ހުޅުމާލޭގައި ޢިމާރާތް ކުރުމަށް ހަމަޖެހިފައިވާ "ދާރުއްސަލާމް" ވަޤްފު އިމާރާތުގެ ބިންގާ މިއަދު އަޅައިފިއެވެ.
މި މަޝްރޫޢުގެ ބިންގާ އަޅުއްވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއެވެ. މިއީ ރައީސް މުޢިއްޒުގެ ރިޔާސީ ވަޢުދާއި އެއްގޮތަށް ރާއްޖޭގައި ވަޤްފު ފަންޑު ފުޅާކޮށް، އިސްލާމީ ދާއިރާއަށް މާލީ މަންފާ ލިބޭނެ ވަސީލަތްތައް އިތުރުކުރުމަށް ކުރިއަށް ގެންދަވާ މުހިއްމު މަޝްރޫޢެކެވެ.
ދާރުއްސަލާމް ވަޤުފް އިމާރާތަކީ، ސަރުކާރުން ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން (އާރުއާރުސީ) އާއި ޙަވާލުކޮށްގެން ކުރިއަށް ގެންދާ މަޝްރޫޢެކެވެ. މި އިމާރާތް އަޅަނީ ހުޅުމާލެ ޕްލޮޓް ނަންބަރު 11646 (އަމީން އެވެނިއު ކުރިމަތީ) ގައި އޮންނަ ބިމުގައެވެ. 244 މިލިޔަން ރުފިޔާ ޚަރަދުކޮށްގެން ހިންގާ މި މަޝްރޫޢު ބޭންކް އޮފް މޯލްޑިވްސް އިސްލާމިކް ފައިނޭންސިންގގެ ދަށުން ފައިނޭންސް ކުރެއެވެ.
ޒަމާނީ ވަސީލަތްތަކާއެކު 12 ފަންގިފިލާއަށް އިމާރާތް ކުރުމަށް ހަމަޖެހިފައިވާ މި ޢިމާރާތުގެ ބޭސްމަންޓުގައި ޕާކިންގ ސަރަޙައްދެއް ހެދުމަށް ހަމަޖެހިފައިވާއިރު، ގްރައުންޑް ފްލޯގައި ރިސެޕްޝަން ސަރަޙައްދާއި އިތުރު ޕާކިންގ ވަސީލަތްތައް ޤާއިމްކުރެވޭނެއެވެ. މީގެއިތުރުން އިމާރާތުގެ 2 ވަނަ އަދި 11 ވަނަ ފަންގިފިލާގައި ކޮންފަރެންސް ހޯލެއް ޤާއިމްކުރުމަށް ހަމަޖެހިފައިވާއިރު، ދެން ހުރި ފަންގިފިލާތަކުގައި ޒަމާނީ އޮފީސް ބައިތަކާއި، މީޓިންގ ރޫމުތަކުގެ އިތުރުން ނަމާދު ކުރާ ކޮޓަރިއެއް ހުންނާނެއެވެ. އަދި މި ޢިމާރާތުގައި ޑޭ ކެއަރ ސެންޓަރެއް ތަރައްޤީ ކުރުމަށްވެސް ވަނީ ހަމަޖެހިފައެވެ. ޢިމާރާތުގައި ލިފްޓު ހަރުކުރުމަށް ހަމަޖެހިފައިވާއިރު، ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ފަސޭހައިން ވަދެ ނިކުމެ އުޅެވޭނެ އިންތިޒާމް ޤާއިމްކުރެވޭނެއެވެ. މި ޢިމާރާތުގެ ރޫފް ޓޮޕަކީ އޯޕަން ޓެރަސްއެއްގެ ގޮތުގައި ޤާއިމްކުރާ ބައެކެވެ.
މި މަޝްރޫޢު 24 މަސް ދުވަހުގެ ތެރޭގައި ނިންމުމަށް ހަމަޖެހިފައިވާއިރު، މަސައްކަތް ނިންމުމަށްފަހު 5 އަހަރު ދުވަހަށް ޢިމާރާތުގެ މެއިންޓެނަންސް މަސައްކަތް އާރުއާރުސީއިން ކުރާނެއެވެ. އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވިދާޅުވާ ގޮތުގައި، މި މަޝްރޫޢު ނިމުމާއެކު އިސްލާމީ ދާއިރާއަށް މާލީ ގޮތުން ބޮޑު ކުރިއެރުމެއް ލިބިގެންދާނެއެވެ. އެގޮތުން މި އިމާރާތުން އަހަރަކު 52 މިލިޔަނަށްވުރެ ގިނަ ރުފިޔާ އާމްދަނީގެ ގޮތުގައި ލިބޭނެ ކަމަށް ލަފާކޮށްފައިވާއިރު، އާމްދަނީގެ %20 ދިވެހިރާއްޖޭގެ ޒަކާތު ހައުސްއަށް އަދި ބާކީ ހުރި %80 އިސްލާމިކް ވަޤްފު ފަންޑަށް ޖަމާކުރާނެއެވެ.
ދާރުއްސަލާމްގެ އިތުރުން މާލޭގައި ޢިމާރާތް ކުރާ ދާރުލް އަރްޤަމް ވަޤްފު އިމާރާތުގެ މަސައްކަތް މިހާރު ވަނީ ޢަމަލީ ގޮތުން ފަށާފައެވެ. މީގެ އިތުރުން ރައީސުލްޖުމުހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ނިންމެވުމަކަށް އައްޑޫ ސިޓީ، ތިނަދޫ ސިޓީ، ކުޅުދުއްފުށި ސިޓީ އަދި ގއ. ވިލިނގިލީގައި ވަޤްފު މަޝްރޫޢުތައް ފެށުމަށް ނިންމަވާފައިވާއިރު، އެ މަޝްރޫޢުތައްވެސް ވަނީ ކޮންޓްރެކްޓަރުންނާއި ޙަވާލުކޮށްފައެވެ. ސަރުކާރުން ވިދާޅުވާ ގޮތުގައި މި މަޝްރޫޢުތަކަކީ ދިވެހިރާއްޖޭގެ އިސްލާމީ ދާއިރާއަށް އިންޤިލާބީ ބަދަލުތަކެއް ގެނުވާނެ މަޝްރޫޢުތަކެކެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...