ޝަޚުސިއްޔަތު

ޠުފައިލް ބުނު ޢަމްރުއްދައުސީ رضي الله عنه - 1

ޠުފައިލް ބުނު ޢަމްރަކީ ޖާހިލިއްޔަ ޒަމާނުގައި ދައުސް ވަންހައިގެ ޢިއްޒަތްތެރި ޝަރަފުވެރި ސަރުދާރުންގެ ތެރެއިން އަރައި ހުންނެވި ސަރުދާރެކެވެ. އަދި އެކަލޭގެފާނު ހިމެނިވަޑައިގަންނަވަނީ ޢަރަބީންގެ ހިތްވަރުގަދަ ކެރޭ ފަހުލަވާނުންގެ ތެރެއިންނެވެ. އަދި އެކަލޭގެފާނަކީ ބޭނުމެއް ޖެހިގެން އައި އެއްވެސް މީހަކަށް އެކަލޭގެފާނުގެ ގޭގެ ދޮރު ފަހަރެއްގައިވެސް ބަންދު ކުރައްވާފައި ނުވާ ދީލަތި ހިތްޕުޅު ތަނަވަސް ބޭކަލެކެވެ. ބަނޑުހައިވެފައިވާ މީހާއަށް ކާންދެއްވައެވެ. ބިރުގެންފައިވާ މީހާއަށް ތަސައްލީ ދެއްވައެވެ. ރައްކާތެރިކަމަށް އެދިގެން އަންނަ މީހާއަށް އެކަލޭގެފާނުގެ ގެއިން ރައްކާތެރިކަން ދެއްވައެވެ. މި ހުރިހައި ކަމަކާއެކު އެކަލޭގެފާނަކީ ވަރަށް ވިސްނުން ތޫނު ބުއްދިވެރި އަދީބެއް ވެސް މެއެވެ. އެކަލޭގެފާނަށް ލިބިފައިވަނީ ނުހަނު ޙައްސާސް ހިތްޕުޅެކެވެ. އެކަލޭގެފާނުގެ ޝުޢޫރުތައް ނުހަނު ސާފު ޠާހިރެވެ. ވާހަކަ ދެއްކުމުގެ އުކުޅުތައް ދެނެވަޑައިގަންނަވައެވެ. އެކަލޭގެފާނު ދައްކަވާ ވާހަކަފުޅުގައި ޖާދޫގެ އަސަރު އެކުލެވިގެންވާ ކަހަލައެވެ.

ޠުފައިލް، ތިހާމާގައި ހުރި އެކަލޭގެފާނުގެ ގެދޮރު ދޫކުރައްވައި މާތްވެގެންވާ މައްކަތުލް މުކައްރަމާ އަށް މިޞްރާބު ޖެއްސެވިއެވެ. އެވަގުތަކީ މާތް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އާއި ޤުރައިޝް ވަންހައިގެ މުޝްރިކުންނާއި ދެމެދު އީމާނާއި ކުފުރުގެ ހަނގުރާމަ ހިނގަމުން ދިޔަ ދުވަސްވަރެވެ. ކޮންމެ ބައެއްގެ ވެސް ބޭނުމަކީ އެބައެއްގެ ކޮޅަށް ވީހައި ގިނަ ބަޔަކު ޖަމާކުރުމެވެ. އަދި ހަނގުރާމަ ކާމިޔާބު ކުރުމަށްޓަކައި ވީހައި ގިނަ ބައެއްގެ އެހީތެރިކަމާއި މަދަދު ޙާޞިލްކުރުމެވެ.

