
ސްކައިޕް : ދުނިޔޭގެ އެތައް މިލިއަން މީހުން ބޭނުން ކުރާ މިސްފްޓްވެއާ ބޭނުންކޮށްގެން ދީނީ ދަރުސްތައް ހަމަޖެހިގެންދިޔުމަކީ ޖީބަށް ލުއި ގޮތަކަށް ވެގެންދާނެއެވެ.
މިއަދު ﷲ ތަޢާލާ މިވަނީ އަޅުގަނޑުމެންނަށް ޓެކްނޮލޮޖީގެ ނިޢުމަތް ދެއްވާފައެވެ. މިއީ ހެޔޮ ގޮތުގައި ބަޔަކު އޭގެ ބޭނުން ހިފައިފި ނަމަ ނިޢުމަތަކަށް އަދި ނުބައި ގޮތުގައި ބޭނުން ހިފައިފިނަމަ ވަބާއަކަށް ވެގެންދާ އެއްޗެކެވެ.
އަޅުގަނޑުމެންގެ ރާއްޖޭގައި ދީނުގެ ދަޢުވަތުގައި ހަރަކާތްތެރިވާ ދީނީ ޢިލްމުވެރިންނަކީ ޙަޤީޤަތުގައި ނިސްބަތުން މަދު ބައެކެވެ. އެހެންކަމުން ރާއްޖޭގެ މީހުން ދިރިއުޅޭ ދުއިސައްތައެއްހާ ރަށަށް، އެރަށްތަކުގެ ޑިމާންޑާ އެއްވަރަށް ދީނީ ޢިލްމުވެރިންނާއި ދާޢީން ފޯރުކޮށްދިނުމުގެ މާލީ ކުޅަދާނަކަން އެއްވެސް މުއައްސަސާއަކަށް ލިބިގެން ނުވެއޭ ދެންނެވުމަކީ ދޮގަކަށް ނުވާނެއެވެ.
ދިވެހިރާއްޖޭގައި މީހުން އުޅޭ ދުއިސައްތައެއްހާ ރަށުގެ ތެރެއިން އެއްރަށް އަނެއްރަށާ ގުޅިފައިވަނީ މަދު ރަށެކެވެ. ގިނަ ރަށްތަކަށް ދަތުރު ކުރުމަކީ ޚަރަދުގެ ގޮތުން ބޮޑު ކަމަކަށް ވަނީ ވެފައެވެ.
މިސާލަކަށް ޅ. އަތޮޅު ނައިފަރުން، ފަޟީލަތުއްޝައިޚް މުޙައްމަދު މޫސާ، އެއްމެ ދަރުސަކަށްޓަކައި ޏ. އަތޮޅު ފުވައްމުލަކަށް ގެންދާނަމަ، ގާތްގަނޑަކަށް 10 ވަރަކަށް ހާސް ރުފިޔާ ޚަރަދުވެއެވެ. މިއީ އިޤްތިޞާދީ ގޮތުން ފުދުންތެރިކަން ނެތުމުގެ ވާހަކަ ގަދައަށް ދެކެވޭ މިފަދަ ޒަމާނެއްގައި ވަރަށްވެސް ބޮޑު ޢަދަދެކެވެ.
މިކަމާމެދު ވިސްނައި އަޅުގަނޑުގެ ސިކުނޑިއަށް އައި ޚިޔާލެއް ދީނަށް ލޯބިކުރާ ދިވެހި މުސްލިމުންނާ ޙިއްސާ ކޮށްލާނަމެވެ. އެއީ؛ އޯޑިއޯ ވީޑިއޯ ކޯލް ކުރުމުގައި ބޭނުންކުރެވޭ ސްފްޓްވެއާ ސްކައިޕް މެދުވެރިކޮށް ދީނީ ޢިލްމުވެރިންގެ ދަރުސްތައް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ބޭއްވޭނެ ގޮތެއް ހަމަޖެއްސިއްޖެނަމަ، ވަރަށް ޚަރަދުކުޑަކޮށް ދީނީ ޢިލްމުވެރިންގެ ބޭނުން ހިފޭނެކަމަށް ފެނެއެވެ.
މިގޮތުން އަޅުގަނޑަށް ލިބިފައިވާ މަޢުލޫމާތު ދޮގަކަށް ނުވާނަމަ، މިހާރުވެސް ސްކައިޕް މެދުވެރިކޮށް، ފަޟީލަތުއްޝައިޚް އާދަމް ޝަމީމް މެލޭޝިޔާގައި ހުންނަވައި، ދިވެހި ބައެއް ޒުވާނުންނާއި ބައްދަލުކުރައްވައި ދީނީ ޕްރޮގްރާމެއް ހިންގަވައެވެ. އެހެންކަމުން، މިއީ ވަރަށް ފުޅާދާއިރާއެއްގައި ބޭނުން ކުރެވިދާނެ ވަޞީލަތެއް ކަމުގައި ދެކެމެވެ.
ދުނިޔެ ތަރައްޤީ ވަމުންދާ މި ޒަމާނުގައި އަޅުގަނޑުމެން މުސްލިމުން މި ތަރައްޤީގެ ބޭނުން ހެޔޮގޮތުގައި ހިފަން ޖެހޭނެއެވެ. ﷲގެ ދީން މަތިވެރިކުރުމަށް، އެއިލާހު ޙަރާމް ކުރައްވާފައިވާ ކަންތައް ފިޔަވައި އެހެން ހުރިހާ ކަމެއް ކުރަން ޖެހޭނެއެވެ. ކިތަންމެ ހަނި ދޭތެރެއަކުން އިސްލާމްދީނަށް ނަޞްރު ދެވެން އޮތަސް އެދޭތެރެއަކުން ދެމިގަންނަން ވާނެއެވެ.
ސްކައިޕް މެދުވެރިކޮށް، ދީނީ ދަރުސް ހުށަހެޅުމުގައި، ކުރިއަށް ގެންދެވިދާނެ ގޮތެއް ހުށަހަޅާލާނަމެވެ. މިގޮތަކީ މިއީ މިކަން ކުރެވޭނެ ހަމައެކަނި ގޮތެއް ނޫނެވެ. މިއީ ހަމައެކަނި ޚިޔާލެއް ކަމަށް ބައްލަވައި، މީގެ މައްޗަށް ތިޔަ ބޭފުޅުންގެ ޚިޔާލުފުޅުތައް ބޭނުންކުރައްވައިގެން މިއަށްވުރެ ތަނަވަސް، އަދި ފުރިހަމަ ގޮތެއް ނެރެވިދާނެ ކަމަށް ޤަބޫލުކުރަމެވެ.
މިގޮތުން:
- ޝޭޚަށް ނުވަތަ ޝޭޚުގެ ދަރުސްތައް އިންތިޒާމް ކުރާ ފަރާތަށް ގުޅައި، ވަކި ދުވަހެއްގެ ވަކި ގަޑިއެއް އެކަމަށް ހަމަޖެއްސިދާނެއެވެ. މިގޮތަށް ހަމަޖައްސާ ގަޑިއަށް ދެފަރާތުންވެސް ޙުރުމަތްތެރިކޮށް ހިތަންވާނެއެވެ.
- ރަނގަޅު އިންޓަނެޓް ކަނެކްޝަނެއް ދެފަރާތަށްވެސް ލިބެން ވާނެއެވެ. މިއީ މިއަދު އުނދަގޫ ކަމެއް ނޫނެވެ. މިކަމަށްޓަކައި ދިރާގު ނުވަތަ ވަޠަނިއްޔާގެ ޔޫއެސްބީ މޮޑެމެއްވެސް ބޭނުންކުރެވިދާނެއެވެ. ނުވަތަ އާދައިގެ އިންޓަނެޓް ކަނެކްޝަނެއްވެސް ފުދޭނެއެވެ. މޯބައިލް ކަނެކްޝަނެއްނަމަ، އޯޕަން ސްޓޭޖްތަކާއި ޖަގަހަ ތަކުގައި ކުރިއަށް ގެންދިޔުމުގައި އެހީތެރިވެދޭނެއެވެ.
- ދަރުސް ދެއްވުމަށް ޝޭޚަށް ޚާއްޞަ ސްކައިޕް އެޑްރެސް އެއް ހުޅުވުން މުހިއްމެވެ. އެއީ ޝޭޚްގެ އަމިއްލަ ބޭނުންފުޅަށް ނުވަތަ ޢާއިލާއާއި ގާތްތިމާގެ މީހުންނާ ގުޅުއްވުމަށް ގެންގުޅުއްވާ އެޑްރެސް ކަމަށްވެގެން ނުވާނެއެވެ.
- މި ދަރުސް ޒުވާން ކުދިބަޔަކާއެކު ހޯލެއްގައި ނުވަތަ ކްލާސްރޫމެއްގައި ނުވަތަ ތަނަވަސް ސިޓިންގރޫމެއްގައިވެސް ބޭއްވިދާނެއެވެ. މީގައި މުހިއްމު ކަމަކީ ބައިވެރިވާ މީހުން ފޫހިނުވާފަދަ ގޮތަކަށް އެރޭންޖު ކޮށްފައި ބެހެއްޓުމެވެ. މިސާލަކަށް ޕްރޮޖެކްޓަރެއްގެ އެހީގައި ސްކްރީނަކުން ފެންނާނެ ގޮތަށް ހަދައި، އެންމެންނަށް އަޑުއިވޭނެގޮތަށް ބެހެއްޓުމެވެ. މިކަން ހަމަޖައްސަންވާނީ ދަރުސްދެވޭ އޯޑިއަންސްގެ ކުޑަ ބޮޑުމިނަށް ބަލައިގެންނެވެ.
- ދެފަރާތުގައިވެސް ކެމެރާ ހުރުމަކީވެސް އެންމެ ރަނގަޅު ކަމެކެވެ. އޭރުން ވާހަކަ ދައްކަވާއިރު ޝޭޚަށް ތިމަންނަގެ ވާހަކަ އަޑުއަހަން ތިބި އޯޑިއަންސް ފެނުމުން ކުރިއަށް ގެންދަވަން ފަސޭހަވާނެކަމަށް ފެނެއެވެ.
- ދެފަރާތުގައިވެސް މައިކް ބަހައްޓާފައި ހުރުން މުހިއްމެވެ. އެއީ ނިމުމަށްފަހު ސުވާލާއި ޖަވާބުގެ ފުރުޞަތެއް ހުޅުވާލަން ޖެހުނަސް، އެކަން ކުރެވޭނެ ގޮތަށް ހުރުމެވެ. މިކަމަށް ކޮންމެހެން ބޮޑު މައިކް ސިސްޓަމެއް ހުރުމަކީ މުހިއްމު ކަމެއް ނޫނެވެ. އާދައިގެ ހެޑްސެޓެއްގައި ހުންނަ މައިކުން ވެސް ފުދޭނެއެވެ.
އަޅުގަނޑުގެ އުއްމީދަކީ މިފަދަ އިންޓަނެޓްގެ މުހިއްމު ވަޞީލަތްތައް ބޭނުންކޮށްގެން، އަޅުގަނޑުމެންގެ އިސްލާމްދީނަށް ނަޞްރުދޭ ބައެއްކަމަށް އަޅުގަނޑުމެން އެންމެންވެސް ލެއްވުމެވެ.
ނަމަވެސް މީގެ މާނައަކީ ޢިލްމުވެރިން ރަށްތަކަށް ދަތުރު ކުރެއްވުން އެކީގައި ހުއްޓުވާލުމެއް ނޫނެވެ. އެއީ ކުޅަދާނަކަން ލިބިގެންވާނަމަ، އޭގެ އެންމެ ފުރިހަމަ އަދި އެންމެ ރަނގަޅު ގޮތަކަމަށް ޤަބޫލު ކުރަމެވެ. އެހެންނަމަވެސް، ޚަރަދަށްބަލައި މިގޮތަށް ކަންތައް ކުރެވިއްޖެނަމަ، ޢިލްމުވެރިންގެ "މެކްސިމަމް" ފައިދާ ހިފޭނެކަމަށް ފެންނާތީ ދަންނަވާލީއެވެ.
