5- އެއްބައިވަންތަ ބަޔަކަށް ވުމަށްޓަކައި:
މިސިލްސިލާގެ ކުރީގެ 4 ލިޔުމުގައި ބަލާލެވޭތޯ، އަޅުގަނޑު މިމަސައްކަތް ކުރީ މުސްލިމުން ބައިބައި ވުމަށް މެދުވެރިވާ ބައެއް ސަބަބުތަކަށެވެ. އެހެންކަމުން މިހާރު ސުވާލު އުފެދެނީ މި މުސްލިމް އުއްމަތުގެ ޙާލު ބަދަލު ކުރެވޭނެ ގޮތަކާ މެދުގައެވެ.
ﷲ ވަޙީ ކުރައްވާފައި ވެއެވެ. "ހަމަކަށަވަރުން، ބަޔަކުމީހުންގެ ޙާލަތު އެބަޔަކު އަމިއްލައަށް ބަދަލުކޮށްފުމަށްދާންދެން، ﷲ އެ ޙާލަތެއް ބަދަލެއް ނުކުރައްވާނެތެވެ. ހަމަކަށަވަރުން، ﷲ ބަޔަކުމީހުންނަށް ނުބައިކަމަކަށް އިރާދަކުރައްވައިފި ހިނދަކު އެކަން ދުރުކުރާނޭ އެއްވެސް ބާރެއް ނުވެއެވެ. އަދި އެކަލާނގެ ފިޔަވައި އެއުރެންނަށް އެހީތެރިވާނޭ ފަރާތެއް ނުމެވޭމެއެވެ." (އައްރަޢްދު 11)
ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ގެ ޙަދީޘުން އަޅުގަނޑުމެންނަށް އެނގޭ ގޮތުގައި، ބަޔަކު މީހުން ﷲ އަމުރު ކުރެއްވި ކަންތައްތައް ދޫކޮށް ދުނިޔޭގެ ކަންކަމުގައި މަޝްޣޫލު ވެއްޖެ ނަމަ އެބަޔެއްގެ މައްޗަށް އެކަލާނގެ މުޞީބާތް ފޮނުއްވައެވެ. އަދި އެބައިމީހުން އެނބުރި ދީނަށް ރުޖޫޢަ ވެއްޖައުމަށް ދާންދެން އެ މުޞީބާތުން ސަލާމަތެއް ނުވާނެއެވެ.
އެހެންކަމުން މުސްލިމުން އިސްލާމް ދީނަށް އެނބުރި ރުޖޫޢަ ވެއްޖައުމަށް ދާންދެން މިއުއްމަތަށް ކުރިމަތިވެފައިމިވާ ބޮޑު މުޞީބާތުން ސަލާމަތެއް ނުވާނެއެވެ.
އަޅުގަނޑުމެންގެ ޙާލަތު ބަދަލު ކުރުމަށް މަސައްކަތް ކުރުމަށް ވިސްނާއިރު އެންމެ އިސްކަމެއް ދޭންވީ ކަމަކީ ތައުޙީދާއި ޞައްޙަ ޢަޤީދާ ފެތުރުމެވެ. ﷲ އަށް އަޅުކަންކުރުން ޙައްޤު ގޮތުގައި އެކަލާނގެއަށް އަޅުކަން ކުރުމަށް ގޮވާލުމެވެ. އަހަރެމެން ފަށަންވީ މިކަމުންނެވެ.
ޖަހާލަތުގެ އަނދިރި ކަމުގައި އުޅުނު އަރަބިންގެ ތެރެއިން ވީ ބައެއް މީހުން ދުނިޔެއާއި އާޚިރަތުގައި ކާމިޔާބު ވެގެން ދިޔައީ ކީއްވެ ހެއްޔެވެ؟ މަތިވެރި ވަޙީ އާއިގެން ފޮނުއްވި ނަބިއްޔާ އަށް ތަބާވެ ޤުރުއާނާއި ސުއްނަތުގައި ހިފެހެއްޓުމުގެ ސަބަބުންނެވެ. އަހަރެމެންނަށް ވެސް އޮތީ ހަމަ އެއަށް ރުޖޫޢަ ވުމެވެ. އެކަމަށް އޮތް ހަމަ އެކަނި މަގަކީ އެއީ އެވެ.
ﷲ ވަޙީ ކުރައްވާފައި ވެއެވެ. "އަދި މިއީ ތިމަންރަސްކަލާނގެ ސީދާވެގެންވާ ތެދުމަގެވެ. ފަހެ، އެމަގަށް ތިޔަބައިމީހުން ތަބާ ވާށެވެ! (އެނޫން) މަގުމަގަށް ތިޔަބައިމީހުން ތަބާ ނުވާށެވެ! (އޭރުން) އެކަލާނގެ މަގުން ތިޔަބައިމީހުން ވަކިވަކި ވެގެން ހިނގައިދާނެތެވެ. އެކަންތައްތަކަށް، ތިޔަބައިމިހުންނަށް އެކަލާނގެ ވަޞިއްޔަތް ކުރެއްވީ ތިޔަބައިމީހުން ތަޤްވާވެރި ވުމަށްޓަކައެވެ." (އަލްއަންޢާމް 153)
މިކަން ރަސޫލުﷲ ވަނީ އެކަލޭގެ ފާނުގެ ޞަޙާބީންނަށް ވަރަށް ރީއްޗަށް ތަފްޞީލް ކޮށްދެއްވާފައެވެ. އެއްދުވަހެއްގައި އެކަލޭގެފާނު ބިންމަތީގައި ސީދާ ރޮނގެއް ކުރެއްސެވި އެވެ. އަދި އޭގެ ދެފަރާތަށް ކުދި ކުދި ކަތި ރޮނގުތަކެއް ކުރެއްސެވި އެވެ. އަދި އެއަށްފަހު އެކަލޭގެ ފާނު އިސްވެ ދިޔަ އާޔަތް ކިޔަވާ ވިދާޅު ވިއެވެ. އަދި އެކަލޭގެ ފާނު ސީދާ ރޮނގަށް އިޝާރާތް ކުރައްވާ ޙަދީޘް ކުރެއްވިއެވެ. "މިއީ ﷲ ގެ މަގެވެ. އަދި ދެފަރާތުގައިވާ ރޮނގުތަކަށް އިޝާރާތް ކުރައްވައި ޙަދީޘް ކުރެއްވި އެވެ. މިއީ ﷲގެ މަގު ފިޔަވައި އެހެން މަގު ތަކެވެ. މީގެ ކޮންމެ މަގެއްގައި އެމަގަކަށް އައުމަށް ގޮވާލާ ޝައިޠާނެއް ވެއެވެ."
އަދިވެސް ﷲ ވަޙީ ކުރައްވާފައި ވެއެވެ. "އަދި އެމީހަކަށް ތެދުމަގު ބަޔާންވުމަށްފަހު، ރަސޫލާއާ ދެކޮޅުވެރިވެ، މުއުމިނުންގެ މަގު ނޫން މަގަކަށް ތަބަޢަ ވެއްޖެ މީހާ (ދަންނާށެވެ!) އެމީހާ އިޚްތިޔާރުކުރި މަގަކަށް ތިމަން ރަސްކަލާނގެ އެމީހާ ދޫކޮއްލައްވާ ހުށީމެވެ. އަދި ތިމަންރަސްކަލާނގެ އެމީހާ ނަރަކައަށް ވައްދަވާ ހުށީމެވެ. އެއީ ނުބައި ވެގެންވާ ނިމިދިޔުމެކެވެ." (އަންނިސާއު 115)
މިއާޔަތުގައި ރަސޫލާ އެކަމަކައިގެން ވަޑައިގެންނެވި ކަންތަކާ އީމާންވީ މީހުންގެ (ޞަޙާބީންގެ) މަގާ މިވަނީ ގުޅާލައްވާފައެވެ. އަދި ހަމަ އެހެންމެ ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް މި އުއްމަތް އެތައް ފިރުޤާ ތަކަކަށް ބައިބައި ވެގެންދާނެކަމަށް ބަޔާން ކުރައްވާފައި ވާ ޙަދީޘްގައި ވެސް ސަލާމަތް ވާނެ ފިރުޤާ އަކީ ކޮބައިތޯ ސުވާލު ދެންނެވުމުން ޙަދީޘް ކުރެއްވީ އެއީ، "ތިމަން ކަލޭގެ ފާނާ ތިމަން ކަލޭގެ ފާނުގެ ޞަޙާބީން ތިބި ގޮތެވެ." މިއާޔަތާއި މި ޙަދީޘްގައި ޞަޙާބީންގެ ވާހަކަ އައިސްފައި އެވަނީ ކީއްވެ ހެއްޔެވެ؟ އެއީ އެބޭކަލުންނަކީ ދެ ވަޙީ (ޤުރްއާނާއި ސުންނަތް) އެބައެއްގެ ދުވަސް ވަރުގައި ބާވައިލެއްވުނު، އަދި ސީދާ ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް އެބަޔަކަށް އެ ދޭތި ތަފްޞީލު ކޮށްދެއްވި ބޭކަލުންނެވެ. ސުންނަތް އެންމެ ރަނގަޅަށް ތަޠުބީޤު ކުރައްވަން ދެނެވަޑައިގަންނަވާނީ އެބޭކަުންނެވެ. އެހެންކަމުން ޞަޙާބީންގެ ގޮތް ދޫކޮއްލައިގެން ތިބެ، އަޅުގަނޑުމެންނަށް އަޅުގަނޑުމެންގެ ޙާލަތު ބަދަލު ކުރެވޭނެ ހެއްޔެވެ؟
އިމާމް މާލިކު ރަޙިމަހުﷲ ވިދާޅުވެފައި ވެއެވެ. "އުއްމަތުގެ ކުރީގެ މީހުންގެ ޙާލަތު ބަދަލު ކުރެވުނު ގޮތަށް މެނުވީ އުއްމަތުގެ ފަހުގެ މީހުންގެ ޙާލަތު ބަދަލުވެގެން ނުދާނެއެވެ." އެއީ ޤުރްއާނާއި ސުއްނަތަށް ރުޖޫޢަ ވުމެވެ.
އެހެންކަމުން އަޅުގަނޑުމެން ދަނެގަންނަންވީ ކަމަކީ އަޅުގަނޑުމެންގެ ޙާލަތު ބަދަލު ކުރެވެން އޮތީ ޤުރުއާނާއި ސުންނަތައް ރުޖޫޢަވެ، އަދި މާތް ޞަޙާބީނަށް އެދޭތި ފަހުމްވި ގޮތަށް ފަހުމް ކުރަން މަސައްކަތް ކޮށް، އަދި އެބޭކަލުން އެ ސުންނަތް ތަޠުބީޤު ކުރެއްވި ގޮތަށް ތަޠުބީޤު ކުރަން މަސައްކަތް ކޮށްގެންނެވެ. އެބޭކަލުން އީމާންވީ ފަދައިން އީމާން ވެގެންނެވެ. އެބޭކަލުން އަޅުކަން ކުރި ފަދައިން އަޅުކަން ކޮށްގެންނެވެ. އަދި އެބޭކަލުންގެ ނަމޫނާ ހުރިހާ ކަމެއްގައި ބަލައިގެންނެވެ. އަދި އެބޭކަލުން ދަޢުވަތު ދެއްވި ފަދައިން ދަޢުވަތު ދީގެންނެވެ. އަހަރުމެންގެ ޙާލަތު ރަނގަޅު ކުރެވެން އޮތީ އެގޮތަށް މަސައްކަތް ކޮށްގެންނެވެ.
ލޮބުވެތި މުސްލިމް އަޚުންނާއި އުޚްތުންނޭ! ﷲ ވަޙީ ކުރައްވަނީ: "ﷲ ހަނދުމަކުރުމަށާއި، ޙައްޤު ބަސްފުޅުގެ ތެރެއިން ބާވައިލެއްވި ފޮތަށް އެއުރެންގެ ހިތްތައް މަޑުމައިތިރިވުމަށާއި، މީގެ ކުރިން ފޮތް ލިބުނު މީހުން ފަދައިން ނުވުމަށް، އީމާންވީ މީހުންނަށް އަދިވެސް ވަގުތު ނާންނަނީ ހެއްޔެވެ؟ ފަހެ، އެއުރެންނަށް ޒަމާން ދިގުވެގެން ދިޔައެވެ. ދެން (އެކަމުގެ ސަބަބުން) އެއުރެންގެ ހިތްތައް ހަރުކަށި ވިއެވެ. އަދި އެއުރެންކުރެ ގިނަ މީހުންނީ ފާސިޤުންނެވެ." (އަލްޙަދީދް 16)
(ނިމުނީ)
ޚިޔާލު