ރާއްޖޭގެ ޚަބަރު ރަމަޟާން މަހު މިސްކިތްތަކުގައި އިމާމުވެ ޙިފްޡުކޮށް ތަރާވީޙު ނަމާދު ކުރާނެ ދިވެހި ޙާފިޡުންނަށް ފުރުޞަތު ހުޅުވާލައިފި

ރަމަޟާން މަހު މިސްކިތްތަކުގައި އިމާމުވެ ޙިފްޡުކޮށް ތަރާވީޙު ނަމާދު ކުރާނެ ދިވެހި ޙާފިޡުންނަށް ފުރުޞަތު ހުޅުވާލައިފި

ރަމަޟާން މަހު މިސްކިތްތަކުގައި އިމާމުވެ ޙިފްޡުކޮށް ތަރާވީޙު ނަމާދު ކުރާނެ ދިވެހި ޙާފިޡުންނަށް ފުރުޞަތު ހުޅުވާލައިފި

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

އަންނަ ރަމަޟާން މަހު ރާއްޖޭގެ މިސްކިތްތަކުގައި އިމާމުވެ ޙިފްޡުކޮށް ތަރާވީޙު ނަމާދު ކުރުމުގެ ފުރުޞަތު ދިވެހި ޙާފިޡުންނަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ހުޅުވާލައިފިއެވެ. މާލެއާއި ރަށްރަށުގެ މިސްކިތްތަކުގައި މި ފުރުޞަތު ހުޅުވާލާފައިވާއިރު، އެކަމަށް އެދޭ ފަރާތްތަކުން ހުށަހަޅަންޖެހޭ މުއްދަތުތަކެއް ވަނީ ކަނޑައަޅާފައެވެ.

އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވިދާޅުވެފައިވާ ގޮތުގައި، މާލެ ސިޓީގެ މިސްކިތްތަކުގައި އިމާމުވެ ޙިފްޡުކޮށް ތަރާވީޙު ނަމާދު ކުރުމަށް އެދޭ ދިވެހި ޙާފިޡުން، ކަނޑައެޅިފައިވާ ފޯމާއި ލިޔުންތަކާއެކު އަންނަ އަހަރުގެ ޖެނުއަރީ މަހުގެ 11 ވަނަ ދުވަހުގެ ކުރިން ހުށަހަޅަން ވާނެއެވެ. ހަމަ އެ މުއްދަތުގެ ތެރޭގައި ރަށްރަށުގެ މިސްކިތްތަކުގައި އިމާމުވެ ތަރާވީޙު ނަމާދު ކުރުމަށް އެދޭ ޙާފިޡުންވެސް ހުށަހެޅުމަށް އެ ވުޒާރާއިން ވަނީ އެދިފައެވެ.

މީގެއިތުރުން، ސިޓީ ކައުންސިލްގެ އިދާރާތައް ހިމެނޭ ރަށްރަށާއި، އެ ރަށެއްގެ ރަށު ކައުންސިލްގެ އިދާރާއިން ފޯމާއި އެހެނިހެން ލިޔުންތައް ހުށަހެޅުމަށް އަންނަ އަހަރުގެ ޖެނުއަރީ 29 ވަނަ ދުވަހުގެ ކުރިން ވަނީ ހުޅުވާލާފައެވެ. ރާއްޖޭގެ މިސްކިތްތަކުގައި އިމާމުވެ ޙިފްޡުކޮށް ތަރާވީޙު ނަމާދު ކުރުމުގެ ހުއްދަ ދޭނީ، މާލެ ސިޓީ ފިޔަވައި އެހެން ސިޓީ ކައުންސިލްގެ އިދާރާތައް ހިމެނޭ ރަށްރަށާއި، ރަށު ކައުންސިލްގެ އިދާރާތައް މެދުވެރިކޮށް ހުށަހަޅާ ލިޔުންތަކަށް ބެލުމަށްފަހުގައެވެ.

ދިވެހި ޙާފިޡުންނަށް މި މަސައްކަތަށް އެލަވަންސް ދިނުމަށް ހަމަޖެހިފައިވަނީ، އިމާމުވެ ޙިފްޡުކޮށް ތަރާވީޙު ނަމާދު ކުރާ ކޮންމެ ރެއަކަށް 500 ރުފިޔާގެ މަގުންނެވެ. އެ ވުޒާރާއިން ބަޔާންކުރާ ގޮތުގައި، ގިނަވެގެން ފައިސާ ދޭނީ މިސްކިތަކަށް ދިވެހި ދެ ޙާފިޡުންނަށެވެ.

ދިވެހި ޙާފިޡުންނަށް ފުރުޞަތު ހުޅުވާލުމުގެ އިތުރުން، މިސްކިތްތަކުގައި ޙިފްޡުކޮށް އިމާމުވެ ތަރާވީޙު ނަމާދު ކުރާނެ ރާއްޖެއިން ބޭރުގެ ޙާފިޡުން ރާއްޖެއަށް ގެނައުމުގެ ހުއްދައަށް އެދުމުގެ ފުރުޞަތުވެސް ވަނީ ހުޅުވާލާފައެވެ. އެކަމަށް ކަނޑައަޅާފައިވާ ފޯމާއި ލިޔުންތަކާއެކު އަންނަ އަހަރުގެ ޖެނުއަރީ 11 ވަނަ ދުވަހުގެ ކުރިން ހުށަހެޅުމަށް ވަނީ އެދިފައެވެ.

ރާއްޖެއިން ބޭރުގެ ޙާފިޡަކަށް އެލަވަންސް ފައިސާ ދެނީ، ރަމަޟާން މަހުގައި ކުރާ ތަރާވީޙު ނަމާދުގައި އިމާމުކަން ކުރުމަށް ރާއްޖެއިން ބޭރުގެ ފަރާތްތައް ގެނައުމާ ގުޅޭ އުސޫލުގައިވާ ގޮތުގެ މަތިން އާބާދީގެ ނިސްބަތުންނެވެ. އެގޮތުން، ބޭރުގެ ޙާފިޡުންނަށް އިމާމުވެ ޙިފްޡުކޮށް ތަރާވީޙު ނަމާދު ކުރާ ކޮންމެ ރެއަކަށް 200 ރުފިޔާގެ މަގުން ފައިސާގެ އެލަވަންސެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ.

މީގެ އިތުރުން، ރާއްޖޭގައި މަސައްކަތްކުރާ ބޭރުގެ ފަރާތްތަކަށް ޙިފްޡުކޮށް އިމާމުވެ ތަރާވީޙު ނަމާދު ކުރުމުގެ ހުއްދަ ދެވޭނީ، މަސައްކަތް ކުރުމުގެ ހުއްދަ (ވަރކްޕާމިޓް) އޮވެ، އަދި އެފަދަ ދާއިރާއަކާ ގުޅޭ މުއައްސަސާއެއް ނުވަތަ ޤުރުއާން ކުލާހެއްގައި މަސައްކަތް ކުރާ، އަދި ޙާފިޡު ކަމުގެ ސެޓްފިކެޓް ލިބިފައިވާ ފަރާތްތަކަށް ކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވަނީ ހާމަކުރައްވާފައެވެ.

ޓެގް

ތަރާވީޚް ރަމަޟާން މަސް

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.