ހަމަ އެހެންމެ މިއީ ރާއްޖޭގައި ޙަރަކާތްތެރިވާ މަދަނީ ޖަމްޢިއްޔާތަކަށްވެސް ޖީބަށް ލުއި ގޮތެއް ކަމުގައި ވެގެން ދާނެއެވެ. އަދި ހަމަ އެހެންމެ، ރާއްޖެއިން ބޭރުގައި ދިރިއުޅޭ ޢާއިލާތަކާއި ދިވެހިންނަށް ދީނީ ދަރުސްތައް އެރޭންޖް ކުރުމުގައި ފަސޭހަ މަގެއްކަމުގައި ޤަބޫލު ކުރެވެއެވެ. ޢާއިލާތަކަށްވެސް ވަކިން ވަގުތުތައް ބުކްކުރުމަށްފަހު ދަރުސެއް އިންތިޒާމްކުރެވިދާނެއެވެ.
މިހުވަފެން ޙަޤީޤަތަކަށް ވެގެންދާތަން ދުށުމުގެ އުއްމީދުގައި ދިވެހި ލޮބުވެތި މުސްލިމުންނަށް ހުށަހަޅާލާނަމެވެ.
ތިކަން އަވަސް ކުރަމާ
ރަގަޅު ހިޔާލެއް.. އެކަމަކު ދީނީ ސުވާލު ކުރެވޭ ގޮތައް ރާއްޖޭގެ ފުންނާބު އުސް ޝައިހުން މެދުވެރިކޮށް ޓީވީ ޗެނެލަތަކުން ދީނީ ސުވާލުތައް ކުރުމުގެ ފުރުސަތު ހުޅުވައިގެން ކުރިއަށް ގެންދިޔުން މާ ރަގަޅު. ސްކައިޕް މެދުވެރިކޮށް ދަރުސްއެއް ބެލުމުގެ ފުދުންތެރިކަން ލިބޭ މީހުނަށް ވުރެެ ޓީވީން އެކަން ކުރެވޭނެ ފަރާތްތައް ހާހުން ގިނަވާނެ.. މިހާރު ވެސް ރާއްޖޭގެ ހުރިހާ ޓީވީތަކުން ޖުމުލަ ދޭއް ނުވަތަ ތިން ދީނީ ޕްރަގްރާމް އެގެންދާ ގޮތުގެ ވާހަކައެއްނުން މިބުނީ.. އެ ޕްރަގްރާމްތަކަކީ ރަގަޅު މަޤްސަދުގައި ކުރިއަށް ގެންދާ ޕްރަގްރާމްތަކެއްނޫން.. އަދި މިފުރުސަތުގައި ޕީސް ޓީވީ އަށް ވުރެވެސް ރަގަޅަށް އެކި ޝައިހުންގެ ފަތުވާ އާއެކު އިސްލާމްދީނުގެ ފުރިހަމަ މައުލޫމާތު ފޯރުކޮށްދޭ ޓީވީ ޗެނެލަކަށް ދިވެހިން ފެން ބޮވައިގެންފައިވާއިރު އެކަންކުރެވެން އޮތް ފަރާތްތައް އެކަމާ ވިސްނެވުން އެދެމެވެ…
ވަރަށްރަޅުހިޔާލެއް މަރުހަބާއަނީލް
ވީޑިއޯ ކޯލް ކުރެވޭނީވެސް ރާއްޖޭގައި އަންލިމިޓެޑް ހައިސްޕީޑްގެ އިސްޓަނެޓުގެ ޚިދުމަތުގެ އަގު އެއްހާހުން ދަށައްގެނެސް މިހާރު 1އެމްބީޕީއެއްސުން އިންޓަނެޓުގެ ސްޕީޑް ދަށިއްޔާ އެއީ ވީޑިއޯބަލާ ހަދަން ކަމުދާ ސްޕީޑެއްނޫން އާއްމު ރައްޔިތުނައް އަތްފޯރާއަގަކަށް ގެނެސްގެން ތިހިދުމަތްތަކުގެ ބޭނުން ރަނގަޅަށް ކުރެވޭނީ ބޭރު ޤައުމުތަކުގައި މިހާރުވެސް ރާއްޖެއަވުރެން މާއަގުހެޔޮކޮށް ހައިސްޕީޑް އިންޓަނެޓު ފޯރުކޮއްދެމުންދޭ މިހާރު އެހުރި އަގަކީ ރަނގަޅު ފެންވަރެއްގެ އިންޓަނެޓުގެ ޚިދުމަތެއް އާދައިގެ އާއްމުރައްޔިތުންނަށް ލިބޭނޭ އަގެއްނޫން.