މަސްތުވާތަކެތީގެ ނުބައި އަސަރުކޮށްފައި ނުވާ ޢާއިލާއެއް ދިވެހިރާއްޖޭގައި ނެތޭ ބުނުމަކީ މުޅިން ދޮގަކަށް ނުވާނެއެވެ. ޤައުމުގެ ޒުވާނުންގެ ދެބައިކުޅަ އެއްބަޔާ ކައިރިކުރާވަރަށް މަސްތުވާތަކެތީގެ ބޭނުން ދަނީ ކުރަމުންނެވެ. މިއީ އިސްލާމީ ދަޢުލަތަކާ އަޅާބަލާއިރު ހިތާމަކުރަން ޖެހޭ ފަދަ ބޮޑު ނިސްބަތެކެވެ.
އަޅުގަނޑު ދުނިޔެއަށް ފުރާފުރިހަމަވީ ދުވަސްވަރަކީ މި ދިވެހިރާއްޖޭގައި މާބޮޑު ދީނީ ހޭލުންތެރިކަމެއް އޮތް ދުވަސްވަރެއް ނޫނެވެ. ނަމަވެސް، ޒިނޭ ކުރުމާއި ރާބުއިމާއި މީހުން މެރުމަކީ ދީނުގައި ބޮޑު ފާފައިގެ ތެރޭގައި ހިމެނޭ ކަންކަން އޭރު ރޯފިލައެވެ.
އަޅުގަނޑު މަސްތުވާތަކެތީގެ ވަބާގައި ނުޖެހި ސަލާމަތްވެފައިވަނީ މާތް ﷲ ދެއްވި ދެ ނިޢުމަތެއްގެ ބޭނުން ހިފުމުގެ ސަބަބުންނެވެ. އެއީ ބުއްދީގެ ނިޢުމަތާއި އިސްލާމްކަމުގެ މަތިވެރި ނިޢުމަތެވެ. ކުޑައިރު އަޅުގަނޑާއެކީ ކުޅެން އުޅުނު ރައްޓެހިން، ހެދި ބޮޑުވަމުން ދިޔަ ވަރަކަށް ދިޔައީ މި ނުބައި މަސްތުވާތަކެއްޗާ ދިމާލަށް މިސްރާބު ޖަހަމުންނެވެ. ފުރަތަމަ ބޮޑު މީހުން ބޮއެ އެއްލައިލާފައިވާ ސިގިރެޓް "ބަޓުބުރި" ބޯން ފެށުމެވެ. ދެން، އަތިރި ފަރާތު ވަލުތެރެއަށް ގޮސް މުޅި ސިގިރެޓް ބުއިމެވެ. ދެން ކޮންމެވެސް ތެލެކެވެ. ދެން ކޮންމެވެސް ހިކި އެއްޗެކެވެ. މި ހުރިހާ ކަމެއް ހިނގަމުން ދިޔައީ އަޅުގަނޑުގެ ލޯ ކުރިމަތީގައެވެ.
ނަމަވެސް މާތް ﷲ އަޅުގަނޑަށް ދެއްވި ބުއްދީގެ ބޭނުން ހިފީމެވެ. މަސްތުވެގެން މީހުން އުޅޭގޮތަކީ އަޅުގަނޑަށް ކަމުދާ ގޮތެއް ނޫނެވެ. އަދި އެފަދަ އެއްޗެއް ބޭނުން ކުރުމަކީ ދެ ދުނިޔެ ބަރުބާދުވާ ކަމެއްކަމަށް އޭރު އަޑުއިވެއެވެ. އެހެންކަމުން އަޅުގަނޑުގެ ދިރިއުޅުން ބަރުބާދުކޮށް، މައިންބަފައިން ރޮއްވާލާކަށް ހަމަ ހިލާ ބޭނުމެއް ނުވިއެވެ.
ދެވަނައަށް މާތް ﷲ އަޅުގަނޑަށް ދެއްވާފައިވާ ނިޢުމަތަކީ އިސްލާމްކަމުގެ ނިޢުމަތެވެ. ދީނުގައި މަސްތުވާތަކެތި ބޭނުންކުރާ މީހުންގެ އަޛާބު ބޮޑުކަމަށް އޭރު އިސްލާމް ގަޑީގައި ކިޔައިދެއެވެ. ވުމާއެކު، ނަރަކާގައި އަޛާބު ލިބޭކަށް އަޅުގަނޑުގެ ޟަމީރެއް ޤަބޫލެއްނުވިއެވެ. ބޮޑު ފާފައެކޭ ބުނާ އަޑުވެސް އިވެއެވެ. އެހެންކަމުން، ބޮޑު ފާފައަކަށް އަރައިގަންނަހާ ހިތްވަރެއް ނުލިބުނެވެ.
މި ދެ ނިޢުމަތުން ކުރެ ނިޢުމަތެއްގެ ބޭނުން ހިފައިފިނަމަ މަސްތުވާތަކެތީގެ ފާފައިގައި ޖެހިގެނެއް ނުދާނެއެވެ. ކާފަރުންގެ ތެރޭގައިވެސް މަސްތުވާތަކެތި ބޭނުން ނުކުރާ މީހުން އުޅެއެވެ. ހިނދުކޮޅަކަށް ނަމަވެސް ބުއްދިފިލައި ދިއުމަކީ އެފަދަ ބުއްދިވެރިން އެދޭގޮތަކަށް ނުވާތީއެވެ.
އިސްލާމްދީން އައުމުގެ ކުރީން ޖާހިލިއްޔަ ޒަމާނުގައިވެސް ރަލާ ކައިރި ނުވެ އުޅުނު ޞަޙާބީން އުޅުއްވިއެވެ. އެއީ އޭގެ ނުބައިކަން ބުއްދީގެ ހަމަތަކުން ވިސްނޭތީއެވެ. ބުއްދި ފިލައިދާތީއެވެ. އެ ގޮތުން އަބޫ ބަކުރުގެ ފާނަކީ ރަލުގެ ނުބައިކަމުން ދުރުވެ ހުންނެވި ބޭކަލެކެވެ. މާތް ﷲ ދެއްވި ހަމަ ބުއްދި ފިލައި ދިއުމަކީ ބުއްދިވެރި މުރޫއަތްތެރިކަމެއް ނޫންކަމަށް ދެކިލައްވާތީއެވެ.
ދެން އިސްލާމްދީން އައުމަށްފަހު، ޤުރުއާނުގައި ރާ ހަރާމްކުރެއްވުމާއެކު، ޞަޙާބީންގެ ތެރެއިން ރާ ބޮއެ އުޅުއްވި ބޭކަލުން ވަނީ އެކަން ވަޤުތުން ވަޤުތަށް ހުއްޓާލައްވާފައެވެ. އޭރު އެ ބޭކަލުންގެ ހަށިތަކުގައި ލޭ ދައުރުވާ ފަދައިން ރަލަކީ ދައުރުވާ އެއްޗެކެވެ. ނަމަވެސް ރައްބުލް ކާއިނާތުގެ އަމުރަށް އަގައިގެ ތެރޭގައި ހުރި ރާ ފޮދުވެސް އެތެރެއެއް ނުކުރައްވައެވެ. މަދީނާގެ މަގުތަކުން ރަލުގެ ސޭލެއް ދެމިގެން ދިޔައެވެ.
އެހެންކަމުން، މިވަބާގައި ޖެހުމަށްފަހު ދެން އެކަމުން ސަލާމަތް ވާން އެންމެ ވަރުގަދަ ފިޔަވަޅެއް އެޅޭނީ އަޤީދާއަށް އަންނަ ބަދަލެއްގެ ސަބަބުންނެވެ. އަޤީދާ ވަރުގަދަވެ ރައްބުލް ކާއިނާތުގެ މަޣްފިރަތަށްއެދި އެއިލާހުގެ ރުއްސެވުމަށް ބޭނުންޖެހުމުންނެވެ. މި އަޤީދާ ވަރުގަދަ ވެއްޖެނަމަ އެމީހަކަށް މިވަބާއިން ސަލާމަތްވުމަކީ މާ އުދަނގޫ ކަމަކަށް ނުވާނެއެވެ.
އެއްވެސް އަޤީދާއެއްނެތި އަޒުމެއްނެތި އެތިއެތި ކޮޅުން ހުއްޓަން އުޅުމަކީ ފޫނެތް ފަޔަށް ފެން ފުރަން އުޅުން ކަހަލަ ކަމެކެވެ. ނާދިރު ޚާލަތެއްގައި މީހަކު އެގޮތަށް ސަލާމަތް ނުވެދާނެއެކޭއެއް ނޫނެވެ. ނަމަވެސް ކަމުގެ އަސްލަކީ އަޤީދާއާ ގުޅިފައިވާ ކަމެކެވެ.
އަޅުގަނޑުމެންގެ ދީނަކީ އިސްލާމްދީނެވެ. މަސްތުވާތަކެތީގެ ތެރެއަށް ޒުވާނުން ދާ އެންމެ ބޮޑު ސަބަބަކީ ދީނާ ދުރުވުމެވެ. ސަލާމަތްކުރެވޭނީ ދީނަށް އެނބުރި ރުޖޫޢަވުމުންނެވެ. މިހުރިހާ ވަބާއެއްގެ ހައްލުވަނީ މިދީނުގެ މަންހަޖުގައި ބަޔާންވެފައެވެ. މިކަން މުޅި ދިވެހި ޤައުމު ދަންނަން އެބަޖެހެއެވެ. ރައްޔިތު މީހާއިން ފެށިގެން ވެރިމީއަށްވެސް މި މަންހަޖު އުނގެނުން ލާޒިމެވެ.
ޚިޔާލު