ރިޕޯޓް

ހިމެންދޫ މައްސަލާގައި ޑރ.ޢަބްދުލްމަޖީދު ދައްކަވާފައިވާ ވާހަކަތަކާއި ބެހޭގޮތުން!

الحمد لله والصلاة والسّلام على رسول الله وعلى آله وصحبه وسلم. أما بعد:
ރާއްޖޭގެ މިސްކިތްތަކުގެ އިމާމުންގެ ފަހަތުގައި ނަމާދު ކުރުން ހުއްދަ ނުވާނެކަމަށް ބުނެ އަދި އެއްއިރެއްގައި ވަކިން ޖަމާޢަތް ހަދައިގެން ނަމާދުކުރަމުންދިޔަ އއ.ހިމެންދޫގެ އަޚުންނަށް ނަޞޭޙަތްދީ ދީނުގައި އެކަން އޮތްގޮތް ބަޔާންކޮށްދީ އެމީހުން ހެޔޮމަގަށް ގެނައުމަށް ކުރި މަސައްކަތްތަކަކީ އިސްލާމިކް މިނިސްޓްރީގައި ޑރ.މަޖީދު ހުންނަވައިގެން ދީނީ ޢިލްމުވެރިން އެރަށަށް ފޮނުވައިގެން ކުރި މަސައްކަތެއްކަމުގައި ބުނެ، ޑރ.މަޖީދު އެމްޑީޕީގެ ކެމްޕޭން ޖަލްސާގައި ދައްކާފައިވާ ވާހަކައަކީ ސީދާ ކަނޑައެޅިގެން ދޮގުވާހަކައެކެވެ.

އަޅުގަނޑު މިވާހަކަ މިބަޔާން ކުރަނީ އަޅުގަނޑަކީ މިމައްސަލާގައި، އެންމެ ގިނައިން އެރަށަށް ގޮސް މިކަމުގައި އެންމެ ބުރަކޮށް މަސައްކަތްކޮށްފައިވާ މީހާކަމަށްވާތީއެވެ. އަޅުގަނޑު މިވާހަކަ މިބަޔާންކުރަނީ މިއީ އަޅުގަނޑު ކުރިކަމެކޭ ބުނެ ފަޚުރުވެރިވުމަށްޓަކައެއް ނޫނެވެ. މިއޮއްހުރިހާދުވަހު ޑރ.މަޖީދު މިކަމަކީ އިސްލާމިކް މިނިސްޓްރީއިން ކުރި މަސައްކަތުގެ ނަތީޖާކަމުގައި ބުނެ ވާހަކަ ދައްކަމުންދިޔައިރު، މިކަމުގައި އަޅުގަނޑު އެއްވެސް އެއްޗެއް ނުބުނެ މިހުރީ، މިކަމުގައި އަޅުގަނޑު ކްރެޑިޓްނަގައި އަދި މެޑެލް ޖަހަން ބޭނުން ނުވާތީއެވެ. އެހެންނަމަވެސް އެމްޑީޕީއަށް ކެމްޕޭން ކުރުމަށް، ސިޔާސީކަމެއްގެ ގޮތުގައި މިކަން ހަދައިގެން ޑރ.މަޖީދު ވާހަކަ ދެއްކުމުން، މިއަދު މިކަމާއިމެދު ހަނުހުރުމަކީ ޚިޔާނާތެއް ކަމުގައި ދެކި މިކަން ބަޔާންކުރަން މަޖުބޫރުވީއެވެ. والله على ما أقول شهيد.

