ރިޕޯޓް

އަހިވަކަކާ ޖެހި އަހިވަކެއް ފާވާނޭ

މާލޭގެ މަގުމަތި. ދިއިސްލާމް ފޮޓޯ؛ މުހައްމަދު ވަސީމް

މާތް ﷲ ތަބާރަކަ ވަތަޢަލާ އިންސާނުން އުފައްދަވާފައިވަނީ ފިޠުރަތުގެ ސާފުކަންމަތީއެވެ. ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރެއްވާފައި ވެއެވެ. "كل مولود يولد على الفطرة, فأبواه يهودانه, أوينصرانه, أويمجسانه މާނައީ" ކޮންމެ ކުއްޖަކުވެސް އުފަންވަނީ ފިޠުރަތުގެ (ސާފުސީދާ) ގޮތްމަތީގައެވެ. އޭނާ ޔަހޫދީއަކަށް ހަދާނީވެސް ނުވަތަ ނަޞާރާއަކަށް ހަދާނީވެސް ނުވަތަ މަޖޫސީއަކަށް ހަދަނީވެސް އޭނާގެ މައިންބަފައިންނެވެ." ޢިލްމުވެރިން ވިދާޅުވާ ގޮތުގައި މައިންބަފައިންނޭ ބުނާބަހުގެ ތެރޭގައި ބެލެނިވެރިންނާއި މުދައްރިސުން ހިމެނެއެވެ
.

ކަންމިހެން ހުރިއިރު އަޅުގަނޑުމެންގެ ތެރެއިން ކިތައްކިތައް މައިންބަފައިން އެމީހުންގެ ދަރިން އުޅޭނޫޅޭ ގޮތް ބަލައިތޯއެވެ؟ އެކުދިން އެކުވެރިންގެ ގޮތުގައި ގެންގުޅެނީ ރަނގަޅުކުދިންތޯ ބަލައި ހެއްޔެވެ؟ އަޅުގަނޑުމެންގެ ކިތަކިތައް މުދިރިސުން އެމީހުންގެ ދަރިވަރުންނަށް އެކުވެރިންގެ ގޮތުގައިގެންގުޅެންވީ ކޮންކަހަލަ ކުދިންނެއްކަން ބުނެދޭހެއްޔެވެ؟

އެއްވެސް ޝައްކެއްނެތެވެ. އިންސާނާ މަގު ގެއްލި ހަލާކުވެގެންދާ އެއް ސަބަބަކީ އެ އިންސާނާގެ އެކުވެރި ރަޙްމަތްތެރިންގެ ސަބަބުންނެވެ. އާއެކެވެ. އަހިވަކަކާ ޖެހި އަހިވަކެއް ފާވާނޭއެވެ. އާދެ ގޯސްމީހުންނާއެކު އުޅޭކަމަށްވަންޏާ ޝައިޠާނާ ހެއްލި ރަނގަޅު މީހުންވެސް ގޯސްވާނެއެވެ. އެމީހުންކުށްތައް ކުރުމުގައި އިސްރާފު ކުރިމީހުން ތިމަން މިހުރީ އިސްލާހު ވެފައޭބުނެގެން އެކަންގަބޫލު ނުކުރާށެވެ. އެމީހުން މަސައްކަތް ކުރާނީ އެމީހުންގެ ގުރޫޕަށް ތިބާވެސް ވައްދާ ބޯގިނަ ކުރާށެވެ. އާދޭހެވެ! އެއްފުޅަށް މަތިން ފުއްމާލި ބަކަރި ހަފުޅަށްމަތިން ފުއްމާލާނެއެވެ. އެހެންކަމުން އަޅުގަނޑުމެން އަޅުގަނޑުމެންގެ ރަހްމަތްތެރިންގެ ހަޤީގަތް ހޯދައި ސަމާލުވާންޖެހެއެވެ. ބެލެނިވެރިން ލޯހުޅުވަން ޖެހެއެވެ. އޭ އަޅުގަނޑުގެ އެކުވެރިންނޭވެ! ނިކަން މިކަމަށް ސަމާލުވާށެވެ.
ގިނަފަހަރަށް ކުށްކުރާ މީހުން، ކުށްކުރުމަށް މަގުފަހިވަނީ އެމީހުންގެ ރަޙްމަތްތެރިންގެ ސަބަބުންކަން ޔަޤީނެވެ. ދާދިފަހުން އަޅުގަނޑުމެން ކުރިދިރާސާއިން ދައްކާގޮތުގައި ޒުވާނުންގެ ތެރެއިން ތިންބައިކުޅަ އެއްބަޔަށްވުރެ ގިނަ ޒުވާނުން ކުށްކުރާމީހަކަށްވަނީ ރައްޓެހިންގެ ސަބަބުންނެވެ. އެހެންކަމުން އަޅުގަނޑުމެންނަށް ދިމާވެފައިމިވާ ނާމާންކަމާއި މެދުވިސްނާ ފިކުރުކޮށް ބަލާށެވެ.
އޭ ހުރި ހިތާމައެއްގެ ބޮޑުކަމާއެވެ. އަޅުގަނޑުމެންނަށް އަދު ފެނިގެން މިދަނީ ދަރިން ރަނގަޅު ގޮތުގައި ތަރުބިއްޔަތުނުކޮށް ވާޖެހޭ ކޮޅަކަށް ދޫކޮށްލުމުން ދެން ފެނިގެންދާނެ މަންޒަރެވެ. މިހާރު އަރުގައި ތިލާ ހިތި ރަހައަކީ ދަރިން ބޭނުންހާ ބަޔާކާ އެކުވެރިކަން ބޭއްވުމަށް ދޫކޮށްލުމުން ވާނެގޮތެވެ. އޭ އަޅުގަނޑުފަދަ ޒުވާނުންނޭވެ. ތިމާ، އެންމެ އަވަހަށް މަގުފުރައްދާނީ ހަމަ ތިމާގެ ރަޙްމަތް ތެރިންނެވެ. ހަމަ ތިމާގެ އަގުވައްޓާލުމަށް އެންމެ ބޮޑަށް އެހާޖާނު އުފައްދާ މީހުންނަށް އެހީތެރިވާނީ އެންމެ ގާތް އެކުވެރިންނެވެ. ލިބިފައިވާ ނިއުމަތެއްގެ މުހިންމުކަން އެނގޭނީ އެނިއުމަތެއް ގެއްލުނީމައެވެ. ހަމަ އެގޮތަށް އަޅުގަނޑު މިދައްކާވާހަކަވެސް ވިސްނޭނީ މި ދެންނެވި ގޮތަށް ކަންތައް ވެގެން ދިޔައީމައެވެ.
މިހެން ދެންނެވި ނަމަވެސް ހުރިހާ ރަހުމަތްތެރިންނެއް އެއްގޮތެއް ނުވާނެއެވެ. އެހެންނަމަވެސް ވިސްނަވީ ކަމަކީ ތިމާގެ ހުރިހާ ކަމެއް ރަހުމަތްތެރިންނަށް ހިއްޞާ ނުކުރުމަށެވެ. އެއަށްވުރެ ބޮޑަށް ތިމާގެ މައިންބަފައިންނާ އެފަދަ ކަންތައްތަކުގައި މަޝްވަރާކޮށް އެބައިމީހުނގެ ކިބައިން އެހީތެރިކަން ހޯދުމަށެވެ. ހަމަ އެގޮތަށް އެއްބަނޑު އެއްބަފައި އަޚުންނާ އެކަންތައްތައް ޙިއްޞާ ކުރުމަށެވެ.
ގޯސް ރަހްމަތްތެރިންގެ ބަހަށް ހެއްލިގެން ދިޔުމުގެ ނަތީޖާއަކަށްވާނީ، މަސްތުވާތަކެއްޗާއި ޒިނޭޔާއި ވައްކަމާއި މާރާމާރީއާއި ލޫޓުވުމާއި ފޭރުމާއި މީހުންގެ އަބުރާއިބެހުމާއި ތިމާގެ އަޚުންނަކީ ދުސްމަނުގެ ގޮތުގައިދެކި ލޭގެ ގުޅުންކެނޑުންފަދަ އިސްލާމްދީނުގައި ހަރާމް ކުރައްވާފައިވާ ކަންތައްތައް ތަކުރާރުކޮށް ކުރުން މަތީގައި ދެމިހުރެ ދެދުނިޔޭގެ ބާއްޖަވެރިކަން ގެއްލިގެން ދިޔުމެވެ.
އަޅުގަނޑުގެ ދުޢާއަކީ އަޅުގަނޑާއި ތިއެންމެ ބޭފުޅުންނަކީ އިސްލާމްދީނުގެ އަސާސްތައްމަތީ ދެމިތިބެ، ދެ ދުނިޔޭގެ ބާއްޖަވެރިކަން ހޯދުމަށް މަސައްކަތް ކުރާ ބަޔަކު ކަމުގައި ﷲ މިންވަރު ކޮށްދެއްވުމެވެ. އާމީން!

ގުޅުންހުރި

1 ޚިޔާލު

  1. އާމީން

Your email address will not be published. Required fields are marked *

More in ރިޕޯޓް