މާތް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ، އެކަލޭގެފާނުގެ ވެރި ރަސްކަލާނގެ މަގަށް ގޮވައިލައްވަމުން ގެންދެވިއެވެ. އެކަލޭގެފާނުގެ އަޞްލު ހަތިޔާރަކީ އީމާންކަމުގެ ސާބިތުކަމާއި ޙައްޤު ދީނުގެ މައްޗަށް އޮތް ޔަޤީންކަމެވެ. އެއާ ޚިލާފަށް މައްކާގެ މުޝްރިކުން މަސައްކަތް ކުރަމުން ގެންދިޔައީ އެކަލޭގެފާނުގެ ދަޢުވަތު ފޮހެލުމަށެވެ. އަދި އެކަމަށްޓަކައި ކޮންމެ ޙީލަތެއްވެސް ބޭނުން ކުރުމަށެވެ. މިވަރަކުން ނިމުނީއެއް ނޫނެވެ. އަދި ކިއެއްތަ! އެކަލޭގެފާނާއި ބައްދަލުކުރުމަށް މީސްތަކުނަށް ހުރަސް އަޅަމުންވެސް ގެންދިޔައެވެ. މައްކާ އަށް ވަޑައިގެންނެވުމުން ޠުފައިލު ބިން ޢަމްރަށް އިޙްސާސްވެވަޑައިގަތީ އެއްވެސް ތައްޔާރުވުމަކާއި ނުލައި ނޭގި ހުރެ މި ހަނގުރާމައިގައި އެކަލޭގެފާނަށް ބައިވެރިވެ ވަޑައިގެންނެވެނީހެންނެވެ. އަދި އެކަލޭގެފާނުގެ ހިތާއި ދެކޮޅަށް ވެސް ކުފުރާއި އިސްލާމްގެ މަޢުރިކާގެ ތެރެއަށް ވެއްޓިވަޑައިގަންނަވާހެންނެވެ.

އެކަލޭގެފާނު މައްކާ އަށް ވަޑައިގެންނެވީ އެ މަޤުޞަދެއްގައެއް ނޫނެވެ. އަދި محمد صلي الله عليه وسلم އާއި ޤުރައިޝުންގެ ދެބަސްވުމުގެ ޚިޔާލުވެސް އެކަލޭގެފާނުގެ ހިތްޕުޅަށް އަރައިފައެއް ނުވެއެވެ. އެހެންކަމުން ޠުފައިލު ބިން ޢަމްރުއްދައުސީ އާއި ހަނދާނުން ފޮހެލަން ދަތި ހާދިޘާއެއް ކުރިމަތިވެއެވެ. އެ ޙާދިޘާ އެކަލޭގެފާނުގެ ދޫފުޅުން އަޑުއަހައިލަމާތޯއެވެ؟

