ލިޔުންތެރިކަމަކީވެސް ހުނަރެކެވެ. ކޮންމެ މީހަކަށްވެސް އަކުރުތަކަކާއި، ބަސްތަކެއް ބޭނުންކޮށްގެން ލިޔުމެއް ލިޔެލެވި ދާނެއެވެ. އަދި އެ ލިޔުމެއް ބަޔަކަށް ހުށަވެސް އެޅިދާނެއެވެ. ނަމަވެސް ލިޔާ ކޮންމެ ލިޔުމަކީ ކިޔުންތެރިން ގަޔާވާ ލިޔުމަކަށް ފަހަރުގައި ނުވެދާނެއެވެ. އެހެނީ ލިޔުމެއް، ހަޤީގީ މާނައިގާ ފުރިހަމަ ވަނީ އެލިޔުމެއްގައި ވަކި ހާއްޞަ ސިފަތަކެއް ހުރެގެންނެނެވެ. އަދި އެ ސިފަތަކަކީ ދަސްކޮށް އުނގެނިގަނެވިދާނެ ސިފަތަކެކެވެ. އަދި ތިމާއަކީވެސް މޮޅު ލިޔުންތެރިއަކަށް ވެވިދާނެއެވެ.
ލިޔުމެއް ލިޔަން ފެށުމުގެ ކުރީން ލިޔުންތެރިޔާގެ ކިބައިގައިވެސް ހާއްޞަ ސިފަތަކެއް ހުންނަންޖެހެއެވެ. ނަމަވެސް އެއީ ޖިސްމާނީ ސިފަތަކެއް ނޫނެވެ. މޮޅު ލިޔުންތެރިޔަކަށް ވުމަށްޓަކައި އެންމެ މުހިންމު އެއް ރުކުނަކީ ތިމާގެ ކިބާގައި ލިޔުންތެރިކަމަށް ޝައުގުވެރިކަން ހުރުމެވެ. ލިޔުމުގެ ޝައުޤުވެރިކަން ނެތި ލިޔާމީހެއްގެ ލިޔުމާ އެނޫން މީހެއް ލިޔާ ލިޔުން ހާސްބައި ތަފާތުވާނެއެވެ. އެއީ އިންސާނާގެ ޠަބީއަތެވެ.
ލިޔުމެއް ލިޔަން ފެށުމުގެ ކުރިން، ލިޔަން އުޅޭ މައުލޫއަކާ ބެހޭގޮތުން އެކަށީގެންވާވަރަށް ތިމާގެ ކިބައިގާ މައުލޫމާތު ހުރުމަކީވެސް ލިޔުން ފުރިހަމަވުމުގެ އެއް އަސްލެވެ. މައުލޫމާތު ނެތި ލިޔަން ފެއްޓުމަކީ ބަންދުކޮށް ތަޅު އަޅުވާފައިވާ ދޮރަކާ ދިމާއަށް ތިމާ ދުވެފައި ދިޔުންފަދަ ކަމެކެވެ. ލިޔުމުގެ ވަކި ހިސާބަކަށް ދާ ހިސާބުން ދެން އިތުރަށް ލިޔާނެ އެއްޗެއް ނޭންގި، ދެކެވޭނީ ބޭކާރު ވާހަކަތަކެކެވެ. ކިޔުންތެރިން އެއަށްވުރެއް ބޮޑަށް ފޫހިވާނެ އެހެންކަމެއް ލިޔުންތެރިއަކަށް ނުކުރެވޭނެއެވެ.
ތިންވަނަ ކަމަކަށް ދަންނަވަމެވެ. މޮޅު ލިޔުންތެރިއަކަށް ވާންބޭނުންނަމަ، ދިވެހި ބަހުގެ ބަސްކޮށާރަށް ތިމާ ފަރިތަވާންވާނެއެވެ. އެހެނީ، ތިމާގެ ސިކުނޑިއަށް ކިތަންމެ ފުރިހަމަ ޚިޔާލުތަކެއް އައިނަމަވެސް، އެ ފުރިހަމަ ޚިޔާލުތައް ލިޔުމަކަށް ބަދަލުކުރެވޭނީ، ދިވެހި ބަހުގެ ބަސް ކޮށާރުވެސް އެނގިގެންނެވެ. އަޅުގަނޑުމެން ވާހަކަ ދައްކާ ގޮތާއި ލިޔުމުގައި، ލިޔަންޖެހޭގޮތް ވަރަށް ތަފާތުވާނެކަން ދަންނާށެވެ. ބަސްކޮށާރު ފުރިހަމަ ކުރުމަށް އޮތް އެންމެ ފުރިހަމަ ވަސީލަތަކީ ގިނަގިނައިން ލިޔުންތައް ކިޔުމެވެ.
