2004 ވަނަ އަހަރުގެ ޑިސެމްބަރުމަހު އިންޑޮނޭޝިއާއަށް އައި ބިންހެލުން ވެގެން ދިޔައީ މިފަހަކަށް އައިސް ދުނިޔެ ދުށް އެންމެ ބިރުވެރި އެއް ޙާދިޘާ ކަމުގައެވެ. ސުނާމީގެ ނަމުން ނަންދެވިފައިވާ މިޙާދިޘާގައި އެކި ގައުމުތަކުން ދެލައްކަ ސައްބީސް ހާހަށްވުރެ ގިނަމީހުން މަރުވިއެވެ. މީ އެގޭ ދިހައަހަރު ފަހެވެ. ބިންހެލުމާއެކު އުފެދުނު ރާޅުބާނިން އެކި ޤައުމުތަކުން މަރުވި މީހުންގެ މަތިން މިއަދު ހަނދާން ހުރީ ކިތައްމީހުންތޯއެވެ؟
އެދުވަހު އެލިބުނު ހިތާމަތަކާއި! ކުރިމަތިވި މުސީބާތްތަކާއި! ބިރުވެރިކަމުގެ މަތިން ހަނދާން ހުރީ ކިތައްމީހުންތޯއެވެ؟ ފެނުނު ބިރުވެރިމަންޒަރު ތަކުން ސަލާމަތްކަމަށް އެދި ހެއްދެވި ފަރާތަށް ގޮވައި އާދެސް ކުރި މީހުންގެ ތެރެއިން މިއަދު އެކަލާނގެއަށް ދަންނަވަނީ ކިތައް މީހުންތޯއެވެ؟
ޝައްކެއްނެތެވެ! އިންސާނުންނަކީ ކަންކަން ވަރަށް ފަސޭހައިން ހަނދާންނެތޭ ބައެކެވެ. އަދި ކަންތައްތަކާއި ދިމާވުމުން ކެތްތެރިވެ! އެކަމަކުން ޢިބުރަތް ޙާޞިލު ކުރަނީވެސް މަދު ބައެކެވެ.
އަޅުގަނޑުމެންގެ ރާއްޖެއަށް ބަލާލަމާތޯއެވެ. އެދުވަހުގެ ޙާދިޘާއަކީ މިހާތަނަށް ރާއްޖޭގެ ތާރީޚުގައި ދިމާވި އެންމެ ހިތާމަވެރި! ބިރުވެރި ޙާދިޘާކަމަށް ގިނަބަޔަކު ޤަބޫލު ކުރެއެވެ. އެދުވަހު ހުރިހާދިވެހިން އެއްއަޑަކުން ރުޔެވެ. އަދި ގިނަބަޔަކު ﷲއަށް ތައުބާވެ! އެކަލާނގެ ދީނަށް ފުރިހަމަ ގޮތުގައި ވަނުމަށް ޢަޒުމު ކަނޑައެޅިއެވެ.
ނަމަވެސް ވީގޮތަކީތޯއެވެ! ރާޅުބާނި ރަށުތެރެއަށް އަރާފައި� ފައިބައިގެން ރަނގަޅަށް ނުދަނީސް ވައްކަން ކުރާމީހުންތައް ވައްކަން ކުރަން ފެށީއެވެ. އަދި އެދުވަހުގައި ގެދޮރު ހަލާކުވެގެން ދިއުމުގެ ސަބަބުން ފޭލިގެތަކަށް ވަންނަން ޖެހުނު ބައެއް މީހުން ވަގުތުގެ ބޭނުންހިފައި ޒިނޭކުރުމުގައި އަވަދިނެތި އުޅެންފެށިއެވެ. އޭގެ ފުރިހަމަ ދަލީލަކީ ބައްޕަނޭނގޭ އެތައް ކުދިންނެއް އޭގެ އަހަރެއްފަހުން ވަގުތީ ހިޔާތަކުގެ ތެރެއިން! ދުނިޔެއަށް އުފަންވުމެވެ.
މާލެއަށް ބަލާލަމާތޯއެވެ! ސައްތައިންސަތަ މުސްލިމުން ކަމަށް ދައުވާކުރާ ދިވެހިންގެ ތެރެއިން ބަޔަކު ތައިލެންޑުން ކަސްބީ އަންހެނުން ގެނެސްގެން އެތައްމަސާޖު ޕާލާތަކެއް ހުޅުވިއެވެ. އެތަންތާނގައި ތައިލެންޑުގެ ކަސްބީންނާއި ދިވެހި މުސްލިމްކަމަށް ދައުވާކުރާ މީހުންވެގެން ކުރާކަންތައް ލިޔާކަށް އަޅުގަނޑު ނެތީމެވެ. އަދިއަދަށްދާންދެންވެސް އެތަންތަން އެހުރީއެވެ. ސަރުކާރުގައި ރަސްމީކޮށް ރަޖިސްޓްރީކޮށްގެން ސެލޫންތަކާއި ބޭސްފަރުވާދޭ ތަންތަނުގެ ނަމުގައެވެ.
ކުރާނެކަމެއްނެތެވެ. އެފަދަ ގިނަ ތަންތަން މިއަދު ސަރުކާރުން ބަންދު ކޮށްފައި ވީނަމަވެސް މަދުން ނަމަވެސް އެ ވިޔަފާރި ރާއްޖޭގައި ހިންގާކަން ދޭތެރެ ދޭތެރެއިން ފަޅާ އަރަމުން ދާއިރު، މިތޯހިރު ދިވެހި ފަސްގަނޑު މިވަނީ ތައިލޭންޑުގެ ކަސްބީންތަކުން ނަޖިސްވެފައެވެ. އެ ރަންޑިން މާލޭމަގުތަކުގައި ހަށިގަނޑުގެ ހުރިހައި ތަނެއްހެން ދައްކައިގެން ވަރަށް މިނިވަންކަމާއެކު ދިވެހި މުސްލިމް ފިރިހެނުން މަގުފުރައްދަމުން ދުވެނަގާތަން މާލޭގެ ގިނަ މަގުތަކުން މިހާރުވެސް ފެނެއެވެ.