طفيل بن عمرو رضي الله عنه ރިވާ ކުރައްވައެވެ. އަހަރެންނަށް މައްކާއަށް ވަދެވުމާއެކު ޤުރައިޝުންގެ ސަރުދާރުންތައް އައިސް އަހަރެން ވަށައިލިއެވެ.އަދި ވަރަށް ހޫނު މަރުޙަބާއެއް ކިޔައި ނުހަނު ޢިއްޒަތާ އެކު އަހަރެންނާއިސްތިޤުބާލު ކުރިއެވެ. ދެން މައްކާގެ ހުރިހާ ސަރުދާރުންނާއި ޢިއްޒަތްތެރީންއެއްތަނަކަށް ޖަމާވިއެވެ. އަދި އެމީހުންގެ ކައިރިއަށް އަހަރެން ގެންދިޔުމަށް ފަހުބުންޏެވެ. [ޠުފައިލެވެ! ތިބާ މިތަނަށް ވަޑައިގެންފީމުއެވެ. މިތާނގައި އޭނާއަމިއްލައަށް ނަބީކަމަށް ދަޢުވާކޮށްގެން އުޅޭ މީހަކު އެބަ އުޅެއެވެ. އޭނާ،އަހަރަމެންގެ ޚިޔާލުތައް ވިއްސިވިހާލި ކޮށްލައިފިއެވެ. އަހަރަމެންގެ މެދުގައިދެކޮޅުވެރިކަން އުފައްދައިފިއެވެ. އަދި އަހަރަމެން ބައިބައި ކޮށްލައިފިއެވެ.އަހަރަމެން ބިރުގަންނަނީ ފަހަރެއްގައި މިމުޞީބާތް ތިބާގެ ޤައުމުގެ މައްޗަށް ވެސްއަތުވެދާނެތީއެވެ. އަހަރަމެންގެ އިޚުލާޞްތެރި އެދުމަކީ ތިބާ އޭނާ އާއިބައްދަލުނުކުރެއްވުމެވެ. އޭނާ އާއި ވާހަކަނުދެއްކެވުމެވެ. އަދި އޭނާގެ ވާހަކައަޑުވެސް ނުއެއްސެވުމެވެ. އެހެނީ އޭނާގެ ވާހަކައިގައި ޖާދޫގެ އަސަރުވެއެވެ. އޭނާގެވާހަކައިގެ ސަބަބުން ބައްޕަ އާއި ދަރީން، އަޚުންނާއި އަޚުން އަދި އަނބީންނާއިފިރީން ވަކިވެދެއެވެ.]ޠުފައިލް ވިދާޅުވެފައިވެއެވެ. [ﷲ ގަންދީ ބުނަމެވެ!އެބައިމީހުން މެދުކެނޑުމެއް ނެތި މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަ އާއި ބޭހޭގޮތުންއާދަޔާއި ޚިލާފު ޢަޖައިބު އެތައް ވާހަކަތަކެއް އަހުރެންނަށް ކިޔައިދީ އަހުރެން ބިރުގަންނަވަމުންގެންދިޔައެވެ. އެންމެފަހުން އެކަލޭގެފާނު ފެންނަ ހިސާބަށް ނުދިޔުމަށާއިއެކަލޭގެފާނާއި ވާހަކަ ނުދެއްކުމަށާއި އެކަލޭގެފާނުގެ ވާހަކަފުޅު އަޑުނޭހުމަށްއަހަރެން ވަރަށް ވަރުގަދަޔަށް އަޒުމް ކަނޑައެޅީމެވެ.]

ކޮންމެއަކަސް ހެނދުނުގެ ވަގުތު ޠަވާފުކުރުމަށާއި ކަޢުބާގައި ބެހެއްޓިފައިފައިވާ އަހަރަމެން ނުހަނު ޤަދަރާއި އިޙްތިރާމު ކުރާ ބުދުތަކުން ބަރަކާތް ޙާޞިލްކުރުމުގެ ބޭނުމުގައި ގެއިން ނުކުތީމެވެ. އަދި ފަހަރެއްގައިވެސް މުޙައްމަދު (ޞައްލަﷲ ޢަލައިހި ވަސައްލަމަ) ގެ އަޑުފުޅު އިވިދާނެކަމަށްޓަކައި ރައްކާތެރި ވުމުގެ ގޮތުން އަހަރެންގެ ކަންފަތަށް ކަފަ ޖެހީމެވެ. އެހެން ނަމަވެސް مسجد الحرام އަށް ހަމަ ވަދެވުމާއެކު އަހަރެންނަށް ފެނުނީ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަ، ކަޢުބާގެ ކައިރީގައި ނަމާދުކުރައްވަން ހުންނެވި މަންޒަރެވެ. އެކަލޭގެފާނުގެ ނަމާދާއި އަޅުކަން ކުރައްވާ ގޮތް މުޅީން ތަފާތެވެ. އެމަންޒަރު އަހުރެންނަށް ވަރަށް ކަމުދިޔައެވެ. އެކަލޭގެފާނުގެ އަޅުކަމުގެ އެގޮތްކޮޅު ފެނުމުން އަހުރެންގެ މުޅި ހަށިގަނޑުގައި އުފާވެރިކަމުގެ އިޙުސާސެއް އުފެދިގެން ދިޔައެވެ. އަހުރެންނަށް ހިތާހިތުން އިޙުސާސްކުރެވެމުން ދިޔައީ ބޭއިޚްތިޔާރުގައި މަޑުމަޑުން އެކަލޭގެފާނާއި ގާތްވެވެމުމުން ދާކަމުގައެވެ. އެންމެ ފަހުން އަހުރެންނަށް ހަމަ ޙަޤީޤަތުގައިވެސް އެކަލޭގެފާނާއި ކައިރިވެވުނެވެ.

