3- ދީނުގައި ބިދުޢާތައް ހެދުން:
ﷲ ގެ ވާފަށުން މީސްތަކުން އެއްކިބާވެ ވަކިވަކި ވެގެންދާ އަނެއް ކަމަކީ ދީނުގެ ތެރެއަށް އާ ކަންކަން ވެއްދުމެވެ. ނުވަތަ ބިދުޢަތައް ހެދުމެވެ. ކީރިތި ޤުރުއާނުގައި ﷲ ވަނީ އިސްލާމް ދީން އަޅުގަނޑުމެންނަށްޓަކައި ފުރިހަމަކޮށްދެއްވައިފިކަން އަންގަވާފައެވެ.
އެކަލާނގެ ވަޙީ ކުރައްވާފައި ވެއެވެ. "މިއަދު، ތިޔަބައިމީހުންގެ ދީން، ތިޔަބައިމީހުންނަށް ތިމަންރަސްކަލާނގެ ފުރިހަމަކޮށްދެއްވައިފީމެވެ. އަދި ތިމަންރަސްކަލާނގެ ނިޢުމަތް، ތިޔަބައިމީހުންގެ މައްޗަށް ތިމަންރަސްކަލާނގެ ފުރިހަމަކޮށްދެއްވައިފީމެވެ. އަދި އިސްލާމްދީން ތިޔަބައިމީހުންނަށް ދީނެއްކަމުގައި ތިމަން ރަސްކަލާނގެ ރުހިވޮޑިގެންފީމެވެ." (އަލްމާއިދާ 3)
އެހެންކަމުން އިސްލާމް ދީން ފުރިހަމަ އެއްޗެއްކަމުގައި ވާހިނދު އެދީނުގެ އަޅުކަންތަކުގެ ތެރެއަށް އަޅުގަނޑުމެން ކަމެއް އިތުރު ކުރާނީ ކިހިނެއް ހެއްޔެވެ؟ ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ގެ ޒަމާނުގައި ދީނުގެ ކަމެއްކަމުގައި ކަނޑައެޅިފައި ނުވާ ކަމެއް މިހާރު ދީނުގެ ކަމެއް ކަމުގައި ކަނޑައެއް ނޭޅޭނެއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ވަނީ ދީނުގެ ތެރެއަށް އަލަށް ކަންތައްތައް ވެއްދުމުން ރައްކާތެރި ވުމަށް މުޅި އުންމަތަށް އިންޒާރު ކުރައްވާފައެވެ.
އެކަލޭގެ ފާނު ޙަދީޘް ކުރައްވާފައި ވެއެވެ. "މިދީނުގައި ނުވާ ކަމެއް މިދީނަށް ވައްދައިފި ނަމަ އެކަމެއް ވަނީ ރައްދު ކުރެވިގެންނެވެ." (މުސްލިމް)
މުސްލިމުން އެއްބައިވަންތަ ވުމަށް ގޮވާލާ ބައެއް މީހުން ބުނެއެވެ. "އޭގެ ސަބަބުން މުސްލިމުން އެއްބައިވަންތަ ވާ ބިދުޢައެއް އޭގެ ސަބަބުން މީސްތަކުން ބައިބައިވާ ސުންނަތަކަށް ވުރެ ހެޔޮވެގެންނުވޭ ހެއްޔެވެ؟"
ސުބްޙާނަﷲ! ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް އަޅުގަނޑުމެންނަށް އަންގަވާފައި ވަނީ ބިދުޢަ އަކީ ނަރަކައަށް ދިއުމުގެ މަގެއްކަމުގައެވެ. އެކަލޭގެ ފާނު ހަދީޘް ކުރައްވާފައި ވެއެވެ. "ކޮންމެ ބިދުޢަ އަކީ މަގު ފުރެދުމެކެވެ. އަދި ކޮންމެ މަގު ފުރެދުމެއް ވަނީ ނަރަކައިގައެވެ." (އަންނަސާޢީ)
އެހެންކަމުން މީހަކު ތިބާގެ ގާތުގައި އެންމެން އަތުގުޅާލައިގެން އެއްބައިވަންތަ ކަމާ އެކު ކުރިމަތީގައި މިއޮތް ބޮޑު އަލިފާންގަނޑަށް ފުންމާލަން ހިނގާށޭ ބުނެފި ނަމަ ތިބާ ތަބާ ވާނަން ހެއްޔެވެ؟ ޔަގީނުން ވެސް ނުވާނެއެވެ. އަދި ކިއެއްތަ، ތިބާ ހީކުރާނީ އެއީ މޮޔައެއް ކަމުގައެވެ. އެހެންކަމުން މިފަދަ ނުރައްކާތެރި ކަމެއްގެ މަތީގައި އަޅުގަނޑުމެން އެއްބައި ވަންތަ ވާނީ ކިހިނެއް ހެއްޔެވެ؟ އެބައިމީހުންނަކީ އެކި އެކި ޛިކުރު ތަކާ ދުޢާތައް އަމިއްލަ އަށް ހަދައިގެން އުޅޭ މީހުންނެވެ. ނުވަތަ އަމިއްލަ ދުވަސް ތަކެއް ހަދައިގެން ދީނުގެ ނަމުގައި އެ ދުވަސްތައް ފާހަގަ ކުރަމުން ދާ މީހުންނެވެ. ނުވަތަ އެބައި މީހުން އިމާމުން މާމަތީ ދަރަޖަތަކަށް ގެންގޮސްގެން އެބައިމީހުންނަށް ތަބާ ވަމުން ދާ މީހުންނެވެ. މިފަދަ އެތައް އެތައް ކަމެކެވެ.
މުސްލިމުންގެ ތެރޭގައި އިސްލާމް ދީނާ ގުޅުމެއްވެސް ނެތް ކަންކަން ދީނުގެ ނަމުގައި ކުރަމުންދާ މީހުން އުޅޭއިރު މުސްލިމުން އެއްބައިވަންތަ ވާނީ ފަހެ ކިހިނެއް ހެއްޔެވެ؟
(ނުނިމޭ)

















ޚިޔާލު