ކޮލަމިސްޓް

ކޮންމެ ބޭފުޅަކުވެސް ބައިވެރިވެލައްވާށެވެ!

ލިޔުނީ : ޙަސަން ޒާހިރު

ދުނިޔެ ދައްކާ ދަޅަތަކަށް ހެއްލި އަޅުގަނޑުމެންނަށް އަޅުގަނޑުމެންގެ 'ސައިޒު' އޮޅިއްޖެއެވެ. އަޅުގަނޑުމެންގެ ވެރި ރައްބުލް ޢާލަމީންގެ ޙުކުމްފުޅުތަކަށް ބޯލަނބައި ކިޔަމަންގަތުމުގެ ސިފަ އަޅުގަނޑުމެން އަތުން ބީވެގެން ހިނގައްޖެއެވެ.

މާތް ﷲ އިންސާނާ ނެތުމުގެތެރެއިން ވުޖޫދު ކުރެއްވުމަށްފަހު އޭނާ އަށް އެންމެ ފައިދާހުރި ގޮތާއި ގެއްލުން ހުރިގޮތް ބަޔާންކޮށްދެއްވިއެވެ. އިލާހިއްޔަ ހަޟުރަތުން މަތިވެރިވެގެންވާ ޝަރީޢަތެއް ބާވައިލެއްވިއެވެ. އޭއާއެއްގޮތަށް ޢަމަލުކޮށްފިނަމަ ފާލާޙު ލިބެނިވި ދިރިއުޅުމުގެ ނިޒާމެކެވެ. ހިތާމަޔަކީ މިފަދަ މަތިވެރި ޝަރީޢަތަކަށްވެސް އަޅުގަނޑުމެން ފުރަގަސްދެމުންދާކަމެވެ. އަދި އެޝަރީޢަތް ޤާއިމް ކުރުމާމެދު ތިމަތިމާމެންގެ އަމިއްލަ ޚިޔާލު ފާޅުކުރަމުންދާ ކަމެވެ. މާތް ﷲ ބާވައިލެއްވި ޝަރީޢަތާ އެއްގޮތަށް ޙުކުމް ކުރަންވީތޯ ނުވަތަ ނޫންތޯ ބަޙުޘް ކުރަމުންދާކަމެވެ.

ލަދުވެތިކަމުގެ ކަންފުޅެއްވެސް އަޅުގަނޑުމެންގެ ކިބައިގައި ނެތީތޯއެވެ؟ ކީރިތި ޤުރުއާނުގައިވާ ޙުކުމްފުޅުތައް ތަންފީޛް ކުރުމާމެދު ބަޙުޘް ކުރުމުގެ ޙައްގެއް އަޅުގަނޑުމެންނަށް ލިބިގެނެއް ނުވެއެވެ. އަދި ޚިޔާލު ހޯދުމުގެ ވޯޓަކަށް ދިއުމުގެ ޙައްޤެއްވެސް އަޅުގަނޑުމެންނަށް ލިބިގެނެއް ނުވެއެވެ. އެހެނީ އެއީ ހުރިހާކަމެއް މޮޅަށް ދެނެވޮޑިގެންވާ العليم ގެ ޙަޞްތަރުން ބާވައިލެއްވިގެންވާ ޝަރީޢަތެވެ. ވުމާއެކު މުއުމިނުންގެ ގޮތަކަށް ވާންޖެހޭނީ ތިމަންމެން އަޑުއަހައި ކިޔަމަންގެންފީމޭ ބުނުމެވެ. އެބައިމީހުންނީ ދިންނަވާ ނަޞީބު ލިބެނިވި މީހުންނެވެ. (إِنَّمَا كَانَ قَوْلَ الْمُؤْمِنِينَ إِذَا دُعُوا إِلَى اللَّـهِ وَرَسُولِهِ لِيَحْكُمَ بَيْنَهُمْ أَن يَقُولُوا سَمِعْنَا وَأَطَعْنَا ۚ وَأُولَـٰئِكَ هُمُ الْمُفْلِحُونَ) ((އަންނޫރު 51)) މާނައީ :- "އެބައިމީހުންގެ މެދުގައި ޙުކުމެއް ކުރެއްވުމަށް ﷲ އާއި އެކަލާނގެ ރަސޫލާގެ އަރިހަށް އައުމަށް އެބައިމީހުންނަށް ގޮވައިލައްވައިފި ހިނދަކު މުއުމިނުންގެ ބަހެއްކަމުގައި ވާކަންކަށަވަރީ ތިމަންމެން އަހައިފީމުއޭ، އަދި ތިމަންމެން ކިޔަމަންވެއްޖައީމުއޭ ބުނުމެވެ. އަދި ދިންނަވައި ނަޞީބުލިބޭ މީހުންނަކީ ހަމަ އެބައިމީހުންނެވެ."

