(ކުރީގެ ޢަދަދާއި ގުޅޭ)
މިހާ ހިސާބަށް އާދެވުނުއިރު ޔޯގާގެ ޙާޤީޤަތް ކޮންމެވެސް މިންވަރަކަށް ސާފުވެފައި ވާނެކަމަށް ޤަބޫލުކުރެވެއެވެ. އެހެންކަމުން ދެން އަލިއަޅުވާލަން ޤަސްދުކުރަނީ އިސްލާމްދީނުގައި ޔޯގާއާ ބެހޭގޮތުން ދީނީ ނަޒަރުން ދައްކާފައިވާ ވާހަކަތަކުގެ މައްޗަށެވެ. ހަނދާނުގައި ބަހައްޓަވާށެވެ. އިސްލާމްދީނަކީ ފުރިހަމަ ސިއްޙަތެއްގައި ހުރުމަށް ބާރުއަޅައި އަދި ކަސްރަަތު ކުރުން ފަދަ ކަންކަން ދީނުގެ ހުދޫދުގެ ތެރޭން ކުރުން ހުއްދަ ކުރާ ދީން ކަމެވެ. ނަމަވެސް ޔޯގާ އާ މެދު ވަކި ޚާއްޞަ ނަޒަކުން ޢިލްމުވެރިން ބަޔާންކުރާ ނުކުތާތައް ކިޔާލަމަތޯއެވެ.
ޔޯގާ 'ޕްރެކްޓިސް' ނުވަތަ ޔޯގާ ގެ އެންމެހައި ހަރަކާތްތައް މުސްލިމުން ކުރުން ހުއްދަ ނޫން ކަން ބަޔާންވެދި ކަންކަމުގެ މައްޗައްބަލައި ބުނަންޖެހެއެވެ. އެއީ އެމީހަކު ޤަބޫލުކުރާ ޤަބޫލުކުރުމެއްގެ މައްޗަށް ބިނާކޮށް ވިޔަސް ނުވަތަ އެހެން ބަޔަކު ކުރާކަމެއް ކޮޕީ ކުރުމުގެ ގޮތުންކަމުގައި ވިޔަސް ނުވަތަ އެކަމުން ލިބޭ މަންފާތަކުން ފައިދާ ނެގޭނެ ކަމަށްބުނެ ކަމުގައި ވިޔަސް ޔޯގާ ކުރުން މުސްލިމުންނަށް ހުއްދަ ވެގެން ނުވެއެވެ. އެކަން ހުއްދަނޫންކަން ކުރީން ބުނެވިދިޔަ ކަންކަމުގެ އިތުރުން އަންނަނިވި ކަންކަމުން އިތުރަށް ފަހުމުވެގެން ދާނޭކަމުގައި އުންމީދުކުރަމެވެ.
ފުރަތަމަކަމެއްގެ ގޮތުން ޔޯގާ ކުރުން ތަވްޙީދާއި ފުށުއަރައެވެ. އަދި ޝަރީކުރުން ވެސް މިކަމުގައި ފެނިގެން ދެއެވެ. އެހެނީ މިކަމުގައި އިރަށް އަޅުކަން ނުވަތަ ސަޖިދަ ކުރުމާއި އޭގެ ނަންތަކުން ތަކުރާރުކޮށް ގޮވުން ހިމެނިގެން ދެއެވެ. މާތް ﷲ ވަޙީ ބަސްފުޅުގެ މާނައިގާ ވެއެވެ. "...އަދި އެކަލާނގެއަށް شريك ނުކުރުމަށެވެ. ތިމަންކަލޭގެފާނު ގޮވައިލައްވަނީ، އެކަލާނގެއަށް އަޅުކަންކުރުމަށެވެ. " (سورة الرعد 36) އަދިވެސް އެހެން އާޔަތެއްގެ މާނައިގާ ވެއެވެ. "...ކަލޭގެފާނު شريك ކުރައްވައިފިނަމަ، ކަލޭގެފާނުގެ عمل ތައް باطل ވެއްޖައީސްކަން ކަށަވަރެވެ. އަދި އޭރުން ކަލޭގެފާނު ވާހުށީ ގެއްލެނިވެގެންވާ މީހުންގެ ތެރެއިންކަން ކަށަވަރެވެ." (سورة الزمر 65 )
ދެވަނައަށް ފާހަގަކޮށްލަން ޖެހޭ ކަމަކީ ޔޯގާ ހެދުމުގެ ތެރޭގައި ބުދަށް އަޅުކަން ކުރުން ނުވަތަ އަތުން ހަދާފައިވާ އެއްޗިއްސަށް އަޅުކަން ކުރުން ހިމެނިގެން ދިއުމެވެ. އަދި ހަމައެއާއެކު އެކަމުގައި ހިންދޫންގެ ޢަޤީދާއާއި އަޅުކަމަކަށް ތަބާވުންވެސް ހިމެނެއެވެ. ރަސޫލާ މުޙައްމަދު صلى الله عليه وسلم ޙަދީޘް ކުރައްވާފައިވާ ބަސްފުޅުގެ މާނައިގާ ވެއެވެ. "އެބަޔަކަށް ތަބާވާ މީހަކު ވާހުށީ އެބައެއްގެ ތެރޭންނެވެ" (އަޙްމަދު، އަބޫދާވޫދް އަދި އައްތަބަރާނީ)
ޔޯގާ މުސްލިމުންނަށް ހުއްދަނުވާނެކަން ބަޔާންކޮށް ދެން ހިމަނާލާފައިވާ ސަބަބަކީ ސިއްޙީގޮތުން މި ކަމުން ގިނަ މީހުންނަށް ކުރާ ނޭދެވޭ އަޘަރު ތަކެވެ. އޭގެތެރޭގައި އާދަޔާ ޚިލާފަށް ދެފައި ފުޅާކޮށް ލަދުވެތި ހުތުރު ގޮތަކަށް އެތައް އިރަކު އިށީންދެ އިނުމާއި އަދި އޭނާގެ ވަށައިގެން ހިނގާ ކަންކަމުން ބަރީޢަވެ އެކަހެރި ވެގެން އިންނައިނުމެވެ. މިއީ ސިއްޙީގޮތުންނާއި ނަފްސާނީގޮތުން ގެއްލުން ހުރި ކަމެއްކަމުގައި ޑޮކްޓަރުން ވިދާޅުވެއެވެ. ރަސޫލާ މުޙައްމަދު صلى الله عليه وسلم ޙަދީޘް ކުރައްވާފައިވާ ބަސްފުޅުގެ މާނައިގާ ވެއެވެ. "އަނިޔާ ކުރުމެއް ވެސް އަދި އަނިޔާ ލިބިގަތުމެއްވެސް ނުވެއެވެ." (އަޙްމަދު އަދި އިބްނިމާޖާ)
ދުނިޔަވީ ގޮތުންނާއި އުޚުރަވީ ގޮތުން މީހާއަށް ގެއްލުމާއި ހަލާކު ހުރި ކަންކަމުގައި އެހާ ގިނަ ވަގުތު ހޭދަކުރުން ހުއްދަވާނީ ކޮންފަދައަކުން ތޯއެވެ. ރަސޫލާ މުޙައްމަދު صلى الله عليه وسلم ޙަދީޘް ކުރައްވާފައިވާ ބަސްފުޅުގެ މާނައިގާ ވެއެވެ. "ޤިޔާމަތް ދުވަހުން ހަތަރު ކަމަކާ ބެހޭގޮތުން ސުވާލު ވެވުމުގެ ކުރިން އިންސާނާގެ ފައި ހުރިތަނުން ގުޑުވާ ނުލެވޭހުއްޓެވެ. އެއީ އޭނާގެ ޢުމުރާ އެ ޢުމުރު ފަނާކުރީ ކޮންގޮތަކަށްތޯ އަދި އޭނާއަށް ލިބިފައިވާ ޢިލްމާއި އެ ޢިލްމުން ކުރީ ކީއްތޯ އަދި އޭނާގެ މުދާ ހޯދި ގޮތަކާއި މުދާ ހޭދަކުރިގޮތަކާއި އަދި އޭނާގެ ހަށިގަނޑާއި އެ ހަށިގަނޑުގެ ބޭނުން ހިފީ ކޮން ގޮަތަކަށް ތޯއެވެ؟" (އައްތިރުމީޒީ)
މިކަމުގައި ޖަނުވާރުން ގެ ދަރަޖައަށް އިންސާނާ ގެ ޙާލަތު ގެންގޮސް އިންސާނީ ކަރާމަތް ކެނޑިގެންދާފަދަ އެބަހީ ބަރަހަނާ ވުމާއި އިރަށް އަޅުކަން ކުރުމާއި އެއަށް ކުރީނީސް ވުމާއެކު އެއަށް ސަޖިދަ ޖެހުން މިކަން ހުއްދަ ނުވާނެ ސަބަބެއް ކަމުގައި ފުދެއެވެ. ބައެއް މީހުން މި ކަމަކީ ދީނީ ކަމެއް ނޫންކަމުގައި ބުނެ އަދި މި ކަމަކީ ސައިންސުގެ އެހީގައި ހޯދިފައިވާ ހެކިތަކުގެ އެހީގައި ތެރަޕީ އެއް ކަމުގައި ބުނަމުންދެއެވެ. އެހެނެއްކަމަކު، ދިރާސާތަކުން ދައްކާގޮތުން މިކަމަކީ 'އެޑިކްޝަން' ނުވަތަ ޒާތެއްގެ ދެވިހިފުމެއް އެކުލެވޭ އަދި އެކަމަކުން މަންފާއެއްނުކުރާ ކަމެއްކަން ވަނީ ހާމަވެފައެވެ.
