ރާއްޖޭގެ ޚަބަރު އިސްލާމީ ދާއިރާއިން މިހާރުވެސް ބިލިޔަން ރުފިޔާގެ މަޝްރޫޢުތައް ކުރިއަށްދޭ: ވަޒީރު ޑރ. ޝަހީމް

އިސްލާމީ ދާއިރާއިން މިހާރުވެސް ބިލިޔަން ރުފިޔާގެ މަޝްރޫޢުތައް ކުރިއަށްދޭ: ވަޒީރު ޑރ. ޝަހީމް

އިސްލާމީ ދާއިރާއިން މިހާރުވެސް ބިލިޔަން ރުފިޔާގެ މަޝްރޫޢުތައް ކުރިއަށްދޭ: ވަޒީރު ޑރ. ޝަހީމް

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

 އިސްލާމީ ދާއިރާއިން މިހާރުވެސް ބިލިޔަން ރުފިޔާގެ މަޝްރޫޢުތައް ކުރިއަށްގެންދާ ކަމަށް  އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.

މި މަޝްރޫޢުތަކުގެ ތެރޭގައި މިސްކިތްތައް ބިނާކުރުމާއި، އިސްލާމީ މަރުކަޒުތައް ތަރައްޤީކުރުމުގެ މަސައްކަތްތައް ހިމެނެއެވެ.

ޕީއެސްއެމްނިއުސްގެ ހަފްތާ 104 ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ވަޒީރު ޑރ. ޝަހީމް ވިދާޅުވީ، އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން މިސްކިތްތަކާއި، އިސްލާމީ މަރުކަޒުތަކާއި، ވަޤުފު އިމާރާތްތަކާއި، ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުތައް ތަރައްޤީކުރުމުގެ މަސައްކަތްތައް ކުރިއަށްގެންދަވާ ކަމަށެވެ. އެގޮތުން މިފަދަ މަޝްރޫޢުތައް ހިމެނޭހެން ޖުމްލަ ބިލިޔަން ރުފިޔާގެ މަޝްރޫޢު މިހާރުވެސް ކުރިއަށްދާކަން ވަޒީރު ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުގެ ސަރުކާރުން މިވީ ދެ އަހަރުގެ ތެރޭގައި 9 އިސްލާމީ މަރުކަޒު ތަރައްޤީކުރުމުގެ މަސައްކަތް ފަށާފައިވާކަމަށް ވަޒީރު ވިދާޅުވިއެވެ. މީގެ އިތުރުން، ކީރިތި ޤުރުއާނާބެހޭ މަރުކަޒުގެ ގޮފިތައް އަތޮޅުތަކުގައި ތަރައްޤީކުރުމުގެ 5 މަޝްރޫޢުއެއް ވަނީ ފަށާފައެވެ. އަމިއްލަ ފަރާތްތަކުން ބިނާ ކުރާ މިސްކިތްތަކުގެ އިތުރުން، ސަރުކާރުން ބިނާ ކުރާ 44 މިސްކިތުގެ މަޝްރޫޢުއެއް މިހާރުވެސް ކުރިއަށްދާކަމަށް ޑރ. ޝަހީމް ވިދާޅުވިއެވެ.

ރާއްޖޭގެ ކޮންމެ ރަށެއްގައި ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުގެ ގޮތްޕެއް ތަރައްޤީކުރުމަކީ ރައީސްގެ ވަޢުދުފުޅެއްކަން ފާހަގަކުރައްވައި، ވަޒީރު ވިދާޅުވީ އިސްލާމީ މަރުކަޒުތަކާއި މިސްކިތްތައް ތަރައްޤީކުރާއިރު، ކިޔަވައިދިނުމަށް ކްލާސްރޫމްތަކާއި ލައިބްރަރީތައްވެސް ހިމެނޭގޮތަށް ޒަމާނީ ފެންވަރަށް މަސައްކަތް ކުރިއަށްގެންދާ ކަމަށެވެ. މާލެ ސަރަޙައްދުގައި ހުރި ބާ މިސްކިތްތައް އަލުން ތަރައްޤީކުރުމުގެ މަސައްކަތްވެސް ދަނީ ކުރިއަށެވެ. ވަޒީރު ވިދާޅުވީ، "ގާތްގަނޑަކަށް 3 އަހަރުގެ ތެރޭގައި މި ސަރަޙައްދުގައި ބާ މިސްކިތްތަކެއް ނުހުންނާނެ. މުޅިން ހުންނާނީ އެންމެ ޒަމާނީ މިސްކިތްތައް."

ވަޤުފުގެ މަޝްރޫޢުތަކަށް އަލިއަޅުވާލައްވާ ވަޒީރު ވިދާޅުވީ، އިސްލާމީ އުންމަތަށް ވަޤުފަކީ ވަރަށް މުހިއްމު ދައުރެއް އަދާކުރި އެއްޗެއްކަމަށާއި، މިހާރު މާލޭ ސަރަޙައްދުގައި ވަޤުފުގެ 4 މަޝްރޫޢުއެއް ފެށުމަށް ހަމަޖެހިފައިވާ ކަމަށެވެ. އޭގެ ތެރޭގައި މާލޭގައި ތަރައްޤީކުރާ ދާރުލްއަރުޤަމްއާއި، ކީރިތި ޤުރުއާނަށް ޚާއްސަ ވަޤުފު އިމާރާތުގެ އިތުރަށް، ހުޅުމާލޭގައި ތަރައްޤީކުރާ ދާރުލްސަލާމް ވަޤުފު އިމާރާތް ހިމެނެއެވެ.

މާލެ ސަރަޙައްދުގެ އިތުރުން އަތޮޅުތަކުގައިވެސް ވަޤުފުުގެ މަޝްރޫޢުތައް ކުރިއަށްގެންދާނެކަން ވަޒީރު ފާހަގަކުރެއްވިއެވެ. އަތޮޅު ތެރޭގައި ތަރައްޤީކުރާ ވަޤުފު މަޝްރޫޢުތަކުން ލިބޭ ނަފާ، އެ އަތޮޅެއްގެ ނުވަތަ ސިޓީގެ ދީނީ ކަންކަމަށް ޚަރަދުކުރުމަށް ކައުންސިލްތަކާ ހަވާލުކުރާނެއެވެ. މިފަދަ މަޝްރޫޢުތަކުން ލިބޭ ފައިދާއިން މިސްކިތްތަކަށް ޚަރަދުކުރުމަކީ، ހަމައެކަނި ދައުލަތުގެ ބަޖެޓަށް ބަރޯސާނުވެ، އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ އަމާޒެކެވެ.

ޓެގް

އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާ އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ މުޙައްމަދު ޝަހީމް ޢަލީ ސަޢީދު

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.