ރާއްޖޭގެ ޚަބަރު

ދިވެހިރާއްޖެއާއި ސަޢުދީ ޢަރަބިއްޔާއާ ދެމެދު ޙައްޖުގެ ކަންތައްތަކާ ބެހޭ އެއްބަސްވުމުގައި ސޮއިކޮށްފި

ދިވެހިރާއްޖެއާއި ސަޢުދީ ޢަރަބިއްޔާއާ ދެމެދު، ކުރިއަށް އޮތް ޙައްޖު މޫސުމުގެ ކަންތައްތައް ހަމަޖެއްސުމާ ބެހޭ އެއްބަސްވުމުގައި ރަސްމީކޮށް ސޮއިކޮށްފި އެވެ. މި އެއްބަސްވުމުގައި ސޮއިކުރެވުނީ އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު މިހާރު ސަޢުދީ ޢަރަބިއްޔާއަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިންނެވެ.

މި އެއްބަސްވުމުގައި ދިވެހިރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު އެވެ. އަދި ސަޢުދީ ޢަރަބިއްޔާގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ އެޤައުމުގެ ޙައްޖާއި ޢުމްރާއާ ބެހޭ ވަޒީރު ޑރ. ތައުފީޤު ބިން ފައުޒާނު އައްރަބީޢާ އެވެ. މި ޚާއްޞަ ރަސްމިއްޔާތު ކުރިއަށްދިޔައީ ސަޢުދީ ޢަރަބިއްޔާގެ ޙައްޖު އަދި ޢުމްރާއާ ބެހޭ ވުޒާރާގަ އެވެ.

މި އެއްބަސްވުމުގައި ވަނީ ކުރިއަށް އޮތް ޙައްޖު މޫސުމުގައި ދިވެހި ޙައްޖުވެރިންނަށް ޚިދުމަތް ދިނުމަށް ކަންކަން ކުރިއަށް ގެންދާނެ ގޮތުގެ އުޞޫލުތައް ބަޔާންކުރެވިފަ އެވެ. އެގޮތުން، ޙައްޖުގެ ޚިދުމަތަށް ފައިސާދައްކާނެ ގޮތާއި، ދިވެހިރާއްޖެއިން ޙައްޖުގެ ޚިދުމަތްދޭ ކުންފުނިން ޚިދުމަތް ދޭންޖެހޭނެ މިންގަނޑުތައް މި އެއްބަސްވުމުގައި ހިމަނާފައިވެ އެވެ.

އަދި މީގެ އިތުރުން، ޙައްޖު މޫސުމުގައި ދިވެހި ޙައްޖުވެރިންގެ ކަންކަން ބެލެހެއްޓުމަށްޓަކައި ރާއްޖޭގެ ޙައްޖު މިޝަން ޤާއިމުކުރުން ފަދަ މުހިންމު ލޮޖިސްޓިކް ކަންކަން ވެސް މި އެއްބަސްވުމުގެ ދަށުން ވަނީ ކަނޑައަޅާފަ އެވެ. މިއީ ޙައްޖު ދަތުރުތައް ފަސޭހަކޮށް، ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އަޅާ މުހިންމު ފިޔަވަޅެކެވެ.

މި އެއްބަސްވުމަކީ ކޮންމެ އަހަރެއްގެ ވެސް ޙައްޖު މޫސުމުގެ ކުރިން ދެޤައުމުގެ ދެމެދުގައި ސޮއިކުރެވޭ، ޙައްޖުގެ ކަންކަން ރާވާ ހަމަޖެއްސުމަށްޓަކައި މުހިންމު ބައިނަލްއަޤްވާމީ އެއްބަސްވުމެއްކަން ފާހަގަކޮށްލެވެއެވެ.

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *