އިސްލާމްދީނަކީ ފުރިހަމަކުރައްވާފައިވާ ދީނެކެވެ. މީގެ އެތައް އަހަރެއް ކުރިން މުޅި ޢާލަމްތަކަށް ރަޙްމަތެއްކަމުގައި ކައުކުރެއްވި މާތް ރަސޫލާ މުޙައްމަދު صلى الله عليه وسلم ފޮނުއްވައި މިދީން ފުރިހަމަކުރެއްވިއެވެ. އަދި މިދީނަކީ ﷲ ގެ ޙަޟްރަތުގައި އިންސާނުން ދިރިއުޅުމަށް އެއިލާހު ރުހިވޮޑިގެންވާ ހަމައެކަނި ގޮތް (ދީން) ކަމުގައިވެސް ވަނީ އަންގަވާފައެވެ.
އިސްލާމްދީނަކީ އެއީ ތިމާބޭނުންހާ ގޮތަކަށް މޮޑެން އޮންނަ ފުށްގަނޑެއްނޫނެވެ. އެހެންނަމަވެސް މިކަން މިއަދު އޮތީ މިހެންކަމުގައި ހިތާމައާއި އެކު ދަންނަވަން ޖެހެއެވެ. ޚާއްޞަކޮށް މިކަން މިދިވެހި ރާއްޖޭގެ ސިޔާސީ ދާއިރާގައި ބޮޑުކަންވެސް ފާހަގަ ކޮށްލެވެއެވެ. މިހެން މިދަންނަވަން ޖެހުނީ، އެމީހެއްގެ ވެރިކަމުގައި އެންމެ ބޮޑަށް އެންމެ ފައުޅުކަން ބޮޑުގޮތެއްގައި އިސްލާމްދީނަށާއި ރަސޫލާއަށާއި، އަދި އިސްލާމީ ޝަރީޢަތަށް، ޢަމަލާއި ބަހުން ފުރައްސާރަ ކުރެވުނު ދުވަސްވަރެއް މިދިވެހިރާއްޖޭގެ ތާރީޚުގައި ދެކެފައިނުވާ، ފާއިތުވި ތިން އަހަރުދުވަހުގެ ކަންތައްތަކަށް ރިޢާޔަތްކޮށެވެ. އާދޭހެވެ. މިދަންނަވަނީ ފެބުރުއަރީ 07 ވަނަދުވަހު އަމިއްލައަށް އިސްތިއުފާދިން ކުރީގެ ރައީސް ނަޝީދުގެ ވާހަކައެވެ.
ވެރިކަމަށް އައީ ތިމަންނާ ދީނީ ކަންތައްތަކަކާއި ނުބެހޭނަމޭ، ދީނީ ކަންތައްތައް ޙަވާލުކުރާނީ ދީނީ މީހުންނަށޭ ކިޔާ އަޑުއަރުވައިގެންނެވެ. އެހެންނަމަވެސް ކަންތައްވެގެންދިޔައީ މުޅިން ދިމާއިދިކޮޅަށެވެ. އިތުރަށް އަޅުގަނޑުމިތާގައި ތަކުރާރު ނުކުރިޔަސް ދިވެހި ކޮންމެ ރައްޔިތަކަށް 'ހަމަ' ވިސްނުމުން ވިސްނާލައިފިނަމަ މި 'ބޮޑު' މަންޒަރު ފެންނާނެކަމީ އެއާއި މެދު ދެބަސްނުވެވޭނެ ޙަޤީޤަތެވެ.