މިސްކިތުގެ ޖަމާޢަތަށް ދިއުމުގެ މައްސަލާގައި، ހިމެންދޫގެ އަޚުންނާއި ބައްދަލުކުރުމަށް އަޅުގަނޑުވާނީ 2008ގެ ފަހުން ތިން ހަތަރު ފަހަރެއްގެ މަތިން އެރަށަށް ޒިޔާރަތްކޮށް އަދި މާލޭގައިވެސް އެރަށުގެ އަޚުންނާއިއެކު ދެތިން ބައްދަލުވުން ބާއްވާފައެވެ. އަޅުގަނޑު އެރަށަށް ދިއުމުގެ ކުރިން ޖަމްޢިއްޔަތުއް ސަލަފްގެ ފަރާތުން އެރަށަށް ކުރި ދަތުރެއްގައި، އައްޝައިޚް އާދަމް ޝަމީމްއާއި އައްޝެއިޚް ޢަލީ ޒާހިރު ބިން ސަޢީދު ޤާސިމްއާއި އަދި އައްޝައިޚް ޢަބްދުﷲ ބިން މުޙައްމަދު އިބްރާހިމް ވަނީ އެރަށުގެ އަޚުންނާއި ބައްދަލުކޮށް ވަރަށް ތަފްޞީލުކޮށް މިމައްސަލައަށް އަލިއަޅުވާލައްވާފައެވެ.

ކޮންމެއަކަސް އަޅުގަނޑު އެންމެ ފުރަތަމަ އެރަށަށް ދިޔައީ އެރަށުގެ ޢިއްޒަތްތެރި އަޚުންތަކެއްކަމުގައިވާ އަލްއުސްތާޛް އިބްރާހިމް ފަޔާޒް އާއި އަލްއުސްތާޛް މުޙައްމަދު ސަޢުދީގެ އެދުމަށް އެދެބޭފުޅުން ދެއްވި ދަޢުވަތަކަށެެވެ. އެއްވެސް ޙާލެއްގައި އެރަށަށް ދިޔައީ އިސްލާމިކް މިނިސްޓްރީއިން ޑރ.މަޖީދު ފޮނުވައިގެން މިނިސްޓްރީގެ ޚަރަދުގައެއް ނުވަތަ މިނިސްޓްރީގެ ބެލުމުގެ ދަށުންނެއްވެސްނޫނެވެ. މިނިސްޓްރީގެ ފަރާތުން ރަށްރަށަށް ނަޞޭޙަތްދިނުމަށް ޝެއިޚުން ފޮނުވާގޮތަށް، ލޯންޗުގައި އަދި މަތިންނެއްވެސް ނޫނެވެ. އަޅުގަނޑުމެން އެންމެ ފުރަތަމަ އެރަށަށް ދިޔައީވެސް އަނގަމަތި ހާމައަށް އޮތް މަސްދޯންޏެއްގައެވެ. އަދި ދެންކުރި ދަތުރު ތަކުގައިވެސް ގޮސްފައިވާނީ އެފަދަ އުޅަނދުތަކުގައެވެ. އަދި ހަމައެހެންމެ ދީނީ ނަޞޭޙަތް ދެއްވާ ޢިލްމުވެރިންނަށް އިސްލާމިކް މިނިސްޓްރީއިން އެކަމަށް އުޖޫރައެއްގެ ގޮތުން ދެއްވާ ފައިސާގެ ތެރެއިން އެއްވެސް އެއްޗެއްވެސް، އެރަށަށްގޮސް ދީނީ ނަޞޭޙަތް ދީގެން އަޅުގަނޑު ނަގާފައެއް ނުވާނެއެވެ.

ކޮންމެއަކަސް އަޅުގަނޑު އެންމެފުރަތަމަ އެރަށަށްދިޔަ ބުރުގައި އެރަށު މިސްކިތުގައި ދިން ހުކުރު ޚުޠުބާއާއި އަދި ރަށުގެ ގިޔަބަޔަކާއި ބައްދަލުކޮށް އަމިއްލަ ފަރުދެއްގެ ގޭގައި ދިން ދަރުސްއެއްގައި، ދެއްކި ބައެއް ވާހަކަތަކެއް އޮޅުވާލައިގެން، އެރަށުގައިތިބި މައުމޫނަށް ތާޢީދުކުރާ ބަޔަކު އިސްލާމިކް މިނިސްޓްރީއަށް ގުޅާ ޝަކުވާ ކުރުމުން ޑރ.މަޖީދުވެސް ގުޅުއްވައި އަޅުގަނޑު ދެއްކި ވާހަކަތައްކަމުގައި ބުނެ ނުރުހުމުގެ ބަސްތައް ވިދާޅުވިއެވެ. ކޮންމެއަކަސް އެދަތުރަށްފަހު އަޅުގަނޑު މާލެއައުމުން، އިސްލާމިކް މިނިސްޓްރީއަށް ހާޒިރުކޮށް އަޅުގަނޑަށްވަނީ ނަޞޭޙަތްތެރިވެފައެވެ. ކޮންމެއަކަސް އެކަމުގެ ސަބަބުން އެރަށުގައި އަޅުގަނޑު ދެއްކި ވާހަކަތަކުގެ ރެކޯޑިންގްވެސް ވާނީ ޑރ.މަޖީދަށް އަރުވާފައެވެ.

