ރިޕޯޓްކޮލަމިސްޓް

"ތުއްތު އިސްލާމީ ވެށި" – ކުޑަކުދިންނަށް ވަރަށް ފައިދާހުރި ފޭސްބުކް ޕޭޖެއް!

މިޒަމާނުގައި ދަރިން ތަރުބިއްޔަތު ކުރުމުގައި ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ ދަރިންނަށް އުނގަންނައިދޭނެ ރަނގަޅު މައުލޫމާތާއި އެދަރިން ޝައުގުވެރި ކުރުވާނެ ގޮތަކަށް އެ މައުލޫމާތުތައް ފޯރުކޮށްދޭނެ ގޮތެކެވެ. "ތުއްތު އިސްލާމީ ވެށި" ނަމުގައި ފޭސްބުކް ގައި ކުރިއަށް ގެންދާ މިޕޭޖަކީ މިކަންކަމަށް އޮތް ވަރަށް ބޮޑު ހައްލެކެވެ. ލޯބި ތުއްތު ކުދިންގެ އަޑު ހިމަނައިގެން ގެނެސްދޭ ވީޑިއޯތަކުންނާއި މުހިންމު މައުލޫމާތު ހިމެނިގެން ގެނެސްދޭ ޕޯސްޓަރުތަކަށް ބެލެނިވެރިންގެ ފަރާތުން ލިބެމުންދާ ތަރުހީބު އެއީ މިދެންނެވި ބަހުގެ ހެއްކެކެވެ. އަދި މީގެ އިތުރުން "ތުއްތު އިސްލާމީ ވެށި" ޕޭޖުން ނެރެފައިވާ "އަޅުގަނޑު ނިދުމުގެ ކުރިން" މިނަމުގައި ނެރެފައިވާ ފޮތްވެސް ގިނަ ބަޔަކަށް ވަނީ ކަމުގޮސްފައެވެ.

"ތުއްތު އިސްލާމީ ވެށި" މިޕޭޖަކީ މަދީނާ ގައި ދިރިއުޅެމުންދާ ދިވެހި ކުޑަކުޑަ އާއިލާ އަކުން ވަރަށް އާދައިގެ ގޮތަކަށް ފެށި ފޭސްބުކް ޕޭޖެކެވެ. ފާޠިމަތު އަޙްމަދުގެ އިސްނެގުމުގެ މަތިން މިޕޭޖް ފެށުނު ގޮތް ދިއިސްލާމްއަށް ހިއްސާ ކުރިއެވެ.

"ރާއްޖެއިން ބޭރުގައި (މަދީނާގައި) ދިރިއުޅެވޭތީ، ދަރިފުޅަށް އިސްލާމީ ދިވެހި ވާހަކަ ހޯދަން އުނދަގޫ ވުމުން ހިތަށް އެރީ އަމިއްލައަށް އިސްލާމީ ދިވެހި ފޮތެއް ހަދަން. މީގެ އިތުރުން އިސްލާމީ ތައުލީމު އުނގަންނައިދޭ އިތުރު ހަރަކާތްތައްވެސް ހަދަމުން ދިޔައީ ބައެއް އަރަބި އަދި އިނގިރޭސި ފޮތްތައް ނަމޫނާއަކަށް ބަލައިގެން އޭގެއިން ޚިޔާލު ނަގައިގެން. އަމިއްލަ ޚިޔާލަށްވެސް މިފަދަ ހަރަކާތްތައް ހަދަމުން ދިޔަ." ކަމަށެވެ. އަދި "ޚާއްސަކޮށް އަޅުގަނޑުގެ ފިރިމީހާ އަޙްމަދު އަޛްހާން އަދި އަޅުގަނޑުމެންގެ ދެފަރާތުގެ މަންމައާއި ބައްޕައާއި އަދި ޢާއިލާގެ ވަރަށް ބޮޑު އެއްބާރުލުމެއް ލިބިގެންދިޔައެވެ. އަދި ހަމައެއާއެކު ބައެއް ޝައިޚުންނާއި، ބައެއް ރަޙްމަތްތެރިންގެ ފަރާތުންވެސް ތަފާތު ގިނަ ޚިޔާލުތަކާއި ޢިލްމީ މަޢުލޫމާތުތައް ލިބެމުން ދިޔަ بارك الله فيهم." ކަމަށްވެސް ތުއްތު އިސްލާމީވެށި ޕޭޖު ހިންގާ ފަރާތުން ހާމަކުރިއެވެ.