އާދޭހެވެ! ކިތަންމެ ބޮޑު މުސާރަޔަކާ، އިނާޔަތެއްގެ ވެރިބަޔަކަސް، އަދި ކިތަންމެ މަތީ ޝަރަފަކާ ޢިއްޒަތެއްގެ ވެރިބަޔަކަސް އެއުރެން ﷲ ބާވައިލެއްވި ޙުކުމުން ޙުކުމް ނުކުރާނަމަ އެއުރެން އެއީ ހަމަ އަނިޔާވެރިންނެވެ. (وَمَن لَّمْ يَحْكُم بِمَا أَنزَلَ اللَّـهُ فَأُولَـٰئِكَ هُمُ الظَّالِمُونَ) ((އަލް މާއިދާ 45)) މާނައީ:- "އަދި اللَّه ބާވައިލެއްވި حكم ން حكم ނުކުރާމީހާ (ދަންނާށެވެ!) ފަހެ، އެއުރެން އެއީ، ހަމަ އަނިޔާވެރިންނެވެ." އަދި އެއުރެން އެއީ ފާސިޤުންނެވެ. (وَمَن لَّمْ يَحْكُم بِمَا أَنزَلَ اللَّـهُ فَأُولَـٰئِكَ هُمُ الْفَاسِقُونَ) ((އަލް މާއިދާ 47)) މާނައީ:- "އަދި اللَّه ބާވައިލެއްވި حكم ން حكم ނުކުރާމީހާ (ދަންނާށެވެ!) ފަހެ، އެއުރެން އެއީ ހަމަ فاسق ންނެވެ."

ދިވެހިރާއްޖޭގެ ލޮބުވެތި ރައްޔިތުންނޭވެ! މިހިނގާ އެޕްރީލް މަހު 29 ވާ ހުކުރު ދުވަހު އިސްލާމީ ޝަރީޢަތް ޤާއިމްކުރުމަށް ގޮވާލާ ސުލްހަވެރިކަމުގެ އެއްވުމެއް އިންތިޒާމު ކުރެވެމުން އެބަދެއެވެ. ވުމާއެކު ﷲ ގެ ދީނަށް ނަސުރުވެރިވެ ﷲ ގެ ޝަރީޢަތް ބިންމަތީގައި ތަންފޯޛް ކުރުމަށް އެދި މި އެއްވުމުގައި ކޮންމެ ބޭފުޅަކުވެސް ބައިވެރިވެލައްވާށެވެ. ކޮންމެ މީހެއްމެ އެމީހެއްގެ ބޮލުގައި އެޅިފައިވާ ވާޖިބެއްކަމުގައި ދެކިގެން މިކަމަށް މަސައްކަތް ކުރައްވާށެވެ. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންގެ އެދުން ޙާސިލުވެ ނަސްރު ލިބިގެންދާނެއެވެ. (يَا أَيُّهَا الَّذِينَ آمَنُوا إِن تَنصُرُوا اللَّـهَ يَنصُرْكُمْ وَيُثَبِّتْ أَقْدَامَكُمْ) ((سورة محمد 7)) މާނައީ:- "އޭ إيمان ވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުން اللَّه އަށް (އެބަހީ: اللَّه ގެ دين އަށް) نصر ދޭނަމަ، އެކަލާނގެ ތިޔަބައިމީހުންނަށް نصر ދެއްވާނެތެވެ. އަދި އެކަލާނގެ ތިޔަބައިމީހުންގެ ފައިތިލަތައް ثابت ކުރައްވާނެތެވެ."

ގުޅުންހުރި

2 ޚިޔާލު

  1. ALLAH AKBAR HAMA MI MANZARU MI 29TH APRILGA DHIVEHI DHEEBUN FENIGEN DHAANE INSHALLAH!

  2. މަވެސް ބައިވެރިވާނަން އިންޝާ ﷲ!

Your email address will not be published. Required fields are marked *