ރާއްޖޭގެ ޚަބަރު

ބޯންމެރޯ ހެދުމަށް ޒަކާތު ފަންޑުން 3 އަހަރުތެރޭ 24 މީހަކަށް އެހީތެރިކަންދީފި

ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ (އެންސްޕާ) ގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، ފާއިތުވި ތިން އަހަރުގެ ތެރޭގައި ބޯންމެރޯ ޓްރާންސްޕްލާންޓް (ބީއެމްޓީ) ހެދުމަށް ޒަކާތު ފަންޑުން ޖުމްލަ 24 މީހަކަށް މާލީ އެހީތެރިކަން ފޯރުކޮށްދީފިއެވެ.

މި އެހީތެރިކަން ފޯރުކޮށްދީފައިވަނީ 2023 ވަނަ އަހަރުން ފެށިގެން މި އަހަރުގެ މިހާތަނަށެވެ. މިއީ ތެލަސީމިއާ ބަލި ހުންނަ ކުދިންނަށް ފަރުވާ ދިނުމަށް ސަރުކާރުން ދެއްވާ އިސްކަމުގެ ދަށުން ކުރިއަށްގެންދާ މުހިއްމު މަސައްކަތެކެވެ.

އެންސްޕާއިން އާންމުކުރި ތަފާސްހިސާބުތަކަށް ބަލާއިރު، ޒަކާތު ފަންޑުގެ ޚަރަދުގައި ބީއެމްޓީ ހެދުމަށް 2023 ވަނަ އަހަރު 5 މީހަކަށް އެހީތެރިކަން ދެވުނުއިރު، އެއީ ޖުމްލަ 3,851,947.62 ރުފިޔާއެވެ. 2024 ވަނަ އަހަރު މި އަދަދު 9 މީހުންނަށް އިތުރުވެ، ޖުމްލަ 7,303,110.34 ރުފިޔާ ޚަރަދުކުރެވިފައިވެއެވެ. އަދި މި އަހަރުގެ މިހާތަނަށް 10 މީހަކަށް 1,513,821.06 ރުފިޔާގެ އެހީތެރިކަން ފޯރުކޮށްދެވިފައިވާކަމަށް އެންސްޕާގެ ތަފާސްހިސާބުތަކުން ދައްކައެވެ. މި ތިން އަހަރުގެ ތެރޭގައި ޖުމްލަ 24 މީހަކަށް ބޯންމެރޯ ހެދުމަށް އެހީތެރިކަން ފޯރުކޮށްދެވިފައިވާއިރު، މިކަމަށް ބޭނުންކުރެވިފައިވަނީ ޒަކާތު ފަންޑުގެ ފައިސާއެވެ.

ބޯންމެރޯ ޓްރާންސްޕްލާންޓް ހެދުމަށް ރާއްޖެއިން ބޭރަށް ކުދިން ފޮނުވަނީ ޒަކާތު ފަންޑުގެ ދަށުންނެވެ. ރާއްޖެއިން ފޯރުކޮށްދޭ ތެލަސީމިއާގެ ފަރުވާގެ ޚިދުމަތްތައް ހަރުދަނާކޮށް ފުޅާކުރުމުގެ އިތުރުން ހިލޭ ބޯންމެރޯ ޓްރާސްޕްލާންޓް ހެދޭނެ މަގުފަހިކޮށްދިނުމަކީ ސަރުކާރުގެ މުހިއްމު ސިޔާސަތެކެވެ. މި ސިޔާސަތުގެ ދަށުން ކޮންމެ އަހަރަކު 10 ކުއްޖަކު ސަރުކާރުގެ އެހީގައި ބީއެމްޓީ ހެދުމަށް ބޭރަށް ފޮނުވުމަށް ވަނީ ނިންމާފައެވެ. މިކަމާ ގުޅިގެން 2024 ވަނަ އަހަރު ސިއްޙީ ވުޒާރާއާއި އިސްލާމީ ކަންތައްތަކާއި ބެހޭ ވުޒާރާއާއި ދެމެދު އެއްބަސްވުމެއްވެސް ވަނީ އެކުލަވާލާފައެވެ.

އާބާދީގެ ނިސްބަތުން ރާއްޖެއަކީ ތެލަސީމިއާ ކުދިން އެންމެ ގިނަ އެއް ޤައުމަށް ވާއިރު، އެކުދިންނަށް ފޯރުކޮށްދޭ ޚިދުމަތް ހަރުދަނާކުރުމަށް ސަރުކާރުންދަނީ މަސައްކަތް ކުރަމުންނެވެ. އެގޮތުން، 30 އަހަރުވެފައިވާ ތެލަސީމިއާ ސެންޓަރު ހުރި ޢިމާރާތް ބައުވުމާ ގުޅިގެން، ސެންޓަރުގެ ޚިދުމަތްތައް ވަނީ ހުޅުމާލޭ އޮރެންޖް ހިޔާއަށް ބަދަލުކުރައްވާފައެވެ. މީގެ ސަބަބުން ތެލަސީމިއާ ބަލިމީހުންނަށް ޚިދުމަތް ލިބޭނެ މާހައުލު އިތުރަށް ރަނގަޅުވެގެންދާނެއެވެ.

ތެލަސީމިއާގެ ފަރުވާގެ ޚިދުމަތްތައް އިތުރަށް ފުޅާކުރުމުގެ ގޮތުން، މާލެ ސަރަޙައްދުގައި ތެލަސީމިއާއަށް ޚާއްސަ ހޮސްޕިޓަލެއް ތަރައްޤީކުރުމުގެ މަސައްކަތްވެސް ސަރުކާރުންދަނީ ކުރައްވަމުންނެވެ. ހަމައެއާއެކު، ތެލަސީމިއާ ކުދިންގެ އާބާދީ ކޮންޓްރޯލްކުރުމަށްޓަކައި ސްކޫލް ނިމޭ ހިސާބުން ކޮންމެ ކުއްޖަކީވެސް ތެލަސީމިއާއަށް ޓެސްޓުކުރެވިފައިވާ ކުއްޖަކަށް ހެދުމަށް ނިންމާ އެ މަސައްކަތްވެސް ވަނީ ފަށާފައެވެ.

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *