ޝަޚުސިއްޔަތު

ޠުފައިލް ބުނު ޢަމްރުއްދައުސީ رضي الله عنه – 2

ދެން އެތަނުން އަހުރެންގެ ޤައުމަށް ދަތުރު ފެށީމެވެ. ދަތުރުކުރަމުން އައިސް ރަށުގެ ގެތަކާއި ފާރުތައް ފެންނަ ހިސާބަށް އާދެވުނުތަނާ ކުއްލިއަކަށް އަހަރެންގެ ނިތްކުރީން ބައްތިއެއް ފަދައިން ގަދަ އަލިކަމެއް ފާޅުވެއްޖެއެވެ. އަހުރެން ﷲ އަށް ދެންނެވީމެވެ. [އިލާހީ! މި އަލިކަން މިއަޅާގެ މޫނު ފިޔަވައި އެހެން ތަނެއްގައި ލައްވައިފާނދޭވެ! އެހެންނޫނީ ޤައުމުގެ މީހުންނަށް މިއަޅާގެ މޫނު ފެންނުމުން "ތިޔައީ ކާބަފައިންގެ ދީން ދޫކޮލުމުގެ ސަޒާއޭ! އަލިކަމެއް ނޫނޭ!" ބުނެފާނެއެވެ.] އަހަރެން މިހެން ދުޢާކުރުމާއެކު އެއަލިކަން އަހަރެންގެ ނިތްކުރިން އަަހަރެންގެ ލޮންސީގެ ކޮޅަށް ބަދަލުވެއްޖެއެވެ. ލޮންސީގެ ކޮޅުގައި ބައްތިއެއް ދިއްލާފައިވާހެން ހީވާކަހަލައެވެ. ދެން ފަރުބަދަ މަތީން ފައިބައިގެން އަހަރެންގެ ޤައުމުގެ ކައިރިއަށް އައުމުން އެންމެ ފުރަތަމަވެސް އަހަރެންނާ ބައްދަލުކުރުމަށް އައީ އަހުރެންގެ މުސްކުޅި ބައްޕައެވެ. އަހުރެން ބައްޕައަށް ދެންނެވީމެވެ. [ލޯބިވާ ބައްޕާއެވެ! އަޅުގަނޑާ ދުރުގައި ހުންނަވާށެވެ! އަޅުގަނޑުމެން ދެމީހުންގެ މެދުގައި މިހާރު އެއްވެސް ތިމާގެ ކަމެއް ނުވެއެވެ.]

ބައްޕަ ހިތާމައިން ހުންނަވައި ސުވާލުކުރެއްވިއެވެ. [ލޯބިވާ ދަރިފުޅާއެވެ! އެއީ ކީއްވެގެން ހެއްޔެވެ؟]

އަހަރެން ބުނީމެވެ. [އަޅުގަނޑު، މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ދީން ޤަބޫލުކޮށް އިސްލާމް ވެއްޖައީމެވެ.]

ބައްޕަ ވިދާޅުވިއެވެ. [ދަރިފުޅާއެވެ! އެކަމުން ވާނީ ކީއްހެއްޔެވެ؟ ބައްޕަވެސް ދަރިފުޅުގެ ދީން ޤަބޫލުކޮށްފާނަމެވެ.]

އަހުރެން ބުނީމެވެ. [އެންމެ ރަގަޅެވެ. އެހެންކަމަށްވާނަމަ  ހިނައި ޠޯހިރުވެލެއްވުމަށްފަހު ސާފު ހެއްދުމެއް ލައްވައިގެން އަޅުގަނޑުގެ ކައިރިއަށް ވަޑައިގަންނަވާށެވެ. އޭރުން އަޅުގަނޑު ޙާޞިލްކޮށްފައިވާ ޢިލްމު ބައްޕައަށް އުގަންނައިދޭހުށީމެވެ.]

ބައްޕަ، އަހަރެންގެ ބަސް ޤަބޫލުކުރައްވައި ހިނައި ޠާހިރުވެ އިސްލާމްވުމަށް ތައްޔާރުވެލެއްވިއެވެ. ދެން އިސްލާމްދީނުގެ ސާފުސީދާ ޢާޤީދާ އަހަރެން، ބައްޕައަށް ކިޔައިދިނުމުން ހަމަ ވަގުތުން ބައްޕަ އިސްލާމްވެއްޖެއެވެ.]

އެއަށްފަހު އަހަރެންގެ ކައިރިއަށް އައީ އަހަރެންގެ އަންހެނުންނެވެ. އަހަރެން، އޭނާއަށް ބުނީމެވެ. [އަހަރެންނާއި ދުރުގައި ހުރިއްޔާ ވަރަށް ރަގަޅެވެ.]

އޭނާ ސިހިގެން ގޮސް ސުވާލުކުރިއެވެ. [އަހަރެންގެ މަންމަ އާއި ބައްޕަ ތިބާގެ މައްޗަށް ޤުރުބާނެވެ! އެއީ ކީއްވެތޯއެވެ؟]

އަހަރެން ބުނީމެވެ. [އަހަރަމެން ދެމީހުންގެ ދެމެދަށް ޢަޤީދާގެ ފާރު ހުރަސްއަޅައިފިއެވެ. އަހުރެން، މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމައަށް ތަބާވެ އިސްލާމްދީން ޤަބޫލުކޮށްފީމެވެ.]

ޖަވާބުގައި އަހުރެންގެ އަންހެނުން ބުންޏެވެ. [އެކަމުން ވާނީ ކިއްހެއްޔެވެ؟ އަހަރެންވެސް ތިބާ ޚިޔާރުކުރި ދީން ޚިޔާރުކޮށްފާނަމެވެ.]

އަހަރެން ބުނީމެވެ. [އެހެންކަމަށްވާ ނަމަ ތިބާ ގޮސް، ذو الشری  ގެ ފެނުން ފެންވަރައިގެން އަންނާށެވެ. (ذوالشرى އަކީ ދައުސް ވަންހައިގެ މަޝްހޫރު ބުދެއްގެ ނަމެވެ. ފަރުބަދަ މަތީން ފައިބައިގެން އަންނަ ފެން އެތާނގެ ކައިރީގައިވާ ވަޅުގަނޑަކަށް ޖަމާވެއެވެ.)

އޭނާ ބުންޏެވެ. [ذو الشرى ދެކެ ތިބާ ބިރެއްނުގަނޭތޯއެވެ؟]

އަހަރެން ބުނީމެވެ. [އާނއެކެވެ! އެއްގޮތަކަށްވެސް ބިރެއްނުގަނެއެވެ. ތިބާ އާއި ذو الشرى ގެ މައްޗަށް ހަލާކުހުއްޓެވެ. ދާށެވެ! ގޮސް މީސްތަކުންނަށް ނިވާވެގެންހުރެ އެތަނުން ފެންވަރާށެވެ. އެބީރު، ކަނު، މަންމަން ހިލަގަނޑަކަށް ތިބާއަށް އެއްވެސް ގެއްލުމެއް ނުދެވޭނެކަމުގެ ޔަޤީންކަން އަހުރެން ތިބާއަށް ދެމެވެ.]

މިހިތްވަރުގެ ބަސްތައް އިވުމުން އޭނާ ގޮސް ފެންވަރައިގެން އަތުވެއްޖެއެވެ. ދެން އަހަރެން އިސްލާމް ދީނުގެ ސާދާ އަސަރުން ފުރިގެންވާ ދަޢުވަތު އޭނާއަށް ހުށައެޅީމެވެ. އަދި އޭނާ އުފަލާއި އެކު އެދަޢުވަތު ޤަބޫލުކޮށް އިސްލާމްވެއްޖެއެވެ.

ދެން އަހަރެން ކުރިމަތިލީ އަހަރެންގެ ޤަބީލާ، ދައުސް ވަންހައިގެ މީހުންނާއެވެ. އެބައިމީހުންނަށް ވެސް އިސްލާމްދީނުގެ ދަޢުވަތު އެއްވެސް ޖެހިލުމެއްނެތި އަހަރެން ދިނީމެވެ. ނަމަވެސް އެ ހުރިހާ އެންމެންވެސް އިސްލާމްދީން ޤަބޫލުކުރުމަށް ފަސްޖެހުނެވެ. އަބޫ ހުރައިރާ (ރަޟިޔަﷲ ޢަންހު) ފިޔަވައެވެ. އެމީހެއްގެ ހިތުގެ އެންމެ ފުންމިނުން އިސްލާމް ދީނުގެ ދަޢުވަތު އެއްވެސް ފަސްޖެހުމެއް ނެތި ބަލައިގަތް ދުރުވިސްނޭ މީހަކަށް އެމީހުންގެ ތެރޭގައި ހުންނެވީ ހަމައެކަނި އަބޫ ހުރައިރާ ރަޟިޔަﷲ ޢަންހު އެވެ. 

ޠުފައިލް ރަޟިޔަﷲ ޢަންހު، ބަޔާން ކުރައްވާފައިވެއެވެ. އޭގެ ދުވަސްތަކެއްފަހުން ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ އާއި ބައްދަލުކުރުމަށްޓަކައި އަހަރެން މައްކާއަށް ދިޔައީމެވެ. އަހަރެންނާއި އެކު އަބޫ ހުރައިރާ ވެސް ހުންނެވިއެވެ. މާތް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމް، އަހަރެންނާ ސުވާލުކުރެއްވިއެވެ. [ޠުފައިލެވެ! ތިބާގެ ޤައުމުގެ ޙާލަތު ކިހިނެތްތޯއެވެ؟]

އަހަރެން ދެންނެވީމެވެ. [ﷲ ގެ ރަސޫލާއެވެ! މީސްތަކުންގެ ހިތްތަށް ވަނީ ބަންދުވެފައެވެ. ކާފަރުކަން ވަނީ ގަދަފަދަކަން އިޚްތިޔާރުކޮށްފައެވެ. އަދި ޚާއްޞަގޮތެއްގައި ފާޖިރު، ފާޙިޝް ޢަމަލުތަކާއި މުންކަރާތްތައް ދައުސް ވަންހައިގެ މީހުންގެ މެދުގައި ވަނީ ޢާއްމުވެ ވަކިހިއްޕައިލާފައެވެ.]

މިޖަވާބު އިވިވަޑައިގަތުމާއެކު މާތް ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް ތެދުވެވަޑައިގެން ވުޟޫކުރެއްވިއެވެ. އަދި ދެރަކުޢަތް ނަމާދެއް ކުރެއްވުމަށްފަހު ދުޢާކުރެއްވުމަށްޓަކައި ދެއަތްޕުޅު މައްޗަށް އުފުއްލަވައިލެއްވިއެވެ. އަބޫ ހުރައިރާ ރަޟިޔަﷲ ޢަންހު ވިދާޅުވެފައިވެއެވެ. އަހަރެންނަށް މިމަންޒަރު ފެނުމުން އެކަލޭގެފާނު ފަހަރެއްގައި އަހަރެންގެ ޤައުމުގެ މައްޗަށް ބަދުދުޢާ ކުރައްވައި، އެކަމުގެ ސަބަބުން ﷲ ތަޢާލާ ، އެބައިމީހުން ހަލާކު ކުރައްވައިފާނެތީ އަހަރެންގެ ހިތުތެރޭގައި ބިރުވެރިކަން އުފެދިގެން ދިޔައެވެ. އަހަރެންނަށް ބޭއިޚްތިޔާރުގައި ބުނެވުނެވެ. [އަހަރެންގެ ޤައުމާ މެދު ހުރި ހިތާމައެއްގެ ބޮޑުކަމާއެވެ!] އެހެންނަމަވެސް ދެޢާލަމަށް ރަޙުމަތެއްކަމުގައި ކައުކުރެއްވުނު މާތް ނަބިއްޔާާ ޙަދީޘްކުރެއްވީ މިފަދައިންނެވެ. [އިލާހީ! ދައުސްވަންހައިގެ މީހުންނަށް ތެދުމަގު ދައްކަވާނދޭވެ! އިލާހީ! ދަޥްސުވަންހައިގެ މީހުންނަށް ތެދުމަގު ދައްކަވާނދޭވެ! އިލާހީ! ދަޥްސުވަންހައިގެ މީހުންނަށް ތެދުމަގު ދައްކަވާނދޭވެ!] 

ދެން އެކަލޭގެފާނު، ޠުފައިލް ރަޟިޔަﷲ ޢަންހާއި ދިމާއަށް އެނބުރިވަޑައިގެން ވިދާޅުވިއެވެ. [ދެން މިހާރު ތިބާ، ތިބާގެ ޤައުމަށް ވަޑައިގަންނަވާށެވެ. އަދި މަޑުމައިތިރިކަމާއި އޯގާތެރިކަމާއެކު އެބައިމީހުންނަށް އިސްލާމްދީނަށް ދަޢުވަތުދެއްވާށެވެ.]

ޠުފައިލް ވިދާޅުވެފައިވެއެވެ. ތިމަން މެދުކެނޑުމެއްނެތި ދައުސް ވަންހައިގެ މީހުންނަށް ދީނަށް ގޮވައިލުންމަތީ ދެމިހުރީމެވެ. އެންމެފަހުން ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ މަދީނާއަށް ހިޖުރަކުރައްވައިފިއެވެ. އަދި ބަދުރާއި، އުޙުދާއި، ޚަންދަޤު ހަނގުރާމަ ފަދަ ބިރުވެރި ނުރައްކާތެރި ހަނގުރާމަތަކާއި އެކަލޭގެފާނު ކުރިމަތިލައްވަން ޖެހިވަޑައިގެންނެވިއެވެ. އެހާ ހިސާބުން އަހަރެންވެސް މާތް ނަބިއްޔާ ޞައްލާﷲ ޢަލައިހި ވަސައްލަމަގެ އަރިހަށް މަދީނާއަށް ހިޖުރަކޮށްފީމެވެ. އެދަތުރުގައި އަހުރެންނާއެކު ދައުސް ވަންހައިގެ ގާތްގަނޑަކަށް އަށްޑިހަ ގޭގެ މީހުން ބައިވެރިވިއެވެ. އެ އެންމެންނަކީވެސް މުސްލިމުންނެވެ. އަދި އެމީހުންގެ އިސްލާމްކަމުގެ ޙާލަތު ނުހަނު ރަގަޅުވެގެންވެއެވެ. ރަސޫލުﷲ ޞައްލަﷲ އަލައިހި ވަސައްލަމަ އަށް އަހަރަމެން ފެނިވަޑައިގަތުމުން ވަރަށް ބޮޑަށް އުފާކުރެއްވިއެވެ. އަދި އެހެނިހެން މުސްލިމުންނާއެކު ޚައިބަރުގެ ޣަނީމާއިން އަހަރަމެންނަށްވެސް ބައި އެޅުއްވިއެވެ. އަހަރަމެން ދެންނެވީމެވެ. [އޭ ﷲ ގެ ރަސޫލާއެވެ! ކޮންމެ ހަނގުރާމައެއްގައިވެސް ލަޝްކަރުގެ ކަނާތްފަރާތުގައި އަޅުގަނޑުމެން ބައިތިއްބަވާށެވެ. އަދި ލަފްޡު "މަބްރޫރު" އެއީ އަޅުގަނޑުމެންގެ ޝިޢާރުކަމުގައި ހަމަޖައްސަވައި ދެއްވާށެވެ.] (ނުނިމޭ)

ޠުފައިލް ރަޟިޔަﷲ އަންހު، ބަޔާންކުރައްވާފައިވެއެވެ. އެއަށްފަހު ރަސޫލުﷲ ޞައްލަﷲ ޢަލައި ވަސައްލަމަގެ އަރިހުގައި ތިމަން ހުރީމެވެ. އެންމެފަހުން ﷲ ތަޢާލާގެ އޯގާވަންތަކަމާއި ފަޟްލަވަންތަކަމުން މައްކާ ފަތަޙަވެއްޖެއެވެ. ތިމަން ދެންނެވީމެވެ. [އޭ ﷲ ގެ ރަސޫލާއެވެ! އެންމެ ރަގަޅުގޮތަކީ عمرو بن حممة ގެ ބުދު "ޛުލްކިފްލައިން" މުގުރައިލައި އަންދައިލުމަށްޓަކައި ކަލޭގެފާނު އެތަނަށް އަޅުގަނޑު ފޮނުއްވުމެވެ.] ދެންފަހެ މާތް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ، އެތަނަށް ދިޔުމުގެ ހުއްދަ އަހަރެންނަށް ދެއްވިއެވެ. އަހަރެން، އަހަރެންގެ ޤައުމުގެ ޖަމާޢަތެއްގެ މީހުނާއިގެން އެބުދު ހުރި ތަނަށް ދަތުރު ފެށީމެވެ. އަހަރެންނާއި އަހަރެންގެ އެކުވެރީނަށް އެތަނަށް ދެވުމާއެކު އެބުދު އަންދައިލުމަށް ގަސްތުކުރި ހިނދު، އެހިސާބުގެ އަންހެނުންނާއި ފިރިހެނުންނާއި ކުޑަކުދީންތައް އަހަރަމެންގެ ކައިރިއަށް ޖަމާވިއެވެ. އެހުރިހާ އެންމެންވެސް އިންތިޒާރު ކުރަމުން ދިޔައީ އަހަރަމެން އެބުދަށް ކިތަންމެ ކުޑަކުޑަ ގެއްލުމެއްދިނަސް އުޑުން އަހަރަމެންގެ ގަޔަށް އަލިފާން ފައިބައި އަހަރަމެން އަންދައިލާނެ ވަގުތަކަށެވެ. އެހުރިހާ ޖާހިލުންގެ ކުރިމަތީގައި އަހަރެން ކުރިއަށް ނުކުމެ އެބުދުގައި އަލިފާން ރޯކޮށްލީމެވެ. އޭރު އަހުރެންގެ ދޫމަތީގައިވަނީ މިޅެންބައިތެވެ. ތަރުޖަމާ:- (އޭ ޛުލްކިފްލައިން އެވެ! އަހަރެންނީ ކަލެއަށް އަޅުކަންކުރާ މީހެއްނޫނީމެވެ. އަހަރަމެން އުފަންވެފައި ވަނީ ކަލޭ އުފަންވުމުގެ މާކުރީންނެވެ. މިއަދު އަހަރެން، ކަލޭގެ ހިތުގައި އަލިފާން ރޯކުރަމެވެ.) ބަލަބަލައި ތިއްބާ އަލިފާންގަނޑު އޭގެ ކާނާއަކަށް އެބުދު ހަދައިލިއެވެ. އަދި މާގިނައިރުތަކެއްނުވެ އަޅިފުންޏަކަށް ބަދަލުވެއްޖެއެވެ. އެބުދު ފަނާވެ ނެތިދިޔުމާއެކު ކުފުރާއި ޝިރުކުގެ ބިންގާވެސް ފުނޑުފުނޑުވެގެން ހިނގައްޖެއެވެ. އަދި މުޅި ޤަބީލާ އިސްލާމްދީން ޤަބޫލުކޮށްފިއެވެ. އަދި އެބައިމީހުންގެ އިސްލާމްކަމުގެ ފުރިހަމަކަން ސާބިތުވެސް ކޮށްދިނެވެ.

ޠުފައިލް ބުނު ޢަމްރުއްދައުސީ ރަޟިޔަﷲ ޢަންހު، އެންމެ ފަހުވަގުތާ ޖެހެންދެންވެސް ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އަރިހުގައި ސާބިތުވެ ހުންނެވިއެވެ. މާތް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ، ސުވަރުގެވަޑައިގަތުމުން މުސްލިމުންގެ ޚަލީފާއަކަށް އަބޫބަކްރުއްޞިއްދީޤު ރަޟިޔަﷲ ޢަންހު ޢައްޔަނުކުރެވުމުން، މާތް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ޚަލީފާގެ އަރިހަށް ޠުފައިލް ރަޟިޔަﷲ ޢަންހު ޙާޟިރުވެވަޑައިގެންނެވިއެވެ. އަދި ޔަޤީންކަން ދެއްވިއެވެ. [ތިމަންގެ ނަފްސާއި ތިމަންގެ ކަނޑިއާއި ތިމަންގެ ދަރިފުޅު ކަލޭގެފާނަށް އެހީތެރިވެ ނަޞްރުދިނުމަށްޓަކައި ވަޤުފްވެގެންވެއެވެ.]