އަޅުގަނޑު އެންމެ ފުރަތަމަ އެރަށަށް ދިއުމުގެ ކުރިން 29 ޖެނުއަރީ 2009 ގައި އަޅުގަނޑަށް ދެއްވާފައިވާ ދީނީ ނަޞޭޙަތްދިނުމުގެ ވަޤުތީ ހުއްދަ (ނަމްބަރ: 142C/MIS/2009/43 )، ޑރ.މަޖީދު އެހުއްދަ އަނބުރާ ގެންދެވުމަށް އެންގެވުމުން 09 އޭޕްރީލް 2009ގައި އެހުއްދަ އިސްލާމިކް މިނިސްޓްރީއިން ނަންގަވާފައިވާތީ، އެރަށަށް ގޮސް ދީނީ ނަޞޭޙަތް ދިނުމުގެ ހުއްދައަށް އެދުމުން އަނގަބުހުން ހުއްދަ ދެއްވެވިއެވެ. ދެން ކޮންމެއަކަސް އެދަތުރަށްފަހު މިސްކިތުގެ ޖަމާޢަތަށް ނާރާ އެތައްބަޔަކު ޖަމާޢަތަށް އަރަންފެށުމާއިއެކުވެސް، ޖަމާޢަތައް ނާރާ އިތުރު ބަޔަކު ތިބުމުން ކުރީގައި އަޅުގަނޑު ދެންނެވި ދެއަޚުންނާއި އަދި ހިމެންދޫ ކައުންސިލްގެ ރައީސް ޢަލީ ނަޞީރު، އަޅުގަނޑު އެރަށަށް ގެންދިޔުމަށް ބޭނުންވެ އިސްލާމިކް މިނިސްޓްރީއަށް ދެންނެވުމުން އަޅުގަނޑަށްވަނީ އަނެއްކާވެސް އެރަށަށްގޮސް ދީނީ ނަޞޭޙަތްދިނުމުގެ ހުއްދަ އިސްލާމިކް މިނިސްޓްރީއިން ދެއްވާފައެވެ. އަދި އެކަމަށް ޑރ.މަޖީދަށް ޝުކުރު އަދާކުރަމެވެ. އެހެންނަމަވެސް ޙަޤީޤަތަކީ އަޅުގަނޑު އެރަށަށް ދިޔަ އެއްވެސް ދަތުރެއްގައި، އެރަށަށް ގޮސްފައިވާނީ އިސްލާމިކް މިނިސްޓްރީއިން ފޮނުވައިގެން ނޫންކަމެވެ. އަޅުގަނޑު އެކަންކުރީ ﷲގެ ވަޖުހުފުޅަށްޓަކައި، ﷲ ތަޢާލާ އަޅުގަނޑަށް ދެއްވާފައިވާ ޢިލްމީ އަމާނާތް ފުރިހަމަގޮތުގައި އަދާކުރުމުގެ ގޮތުން އެވާޖިބު އަދާކުރުމަށްޓަކައެވެ.