ތަފާތު މީހުން ލިޔެފައި ހުންނަ ލިޔުންތައް ކިޔުމަކީވެސް މޮޅު ލިޔުންތެރިއަކަށް ވުމަށް އަޅާލެވޭ ހެޔޮ ފާލެކެވެ. ލިޔުންތައް ގިނައިން ކީ ވަރަކަށް ލިޔުންތެރިކަމުގެ ވައްޓަފާޅި ތިމާއަށް އޮޓޮމެތިކުން ދަސްވާނެއެވެ. ލިޔުމެއް ލިޔާއިރު، ތިމާ ކިޔާ އުޅޭ ލިޔުންތަކުގައި ހުންނަ ފާޑުގަނޑު ތިމާއަށް ނޭންގި ދާނީ ބޭނުން ކުރެވެމުންނެވެ. އެހެންކަމުން، ކިޔާ ލިޔުމަކީ، ތިމާއަށް ވުރެއް މޮޅު ލިޔުންތެރިޔަކު ލިޔާ ލިޔުމަކަށް ވުން މުހިންމެވެ.
މޮޅު ލިޔުންތެރިޔަކަށް ވުމުން ލިޔަންފަށަން ތިބޭ މީހުން، ދުވަހަކުވެސް މޮޅު ލިޔުންތެރިޔަކަށް ނުވާނެކަން ދަންނާށެވެ. ލިޔުންތެރިކަމަށް ޝައުޤުވެރިވާނަމަ، މިއަދުވެސް ލިޔަން ފަށާށެވެ. އަދި ލިޔުމެއް، ލިޔުމެއް ފަހު އަނެކާއަށް އެ ލިޔުމެއް ދައްކާ އިސްލާހު ކުރާށެވެ. އަދި އިސްލާހު ކުރަންޖެހެނީ ކޮންކޮން ކަންތައްތަކެއްކަން ދެނެގަންނާށެވެ. އަދި ދެން ލިޔުމެއް ލިޔާއިރު އެކަންކަން ސިކުނޑީގައި ރަނގަޅަށް ބަހަށްޓާށެވެ. މިއީ، ލިޔުމުގެ ކުއް މަދުކުރުމަށް އޮތް އެންމެ ރަނގަޅު އެއް ގޮތެވެ.
ތިމާ ލިޔުމެއް ލިޔާއިރު، އެ ލިޔުން ކިޔާނީ ކޮން ބައެއްކަން ދެނެގަތުމަކީވެސް ލިޔުން ކާމިޔާބުވުމަށް ކުރެވިދާނެ ކަމެކެވެ. އެބައެއްގެ ފިކުރާ ޚިޔާލު ރަނގަޅަށް އެނގި ހުރެ ލިޔާށެވެ. އެމީހން ޝައުޤުވެރި ވާފަދަ ލިޔުމެއް ލިޔެވޭނީ އޭރުންނެވެ. ކުޑަކުދީންނަށް އަމާޒުކުރާ ލިޔުމެއް ނަމަ އެ ލިޔުމެއްގެ ވަށްޓަފާޅީ ހުންނަންވާނީ ކުޑަކުދިން ގަޔާވާ ގޮތަކަށެވެ. އަދި ބޮޑެތި މީހުންނަށް އަމާޒުކޮށް ލިޔާ ލިޔާ ލިޔުމެއް ނަމަވެސް، އެމީހުން ގަޔާވާ ފަދަ ގޮތަކަށް ހުށައަޅައި ދެވޭތޯ ބަލަންވާނެއެވެ.
ކުރުގޮތަށް ގެނެސްދީފައި އެވަނީ މޮޅު ލިޔުންތެރިޔަކަށް ވުމަށް ކުރެވިދާނެ ކަންތައްތަކެކެވެ. ލިޔުންތެރިކަމަށް ޝައުޤުވެރިވާ ކުދިންނަށް ދަންނަވާލަމެވެ. ޑިމޮކްރެސީގެ ޒަމާނެއްގައި ލިޔުންތެރީންނަކީ ވަރަށް ބާރުގަދަ ބައެކެވެ. ލިޔުންތެރީންގެ ގަލަންތަކަކީ، ބަރު ހަތިޔާރަށްވުރެއްވެސް މާ ޤާބިލް އެއްޗެކެވެ. ތަފާތަކީ، އަޅުގަނޑު މެންނަށް މި ފެންނަ ބަރު ހަތިޔާރުން މީހުންގެ ފިކުރަކާ ނުކުޅެވޭނެއެވެ. ނަމަވެސް ބައެއްގެ ފިކުރު ބަދަލުކުރެވޭނީ އެމީހުންނަށް ބުނެދެވޭ ވާހަކަ ތަކެއްގެ ޒަރީއާއިންނެވެ. އެވާހަކަތަށް މިއަދު ބުނެދެވޭން އޮތީ ލިޔުންތެރިކަމުގެ ބޭނުން ހިފައިގެންނެވެ.

















ޚިޔާލު