ރާއްޖޭގައި ފުރަތަމަ ފަހަރަށް ޤާއިމްކުރި އިސްލާމިކް ބޭންކް ކަމުގައިވާ މޯލްޑިވްސް އިސްލާމިކް ބޭންކް (އެމް.އައި.ބީ) ރާއްޖޭގެ ރައީސް މުޙައްމަދު ނަޝީދާއި ބޭންކްގެ ޗެއާމަން ޚާލިދު އަލްއަބޫދީ މިއަދު ހުޅުވައިދެއްވައިފިއެވެ.
އެމް.އައި.ބީގެ ހެޑް އޮފީސް، ހ. ކޮކޮނަޓްވިލާ ކުރިމަތިން އަމީރު އަޙްމަދު މަގުގައި މިއަދު ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި މިބޭންކް ހުޅުވައިދެއްވުމަށްފަހު، ރައީސް މުޙައްމަދު ނަޝީދާއި، ނައިބު ރައީސް ޑރ. މުޙައްމަދު ވަޙީދު ޙަސަން މަނިކު ވަނީ މިބޭންކްގައި ފުރަތަމަ ފަހަރަށް އެކައުންޓް ހުޅުވުމަށްޓަކައި އެޕްލިކޭޝަން ފޯމް ހުށަހަޅުއްވާފައެވެ.
އިސްލާމިކް ކޯޕަރޭޝަން ފޯ ދަ ޑިވެލޮޕްމަންޓް އޮފް ދަ ޕްރައިވެޓް ސެކްޓާ (އައި.ސީ.ޑީ) ގެ 85 އިންސައްތަ ހިއްސާއާއި ދިވެހި ސަރުކާރުގެ 15 އިންސައްތަ ހިއްސާ ހިމެނޭ ގޮތަށް އުފެއްދި އެމް.އައި.ބީ ހުޅުވުމުގެ ރަސްމިއްޔާތުގައި ބޭންކްގެ ޗެއާމަން އަދި އައި.ސީ.ޑީ ގެ ސީ.އީ.އޯ ޚާލިދު އަލްއަބޫދީ ވިދާޅުވީ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް އެބޭންކުން ވަރަށް ބޮޑު އިސްކަމެއް ދެއްވާނެ ކަމަށާއި، ދިވެހިންގެ ފުރިހަމަ އެއްބާރުލުން ބޭނުންވާ ކަމަށެވެ. އަދި ކުރިމަގުގައި އެބޭންކްގެ ޙިއްޞާ ގަތުމުގެ ފުރުޞަތު ޢާއްމުންނަށް ހުޅުވާލައްވާނެކަމަށެވެ.
އެމް.އައި.ބީގެ ސީ.އީ.އޯ ހާރިސް ހާރޫން ވިދާޅުވީ މިބޭންކުގެ ވިޔަފާރި ފުރިހަމަ އަށް ކުރިއަށް ގެންދިއުމަށްޓަކައި އިސްލާމީ އުޞޫލްތަކާއި އެއްގޮތަށް މާލީ ކަންތައްތައް ހިންގޭނެ ޤަވާއިދުތައް ހަރުދަނާކޮށް، އެއާ ގުޅޭ އެހެނިހެން ކަންކަން ތަޢާރަފް ކުރަންޖެހޭނެ ކަމަށެވެ.
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން (އެމް.އެމް.އޭ) އެކުލަވާލައްވާފައިވާ "އިސްލާމިކް ބޭންކިންގއާއި ބެހޭ ޤަވާއިދު 2011" ދައުލަތުގެ ގެޒެޓްގައި އިއްޔެ ޢާއްމުކޮށް، މިޤަވާއިދަށް ޢަމަލުކުރަން ފަށާފައިވާ ކަމަށް އެމް.އެމް.އޭ އިން ހާމަކުރައްވައެވެ.
މި ޤަވާއިދުގައި ބަޔާންކޮށްފައިވަނީ އިސްލާމިކް ބޭންކިންގ ވިޔަފާރި ކުރުމަށް ލައިސަންސް ނުވަތަ ހުއްދަ ދެވޭ ފަރާތްތަކަށް ނޫނީ އިސްލާމިކް ބޭންކިންގ ގެ ވިޔަފާރި ކުރުމަކީ މަނާ ކަމެއް ކަމަށާއި، އިސްލާމިކް ބޭންކިންގ ގެ ވިޔަފާރި ހިންގަންވާނީ އިސްލާމީ ޝަރީޢަތާއި ޚިލާފުނުވާގޮތަށް ކަމަށެވެ.
މިރަސްމިއްޔާތުގައި ރައީސް ނަޝީދު ވިދާޅުވީ ރާއްޖޭގެ ބޭންކުތަކުގައި ޑޮލަރު ބެހެއްޓުމުން ލިބޭ ފައިދާ ކުޑަކަމަށާއި، ސަރުކާރުން ޑޮލަރުގެ ކަންތައްތައް ހައްލުކުރުމަށް ރަނގަޅު އިންވެސްޓްމަންޓް ހައުސްއެއް އޮތުމުން ޑޮލަރުގެ މައްސަލައަށް ހައްލެއް އަންނާނެ ކަމަށާއި، މިގޮތުން މިއަދު ހުޅުވި އިސްލާމިކް ބޭންކަކީ ވިޔަފާރި ކޮށްގެން ޑޮލަރުގެ ހަމަފައިދާ ހޯދިދާނެ ވިޔަފާރިގެއެއް ކަމަށެވެ.
އެމް.އައި.ބީ އިން ޚިދުމަތް ފަށައިގަންނަ އިރު ކަރަންޓް އެކައުންޓާއި ސޭވިންގް އެކައުންޓް އަދި އޭ.ޓީ.އެމްގެ ޚިދުމަތް ލިބޭނެ ކަމަށާއި އަދި ވިޔަފާރި ބޭންކަކުން ދޭ ހުރިހާ ޚިދުމަތެއް އިސްލާމީ އުސޫލުތަކާއި އެއްގޮތަށް އެބޭންކުން ދިނުމަށް ހަމަޖެހިފައިވާ ކަމަށް އެމް.އައި.ބީ އިން ހާމަކުރައްވައެވެ.
މިބޭންކް މިއަދު ހުޅުވުނު ކަމުގައިވިއަސް، ރަސްމީ ގޮތުން ޚިދުމަތް ދޭން ފަށާނީ މާދަމާއެވެ. ދިއިސްލާމަށް މަޢުލޫމާތު ލިބިފައިވާ ގޮތުގައި މިބޭންކުގެ ޚިދުމަތްތައް ފުރަތަމަ ދިނުމަށް ހަމޖެހިފައިވަނީ ހެނދުނު 9:00 ން މެންދުރުފަހު 14:30 ށެވެ.
ފޮޓޯ : އަފްރާޙް / ދިއިސްލާމް ޑެއިލީ

















ޚިޔާލު