ދިވެހިރާއްޖެއިން ޙައްޖުގެ އަޅުކަމަށް ދާ ޙައްޖުވެރިންނަށް މައްކާ ރޫޓު އިނީޝިއޭޓިވްގެ ޚިދުމަތް ދާއިމީ ގޮތެއްގައި ލިބޭނެ ގޮތް ހަމަޖައްސައިފިއެވެ. މިކަމުގެ ނިންމުން އައީ އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސައީދު ސަޢުދީ ޢަރަބިއްޔާއަށް ކުރެއްވި ރަސްމީ ދަތުރުފުޅެއްގެ ތެރެއިން، މައްކާ ރޫޓު އިނީޝިއޭޓިވްގެ ސުޕަވައިޒަރީ ކޮމެޓީއާއެކު ބޭއްވެވި ބައްދަލުކުރެއްވުމަށްފަހުއެވެ.
އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވިދާޅުވީ، މައްކާ ރޫޓާ ބެހޭ އެންމެ މަތީ ކޮމިޓީން ވަނީ މައްކާ ރޫޓުގެ ދަށުން ޙައްޖުގެ ޚިދުމަތް ރާއްޖެއަށް ދާއިމީކޮށް ކުރިއަށް ގެންދެވުމަށް ނިންމަވާފައިވާ ކަމަށެވެ. މިދިޔަ އަހަރު ރާއްޖެއަށް މި ޚިދުމަތް ދިނީ ތަޖުރިބާގެ ފަހަރުގެ ގޮތުގައި ކަމުން، މިކަމާމެދު ރައީސުލްޖުމުހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒާއި، ދިވެހި ސަރުކާރުގެ މުއައްސަސާތަކާއި، އާންމު ރައްޔިތުން ދެއްވި އެއްބާރުލުމާއި މުހިންމުކަން ސަޢުދީ ސަރުކާރުން ވަނީ ފާހަގަ ކުރައްވާފައެވެ. މިއަދުގެ ބައްދަލުވުމުގައި ސަޢުދީގެ ހައްޖު މިނިސްޓްރީއާއި، ފޮރިން މިނިސްޓްރީއާއި، އޭވިއޭޝަނާއި، އިމިގްރޭޝަނާއި، ދާޚިލީ ވުޒާރާގެ އިސްވެރިން ބައިވެރިވެ ވަޑައިގެންނެވިއެވެ.
މައްކާ ރޫޓު ދާއިމީ ވުމުގެ ސަބަބުން ދިވެހި ޙައްޖުވެރިންގެ ދަތުރު ވަރަށް ބޮޑަށް ފަސޭހަވެގެންދާނެ ކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ. މި ޚިދުމަތުގެ ދަށުން ޙައްޖު ވެރިންގެ ބައޯމެޓްރިކް ޑޭޓާ އެއްކުރެވި، އިލެކްޓްރޯނިކް ޙައްޖު ވިސާ ލިބޭނެގޮތް މަގުފަހިވެގެންދެއެވެ. މީގެ އިތުރުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި، ޙައްޖުވެރިން ފުރުމަށްދާ ޓަރމިނަލްގައި ފޮށިތަކުގައި ޓެގު ޖަހައި، ރަޖިސްޓަރކޮށް، ބޯޑިންގ ޕާސް ވަގުތުން ލިބޭނެ ގޮތް މަގުފަހިވެފައިވެއެވެ.
މިކަމާ ގުޅިގެން ވަޒީރު ޑރ. ޝަހީމް ވަނީ، ރައީސުލްޖުމުހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ނަންފުޅުގައާއި، ދިވެހި ސަރުކާރާއި ދިވެހި ރައްޔިތުންގެ ނަމުގައި ސަޢުދީ ރަސްގެފާނާއި، ވަލީއަޙްދު އަދި ސަޢުދީ ސަރުކާރަށް ޝުކުރު އަދާކުރައްވާފައެވެ. މައްކާ ރޫޓު އިނީޝިއޭޓިވްގައި ދިވެހިރާއްޖެ ހިމެނުއްވާފައިވަނީ، ސަޢުދީ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒްގެ ޚާއްސަ އިރުޝާދުގެ ދަށުން، ޤައުމުތައް ކަނޑައެޅުއްވުމަށް ނިންމަވާފައިވާ ހުރިހާ ޝަރުތުތަކަކުން ރާއްޖެ އިސްތިސްނާކޮށް ޚާއްސަކަން ދީގެންނެވެ.
އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ފާހަގަކުރައްވާ ގޮތުގައި، މައްކާ ރޫޓު އިނީޝިއޭޓިވްގައި ރާއްޖެ ދާއިމީކޮށް ހިމެނިގެން ދިއުމަކީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިރުޝާދާއެކު ދިވެހި ޙައްޖުވެރިންނަށް ދޭ ޚިދުމަތްތައް ފަސޭހަ ކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް ލިބުނު ބޮޑު ކުރިއެރުމެކެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...