ކަންމިހެން ހުރިކަމުގައިވިޔަސް (އިސްލާމްދީނަށް ފުރައްސާރަކޮށް، މަލާމާތްކުރަމުންދިޔަކަމުގައިވިޔަސް) 07 ފެބުރުއަރީ 2012 ގައި މީނާއަށް ފެނުނު މާ އެހެންކަހަލަ "ބޮޑު" މަންޒަރެއް ފެނިގެން އަމިއްލައަށް އިސްތިއުފާ ދިނުމަށްފަހު ދެން ކިޔަންފެށީ މާ އެހެންކަހަލަ ބަންޖެކެވެ. އާދެ! މިހާރު މިޤައުމުގައި ވެރިކަންކުރަމުން ދާ މީހުންނަކީ "ބާޣީ"ން ކަމުގައެވެ. ދީނީ ޢިލްމުވެރިން އިސްކޮށް ތިއްބަވައިގެން "ބަޣާވާތް" ކުރީކަމުގައެވެ. އިސްލާމްދީނުގައި "ބަޣާވާތް" ކުރުމުގެ ޙުކުމް ދީނީ ޢިލްމުވެރިން ބަޔާންކޮށްދޭން ޖެހޭނެކަމުގައެވެ. މިގޮތުން ބައެއް ވެބްސައިޓުތަކުގައި އެދުވަސްވަރު ގިނައިން އަންނަ ސުވާލެއްކަމުގައިވެސް މިސުވާލު ވިއެވެ. ވެރިމީހާ އާއިދެކޮޅަށް ނުކުމެވޭނެތޯއެވެ؟ ނުކުމެވޭނެ ޙާލަތަކީ ކޮބައިތޯއެވެ. ބަޣާވާތް ކުރާމީހުންގެ ޙުކުމަކީ ކޮބައިތޯއެވެ؟ އަދި މިބައިމީހުން ނުވަތަ މިބައިމީހުންނަށް ތާޢީދުކުރާބަޔަކު އަޑީގައިތިބެގެން، 'ބަޣާވާތު'ގެ ޙުކުމް ބަޔާންކޮށް ފާޑެއްގެ ގަނޑެއްވެސް މުޅި މާލެތެރެއަށްވަނީ އަޅާފައެވެ. ޤުރުއާނުގެ އާޔަތްތައް އޭގައިވީހިނދުވެސް މިބައިމީހުންގެ އެއްވެސް ފަރުވާލެއްނެތެވެ. ބިންމަތީގައިވެސް އޮތީ އެ ގަނޑުތަކެވެ. އަދި ކިއެއް، މިބައިމީހުން މިހާރު ނެރެމުންދާ ނޫހެއްގައިވެސް، 07 ފެބުރުއަރީގައި ހިންގައިފައިވަނީ ބަޣާވާތެއްކަން ސާބިތުކޮށްދޭން، ބައެއް "ޝައިޚުން" ލިޔަމުންވެސް ގެންދަނީއެވެ. އަދި އޭގެފަހުން މަދަނީ ޖަމްޢިއްޔާތަކުން ބާއްވަމުން ދިޔަ ދަރުސްތަކުގައިވެސް މިސުވާލު ތަކުރާރުވަމުން ދިޔައެވެ. އިސްލާމްދީނަށް މިބައިމީހުންގެ ހިތުގައި ހުރި ލޯބި ފެނިއްޖެ ނޫންހެއްޔެވެ؟ "ދީނާއި ސިޔާސަތަކީ ވަކިއެއްޗެކޭ" ކިޔައި އިއްޔެ ގޮވަމުންދިޔަ 'ބަނދީގެ" މަތިން މުޅީން ހަނދާން ނެތުނުކަހަލައެވެ.
މިހުރިހާހަޅޭކެއް ލަވަމުން ދިޔައިރު އަޅުގަނޑު ހުރީ ހަމަ އަނގަ ތަންމިނަށް ހުޅުވި ބުނާނެ އެއްޗެއްވެސް ނޭންގިފައެވެ. މުސްލިމެއްގެ ޙައިސިއްޔަތުން އިސްލާމްދީނުގެ މާތްކަމާއި މަތިވެރިކަމާމެދު ވިސްނާލެވުނެވެ. އިސްލާމްދީނުގެ މަތިވެރި ސާފު ސީދާ ތެދުމަގު ދެއްކެވި ﷲ އަށް ޙަމްދާއި ޝުކުރުކުރެވުނެވެ. ނުކުރެވޭނީ، ނުވަތަ ނުކުރާންވީ ކީއްވެގެންހެއްޔެވެ؟ މިދީނުގައި ހުރިހާކަމެއްވަނީ ސާފުކޮށް ބަޔާންކޮށްދެއްވާފައެވެ. ޙައްޤާއި ބާޠިލަކީ ކޮބައިކަން ސާފުބަހުންވަނީ ބަޔާންކޮށްދެއްވާފައެވެ. ދުނިޔޭގައި މާގަދަކޮށްފައި އުޅޭމީހުން އުޅޭފަދައިން އެއްތާކުން އެކައްޗެއްނަގާފައި، އަނެއްތާކުން އަނެކައްޗެއް ނަގަންދުވާކަށް އަޅުގަނޑުމެން މުސްލިމުންނަކަށް ނުޖެހެއެވެ. އެކަމަކު 'ކޮރު' ޑިމޮކްރަސީގެ އަހުލުވެރިންނަށް ވެގެންމިއުޅެނީ މިކަހަލަ ގޮތެކެވެ. ޖާނާއި، މާލާއި، ފުރާނަ ޤުރުބާންކޮށްގެން މިގެނެވުނު ނަޖިސްއެތީގައި ހުރި ވޭން އިޙުސާސް މިކުރެވުނީ އަދި ކިރިޔާއެވެ. 500 އަހަރަށް ވެރިކަން ކުރަންވެގެން ފޮނި ހުވަފެންތައްދެކެމުން ދިވެހި ރައްޔިތުން މޮޔަހައްދައިގެން އެރި ތަޚުތުން ހަމަކުއްލިއަކަށް ވެއްޓުނީމައެވެ.
ސިޔާސީދާއިރާގެ އެންމެހާ ފަރާތްތަކަށް ދަންނަވާލަމެވެ. އިސްލާމްދީން ނުދިން މިނިވަންކަމެއް ތިޔަ 'ކޮރު' ޑިމޮކްރަސީއަކަށް ނުދެވޭނެއެވެ. އިސްލާމްދީން މިނިވަންކަންދިނީ ޙައްޤަށެވެ. ބާޠިލަކަށް ނޫނެވެ. އިންސާނުންނަށާއި އަދި މުޅި އިންސާނިއްޔަތަށް ފައިދާހުރިކަންތައްތަކަށެވެ. އެހެނެއްކަމަކު ތިޔަ 'ކޮރު' ޑިމޮކްރަސީ މިނިވަންކަންދޭން މަސައްކަތް ކުރަމުންދަނީ، އަދި ދެނީވެސް ބާޠިލަށެވެ. ތިޔައީ ފޫވެއްޓިފައިވާއެއްޗެކެވެ. މުޑުދާރު ނަޖިސް އެއްޗެކެވެ. އެމީހަކު މޮޑުނުގޮތަކަށް މޮޑެން އޮންނަ ފުށްގަނޑެއްކަހަލަ އެއްޗެކެވެ. އެހެންވީމައި ބުނަމެވެ. ތިޔައީ ކެރޭ ވަރުގަދަ ފިރިހެނުންތަކެއްނަމަ މިތަނުގައި އިސްލާމީ ޝަރީޢަތް ޤާއިމު ކޮށްބަލާށެވެ. ފަސާދައަކީ ކޮބާކަމާއި، ބަޣާވާތަކީ ކޮބައިކަމާއި، ފަސާދަކުރާމީހުންނާއި، ބަޣާވާތްކުރާމީހުންގެ ޙުކުމްވެސް އޭގައި ބަޔާންވެގެންވެއެވެ. ވެރިކަންވެއްޓޭއިރަށް ބަޣާވާތުގެ ޙުކުމް އިސްލާމްދީނުގައި އޮންނަނީކިހިނެތްތޯ ބުނެދޭށޭ ކިޔައި އަޑުގަދަކުރާކަށް ނުޖެހޭނެއެވެ. ދެބަދޭތެރެވެ، ވާނުވާ ނޭނގި އުޅޭކަށް ނުޖެހޭނެއެވެ. ޙަޤީޤަތަކީ ތިޔަބައިމީހުންގެ އަމިއްލަ ނަފްސުވެސް މިކަމަށް އިޢުތިރާފުވެއެވެ. އެކަމުގެ ދަލީލު ތިޔަދެއްވީވެސް ހަމަ 'ކޮރު' ޑިމޮކްރަސީ އަށް ވަފާތެރި، އިޚްލާޞްތެރި މީހުންނެވެ.
ބުނަންހެއްޔެވެ! ތިޔައީ ތެދުވެރި އަމިއްލައެދުމެއްނެތް، އިޚްލާޞްތެރި ކެރޭ ފިރިހެނުންތަކެއްނަމަ އަޅެ މިކަމަށް ޢަމަލީސިފަ ގެނެސްބަލާށެވެ. މިޤައުމުގައި އިސްލާމީ ޝަރީޢަތް ޤާއިމުކުރައްވާށެވެ. އޭރުން ތިމާގެ ވެރިކަމުގެ ދިފާޢުގައި މިދިވެހިރާއްޖޭގެ އެންމެހާރައްޔިތުން ނުކުންނާނެ ކަމީ ޝައްކެތް އޮތް ކަމެއްނޫނެވެ. އިސްލާމްދީނުގައި ޙަރާމާއި ޙަލާލުވަނީ ބަޔާންވެފައޭ މިދަންނަވަނީ މިސަބަބާހެދިއެވެ. އިސްލާމްދީނަކީ އެއްމެ ބޮޑު ހަތިޔާރެވެ. މުނާފިޤުންނާއި، އިސްލާމްދީނުގެ ޢަދުއްވުންވެސް ބުނާފަދައިންނެވެ.
ޚިޔާލު