ރިޕޯޓް

މުސްލިމުން ބައިބައިވެފައި މިވަނީ ކީއްވެ؟ - ޝިރުކު ކުރުން

މިއަދު އިސްލާމީ އުންމަތް ބައިބައި ވެފައިވަނީ، ވިސްނާ ފިކުރު ކުރާ މީހެއްގެ ލޮލުން ކަރުނަ ފައިބައިގެންދާފަދަ މިންވަރަކަށެވެ. ބަލާލި ކޮންމެ ދިމާލަކުން ފެންނަނީ މުސްލިމުން އެއްބަޔަކު އަނެއްބަޔަކަށް ފާޅު ކުރާ ދެކޮޅުވެރިކަމެވެ. ތަޅާ ފޮޅުމާއި ފުރައްސާރަ ކުރުމެވެ. އިސްލާމްދީނުގެ ސަބަބުން އިންސާނުންގެ މެދުގައި ޤާއިމުވި އަޚުވަންތަކަން ނެތިގެން ގޮސްފައިވާ ފަދައެވެ. ނަމަވެސް މިބައިބައިވުން އުއްމަތަށް އައިސްފައިވަނީ ސަބަބުތަކެއް ނެތިއެއްވެސް ނޫނެވެ. މުސްލިމުން ބައިބައިވެފައިވާ މިންވަރާމެދު އަޖައިބުވާއިރު މިބައިބައިވުމަސް މެދުވެރިވާ ސަބަބުތައް ދެނެގަތުން ބުއްދިވެރިއެވެ. އަދި މުސްލިމުންގެ މެދުގައި އެކުވެރިކަން ޤާއިމުކުރުމަށް މަސައްކަތް ކުރާއިރު މި ސަބަބުތައް ނައްތާލުމަށް މަސައްކަތްކުރުން މުހިއްމެވެ.
މި ލިޔުމުގައި އަޅުގަނޑު މިބަލާލަނީ އިސްލާމީ އުއްމަތް ބައިބައިވެގެން ދިޔުމުގެ ސަބަބުތަކުގެ ތެރެއިން ބައެއް ސަބަބުތައް ބަޔާންކޮށްދެވޭތޯއެވެ.
1- ޝިރުކު ކުރުން.
އެއްވެސް ޝައްކެއް ނެތްގޮތުގައި، ﷲގެ ވާފަށުން މީސްތަކުން ވީއްލި ބައިބައިވެގެންދާ އެންމެ ބޮޑު އެއް ސަބަބަކީ ޝިރުކެވެ. ﷲ އަށް ޚާލިޞް ކުރަންޖެހޭ އަޅުކަންތަކުގައި އެކަލާނގެއާ އެހެން ފަރާތްތައް ބައިވެރިކުރުމެވެ. މިއަދު އިސްލާމީ އުއްމަތުގައި މީގެ އެތައް މިސާލުތަކެއް ފެންނަން އެބަ ހުއްޓެވެ. އޭގެ ތެރޭގައި، ބައެއް މީހުން، މާތް މީސްމީހުންގެ ޤަބުރުތައް ކައިރިއަށް ގޮސް އަޅުކަންކޮށް ހަދައެވެ.
ﷲ ވަޙީ ކުރައްވާފައި ވެއެވެ. "އަދި ﷲ ފިޔަވައި ކަލޭގެފާނަށް މަންފާއެއް ނުދެވޭ، އަދި ކަލޭގެފާނަށް ގެއްލުމެއްވެސް ނުދެވޭ ތަކެއްޗަށް، ކަލޭގެފާނު އަޅުކަން ނުކުރައްވާށެވެ! ފަހެ، ކަލޭގެފާނު އެކަންކުރައްވައިފިނަމަ، ހަމަކަށަވަރުން، އޭރުން ކަލޭގެފާނު ވާނީ އަނިޔާވެރިވި މީހުންގެ ތެރެއިންނެވެ." (ޔޫނުސް 106)
ހަމަކަށަވަރުން ﷲ އިންސާނުން އުފެއްދެވީ ހަމައެކަނި އެކަލާނގެއަށް އަޅުކަންކުރުމަށްޓަކައެވެ.
އެކަލާނގެ ވަޙީ ކުރައްވާފައި ވެއެވެ. "ހަމައެކަނި ތިމަންރަސްކަލާނގެއަށް އަޅުކަންކުރުމަށް މެނުވީ، ތިމަންރަސްކަލާނގެ ޖިންނީންނާއި، އިންސީން ނަހައްދަވަމެވެ." (އައްޛާރިޔާތު 56)
އެހެންކަމުން އަޅުކަން ކުރުމުގައި އެކަލާނގެއާ އެހެން ފަރާތްތައް ބައިވެރި ކުރާމީހާ ނުވަތަ ﷲ ނޫން ފަރާތްތަކަށް އަޅުކަން ކުރާ މީހުން އެކުރަނީ އެންމެ ނުބައި ވެގެންވާ ފާފަ ނޫން ހެއްޔެވެ؟
ﷲ ވަޙީ ކުރައްވާފައި ވެއެވެ. "ހަމަކަށަވަރުން، ﷲ، އެކަލާނގެއަށް ޝަރީކު ކުރުމުގެ ފާފައެއް ނުފުއްސަވާނެތެވެ. އެނޫން ފާފަތައް، އެކަލާނގެ އިރާދަކުރައްވާ މީހަކަށް ފުއްސަވަތެވެ. ﷲ އަށް ޝަރީކު ކުރާމީހާ (ދަންނާށެވެ!) ފަހެ، ދުރުވެގެންވާ މަގުފުރެދުމަކުން މަގުފުރެދިއްޖެކަން ކަށަވަރެވެ." (އަންނިސާއު 116)
އިބްނު މަސްޢޫދު ރަޞިޔަﷲ ޢަންހު، ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ގެ އަރިހުން ސުވާލު ދެންނެވި އެވެ. "އެންމެ ބޮޑު ފާފައަކީ ކޮބައިތޯއެވެ؟" އެކަލޭގެ ފާނު ޙަދީޘް ކުރެއްވިއެވ. "އެއީ ތިބާ ﷲ އާ އެހެން އެއްޗެއް އެއްފަދަ ކުރުމެވެ. އެކަލާނގެއީ ތިބާ ހެއްދެވި ރަސްކަލާނގެއެވެ." (މުސްލިމް)
އޮޅިވަޑައިގެންފައި ނުވާނެ ފަދައިން ދުނިޔޭގެ އެކިކަންކޮޅުތަކުގައި މުސްލިމުން ޝިރުކުގެ އެކި އެކި ޢަމަލުތައް ހިންގަމުން ދެއެވެ. ޢަބްދުލް ޤާދިރު ޖީލާނީ މެންފަދަ ނުވަތަ އަލް ބަދަވީ މެންފަދަ ނުވަތަ އެނޫން މީހުންގެ ޤަބުރުތަށް ކައިރިޔަށް ގޮސް މީސްތަކުން އެމީހުންގެ އުދަނގޫތައް ދުރުކުރުމަށާއި އެކިއެކި ޙާޖަތްތަކަށް އެދި ދުޢާކޮށް އަދި އެފަދަ ތަންތަނަށް ގޮސް ނަދުރު ބުނެ އެފަދަ މަރުވެފައިވާ މީސްތަކުންގެ ޒިޔާރަތްތަށް އަޅުކަންކުރާ ތަންތަންކަމުގައި މިވަނީ ހަދާފައެވެ. އަދި ބައެއް މީހުންވަނީ އެބައިމީހުންނަށް ރިޒުޤު ދެއްވާ ފަރާތަކީ ކޮބައިކަންވެސް އޮޅިފައެވެ.
މުސްލިމުން އެމީހުން އަޅުކަންކުރުމުގައި އެއްބައި ނުވެވޭ ހިނދު (އެބަހީ އަޅުކަން ކުރުމުގައި ﷲ އެއްކައުވަންތަ ނުކުރެވޭ އިރު) އެބައިމީހުން އެއްބައިވަންތަ ބައެއް ކަމުގައި ވާނީ ކިހިނެއް ހެއްޔެވެ؟
ނިކަން ވިސްނާލައްވާށެވެ. މިއަދު ކިތައް މުސްލިމުން ތަވީދު ފަދަ ތަކެތި އަޅައިގެން އެބަ އުޅޭތޯ އެވެ؟
ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލްމަ ޙަދީޘް ކުރައްވާފައި ވެއެވެ. "ތަވީދެއް އަޅައިފިމީހާ ހަމަކަށަވަރު ޝިރްކު ކޮށްފިއެވެ." (އަޙްމަދު)
މިއަދު ކިތައް މުސްލިމުން އެކި އެކި ނޫސް މަޖައްލާ ތަކުން ހޮރޮސްކޯޕް ފަދަ ތަކެތި ކިޔާތޯއެވެ؟ ކިތައް މީހުން އަތްބަލާ ފާލުބަލާ މީހުންގެ ކައިރިޔަށް ދޭތޯއެވެ؟
ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލްމަ ޙަދީޘް ކުރައްވާފައި ވެއެވެ. "ކާހިނެއްގެ ގާތަށް (ފާލުބަލާ މީހުން) ނުވަތަ އަތްބަލާމީހެއްގެ ގާތަށްގޮސް އެމީހުން ދައްކާވާހަކަ ތެދުކޮށްފިމީހާ މުޙައްމަދު ޞައްލަﷲ ޢަލައިހިވަސައްލަމްގެ މައްޗަށް ބާވައިލެއްވި ތަކެއްޗަށް ކާފަރުވެއްޖެއެވެ." (އަޙްމަދު)
އެހެންކަމުން މިފަދަ ޝިރުކީ ޢަމަލުތައް މުސްލިމުންގެ މެދުގައި ހުރި އިރު މުސްލިމުން އެއްބައިވަންތަ ވާނީ ކިހިނެއް ހެއްޔެވެ؟ އެންމެ ފުރަތަަމަ މަސައްކަތް ކުރަންވީ މިކަންކަން ހުއްޓުވައި ތައުޙީދު ޤާއިމް ކުރުމަކަށް ނޫންހެއްޔެވެ؟ އެހެނީ އާދަމް ޢަލައިހިއްސަލާމް އިން ފެށިގެން އަޅުގަނޑުމެންގެ މާތް ނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައިހި މަސައްލަމް އާ ހަމައަށް އައި އެންމެހައި ރަސޫލުބޭކަލުންނާއި ނަބީބޭކަލުން އެންމެ ފުރަތަމަ ކުރެއްވީ އެކަމެވެ. އެ އެންމެހައި ބޭކަލުންގެ ދަޢުވަތު ފެއްޓެވީ ތައުޙީދުންނެވެ. ގޮވާލެއްވީ ﷲއަށް އެކަނި އަޅުކަން ކުރުމަށެވެ.

(ނުނިމޭ)

ގުޅުންހުރި

2 ޚިޔާލު

  1. ވަރަށް ނައިސް ބާރަކަﷲ ފީކަ. ދެން ވަރަށް މުހިއްމު މިހާރު ކުރެވެމުންދާ އެންމެ ބޮޑު ޝިރުކުކަމަށްވާ ޤާނޫނަށް ޙުކުމްކުރުމުގެ ވާހަކަ އާއި ކާފަރުންނާއި ތަބާވެގެން އިސްލާމީ ޢަޤީދާއާއި ޚިލާފު މަޒްހަބުތަކަށް ( ފްރީމެސަނަރީ، ކޮމިއުނިޒަމް، ޑިމްކޮރަސީ، ) ފަދަ ކަންތަކުގެ ވާހަކަވެސް. އަދި ޝިރުކު ކުރުމަކީ “އަމާންކަށް ގެންލޭކަމެއްކަށް ފާހަގަކުރުން””

  2. މި ލިޔުމުގެ އިބާރާތް ކުރުން ވަރަށް ރީތި…މި ރޮނގުން ތިބާއަށް ކުރިއެރުން ދެއްވާށި..”އާމީން”…..އަދި އަބަދުވެސް ތިގޮތުގައި ދެމިހުންނާތި….

Your email address will not be published. Required fields are marked *

More in ރިޕޯޓް