2- ނުބައި ޤަބޫލުކުރުންތަކެއް ގެންގުޅުން:
މުސްލިމުން ބައިބައިވެގެންދާ އެންމެ ބޮޑު އަނެއް ސަބަބަކީ މުސްލިމުން އެއްބަޔަކު އަނެއްބަޔެއްގެ މެދުގައި ޤަބޫލުކުރާ ޤަބޫލުކުރުންތަކުގައި ނުވަތަ ޢަޤީދާގައި ޚިލާފުވުމެވެ. ހުރިހާ މުސްލިމުން ވެސް ގެންގުޅެނީ އެއް ޤުރްއާނެކެވެ. އަދި ތަބާ ވަނީ އެއް ނަބިއްޔަކަށެވެ. އެހެން ކަމަށްވާއިރު މުސްލިމުން އެއްބަޔަކު އަނެއްބަޔަކާ ޢަޤީދާގައި ޚިލާފުވާންވީ ކީއްވެ ހެއްޔެވެ؟ އަޅުގަނޑުމެން ކޮންމެ ކަމެއް ޤުރްއާނާއި ސުއްނަތަށް ރައްދު ކުރާ ނަމަ އަޅުގަނޑުމެން ޚިލާފު ވާންވީ ކީއްވެ ހެއްޔެވެ؟
ﷲ ވަޙީ ކުރައްވާފައި ވެއެވެ. "އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުން ﷲ އަށް ކިޔަމަންވާށެވެ! އަދި ރަސޫލާ އަށާ ތިޔަބައިމީހުންގެ ތެރެއިން ވެރިންނަށްވެސް ކިޔަމަންވާށެވެ! ފަހެ ކަމަކާމެދު ދެބަސްވެއްޖެނަމަ، ﷲ އަށާއި ރަސޫލާއަށް އެކަމެއް ހުށަހަޅާށެވެ! (އެބަހީ: އެކަމާމެދު ﷲ އާއި އެކަލާނގެ ރަސޫލާގެ ޙުކުމް އޮތްގޮތެއް ބަލައި އެގޮތަށް ޢަމަލު ކުރާށެވެ!) ތިޔަބައިމީހުން ﷲ އަށާއި އާޚިރަތް ދުވަހަށް އީމާންވާކަމުގައި ވާ ނަމައެވެ. އެގޮތް ތިޔަބައިމީހުންނަށް ހެޔޮކަން ބޮޑެވެ. އަދި، ނިމުމެއްގެ ގޮތުން ރީތިކަންވެސް ބޮޑުމެއެވެ." (އަންނިސާއު 59)
ނިކަން ވިސްނާލައްވާށެވެ. ހުރިހާ މުސްލިމުން މި އާޔަތުގައިވާ ގޮތަށް ޢަމަލު ކުރާ ނަމަ އަޅުގަނޑުމެންގެ މެދުގައި މިފަދަ ތަފާތު ތަކެއް ވާނެ ހެއްޔެވެ؟ ޖަވާބަކީ ނުވާނެއެވެ. އަޅުގަނޑު މިދައްކަނީ ފިޤުހީ މައްސަލަ ތަކުގެ ވާހަކަ އެއް ނޫނެވެ. ޢަޤީދާގެ ވާހަކައެވެ. އަޅުގަނޑުމެންގެ ޢަޤީދާގައި އެއްވެސް ޚިލާފުތަކެއް އުޅެގެން ނުވާނެއެވެ.
ދެން އެހެންކަމުގައި ވާނަމަ އަޅުގަނޑުމެންގެ މެދުގައި މި ޚިލާފުތައް މިއުޅެނީ ކީއްވެ ހެއްޔެވެ؟ އެއީ މިއަދު މުސްލިމުން އެމީހުންގެ މައްސަލަތައް ﷲ އާއި އެކަލާނގެ ރަސޫލް ޞައްލަﷲ ޢަލައިހި ވަސައްލަމް އަކަށް ރައްދެއް ނުކުރެއެވެ. ޤުރްއާނާއި ސުއްނަތަކަށް ރުޖޫޢަ އެއް ނުވެއެވެ. އެހެނެއް ކަމަކު އެމީހުން ހިފަނީ އެމީހުންގެ ޝެއިޚް ގެ ބަހުގައެވެ. ނުވަތަ އެބައިމީހުން ނަގަނީ އެބައިމީހުންގެ މަޒްހަބުގެ ރަޢުޔެވެ.