މީގެ ހަތަރު ފަސް އަހަރެއް ކުރިން ކަމާބެހޭއެއްވެސް ފަރާތަކުން މިކަމާ އަޅައެއް ނުލިއެވެ. އެހެން ކަމުން ދެން އިވުނީ ބަޔަކަށް ބަނގުރާ ނުބޮވިގެން އުޅޭއަޑެވެ. ބަނގުރާ ބޯނެ ތަންތަން ވަކި ހުއްދައެއްގެ ދަށުން ހުޅުވުމަށް ތައްޔާރުވާން އުޅޭއަޑެވެ. ރެގިއުލޭޓު ކޮށްގެން ނޯލައެވެ. ސުނާމީއަށް ފަސް އަހަރު ފުރުނު އިރު މި ޤައުމުގައި ޒިނޭކުރުން ޢާއްމުވެއްޖެއެވެ. ލާދީނިއްޔަތު ޢާއްމު ވެއްޖެއެވެ. ބަނގުރާ ބޯމީހުނަށް ހުއްދަދެވި އެކަން ވެސް ޢާއްމު ވެއްޖެއެވެ. ރިބާ ޢާއްމުވެއްޖެއެވެ. ހައްދުފަހަނައަޅާ މިންވަރަށް އެއްޖިންސުން ގުޅުން ހިންގާމީހުން ގިނަވެއްޖެއެވެ. އަދި އެކަމަށް އެދި ފާޅުގައި ގޮވާލާ މީހުން އުފެދިއްޖެއެވެ. މީގެ ނަތީޖާ އަކަށްވީ އެކަންކަން ކޮންމެވެސް އެހެން ގޮތަކުން ހުއްޓުވުމަށް ދިވެހިންނަށް މަޖުބޫރު ވުމެވެ.
ނަސީބަކުން އަޅުގަނޑުމެންނަށް މިވަގުތު ﷲގެ އޯގާވަންތަވެރިކަމުން ބޮޑު އެއްވެސް މުސީބާތެއް ކުރިމަތި ނުވަނީސް ދިވެހިން ނުކުމެ މިކަންކަން ކޮންމެވެސް ވަރަކަށް މިވަނީ ހުއްޓުވާފައެވެ.މިއީ މިއަދު އަޅުގަނޑުމެންގެ ޤައުމުގެ ހާލަތު ގޮސްފައިވާހިސާބެވެ.
ޤަބޫލުކުރަން ދަތިވިޔަސް! މިއަދު ދުނިޔޭގައި ބިންހެލުންތައް އައުން އިތުރުވެއްޖެއެވެ. އަދި އެހެނިހެން ބޮޑެތި މުސީބާތްތައް އައުން ގިނަވެއްޖެއެވެ. ގޮތްނޭނގޭ އެތައް ވަބާތަކާއި ބަލިތަކެއް ދުނިޔޭގައި ޢާއްމު ވެއްޖެއެވެ. ބައެއްގައުމުތަކުގައި އަލިފާނުގެ ފަރުބަދަތައް ގޮވަން ކައިރިވެއްޖެ ކަމުގެ އެލާމުތައް އަޅަން ފަށައިފިއެވެ. ދޭތެރެދޭތެރެއިން ސުނާމީއެލާމު އަޅަނީއެވެ. ޢިބްރަތް ޙާޞިލުކުރީ ކިތައް މީހުން ތޯއެވެ؟
ހަމަ ކޮންމެ ވަގުތަކުވެސް ﷲގެ ކޯފާއެއް އަތުވެދާނެކަމަށް ބިރުވެތިވެގެން ތިބީ ކިތައް މީހުންތޯއެވެ؟ 2004 ވަނަ އަހަރުގެ ބިންހެލުމަށްފަހު ކިތައްސަތޭކަ ބިންހެލުން ދުނިޔެއަށް އައިސްފި ތޯއެވެ؟ އެކަމުން ކިތައް ސަތޭކަ ބަޔަކު މަރުވެ ހިނގައްޖެ ތޯއެވެ؟ މިކަންކަމުން އަޅުގަނޑުމެންނަށް އެނގުމެއް ވިތޯއެވެ� ނޫނެކެވެ! ޣާފިލުކަމުން އަޅުގަނޑުމެން މިތިބީ ފޯވެފައެވެ. ދުނިޔޭގެ ދިރިއުޅުމަށް ލޯބިކުރެވުނީ އިންތިހާއަށެވެ. ހުރި ހިތާމައެއްގެ ބޮޑުކަމާއެވެ. “އޭ ﷲ ! ދުނިޔޭގައި ކުރިމަތިވާ މުސީބާތްތަކުން ޢިބްރަތް ޙާސިލްކޮށް ގިނަގިނައިން އިބަ އިލާހު ހަނދުމަކުރާ ބައެއްކަމުގައި އަޅަމެން ލައްވާނދޭވެ.. އަދި އަޅުގަނޑުމެންގެ ތެރޭގައި ފާޅުގައި އިބަ އިލާހަށް އުރެދޭ މީހުންގެ ސަބަބުން އަޅުގަނޑުމެން އެންމެނަށް ޢާއްމުވާފަދަ ކޯފާއެއް ނުފޮނުއްވާންދޭވެ!” އާމީން!

















އާމީން
آمين