ދިޔަނަމަ އެއީ ތަންދޮރު ނުދަންނަ ޖާހިލުންގެ ވިސްނުމާއި ފިކުރު ކަމެވެ. ރާއްޖޭގައި މިހާރު މިއޮތް ޙާލަތަށްވުރެ ފުޅިބައްތި ދިއްލައިގެން ތިބުން ވެސް ހަގީގަތުގައި ވެސް މާ ރަގަޅުވާނެއެވެ!!!!!!!!!!!!!!!!!!!!!!!!!!
ައަޅުގަނޑަށްފެންނަނީ އިއްޒައްތެރި މެންބަރުން ވަގުތުން ޓުވަރިޒަމް މިނިސްޓަރގެ އިތުބާރުނެތް ކަމުގެ ވޯތަކަށްދިޔުމަށް. މިކަހަލަ ދިނާ ހިލާފް މިހުމް މިނިސްޓިރީތަކުގަ ތިބުމަކީ މުޖުތަމައުވަށް ހުރި ނުރައްކަލެއް. އަދާލަތު ޕާރޓީން ދީނުގެ ވާހަކަ ދެއްދީ ވރިކަން ބަދަލުނުވެގެން ކަންމިހާރު މިސާބިތުމިވަނީ ކޮންމެހެން ރައްޔިތުންނަށް ހެޔޮެރދެތީކީނޫންކަން.
ރައީސުގެ އިތުބާރު ނެއްކަމުގެ މައްސަލައެއް މަޖިލިހަށް ވައްދައިގެން މަޖިލިސް ތެރޭގައި ބޮޑު ސިޔާސީ ހަށިވިއްކުމުގެ ބޮޑު ސޭލާއި، ނީލަން އަޅުވާފައި މިހާރު މަޖިލިސް އެއޮތީ، ކަރަޕުޝަނުން ފުރިފައި ވާތަނެއް ތިމަޖިލިހަކީ!
ހުޅުލޭ އެއާރްޕޯޓް ޖީއެމް އާރަށް ދިންފަހުން ދިވެހިރާއްޖޭގައި ބަންގުރާ ވަނީ ވަރަށް ބޮޑަށް އިތުރުވެފައި، އެއާރޕޯޓް ޖީއެމް އާރާއި ހަވާލުކުރީވެސް ބަޔަކު މީހުން ހަމަ ރާބޯން ފަސޭހަކުރަންވެގެން، ރާލިބޭނެ ފަސޭހަ ދޮރެއް ހުޅުވަން ވެގެން! މިހާރުވެސް އެންމެ ގިނައިން ރާާަ ލީކުވެގެން މިއަންނަނީ އެއާރޕޯޓް ތެރެއިން!
މަޖިލިސް މެމްބަރުން ހިމާޔަތާއި ރައްކާތެރިކަން ދުނިޔެމަތީގައި ހޯދަނީ، ޔަހޫދީ ޖަމުއްޔާތަކާއި ގުޅިގެން އެޔަހޫދީންގެ ކިބައިން، ﷲ ގެ ހުކުމް ފުޅުތަށް ތަންފީޒުކޮށް ޤާއިމުކޮއްގެން ރައްކާތެރިކަން ހޯދަން އުޅޭތަނެއް މިމެމްބަރުން ކިބައިން ނުފެނޭ، އަބަދުވެސް މިމެމްބަރުންގެ އިމްތިޔާޒު ނުލިބިގެން ޢައިރު މުސްލިމުންނަށް އާދޭސްކުރަމުން ދުވާތަން މިމެމްބަރުން ކިބައިން ފެންނަނީ! މިމެމް ބަރުން ﷲ ބިރުވެތިވެ ތިމަންމެން ކުޅަ ހުވައިމަތިން ހަދާންކުރަން އެބަޖެހޭ،!
ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރައްވާފައިވެއެވެ. (لَعَنَ اللَّهُ الْخَمْرَ وَشَارِبَهَا وَسَاقِيَهَا وَبَائِعَهَا وَمُبْتَاعَهَا وَعَاصِرَهَا وَمُعْتَصِرَهَا وَحَامِلَهَا وَالْمَحْمُولَةَ إِلَيْهِ) މާނައަކީ: “ރާ ބޯމީހާ އާއި ބޯންދޭ މީހާ އާއި، ވިއްކާ މީހާ އާއި، ގަންނަ މީހާ އާއި، ދިޔަ ފެލާ މީހާ އާއި، ދިޔަ ފެލައި ދެވޭ މީހާ އާއި، އުފުއްލާ މީހާ އާއި އުފުއްލައި ދެވޭ މީހާ އަށް މާތް ﷲ ލަޢްނަތް ލެއްވިއެވެ.”
މިއަދީބު މީކޮން ދުނިޔެއެއްގައި އުޅޭ މީހެއްބާ، މީނާއަށް މީނާ އުޅޭ ދުނިޔެ ނޭންގެންޏާ މަޤާމުން އިސްތިއުފާ ދީފަ އެދުނިޔެއަކަށް ދިޔައީމަނިމުނީ،
ރަލަކީ މުސްލިމުންނައް ހަރާމް ކުރައްވާފައިވާ އެއްޗެއްކަމުގައި ލައްވަވާފައިވާއިރު އަދި އެޔާ ގާތްނުވުމައް އަންގަވާފައި ވާއިރު މިހައްދުގެ ބޭރުން މީނާ ކޮންހައްދެއްގެ ވާހަކަބާއޭ މިދައްކަނީ މައެބަ ހިތައްއަރާ، މިހައްދުގެ ބޭރޫން ދާކޮންމެ މީހަކީ ޝައްކެއްނެތްގޮތުގައި ހައްދު ފަހަނައެޅި މީހުން.
އޭ إيمان ވެއްޖެ މީސްތަކުންނޭވެ! ހަމަކަށަވަރުން، ރާއާއި، ޖުވާކުޅުމާއި، އަޅުކަންކުރަން ހަދާފައި ހުންނަ ބުދުތަކާއި نصيب ހުރިގޮތް ބަލަން ގެންގުޅޭ ދުނިދަނޑިތަކަކީ، شيطان އާގެ عمل ތަކުގެ ތެރެއިންވާ މުޑުދާރު ތަކެއްޗެވެ. ފަހެ، ތިޔަބައިމީހުން އެކަންތަކާ ދުރުވެގަންނާށެވެ! (އެއީ) ތިޔަބައިމީހުން ދިންނަވައި نصيب ލިބުމަށްޓަކައެވެ. [5:90]