ކޮންމެއަކަސް އެރަށުގެ ކައުންސިލްގެ ރައީސްއާއި އަދި އެރަށުގެ ކަމުވޮށިގެންވާ ބޭފުޅުންގެ ފަރާތުން އަޅުގަނޑަށް ޚަބަރު ދެއްވި ގޮތުގައި އެރަށަށް އިސްލާމިކް މިނިސްޓްރީއިން ދީނީ ނަޞޭޙަތް ދިނުމަށްޓަކައި އެއްފަހަރަކު، އެމިނިސްޓްރީން ބޭފުޅަކު އެރަށަށް ފޮނުއްވެވިއެވެ. އެހެންނަމަވެސް އެބޭފުޅާ އެރަށުގެ އެރައްޔިތުންނާއި ބައްދަލުކޮށް އެމީހުން ކުރި ސުވާލުތަކަށް ރަނގަޅަށް ޖަވާބު ނުދެވުމުން ރަށަށް އެރިތާ ބައިގަޑިއެއްހާއިރު ތެރޭ ވަނީ ފުރައިގެން ގޮސްފައެވެ. މީގެ އިތުރަށް އެއްފަހަރެއްގެ ރޯދަ މަހެއްގައި އަޅުގަނޑު އެރަށުގައި ހުއްޓާ މިހާރުގެ އިސްލާމިކް މިނިސްޓަރ، އޭރުގެ އިސްލާމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ޑރ.މުޙައްމަދު ޝަހީމް ޢަލީ ސަޢީދު އެރަށަށް ވަޑައިގެންނެވިއެވެ. އޭރު ގާތްގަނޑަކަށް މިސްކިތުގެ ޖަމާޢަތުގެ މައްސަލަވަނީ ޙައްލުވެފައެވެ. ކޮންމެއަކަސް އަޅުގަނޑު އެރަށަށް ގޮސް ދީނީ ނަޞޭޙަތް ދިނުމަށް ހުއްދަ ދެއްވުމުގައި އޭރު އިސްލާމިކް މިނިސްޓްރީއިން އަޅުގަނޑަށް ހުއްދަދެއްވުމުގައި އެއްބާރުލުން ދެއްވެވިއެވެ. އެހެންނަމަވެސް އަޅުގަނޑު އެރަށަށް ގޮސް އެމަސައްކަތްކޮށްފައިވާނީ އިސްލާމިކް މިނިސްޓްރީގެ ލޯލާރިއެއްގެ މިންވަރުގެ އެހީއަކާއިވެސް ނުލައެވެ.
މިކަން އަޅުގަނޑާއިއެކު އޭގެތެރެއިން ބައެއް ދަތުރުތަކުގައި ބައިވެރިވެ ވަޑައިގެންނެވި، މިހާރުވެސް މަދީނާގެ އަލްޖާމިޢާ އަލްއިސްލާމިއްޔާގައި ކިޔަވާވިދާޅުވަމުން ގެންދަވާ، އަލްއަޚް ޢިމްރާން މުޙައްމަދު ޢަލީ އާއި އަލްއަޚް ޢަލީ ނިޝާމްއަށް ވަރަށް ރަނގަޅަށް އެނގިވަޑައިގަންނަވާނެއެވެ.

އެހެންކަމުން ޑރ.މަޖީދާއި، އަޅުގަނޑު ސުވާލުކޮށްލަން ބޭނުންވަނީ އިސްލާމިކް މިނިސްޓްރީއިން، ހިމެންދޫގެ މައްސަލަ ޙައްލުކުރެއްވުމަށްޓަކައި ޑރ.މަޖީދު ފޮނުއްވެވީ ކޮން ޢިލްމުވެރިންނެއްތޯ؟ މިއެވެ.

އަދި ނިންމާލުމުގެ ކުރިން މިކަމާއި ގުޅޭ މުހިއްމު އެއްވާހަކަ މިތަނުގައި ޙިއްސާކޮށްލަން ބޭނުންވެއެވެ. އެއީ އޭރު މާލޭގައި ވަކިން ޖަމާޢަތް ހަދައިގެން ދަރުމަވަންތަ މިސްކިތުގައި ހުކުރު ކުރަމުން ދިޔަ މައްސަލައެވެ. އެކަން ފެށުމުން އިސްލާމިކް މިނިސްޓްރީއިން ވަނީ އެކަން ނުކުރުމަށާއި އެކަން ހުއްޓުވާނެކަމަށް ބުނެ ދެފަހަރެއްގެ މަތިން އެމިސްކިތުގައި އިންޒާރުގެ އިޢުލާނެއް ހަރުކޮށްފައެވެ. އެހެންނަމަވެސް އެކަން ޑރ.މަޖީދަށް ނުހުއްޓުވުނު ސަބަބު އެނގިލައްވާތޯއެވެ.