ﷲ ތަޢާލާ އެދިވޮޑިގެންވަނީ އެކަލޭގެފާނުގެ ބައެއް ބަސްތައް އަހުރެންނަށް އަޑު އިއްވެވުމަށް ކަންނޭގެއެވެ. އެހެންކަމުން  رسول الله صلي الله عليه وسلم ގެ އަގުހުރި ރިވެތި ބަސްތައް އަހުރެން އަޑުއެހީމެވެ. އެބަސްފުޅުތައް އަޑު އިވުމުން އަހުރެންގެ ހިތަށް އެރިއެވެ. [އޭ ޠުފައިލެވެ! ހާދަހައިވާ ހިތާމަ ހުރި ކަމެކެވެ! ތިބާ އަކީ ބުއްދިވެރި ޝާޢިރެކެވެ. ރީތި ހުތުރު ރަގަޅަށް ދަންނަ މީހެކެވެ. އެކަލޭގެފާނު އެވިދާޅުވާ އެއްޗެއް އަޑުއަހައިލުމުގައި އޮތީ ކޮން މައްސަލައެއް ހެއްޔެވެ؟ އެކަލޭގެފާނު ރަގަޅު ވާހަކައެއް ދައްކަވައިފިނަމަ ޤަބޫލުކުރާނީއެވެ. ނުބައި ވާހަކައެއް ދައްކަވައިފިނަމަ ޤަބޫލުނުކޮށް ދުރަށް ދާނީއެވެ.] 

ޠުފައިލް ރަޟިޔަﷲ ޢަންހު، ވިދާޅުވެފައި ވެއެވެ. މި ޚިޔާލު އައުމުން އަހުރެން މިސްކިތުގައި މަޑުކުރީމެވެ. އެންމެފަހުން ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ، ނަމާދުން ނިމިވަޑައިގެން އެކަލޭގެފާނުގެ ގެކޮޅަށް މިޞްރާބު ޖެއްސެވިއެވެ. އަހުރެންވެސް އެކަލޭގެފާނުގެ ފަހަތްޕުޅުން ހިނގައިގަތީމެވެ. އެކަލޭގެފާނު ގެކޮޅަށް ވެދެވަޑައިގަތުމުން އަހުރެންވެސް އެކަލޭގެފާނުގެ ފަހަތްޕުޅުން ވަދެ ދެންނެވީމެވެ. [އޭ ﷲ ގެ ރަސޫލާއެވެ! ކަލޭގެފާނުގެ ޤައުމުގެ މީހުން ކަލޭގެފާނާއި ބެހޭގޮތުން އަޅުގަނޑުގެ ގާތުގައި ވަރަށް ގިނަ ވާހަކަތައް ވަނީ ދައްކައިފައެވެ. އަދި އަޅުގަނޑު، ކަލޭގެފާނުގެ ވާހަކަފުޅު އަޑުއަހައިފާނެކަމަށްޓަކައި މެދުކެނޑުމެއް ނެތި އަޅުގަނޑަށް ބިރުދައްކަމުން ގެންދިޔައެވެ. އެހެންވެ ކަލޭގެފާނުގެ ވާހަކަފުޅު އަޑުނޭހުމަށްޓަކައި އަޅުގަނޑުގެ ކަންފަތަށް ކަފަޖަހައިގެން އުޅުނީމެވެ. ނަމަވެސް ﷲ އެދިވޮޑިގެންނެވީ ކަލޭގެފާނުގެ ބަސްފުޅު އަޅުގަނޑަށް އިއްވެވުމަށެވެ. ﷲ ގަންދީބުނަމެވެ! އަޅުގަނޑު ހަމައެކަނި ކަލޭގެފާނުގެ ވާހަކަފުޅު އަޑުއެހީއެއްނޫނެވެ. އަދި ކިއެއްތަ! ކަލޭގެފާނުގެ ކޮންމެ ބަސްފުޅެއް އަޅުގަނޑަށް ނުހަނު ކަމުހިނގައްޖެއެވެ. އަޅުގަނޑު އެދެނީ ކަލޭގެފާނުގެ ދަޢުވަތު އަޅުގަނޑަށް އިއްވަވައިދެއްވުމަށެވެ.]   ދެން  رسول الله صلي الله عليه وسلم  އެކަލޭގެފާނުގެ ދަޢުވަތު ހުށަހަޅުއްވަމުން سورة الإخلاص އާއި سورة الفلق ކިޔަވައި ވިދާޅުވިއެވެ. ﷲ ގަންދީ ބުނަމެވެ! އެފަދަ ފުރިހަމަ ބަސްތަކެއް އޭގެ ކުރިއަކުން އަހުރެން ނާހަމެވެ. އެއަށްވުރެ ޢަދުލު އިންޞާފުގެ މައްޗަށް ބިނާވެގެންވާ ދަޢުވަތެއް އަހުރެންގެ ކަންފަތުގައި ޖެހިފައެއްނުވެއެވެ. ދެން ފަހެ އަހުރެން ހަމަ އެވަގުތު  ޝަހާދަތުގެ ދެކަލިމަ ކިޔައި، ﷲ ފިޔަވައި ޙައްޤުވެގެން އަޅުކަމެއްވެވޭ އިލާހަކު ނުވާކަމަށާއި މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމް   އަކީ ﷲ ގެ ރަސޫލާކަމަށް ހެކިވެ އިސްލާމްވެއްޖައީމެވެ. އަދި އެކަލޭގެފާނުގެ އަތްޕުޅު މައްޗަށް ބައިޢަތު ހިފައިފީމެވެ. – رضي الله عنه 