ހުރިހާ ރަސޫލުބޭކަލުންނާއި ނަބީބޭކަލުންވެސް އިސްލާމީ ވެރިކަމެއް ޤާއިމު ކުރުމަށްވުރެ ނުވަތަ ޖިހާދު ކުރުމަށް ވުރެ ބޮޑު އިސްކަމެއް ދެއްވީ، ޢަޤީދާ ހަރުދަނާކޮށް ވަރުގަދަ ކުރުމަށެވެ. އެހެން ކަމުން، "ﷲ ހުރިހާތަނެއްގައި ޥޮޑިގެން ވެއެވެ." މި ފަދައިން ބުނާ މީހުން އަހަރެމެންގެ ތެރޭގައި ވަނިކޮށް އަހަރެމެން އެއްބައިވަންތަ ބަޔަކަށް ވާނީ ކިހިނެއް ހެއްޔެވެ؟
ﷲ ވަޙި ކުރައްވާފައި ވެއެވެ. "އެބޭކަލުންގެ މައްޗަށް، މަތިވެރިވެވޮޑިގެންވާ، އެބޭކަލުންގެ ވެރިރަސްކަލާނގެއަށް، އެބޭކަލުން ބިރުވެތިވެ ވަޑައިގަންނަވަތެވެ. އަދި އެބޭކަލުންނަށް އަމުރު ކުރައްވާ ކަންތައް އެބޭކަލުން ކުރައްވަތެވެ." (އަންނަޙްލު 50)
ނުވަތަ، "ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް އަކީ އިންސާނެއް ނޫނެވެ. އެކަލޭގެ ފާނު ހެއްދެވިފައި ވަނީ އަލިންނެވެ. އަދި އެކަލޭގެ ފާނަށް ޣައިބުގެ ޢިލްމު އެނގިވަޑައިގަންނަވައެވެ." މިފަދައިން ބުނާ މީހުން އަހަރެމެންގެ ތެރޭގައި ވަނިކޮށް އަހަރެމެންނަކީ އެއްބައި ވަންތަ ބައެއް ކަމުގައި ވާނީ ކިހިނެއް ހެއްޔެވެ؟
ﷲ ވަޙީ ކުރައްވާފައި ވެއެވެ. "ކަލޭގެފާނު ވިދާޅުވާށެވެ! ތިމަންކަލޭގެފާނު ވާކަން ކަށަވަރީ، ތިޔަބައިމީހުންކަހަލަ އާދަމުގެ ދަރިޔަކު ކަމުގައެވެ. ތިމަންކަލޭގެފާނަށް ވަޙީ އިއްވަވަނީ ތިޔަބައިމީހުންގެ އިލާހަކީ އެއް އިލާހެއް ކަމުގައެވެ. ފަހެ ތިޔަބައިމީހުން އެކަލާނގެއަށް ސީދާވާށެވެ. އަދި ފާފަ ފުއްސެވުން އެދި އެކަލާނގެއަށް ދަންނަވާށެވެ." (ފުއްޞިލަތު 6)
ﷲ ވަޙީ ކުރައްވާފައި ވެއެވެ. "ކަލޭގެފާނު ވިދާޅުވާށެވެ! ﷲ އިރާދަކުރެއްވި ކަމެއް މެނުވީ ތިމަންކަލޭގެފާނުގެ އަމިއްލަ ނަފްސަށް މަންފާއެއް ނުވަތަ ގެއްލުމެއް ލިބިގަތުމުގެ ބާރު ތިމަންކަލޭގެފާނަށް މިލްކުވެގެނެއް ނުވެއެވެ. އަދި ތިމަންކަލޭގެފާނަށް ޣައިބު އެނގިވަޑައިގަންނަވާ ކަމުގައި ވީނަމަ، ތިމަންކަލޭގެފާނު ހެޔޮކަންތައް ގިނަ ކުރެއްވީމުހެވެ. އަދި ނުބައި ކަމެއް ތިމަންކަލޭގެފާނުންގެ ގައިކޮޅުގައި ނުބީހުނީހެވެ. ބިރުވެރިކަމުގެ ޚަބަރު ދެއްވާ ބޭކަލަކު ކަމުގައްޔާއި އީމާންވާ ބަޔަކަށް އުފާވެރި ކަމުގެ ޚަބަރު ދެެއްވާ ބޭކަލަކު ކަމުގައި މެނުވީ، ތިމަންކަލޭގެފާނު ނުވަމުއެވެ." (އަލް އަޢުރާފް 188)
ނުވަތަ "އީމާންކަމަކީ އިތުރުވެ، އުނިވާ އެއްޗެއް ނޫނެވެ." ބުނާ މީހުން އަހަރެމެންގެ ތެރޭގައި ވަނިކޮށް އަހަރެމެންނަކީ އެއްބައި ވަންތަ ބައެއްކަމުގައި ވެދާނެ ހެއްޔެވެ؟
ރަސޫލާ ޙަދީޘް ކުރައްވާފައި ވެއެވެ. "އީމާންކަން ހަތްދިހަ އެތައް ބަޔަކަށް ބެހިގެންވެއެވެ. އޭގެ އެންމެ މަތީ ދަރަޖަ އަކީ لا إله إلا الله ކިޔުމެވެ. އަދި އެންމެ ދަށު ދަރަޖަ އަކީ މަގުމަތީގައި މީހުންނަށް އުދަނގޫ ވާގޮތަށް ހުންނަ ތަކެތި އެއްފަރާތް ކޮއްލުމެވެ. އަދި ލަދުވެތި ކަމަކީ އީމާންކަމުގެ ތެރެއިން ވާ ކަމެކެވެ." (ބުޚާރީ އާއި މުސްލިމް)
މިފަދަ އެތައް މިސާލުތަކެއް ގެނެވިދާނެއެވެ. އެހެންނަމަވެސް ސުވާލަކީ، އަޅުގަނޑުމެން މުސްލިމުންގެ އަޤީދާގައި މިފަދަ ޚިލާފުތައް ހުއްޓައި އަޅުގަނޑުމެން އެއްބައިވަންތަ ވާނީ ކިހިނެއް ހެއްޔެވެ؟ އެންމެ ފުރަތަމަ މަސައްކަތް ކުރަންވީ މި އަޤީދާގެ ޚިލާފުތައް ނައްތާލައި ޞައްޙަ ޢަޤީދާ ފެތުރުމަކަށް ނޫން ހެއްޔެވެ؟
(ނުނިމޭ)

















ލިޔުން ސަޅި. އެކަމަކު ގެނެސްފަހުރި މިސާލުތައް އަދިވެސް ދިވެހި މުޖުތަމަޢު އާއި ގުޅުން ކުޑަ. މިސާލަކަށް ﷲ ގެ ފޮތަށް ހުކުމް ކުރުމަކީ 21ވަނަ ޤަރުނައާއި ނުގުޅޭ ކަމެއްކަމަށް ބުނާހާހިނދަކު އަަހަރެމެން އެއްބައިވާނެހެއްޔެވެ؟
އާދެ އަޅުގަނޑުމެން އެކިސިފަސިފައިގަ އެކިސިއްހަތާއި އެކިކަހަލަގެ އިސްކޮޅުތަކުގައި އެކި ފިކުރުތަކުވެރި ބައެއްގެ ގޮތުގައި އުފެއްދެވިކަލާންގެ އަޅުގަނޑުމެން މައުސޫމްބައެއްގެ ގޮތުގައި އުފަންވުމަށް އިރާދަކުރެއްވުމަށްފަހު ބެލެނިވެރިންނާއި، އެދުރުދައިތައިންނާ މުދައްރިސުންނާ، އިލްމުވެރިންނާއި ހާކިމުންގެމައްޗަށް، އެމީހުންގެ ޒިންމާ އާއި މަސްއޫލިއްޔަތު ހަވާލުކުރެއްވުމުން އެއަށް ޣާފިލްވެވިފައި ވެވިފައި ވުމުގެ ސަބަބުން ބައިބައިވުން އުފެދިގެން ދިޔަބައިބައިވުން ކޮންމެ އާދުވަހާކާއި އެކު ބޮޑުވެ ފުޅާވަމުން މިދަނީ. ވީމާ މިއަދު މަތީ ފަޑީ ގައި ތިއްބެވި ބޭފުޅުން ނިންމަވަންވީ ހައްގު ބަސްބުނާ ހައްގު ގޮތުގައި ތިބޭނެ ދީނަށް ނަސްރުދީ ދީން ދަމަހައްޓާދޭނެ ބަޔެއް ތަރުބިއްޔަތު ކޮށްދެއްވަން…. ނަމަވެސް ދަތުރުގެ ހުރިހާދިމާލެއްގައި އެތެރެއިންނާއި ބޭރުން ބޮޑެތި ހުރަސްތަށް ކުރިމަތީގައި ވަނީ!!! ހަމަކޮންމެފަދަ ނުރައްކަލެއް ކޮންމެފަދަ ވަގުތަކުވެސް ކުރިމަތި ވެދާނެގޮތަކަށް ކަމުގައި ވާކަމީވެސް ހަގީގަތެކެވެ. ދުއާއަކީ މިދީބަކީ ލާދީނީފިކުރުތަށް މަދު ނުވަތަ ނެތް އިލްމުވެރިން ގިނަ ފިސާރި ގޮތުގައި ތިބޭ ސުލްހަވެރި ދީބަކަށްވެގެން ދިއުމެވެ.
ވަރަށް ފުރިހަމަ ލިޔުމެއް. ކުރިއަށް ހުރި ބައިތަކަށް އިންތިޒާރުކުރަން