ދިވެހިރާއްޖޭގައި މަސާޖު ޚާނާ ތަކާއި، ބާވަތް ބާވަތުގެ ނާސިގެތައް ހުންނަ ވާހަކަޔަކީ އަޅުގަނޑުމެން އެންމެން ފަރިތަ ވާހަކައެކެވެ. އެފަދަ ތަންތަނަށް ސިފައިން ގޮސްގެން އެތަންތަން ބަންދުކުރާ ވާހަކަވެސް ޚަބަރުތަކުން އަޅުގަނޑުމެން އަޑު އަހައި އުޅެމުއެވެ. އަދި އެފަދަ ތަންތަން ހިންގަނީ ބޭސްވެރި ކްލިނިކް ތަކާއި، ބިއުޓީ ސެލޫން ތަކުގެ ނަމުގައިކަންވެސް އަޅުގަނޑުމެން ދިވެހީން ދަންނަމުއެވެ. މިގޮތުން 2011 މިވަނަ އަހަރު ފެބުރުއަރީ 10 ވަނަ ދުވަހު މ. ކުރަހާގޭގައި ހިންގަމުން އައި ގްލީޓްސް ސެލޫންގައި ހަށިވިއްކި މައްސަލާގައި 13 މީހަކު ހައްޔަރު ކުރި ވާހަކައެއް ފުލުހުން ހާމަކޮށްފައިވެއެވެ.
ބަޔާންވެދިޔަ ޙަޤީޤަތް މިގޮތުގައި އޮތްއިރު އަޅުގަނޑުމެންގެ ތެރެއިން ކޮންމެ މުސްލިމް ދިވެއްސަކު އެފަދަ ތަންތަން މާލެއައި ރާއްޖެތެރޭގައި ހިންގާތޯ ބެލުމުގެ ނަމުގައި، އެތަންތަނަށް ވަދެ އައްޔާޝީ ދާންތަކުގައި ވަޙުޝީ ޖަރީމާތައް ހިންގާކަށް ނުޖެހެއެވެ. އެހެންނަމަވެސް ހިތާމަޔަކީ ރީތި ނަމެއްގައި ބަޔަކު މީހުން ނިކުމެ މި ވަހުޝީ ޖަރީމާތައް ހިންގާފައިވާ ކަމެވެ. ނުވަތަ ހިންގަމުންދާ ކަމެވެ. އަދި އެ ހިންގި ޖަރީމާތަކުގެ ވާހަކަ އެއްވެސް ލަދެއް ޙަޔާތެއް ނެތި "ޕްރޮފެޝަނަލް ނޫސްވެރި" ކަމުގެ ނަމުގައި ފަތުރަމުންދާކަމެވެ. ވަޙުޝީ ޚިޔާލުތަކުގެތެރެއަށް ގިނަ ޢަދަދެއްގެ ޢާންމުން ޣަރަޤު ކުރަމުންދާކެމެވެ. ފޮރުވިގެންތިބެ ބަޔަކުމީހުން ހިންގާ ނާސިގެތައް އިސްތިހާރު ކުރަމުންދާކަމެވެ. އެތަންތަނުން ލިބެން ހުންނަ ޚިދުމަތްތަކާއި، އެތަންތާ ޚިދުމަތްދޭން ތިބޭ ކަސްބީ އަންހެނުންގެ "ފައްކާ" ވާހަކަ ޢާންމުންނަށް ކިޔައިދޭކަމެވެ.
އިސްލާމީ ތަޢުލީމު ބުނާގޮތުގައި މީހަކު ކުރާ ފާފައިގެ ވާހަކަ ފަޚުރެއްކަމުގައި ހަދައިގެން އަނެކާއަށް ކިޔައިދިނުމަކީ ފާފައިގެ މައްޗައް ކުރެވޭ އިތުރު ފާފައެކެވެ. އެފަދަ މީހުނަށް ހުރީ ވޭންދެނިވި ޢަޛާބެވެ. ނަމަވެސް އަޅުގަނޑުމެންގެ ތެރެއިން ބަޔަކުމީހުން "ޚާއްސަ ކަވަރޭޖް" ގެ ނަމުގައި އެމީހުން ނާސިގެތަކަށް ދިޔަ ވާހަކަ އާއި، އެތަންތާނގައި ހިންގި ބޮޑުވެގެންވާ ޖަރީމާގެ ވާހަކަ ފަޚުރުވެރިކަމާއެކު ކިޔައިދެމުން އެތިބަދަނީ، ތިމައުރެން ހުށަހެޅެމުން މިދަނީ އަލިފާނުގެ ގަދަފަދަ ޢަޛާބަށް ކަމާމެދު ފިކުރުކޮށްލުމެއްނެތިއެވެ.
އާނއެކެވެ! އަޅުގަނޑު މިދައްކަނީ ސަން އޮންލައިނުން "ސަން ނޫސްވެރިން ނާސިގެތަކަށް" މިނަމުގައި ކުރިޔައްގެންދާ "ޚާއްސް ކަވަރޭޖް" ގެ ވާހަކައެވެ. މިކަވަރޭޖުން ޙާސިލްވީ ކޮންކަމެއްތޯއެވެ؟ ޖަވާބުގައި ދަންނަވަން ޖެހެނީ ނަހަމަ ގޮތުގައި ސަންގެ ނޫސްވެރިންގެ ޖިންސީ ޣަރީޒާ ފުދިގެން ދިޔުމާއި، މުޖުތަމަޢުގައި އައްޔާޝީކަން ފެތުރުން ނޫންކަމެއް ނުވާކަމަށެވެ. ނާސިގެތައް ހިންގާމީހުންނަށް ފިޔަވަޅު އަޅަން ތިބި ސިފައިންނާ ފުލުހުންނަށް އެތަންތަން "ރެޑް ހޭންޑް" ކޮށް އަތުލައިގަތުމުގެ އެއްވެސް ފުރުޞަތެއް މި އޮޕަރޭޝަނުގެތެރެއިން ލިބިފައެއް ނުވެއެވެ. ކޮންމެ ނޫސްވެރިޔެއްގެ ޖިންސީ އެދުންވެރިކަން ފުދިގެން އެ ނާސިގެތަކުން ނިކުމެވުނީމަ "މިޝަން ސަކްސެސްފުލް" ވީއެވެ.
ޤަބޫލުކުރަން ކިތަންމެ ބޭނުން ނުވިކަމުގައި ވިޔަސް މިއަދު އަޅުގަނޑުމެންގެ ފުންނާބު އުސް ނޫސްވެރިންގެ ސޯޓު ބޭލިއްޖެއެވެ. އެމީހުންވެސް ވަނީ "ވެބް ކެމް" ކުރިމަތީ އޮރިޔާންވީ މީހުން ފަދައިން އޮރިޔާން ވެފައެވެ. ރައްޔިތުންގެ އިތުބާރު ގެއްލި މަގު އޮޅިފައިވާ ނޫސްވެރިންތަކެއް ކަމުގައި އެމީހުންވެ ނިމިއްޖެއެވެ. ނޫސްވެރިކަމުގެ މިނިވަންކަމާއި ފަންނުވެރި ކަމުގެ ތެރެއިން އެމީހުންގެ އަބުރާއި ޢިއްޒަތް އަމިއްލަޔަށް ނަގާލި މީހުންގެ ސަބަބުން ނޫސްވެރިކަން ހަޑިވެ ތަޣައްޔަރުވެއްޖެއެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...