ޠުފައިލް ރަޟިޔަﷲ ޢަންހު ބަޔާންކުރައްވާފައިވެއެވެ. ދެން އަހުރެން ކުޑަދުވަސްކޮޅަކު މައްކާގައި މަޑުކުރީމެވެ. މިދުވަސްތަކުގެ ތެރޭގައި އިސްލާމްދީނުގެ ޙުކުމްތަކުގެ ޢިލްމު ޙާޞިލްކުރީމެވެ. އަދި ވީވަރަކުން ކީރިތި ޤުރުއާނުގެ ބައެއް ސޫރަތްތައް ހިތުދަސްކުރީމެވެ. ދެން އަހުރެންގެ ޤައުމަށް އެނބުރިދާން ޤަޞްދުކުރި ހިނދު ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އަރިހަށް ޙާޟިރުވެ ދެންނެވީމެވެ. [އޭ ﷲ ގެ ރަސޫލާއެވެ! އަހުރެންނަކީ އަހުރެންގެ ޤަބީލާގައި ބަސްވިކޭ މީހަކީމެވެ. މިހާރު އަޅުގަނޑު އެމީހުންގެ ގާތަށް މިދަނީ އިސްލާމްދީނަށް ގޮވާލާ މީހެއްގެ ގޮތުގައެވެ. އަޅުގަނޑުގެ މިމަސައްކަތުގައި އެހީއަކަށްވާނޭފަދަ ނިޝާނެއް އަޅުގަނޑަށް ދެއްވައިތޯ ކަލޭގެފާނު ﷲ އަށް ދުޢާކޮށްދެއްވާށެވެ.]

މިހެންދެންނެވުމުން އެކަލޭގެފާނު އަހުރެންނަށްޓަކައި މިފަދައިން ދުޢާ ކޮށްދެއްވިއެވެ.[ހައްދަވައި ބޮޑުކުރެއްވި ރަސްކަލާކޮ! އޭނާ ހެޔޮކަމަކަށް ޤަޞްދުކުރާ ކޮންމެފަހަރަކު އެކަމުގައި އޭނާއަށް އެހީއަކަށްވާނޭ ފަދަ ނިޝާނެއް ދެއްވައިފާނދޭވެ!] (ނުނިމޭ)

މަޞްދަރު: ހަޔާތެ ޞަޙާބާ  / މަޙްމޫދު އަޙްމަދު ޣަޟަންފަރު

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *