ރިޕޯޓް

މިނިވަންކަމުގެ އަސްލު

 

ޝަރުޢީ އަދި އިޖްތިމާޢީ އެކި އެކި ނިންމުން ތަކުގައި މިޒަމާނުގައި ތިޔަ ފެނިވަޑައިގަންނަވާ ވަޟަޢީ މަންހަޖުތަކުގެ ނިންމުން ތަކުގައި ދީނުގެ ކުލަ ޖެހިފައި ހުއްޓައި ފެނިވަޑައިގަންނަވާނީ ވަރަށް ފަނޑުކޮންނެވެ. ނުވަތަ ދީނުގެ ކުލަވަރު އެއްގޮތަކަށްވެސް ނުފެންނާނެއެވެ. ސަބަބަކީ، މިގޮތް މާ ތަނަވަސް ވެފައި ފުޅާކަމުގައި ބައެއް މީހުންގެ ވިސްނުމަށް ފެނުމެވެ.އެއްވެސް ޤައިދެއްގެ ތެރޭގައި ފިކުރު ހިންގުން ހައްޔަރު ކުރެވިގެން ނުވާނެތީޔޯލައެވެ. މިގޮތުގެ މަތިން މިނިވަންކަމަށް ތަޢާރަފެއްދީ އޭގެ މިން ތަކާ މެދު ދެކެވޭ ވާހަކައިގެ ޚުލާޞާއަކީ އެއީ އިންސާނީ ޠަބީޢީ ސިފައެއްކަމުގައި ކަނޑައެޅުމެވެ. އަދި އެއީ ހަމަ ކޮންމެހެންވެސް ލިބިދޭން ޖެހޭ ހޯދަންޖެހޭ ޙައްޤެއްކަމުގައި ކަނޑައެޅުމެވެ.
ނަމަވެސް އިސްލާމް ދީން މިނިވަންކަމުގެ ވާހަކަ ފަށައިގަންނަނީ އަދި އެހާ ތިލަ ހިސާބަކުންނޫނެވެ. މި މާތް ދީން މިނިވަންކަމުގެ ތަޢާރަފު އެކުލަވައިލަން ފަށަނީ ހަމަ ބުއްދި ރުހި ޤަބޫލުވާ، ދުންޔަވީ ހެކިތައްވެސް ތާއީދުކުރާ އެއަށްވުރެ މާ ހޭޖެހޭ ތަރަހައެއްގެ މަތީގައެވެ.
އިންސާނާ އަކީ މަޚްލޫޤެކެވެ. އިންސާނާއަކީ އަޅެކެވެ. އެއީ ނިކަމެތި ފަރާތެކެވެ. އެހެންކަމުން އޭނާގެ ކިބައިގައިވާ ހުރިހާ ސިފަތަކެއްގެވެސް އަސްލު މަސްދަރަކީ ޚާލިޤެވެ. އަޅުވެތިވެވޭ ފަރާތެވެ. ބާރުތަކުގެ ވެރި ﷲއެވެ. އާދޭހެވެ! އިންސާނާއަށް ސަޖިދަކުރުމަށް މާލާއިކަތުންނަށް އެންގެވުނެވެ. އެ އިންސާނާއަށް ހުރިހާ ނަންތަކެއް ދަސްކޮށްދެއްވުނެވެ. އުޑުތަކާއި ބިމުގައިވާހާ އެއްޗެއް އެ އިންސާނާއަށް ކިޔަމަންކޮށް ދެއްވުނެވެ. މިއީ ފެށުމުގައި ކަންހުރި ގޮތެވެ. މިއާ ދެންވެސް ހުރި ހުރިހާ ކަމެއް އެއީ މި އިންސާނާގެ ޠަބީޢީ ސިފައެއްކަމުގައި ޤަބޫލުކުރަން ހަމަ ވިސްނުން ޢުޒުރުވެރިވެއެވެ. އަދި ކިއެއްތޯއެވެ. މިއީ ހައްތާވެސް ދީލަތިވަންތަ ކީރިތި ﷲގެ މޫރިތި މިންޙާއެވެ.
މި ރީތި ހަމައިގެ އާޚިރު ނަތީޖާއަކީ ޝާމިލު އިސްލާމީ ޝަރީޢާ އެއީ އެންމެހާ ޙައްޤެއްގެ އަޞްލު އަސާސްކަމުގައި ވެގެން ދިއުމެވެ. އަދި ޝަރުޢު ނުވަތަ ހެޔޮނުބައި ކަނޑައަޅާ އަޞްލުކަމުގައި، އިންސާނީ ޙައްޤުތަކުގެ ބާރުވެރިކަން ވެފައި އޮތްއޮތުމުގެ ދޯހަޅި ކަން ވަޅުޖެހުމެވެ. އެހެނީ މި ޝާމިލް މަފުހޫމުގައި ޙައްޤަކީ ޙާޞިލް ކުރަން ބޭނުންވާ މަޤުޞަދަށް ވާޞިލްވާން ބޭނުންކުރާ ވަސީލަތެކެވެ. ޙައްޤަކީ ޙާޞިލް ކުރަން ބޭނުންވާ މަޤުޞަދެއް ނޫނެވެ. ކަންމިހެން އޮތުމުން ޙައްޤު އެއީ އިޖްތިމާޢީ ވާޖިބުތަކެއް ބޮލުއަޅައިގެން ހުރި މަސްއޫލުވެރިއެއް ކަމުގައި ވެދެއެވެ. އަދި ޙައްޤު ހޯދައި ލިބިދިނުން އެއީ މުޖުތަމަޢުގެ ވަޒީފާ ކަމުގައި ވެފައިވުން ވެސް ފިލައި ދެއެވެ.

 

ނޯޓް: މިއީ ދިއިސްލާމް މަޖައްލާގެ 1 ވަނަ އަދަދުގައި ޝާއިއުކޮށްފައިވާ ލިޔުމެކެވެ. މިއަދަދުގެ އެހެން ލިޔުންތައް ވިދާޅުވޭ!

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *

More in ރިޕޯޓް