"ތުއްތު އިސްލާމީ ވެށި" ފެށުމުގެ ފަހަތުގައި ވަރަށް މާތް މަޤްޞަދެއް ވާކަން ފާހަގަކޮށްލައެވެ. "ދުނިޔެއާއި އާޚިރަތުގައިވެސް ފައިދާ ކުރަނިވި ކަމެއް ކުރުމަށް އަބަދުވެސް އަޅުގަނޑުމެން ވިސްނަމުން އައިން. އެގޮތުން، ދަރިފުޅަށް އިސްލާމީ ވާހަކަތައް ތައްޔާރުކުރެވުނީމާ ހިތަށްއެރީ އިސްލާމިކް ޕޭރެންޓިން ޕޭޖެއް ހަދަން. އެއީ، ދަރިފުޅުގެ އިތުރުން އެންމެންނަށްވެސް ފައިދާތަކެއް ކުރާނެ ކަމަށް އުންމީދުކުރާތީ. މިއީ ޕޭޖް ހުޅުވަން ޚިޔާލު އައި ގޮތަކީ." ތުއްތު އިސްލާމީ ވެށި އުފަންވެގެން ދިޔަ ގޮތް ކިޔައިދެމުން ބުނެފައިވެއެވެ.

ފޭސްބުކްގައި ފެށި މިޕޭޖު ވުޖޫދަށް އައީ 2018 ވަނަ އަހަރުގެ ނޮވެމްބަރު ހިސާބުގައެވެ. "ތުއްތު އިސްލާމީ ވެށި" ގެ އަމަލީ ގޮތުން ފެށީ 2019 ގައެވެ. މިހާރު މިޕޭޖު ހިންގާތާ ގާތްގަނޑަކަށް ދޮޅު އަހަރު ވަނީ ވެފައެވެ.

ކުޑަކުދިންގެ މެދުގައި މަޤްބޫލު ފޮތެއް ކަމުގައިވާ "އަޅުގަނޑު ނިދުމުގެ ކުރިން" މިފޮތަކީ "ތުއްތު އިސްލާމީ ވެށި" އިން ނެރެފައިވާ ފޮތެކެވެ. މި ފޮތަކީ ތުއްތު ކުދިންނަށް ނިދުމުގެ ކުރިން ދަސްކޮށްދޭންވީ އިސްލާމީ ރިވެތި އާދަތަކާއި، އަދި ނިދުމުގެ ކުރިން ކިޔާ ބައެއް ދުޢާ ތަކާއި ސޫރަތްތައް ހިމަނާލައިގެން ތައްޔާރުކޮށްފައިވާ ކުޑަކުދިން ނިދާގަޑީ ކިޔާ ވާހަކަފޮތެކެވެ. މި ފޮތް ލިޔެ ކުރެހުންތައް ތައްޔާރުކޮށްފައިވަނީ ފާތިމަތު އަޙްމަދުކަމަށް "އަޅުގަނޑު ނިދުމުގެ ކުރިން" ފޮތުގައި ބުނެފައިވެއެވެ.

"ތުއްތު އިސްލާމީ ވެށި" މިޕޭޖުގައި ދަރިންނަށް އިސްލާމީ ތަރުބިއްޔަތު ދޭނެ ގޮތްތަކާއި އުކުޅުތައް ގެނެސްދީފައިވާލެއް ފުރިހަމަ ކަމުން ގިނަ ބަޔަކަށް މިޕޭޖް ވަނީ ކަމުގޮސްފައެވެ. މިޕޭޖްގައިވާ ތަރުބަވީ ފިލާވަޅުތައް އެޕޭޖުން ގެނެސްދީފައިވަނީ އެޕޭޖުގެ ފަހަތުގައިވާ މަޔަކާއި ބަފައެއް އެމީހުންގެ ދަރިން ތަރުބިއްޔަތު ކުރުމަށް ކުރި ރިސާޗުގެ މޭވާއެއްގެ ގޮތުގައެވެ. އެޕޭޖު ހިންގަމުން އަންނަ މަންމައާއި ބައްޕަގެ ދަރިފުޅަށް ދޭނެ ނަސޭހަތް އާންމުކޮށް ދިވެހިބަހުން ފެންނަން ނެތުމުން އެފަދަ ފިލާވަޅުތަކެއް އެފަދަ އެހެން ބެލެނިވެރިންނަށް ފޯރުކޮށްދިނުމަކީ މިޕޭޖް ވުޖޫދަށް އައި ސަބަބެވެ.

"ތުއްތު އިސްލާމީ ވެށި" ޕޭޖްގެ މަޤްސަދާއި މެދު މުސައްނިފްގެ ބަހަކީ މިއީއެވެ. "ހެޔޮލަފާ ޞާލިޙު ދަރިއެއް ބޮޑުކުރުމަށް ޓަކައި އެންމެ ފުރަތަމަވެސް އަޅުގަނޑުމެން އެކުއްޖާއަށް އިސްލާމީ ތަރުބިއްޔަތެއް ދޭން އެބަ ޖެހޭ. އިސްލާމީ ތަރުބިއްޔަތު ދިނުމަށްޓަކައި ކޮންމެ މަންމަޔަކާއި ބައްޕައަކުވެސް އިސްލާމީ ޢިލްމު އުނގެނެން އެބަޖެހޭ. އިސްލާމީ ތަރުބިއްޔަތު ދޭނެ ގޮތްތަކާއި އުކުޅުތައް ދަސްކުރަންޖެހޭ. އެހެންކަމުން، އަޅުގަނޑުމެންވެސް ވީ ވަރަކުން އިސްލާމީ ޢިލްމު އުނގެނެމުން، ރިސާޗް ކުރަމުން، އަދި އެނގިފައިވާ ޢިލްމަކަށް ޢަމަލްކުރަން މަސައްކަތްކޮށް، އަޅުގަނޑުމެންގެ އަމިއްލަ ނަފަސުތައް އިސްލާޙުކޮށް، އެ ޢިލްމު އެހެން މީހުންނަށްވެސް ފޯރުކޮށްދޭން ބޭނުން. އެ ޢިލްމު ފޯރުކޮށްދިނުމުގެ ސަބަބުން މައިން ބަފައިންނަށް ޤުރުއާނާއި ސުންނަތުގެ އަލީގައި ދަރިންނަށް އިސްލާމީ ތަރުބިއްޔަތު ދޭނެ ގޮތްތައް ދަސްވޭ. އަދި އެކަމުގެ ސަބަބުން އަޅުގަނޑުމެންގެ މުޖުތަމަޢުގައި ބޮޑުވާ ތުއްތު ދަރިންނަށް އިސްލާމީ ތަރުބިއްޔަތުން ތަރުބިއްޔަތުވެ ހެޔޮލަފާ ޖީލެއް މުސްތަޤަބަލުގައި ބިނާވެގެންދޭ. މީގެ ސަބަބުން ދުނިޔެއާއި އާޚިރަތުގައިވެސް އެއިން ފައިދާ ކުރާ" ކަމަށެވެ.

އަދި އެބޭފުޅުންވަނީ މުޙައްމަދް صلى الله عليه وسلم ގެ ޙަދީޘެއް ފާހަގަ ކޮށްފައެވެ. މާތް ނަބިއްޔާ މުޙައްމަދް صلى الله عليه وسلم ޙަދީޘް ކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގާވޭ: "އިންސާނާ މަރުވުމުން އޭނާގެ ހުރިހާ އަމަލެއް ކެނޑިގެން ދެއެވެ. 3 ކަމެއް ފިޔަވައެވެ. އެއީ ދެމިގެންދާ ޞަދަގާތެއް، އެއިން ފައިދާ ކުރަނިވި ޢިލްމެއް، އޭނާއަށް ޓަކައި ދުޢާ ކޮށްދޭނެ ޞާލިޙު ދަރިއެއް ފިޔަވައެވެ." رواه مسلم.

ފޭސްބުކް ޕޭޖަކުން ފެށިގެން އައިސް ފޮތެއް ޕަބްލިޝްކުރުން އެއީ މަދުން ފެންނަ މަންޒަރެކެވެ. އެހެނަސް "ތުއްތު އިސްލާމީ ވެށި" މިޕޭޖުން ވަނީ ކުޑަކުދިންނަށް ހާއްސަ ފޮތެއް ޕަބްލިޝް ކޮށްފައެވެ. "އަޅުގަނޑުމެންގެ ޕޯސްޓެއް ކުރެހުމާއި އެކު ޕޭޖަށް ލުމުންވެސް އަހާނެ އެއީ ފޮތެއްތޯ. އަދި ލިބޭނީ ކޮންތަނަކުން ކަމާމެދުވެސް ސުވާލުކުރޭ. މިފަދަ ސުވާލުތަކުގެ ސަބަބުންވެސް އެނގޭ އިސްލާމީ ފޮތެއް ބެލެނިވެރިން ބޭނުންވެފައިވާ ވަރު. ދަރިންނަށް އިސްލާމީ ތަރުބިއްޔަތު ދޭން ބޭނުންވާ އެތައް ބެލެނިވެރިންނެއް ތިބިކަން ހާމަވޭ. ނަމަވެސް މިފަދަ ވަސީލަތްތައް ފަސޭހަކަމާއިއެކު ލިބެން ނެތް." ކަމަށް އެފަރާތުން ފާހަގަކުރިއެވެ. މިފަދަ ކަންކަން ހުރުމާއި އެކު "ތުއްތު އިސްލާމީ ވެށި"ގެ ފުރަތަމަ ފޮތް ވުޖޫދަށް އައެވެ. "އެހެންވެ ކުޑަކުދިންނަށް ވީހާވެސް ފަސޭހައިން ދޭހަވާ ގޮތަށް، އަދި ޝައުގުވެރިވާފަދަ ގޮތަކަށް ކުރެހުންތައް ބަހައްޓާ، ވީހާވެސް ފަސޭހައިން ގިނަ ފެންވަރު ރަނގަޅު ދިވެހި ޢިލްމީ ފޮތްތަކާއި، މަޢުލޫމާތާއި އަދި އެނޫންވެސް އިސްލާމީ ހަރަކާތްތައް ފަސޭހަކަމާއެކު ފޯރުކޮށްދިނުމަކީ އެންމެ ހާސިލްކުރަން ބޭނުންވާ އެއްކަމަކީ. މިހާރުވެސް އަޅުގަނޑުމެން ވާނީ ބައެއް ފޮތްތައް ހަދާ ހުރިހާ މަރުހަލާތަކެއް ނިންމާފަ. ނަމަވެސް ރާއްޖެއިން ބޭރުގައި ދިރިއުޅޭތީ އާއި މިނޫނަސް އިތުރު ސަބަބުތަކާހެދި ފޮތް އާންމުންނާއި ހަމައަށް ގެނެސްދިނުން ވަނީ މަޑު ޖެހިފައި."ކަމަށެވެ.

އިސްލާމީ ތަރުބިއްޔަތުގެ ހިޔަލުގައި ތައްޔާރުކޮށްފައިވާ "އަޅުގަނޑު ނިދުމުގެ ކުރިން" މިފޮތް ވެފައިވަނީ ގިނަ ބެލެނިވެރިންނަށް ކަމުދިޔަ ފޮތެއް ކަމުގައެވެ. ފޮތުގެ މުޞައްނިފު ވިދާޅުވީ ވަރަށް ގިނަ މައިންބަފައިންވެސް މެސެޖްކޮށްފަ ކުޑަކުދިންގެ އިރުތު އިސްލާމިކް ފޮތެއް ނެތްތޯ އަހާކަމާއި އިތުރު ފޮތެއް ނެރޭނެ އިރެއްވެސް ހޯދަން ބޭނުންވެގެން އުޅޭ ކަމަށެވެ. އެހެންވެ އެފަރާތުގެ އަޒުމަކީ މިމަސައްކަތް އިތުރަށް ކުރިއަށް ގެންދިޔުމެވެ.

ކުޑަކުޑަ ޢާއިލާއެއްގެ މިފުރިހަމަ މަސައްކަތުން ދިވެހިރާއްޖޭގެ "ތުއްތު އިސްލާމީ ވެށި" މިދަނީ އުޖާލާވަމުންނެވެ. އަޑުއަޅައިގެން ނެރޭ ވިޑިއޯތަކުން ލިބިދޭ ލޯބިލޯބި ފިލާވަޅުން ގިނަ ކުދިންގެ އިސްލާމީ ތަރުބިއްޔަތަށް ދަނީ ހެޔޮ ބަދަލުތަކެއް އަންނަމުންނެވެ. މިކުޑަ އާއިލާއިން ޤައުމާއި ދުރުގައި ހުރެ ކުރަމުން އެއަންނަނީ ކުޑަ މަސައްކަތެއް ނޫނެވެ. ކިތައްމެ އާދައިގެ ގޮތަކަށް އެމަސައްކަތް ފެށިކަމުގައިވިޔަސް ދިވެހިރާއްޖޭގެ "ތުއްތު އިސްލާމީ ވެށި" ބައްޓަން ކުރުމުގައި މިއީ ވަރަށް ފުރިހަމަ ވަސީލަތެކެވެ. ކޮންމެ ދިވެހި މަންމަ އަކާއި ބައްޕައެއްވެސް "ތުއްތު އިސްލާމީ ވެށި" ޕޭޖް ބައްލަވާށެވެ. އެޕޭޖަށް ފޮލޯ ކުރައްވާށެވެ. އެޕޭޖުގައި މާދަމާގެ މުސްތަޤުބަލު ކަމުގައިވާ ދަރިންނަށް ކޮންމެހެން ބޭނުންވާނެ މުހިންމު މެސެޖުތަކެއް އަދި ފިލާވަޅުތަކެއް ލިބިގެންދާނެއެވެ. އިސްލާމީ ވެށިން ތުއްތު ދަރިފުޅު ބޮޑުކުރަން ބޭނުންނަމަ މިއީ ރަނުގެ ފުރުސަތެކެވެ. މިވެށިން އެތުއްތު ކުދިންނަށް ލިބޭ ތަރުބިއްޔަތުން އިންޝާﷲ ތިބާއަށްޓަކައި ދުޢާ ކޮށްދޭނެ ޞާލިޙު ދަރިއެއް ތަރުބިއްޔަތުވެގެންދާނެއެވެ.

ލިންކް:

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *

More in ރިޕޯޓް