އާދެ އެކަމަށް ހުއްދަދީ އެކަން ކުރުމަށް މަގުފަހިކުރީ ޚުދު މުޙައްމަދު ނަޝީދު (އަންނި) އަށްވެސް އެނގޭ ޙާލު، އެސަރުކާރުގެ އިސްކޮށް ތިއްބެވި ބޭފުޅުންނެވެ. މިކަން އަޅުގަނޑަށް ކިޔާދެއްވީ އޭރު ވަކިން ޖަމާޢަތް ހަދައިގެން ހުކުރު ކުރި ކުދިންގެ ތެރޭގައި އެންމެ އިސްކޮށް ޙަރަކާތްތެރިވި ފަރާތަކުންނެވެ. އޭރު އަޅުގަނޑާއި އެބޭފުޅާ އާއި ދެކެވުނު ވާހަކައެއްގައި ބަޔާންކޮށްދިން ގޮތުގައި، އެމީހުން އެކަމާއި ބެހޭގޮތުން އޭރު ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުންނަށް ތިއްބެވި އަޙްމަދު މުޖްތަބާ އާއި އަޙްމަދު ޝަފީޤް (ސައްޕެ) އާއި ބައްދަލުކޮށް ވާހަކަ ދެއްކުމުން ބުނެފައިވަނީ، ޑރ.މަޖީދަށް އެކަން ނުހުއްޓުވޭނެކަމަށާއި އަދި އެތަނުގައި ވަކިން ޖަމާޢަތް ހަދައިގެން ހުކުރު ކުރުން މައްސަލައެއް ނެތްކަމުގައެވެ. ކަންތައް ވެގެންދިޔައީވެސް އެހެންނެވެ. އެކަމަކީ އަންނިގެ ސަރުކާރުގެ ތާޢީދުލިބިގެން ކުރެވެމުންދިޔަ ކަމަކަށްވުމުން ޑރ.މަޖީދަށް އެކަން ފުލުހުން މެދުވެރިކޮށް ހުއްޓުވޭގޮތެއް ނުވިއެވެ. އެކަންއެގޮތަށް ދަނިކޮށް އަޅުގަނޑުވާނީ 25 ސެޕްޓެމްބަރ 2009ވީ ހުކުރުދުވަހު އަމިއްލަގޮތުން ދަރުމަވަންތަ މިސްކިތައްގޮސް އެމީހުން ހުކުރުކޮށް ނިމުމުން އެމައްސަލާގައި ދަރުސްއެއްދީ އެމީހުންނާއި ވާހަކަދައްކާފައެވެ. އަޅުގަނޑު އެދުވަހު އެތަނަށް ދިޔުމުގެ ކުރިން ޑރ.މަޖީދަށް އެކަން އެންގި ނަމަވެސް އެކަމަކީވެސް އަޅުގަނޑު އަމިއްލަ ގޮތުން ކުރިކަމެވެ. އެއްވެސް ޙާލެއްގައި އިސްލާމިކް މިނިސްޓްރީއިން ޑރ.މަޖީދު ހަމަޖައްސަވައިގެން ކުރިކަމެއް ނޫނެވެ.

އެހެންކަމުން މިއަދު އެމްޑީޕީއަށް ކެމްޕޭންކޮށްދިނުމަށްޓަކައި، ހިމެންދޫއާއި އަދި ވަކިން ޖަމާޢަތް ހަދައިގެން ނަމާދުކޮށް ހަދަމުން ދިޔަ ފިކުރުގެ މީހުންނަށް ވިސްނައިދިނުމަށްޓަކައި ޑރ.މަޖީދު އިސްލާމިކް މިނިސްޓްރީއިން ކުރެއްވިކަމަށް އެބުނާ މަސައްކަތްތަކާއި ކަންތައްތަކަކީ ތެދުވާހަކަތަކެއް ނޫންކަމުގައި ހިތާމައާއިއެކު ދަންނަވަމެވެ.

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *

More in ރިޕޯޓް