މަދުން ނަމަވެސް ޔޯގާ ހަދާ ބައެއް މީހުން މިކަން ކުރުމުގައި ޖިންނި ޝައިތާނުން ރުއްސައި ޖާދޫގެ ހަރަކާތްތަކާ ސިހުރުގެ ކަންކަމުގައި އެ އެއްޗިހީގެ އެހީ ހޯދައެވެ. އިސްލާމްދީނުގައި ސިހުރުހެދުން ވަނީ ޙަރާމްކުރައްވާފައެވެ.
ޚުލާސާކޮށް ދަންނަވަނީ ނަމަ، ޔޯގާ ހަދާ މީހުން ހިއްސާކޮށްފައިވާ މަޢުލޫމާތަށް ބިނާކޮށް ޔޯގާ އަކީ އިންސާނުންނަށް ގެއްލުދެނިވި ކަމެއްކަމުގައި ދަންނަވަންޖެހެއެވެ. އެގޮތުން ފާހަގަ ކުރެވުނު ބައެއްކަންތައްތަކަކީ؛ ބަރަހަނާވުން ނުވަތަ ނިވާކަން ކުޑަކޮށް ހެދުންލައިގެން މިކަން ކުރުމުގައި އިޖުތިމާޢީ ގޮތުންނާއި ޖިންސީ ގޮތުން ބަލިމަޑުކަން ފެތުރުމަށް މަގުފަހިވެއެވެ. އަދި ނަފްސާނީ ގޮތުންނާއި ޖިސްމާނީގޮތުންވެސް ބަލިތަކާ ކުރިމަތިވެއެވެ.، އިރުގެ އަތްވަށް މީހާގެ ހަށިގަނޑު ސީދާ ދިމާކޮށްގެން ހުރުމުގެ ސަބަބުން ހަށިގަނޑުގެ ހަމަށާއި ލޮލަށް އިރުގެ ދޯދިތަކުން ނޭދެވޭ އަސަރު ކުރާކަން ވަނީ ހާމަވެފައެވެ. އަދި މަސްކެއުމުން ދުރުވެ 'ވެޖިޓޭރިއަން' އަކަށް ބަދަލުވުމަކީ މާތްﷲ އަހަރެމެންނަށް ޙަލާލު ކުރައްވާފައިވާ ރިޒުޤުން ބައެއް އަމިއްލަ އަށް ޙަރާމް ކުރުމެވެ. އަދި މިކަމަކީ އެއްވެސް މީހަކަށް ހުއްދަވެގެންވާ ކަމެއްނޫނެވެ. الله أعلم
ކަށަވަރުވެ ޔަޤީން ކުރެވޭ ކަމަކީ، ޔޯގާއަކީ އިސްލާމްދީނުގެ އަޅުކަމެއް ނުވަތަ މި ދީނުގެ ހުދޫދުގެ ތެރޭގައި ހިމެނޭ ކަމެއް ނޫންކަމެވެ. އަދި ބުޑިސްޓުންގެ މި އަޅުކަމުގެ ހަރަކާތްތައް ކަސްރަތުގެ ނަމުގައި ފެތުރުމަށް އެކި ގޮތްގޮތުން މަސައްކަތްތަކެއް ކުރަމުންދާކަމެވެ. މިކަމުގައި އެމީހުންގެ މަކަރުވެރި ރޭވުންތަކާ އެއްގޮތަށް މުސްލިމުން އެ ދަންތުރައިގާ ޖެއްސުމަށް މަސައްކަތް ކުރާކަމެވެ. އެހެންކަމުން މުސްލިމުން މިކަހަލަ ކަންތައްތަކާމެދު ހޭލުންތެރިވެ ސަމާލުވުން ހުއްޓެވެ.
*މަޢުލޫމާތު ނަގާފައިވަނީ "އަލް ޔޯގާ ފީ މީޒާން އަލް ނަޤްދުލް ޢިލްމު" މި ފޮތުން

















ޚިޔާލު