ދެންފަހެ ކުފުރާ އިލްޙާދުގެ އަލިފާންގަނޑު ރޯވެ ހުޅުފަޅައިގެން ގޮސް، މުރުތައްދުވެ އިސްލާމްދީނުން ބޭރުވެގަތް މީހުންނާ ދެކޮޅަށް ހަނގުރާމަ ފެށުނު ހިނދު، މުސައިލަމަތުލް ކައްޛާބާއި ދެކޮޅަށް ހަނގުރާމައަށް ނުކުތް އިސްލާމީ ލަޝްކަރުގެ އެންމެ ކުރީސަފުގައި ޠުފައިލް ބުން ޢަމްރުއް ދަޥްސީ ރަޟިޔަﷲ ޢަންހު ހުންނެވިއެވެ. އޭރު އެކަލޭގެފާނުގެ އަރިހުގައި އެކަލޭގެފާނުގެ ދަރިކަލުން ޢަމްރު ވެސް ހުންނެވިއެވެ. 

އިސްލާމީ ލަޝްކަރު ޔަމާމާ އާއި ދިމާއަށް ދަތުރުކުރަމުން ދިޔަ މަގުމަތީގައި އެއްރެއަކު އެކަލޭގެފާނަށް ހުވަފެނެއް ފެނިވަޑައިގަތެވެ. ފަތިހު ތެދުވެވަޑައިގެން އެކުވެރީންނަށް ވިދާޅުވިއެވެ. [ރޭގައި އަހުރެންނަށް ހުވަފެނެއް ފެނިއްޖެއެވެ. އެހުވަފެނުގެ ތަޢުބީރު އޮޅުންފިލުވަން އަހަރެން ބޭނުމެވެ.]

އެކުވެރީން ދެންނެވިއެވެ. [ކަލޭގެފާނަށް ހުވަފެނުގައި ފެނުނީ ކޮންއެއްޗެއްތޯއެވެ؟]

ވިދާޅުވިއެވެ. [އަހަރެންނަށް ހުވަފެނުގައި ފެނުނީ އަހަރެންގެ ބޯ ބޭލޭތަނެވެ. އަދި ދޫންޏެއް އަހަރެންގެ އަގައިން ނުކުމެ، އުދުހިގެން ދިޔަ ތަނެވެ. އަދި އަންހެނަކު އޭނާގެ ބަނޑު ތެރެއަށް އަހަރެން ލީތަނެވެ. އަދި އަހަރެންގެ ދަރި ޢަމްރު ވެސް އަހަރެންގެ ފަހަތުން ވަރަށް ބާރަށް ދުވަމުން އަންނަ މަންޒަރު އަހަރެންނަށް ފެނުނެވެ. އެކަމަކު އަހަރެންނާ، އޭނާ އާއި ދެމެދަށް ކޮންމެވެސް އެއްޗެއް ހުރަސްއަޅައެވެ.]

ހުރިހާ އެކުވެރީން ދެންނެވިއެވެ. [ތިޔައީ ރަގަޅު ހުވަފެނެކެވެ.]

އެކަލޭގެފާނު ވިދާޅުވިއެވެ. [ﷲ ގަންދީ ބުނަމެވެ! އަހަރެން މި ހުވަފެނުގެ ތަޢުބީރެއް ކޮށްފީމެވެ. ބޯ ބޭލުމުގެ މުރާދަކީ އަހަރެންގެ ބޯ ބުރިކޮށްލެވޭނެއެވެ. އަހަރެންގެ އަގައިން ނުކުމެ، އުދުހިގެން ދިޔަ ދޫނީގެ މާނައަކީ އަހަރެންގެ ފުރާނަ ހަށިގަނޑުން ނުކުމެގެން ދާނެއެވެ. އަދި އެމީހެއްގެ ބަނޑުގައި ތިމަން ފޮރުވި އަންހެނަކީ ބިމެވެ. އެތާނގައި ވަޅެއް ކޮނެވި އެވަޅުގައި އަހަރެން ވަޅުލެވޭނެއެވެ. އަހަރެންގެ އުއްމީދަކީ މިހަނގުރާމައިގައި ޝަހީދެއްގެ ދަރަޖަ އަހަރެންނަށް މިންވަރުކޮށްދެއްވުމެވެ. ދެންއޮތީ އަހަރެންގެ ދަރިފުޅު އަހަރެންގެ ފަހަތުން ދުވެފައި އައުމެވެ. އޭގެ މުރާދަކީ އޭނާވެސް އަހަރެން ފަދައިން ޝަހީދުވުމަށް އެދިއެދި ހުންނާނެއެވެ. އެކަންތައް އަހުރެންނަށް ޙާޞިލްވާނެއެވެ. ނަމަވެސް އޭނާއަށް އެކަންތައް ޙާޞިލްވާނީ އަހަރެންނަށް ފަހުގައި ﷲ ތަޢާލާ މިންވަރުކުރެއްވި ދުވަހަކުންނެވެ.]

ޔަމާމާގެ ހަނގުރާމައިގައި ޤަދަރު އުފުލިގެންވާ ޞަޙާބީ ޠުފައިލް ބިން ޢަމްރުއް ދައުސީ ރަޟިޔަﷲ ޢަންހު ނުހަނު ވަރުގަދަ ހިތްވަރަކާއި ފަންވަރެއް ދެއްކެވިއެވެ. ހަނގުރާމަ ކުރައްވަމުން ތަފާތު އުނދަގޫތައް އުފުއްލަވަމުން ވަޑައިގެން އެންމެފަހުން ޝަހީދުވެވަޑައިގެން ބިންމައްޗަށް ވެއްޓިވަޑައިގެންނެވިއެވެ. އެކަލޭގެފާނުގެ ދަރިކަލުން ޢަމްރޫ ވެސް މެދުކެނޑުމެއްނެތި ދުޝްމަނުންނާއި ހަނގުރާމަކުރައްވަމުން ގެންދެވިއެވެ. އެކަލޭގެފާނުގެ މުޅި ހަށިގަނޑުގައި ވަނީ ފުން ޒަޚަމްތަކެވެ. އަދި އެކަލޭގެފާނު މަދީނާއަށް އެނބުރި ވަޑައިގަތީ އެކަލޭގެފާނުގެ ބައްޕާފުޅާއި އެކަލޭގެފާނުގެ ބުރިވެފައިވާ އަތްޕުޅު ޔަމާމާގެ ބިމަށް ދޫކުރައްވައިފައެވެ .

ޢުމަރު ބުނުލް ޚައްޠާބު ރަޟިޔަﷲ ޢަންހުގެ ޚިލާފަތުގެ ދުވަސްވަރު، އެއްފަހަރަކު ޠުފައިލްގެ ދަރިކަލުން ޢަމްރު ރަޟިޔަﷲ ޢަންހު، ޚަލީފާގެ އަރިހަށް އެކަލޭގެފާނާއި ބައްދަލުކޮށްލެއްވުމަށްޓަކައި ވަޑައިގެންނެވިއެވެ. އެވަގުތު ޢުމަރުގެފާނުގެ އަރިހުގައި އިތުރު އެހެން މީހުންވެސް ތިއްބެވެ. އަމީރުލް މުއުމިނީން އެހުރިހާ މީހުންނަށް ކެއުމުގައި ބައިވެރިވުމަށް ދަޢުވަތުދެއްވައި ސުފުރާ ފަތުރައިލެއްވިއެވެ. ނަމަވެސް ޢަމްރޫ ބިން ޠުފައިލް ފަހަތަށް ޖެހިވަޑައިގެން އެއްފަރާތެއްގައި އިންނެވިއެވެ. ޢުމަރު ރަޟިޔަﷲ ޢަންހު ސުވާލުކުރެއްވިއެވެ. [ކަލޭގެފާނު ކެއުމުގައި ބައިވެރިވެވަޑައިނުގެންނަވަނީ ކީއްވެތޯއެވެ؟ އަނެއްކާ ކަލޭގެފާނުގެ ބުރިވެފައިވާ އަތްޕުޅުގެ ސަބަބުން ލަދުވެތިވެ ވަޑައިގަންނަވަނީތޯއެވެ؟]

ޢަމްރު ޖަވާބުދެއްވިއެވެ. [އަމީރުލް މުއުމިނީން ތިޔަ ވިދާޅުވީ ރަގަޅަށެވެ.]

ޢުމަރު ރަޟިޔަﷲ ޢަންހު ވިދާޅުވިއެވެ. [ﷲ ގަންދީ ބުނަމެވެ! ކަލޭގެފާނުގެ ތިޔަ ބުރިވެފައިވާ އަތްޕުޅު ކާތަށީގެ ތެރެއަށް ނުލައްވާހައި ހިނދަކު ތިމަން ކާއެއްޗެއްގައި އަތްނުލާހުށީމެވެ. ﷲ ގަންދީބުނަމެވެ! މިބައިމީހުންގެ ތެރެއިން ކަލޭގެފާނު ފިޔަވައި އެހެން އެއްވެސް މީހަކަށް އޭނާއަށްވުރެ ކުރީން އޭނާގެ ހަށިގަނޑުގެ ބައެއް ސުވަރުގެއަށް ދިޔުމުގެ ޝަރަފު ލިބިފައެއްނުވެއެވެ.] (ޔަޢުނީ- އެކަލޭގެފާނުގެ ބުރިވެފައިވާ އަތްޕުޅު އެކަލޭގެފާނަށްވުރެ ކުރީން ސުވަރުގެއަށް ވާޞިލުވެއްޖެއެވެ.)

ޢަމްރު ބިން ޠުފައިލް، އެކަލޭގެފާނުގެ ބައްޕާފުޅާއި ވަކިވެވަޑައިގަތް ވަގުތާ ހަމައިން ޝަހީދުވުމުގެ ހުވަފެންފުޅު ދެކެވަޑައިގަންނަވަމުން ގެންދެވިއެވެ. އެންމެ ފަހުން ޔަރުމޫކް ހަނގުރާމަ އެކަލޭގެފާނުގެ އެހުވަފެންފުޅު ފުރިހަމަކޮށްދިނެވެ. އެހެނިހެން މުޖާހިދުންނާއެކު ޖިހާދުގެ މައިދާނަށް އެކަލޭގެފާނު ފައިބައިވަޑައިގެންނެވިއެވެ. އަދި ދުޝްމަނުންނާ ހަނގުރާމަކުރައްވަމުން ވަޑައިގެން އެކަލޭގެފާނުގެ ބައްޕާފުޅު އުއްމީދުކުރެއްވި ފަދައިން ޝަހީދުވެވަޑައިގެންނެވިއެވެ .

ﷲ ސުބުޙާނަހޫ ވަތަޢާލާގެ ރަޙްމަތާއި ފުއްސެވުން ޠުފައިލް ބުނު ޢަމްރުއްދައުސީގެ މައްޗަށް ލައްވާށިއެވެ! އެކަލޭގެފާނު ﷲ ގެ މަގުގައި ޝަހީދުވެވަޑައިގެންނެވިއެވެ. އަދި ޝަހީދެއްގެ ބައްޕައެއްކަމުއި ވުމުގެ ޝަރަފުވެސް އެކަލޭގެފާނަށް ލިބިވަޑައިގެންނެވިއެވެ. (ނިމުނީ)

މަޞްދަރު: ހަޔާތެ ޞަޙާބާ  / މަޙްމޫދު އަޙްމަދު ޣަޟަންފަރު

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *