ރާއްޖޭގައި މަރުގެ އަދަބު ދިނުން ހުއްޓާލާފައި އޮތްއޮތުން އެގޮތުގައި ދަމަހައްޓާ މަރުގެ އަދަބު ދިނުން ތަންފީޒު ނުކުރުމަށް އދ.ގެ އާއްމު މަޖިލީހުން އެކުލަވާލާފައިވާ “މޮރެޓޯރިއަމް އޮން ދަ ޔޫޒް އޮފް ޑެތު ޕެނަލްޓީ” ޤަރާރުގެ ދެލި ކޮޕީއަށް ރާއްޖޭން އާނބަސް ބުނެ ވޯޓު ދޭން ނިންމާފައިވާކަން ފޮރިން މިނިސްޓްރީއިން އިއްޔެވަނީ ހާމަކޮށްފައެވެ.
މިކަމާއި ގުޅިގެން ސަރުކާރުކާރަށް ގިނަ ފާޑުކިޔުންތަކާއި ނުރުހުންތަކެއްވަނީ އަމާޒުވެފައެވެ. މިނުރުހުންތެރިކަން އަމާޒުކުރުމުގައި ދީނީ ޢިލްވެރިންގެ އަޑު ވަކިން ގަދައެވެ. ކަންވާނީވެސް އެހެންނެވެ. އިސްލާމް ދީނަށް ނިކަމެތިކަމެއް ލިބިދާ ކޮންމެ ފަހަރަކުވެސް އެންމެ ފުރަތަމަ އެކަމާއި ދެކޮޅަށް ތެދުވާނެ ބަޔަކީ ދީނީ ޢިލްމުވެރިންނެވެ.
ސަރުކާރުގެ މިނިންމުމާއި ގުޅިގެން ޖަމިއްޔަތުއް ސަލަފްގެ ރައީސް އައްޝައިޚް އަބްދުﷲ ބިން މުހައްމަދު އިބްރާހިމް ވިދާޅުވީ ކީރިތި ޤުރްއާނުގައި މާތް ﷲ ކަނޑައަޅުއްވާފައިވާ ޙުކުމެއްގެ ބާރު ކަނޑުވާލައި އުވާލުމަކީ އެއްވެސް ޝައްކެއްނެތި ކުފުރުގެ ޢަމަލެއްކަމަށާއި އަދި އެއީ އަނިޔާވެރިކަމުގެ ޖަރީމައެއްކަމަށެވެ. އަދި ކީރިތި ޤުރްއާންގައި ﷲ ބާވައިލައްވާފައިވާ ޙައްދުތައް ނިޒާމުންް އެއްކިބާކޮށް ފޮހެލާން މަސައްކަތްކުރާ ބަޔަކަށްވުރެ އަނިޔާވެރިބަޔަކު ﷲ ގެ ޙަޟްރަތުގައި ނުވާކަން އެންމެހައި މުސްލިމުން ދަންނަންޖެހޭކަމަށް ޝައިޚް އަބްދުﷲ ވިދާޅުވެފައިވެއެވެ.
ސަރުކާރު ހިންގާ ކޯލިޝަންގައި ހިމެނޭ އަދާލަތު ޕާޓީގެ ޢިލްމުވެރިންގެ މަޖްލީހުގެ ރައީސް އައްޝައިޚް އިލްޔާސް ހުސައިން ފޭސްބުކް ޕޭޖުގައި ވިދާޅުވީ އިސްލާމީ ޝަރީއަތުގައި ކަނޑައަޅާފައިވާ ކަންކަމާ ދެކޮޅަށް ސަރުކާރުން ކަންކަން ނިންމުމަކީ ދީނަށް ކުރި މަލާމާތެއް ކަމަށާއި ކުރިން ގޯސް ކަމެއް ކުރެވިފައި އޮތުމަކީ މިއަދު އެ ނިންމުން ދަމަހައްޓަން ޖެހޭ ސަބަބެއް ނޫން ކަމަށެވެ. އަދި ބަޔަކު ރުއްސުމަށް މަސައްކަތް ކުރުމުގެ ބަދަލުގައި ﷲ ގެ ރުހިވޮޑިގަތުން ލިބެން މަސައްކަތް ކުރަން ޖެހޭ ކަމަށް ޝައިޚް އިލްޔާސް ވިދާޅުވެފައިވެއެވެ.
"މާޒީން ޢިބުރަތް ހާސިލްކުރުމަށް ސަރުކާރަށް ގޮވާލަން. އިސްލާމްދީނުގެ ޝިއާރުތަކަށް ގޮންޖެހި ކޮންމެ ބަޔަކުވަނީ ނިކަމެތިވެ ނިމިގެން ގޮސްފައިކަން ހަނދާންކޮށްދެން. ރައްޔިތުންވެސް މިކަމާމެދު ފުންކޮށް ވިސްނަވާ ފިކުރުކުރުމަށް ގޮވާލަން" ޝައިޚް އިލްޔާސް ވިދާޅުވެފައިވެއެވެ.
ޝައިޚް އިލްޔާސް އިތުރަށް ވިދާޅުވެފައިވަނީ ސަރުކާރުގެ ނިންމުން މުރާޖާކުރުމަށް ގޮވާލާ ކަމަށާއި އިސްލާމް ދީން ހިމާޔަތްކުރުމަށް ރައްޔިތުންނަށް ވީވައުދުގެ މަތިން ހަނދާން ނައްތާނުލުމަށާއި ޚިޔާނާތުގެ ނަތީޖާ ރަނގަޅު ނުވާނެކަމަށްވެސް ވިދާޅުވެފައެވެ.
ސަރުކާރުގެ ނިންމުމަށް އިޝާރާތްކޮށް އިސްލާމީ ޔުނިވަރސިޓީގެ ކުރީގެ ޗާންސެލަރ އަދި ނިމިދިޔަ ރިޔާސީ އިންތިހާބުގައި ކުރީގެ ރައީސް އަބްދުﷲ ޔާމިންގެ ރަނިންގ މޭޓް ގޮތުގައި މަސައްކަތް ކުރެއްވި ޑރ މުހައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވީ މުސްލިމުންގެ ވާޖިބަކަށް ވާންވާނީ އިސްލާމްދީނަށް ޚުރުމަތްތެރިކޮށް ހިތާ އެދީނުގެ ޙުކުމްތައް މަތިވެރި ކުރުންކަމަށެވެ. އަދި އިސްލާމްދީނުގައި ކަނޑައަޅުއްވާފައިވާ އެންމެހައި ހުކުމްތަކަކީ ސަމާހާތްތެރި މަތިވެރި ހުކުމްތަކެއް ކަމަށް ޑރ ޝަހީމް ވިދާޅުވެފައިވެއެވެ.
ފިޤްހް އެކަޑަމީގެ ކުރީގެ ނައިބް ރައީސް އަދި އަދާލަތު ޕަޓީގެ ޢިލްމުވެރިންގެ މަޖްލިސްގެ ނައިބް ރައީސް ޑރ މުހައްމަދު ޢިޔާޟް ވިދާޅުވެފައިވަނީ ﷲ ގެ ޝަރީޢަތުގައި ކަނޑައަޅުއްވާފައިވާ އެއްވެސް ކަމެއް ނުކުރާނަމޭ ބުނުމުގެ ހައްޤު އެއްވެސް ފަރާތަކަށް ލިބިގެންނުވާ ކަމަށެވެ.
ރާއްޖޭގައި މަރުގެ އަދަބު ދިނުން ހުއްޓާލާފައި އޮންނަތާ ގިނަ އަހަރުތަކެއް ފަހުން، އެ އަދަބު އަލުން ތަންފީޒު ކުރަން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ނިންމި އެވެ. އަދި އެކަމަށްޓަކައި ޤާއިމްކުރަން ޖެހޭ ވަސީލަތްތައް ވެސް ވަނީ މާފުށީ ޖަލުގައި ޤާއިމްކޮށްފަ އެވެ. ނަމަވެސް އެ ސަރުކާރުގެ ފަސް އަހަރު ނިމިގެން ދިޔަ އިރު އެ އަދަބު ތަންފީޒެއް ނުކުރެއެވެ.
މަރުގެ އަދަބު ދިނުމަށް ޝަރުއީ ހުރިހާ މަރުހަލާތަކުން ހުކުމް އިއްވާފައިވާ ތިން މީހަކު މި ވަގުތު ވެސް ޖަލުގައި އެބަތިއްބެވެ. އެއީ ޑރ. އަފްރާޝީމް އަލީގެ ޤާތިލް ހުސައިން ހުމާމް އަހްމަދާއި ވަކީލު އަހްމަދު ނަޖީބްގެ ޤާތިލް އަހްމަދުގެ މުއްރަތާއި ސ. ހުޅުދޫ ލިލީމާގޭ އަބްދުﷲ ފަރުހާދުގެ ޤާތިލު މުހައްމަދު ނަބީލެވެ.

















advertisment
ޚިޔާލު