ވިސްނާ ފިކުރު ކޮއްލައްވާ! ތިބާ ވަރަށް އަވަސް އަވަހަށް ނަމާދު ކުރަން ހުއްޓާ މީހަކު ބަލަހައްޓައިގެން ހުރިހެން ހީވެއްޖެ ނަމަ، ތިބާގެ ޢަމަލުތައް ހުންނާނީ ކިހިނެއް؟!! ނުވަތަ 24ގަޑި އިރު ރެކޯރޑް ކުރެވެމުންދާ ކެމެރާ އެއް ހަރުކޮށްފައި، އެތަކެތި ސުޕަވައިޒް ކުރަމުން ދާ ތަނެއްގައި ތިބާ ނުބައި ޢަމަލެއް ކުރަން ހިތަށް އަރައިފި ނަމަ ހަނދާންވަނީ ކޮންކަމެއް؟!!…..
އަދި މި ނޫންވެސް މިފަދަ އެތަކެއް ދަނޑިވަޅުތަކުގައި އަހަރެމެން ނުބައި ކަންތައްތައް ނުކުރަނީ ކޮންމެވެސް މީހަކަށް އެކަން އެނގިދާނެތީ ނުވަތަ ކޮންމެވެސް މީހަކު ބަލަން ހުރެދާނެތީއެވެ. މީސްތަކުންނަށް ލަދުންނެވެ. ގިނަ ފަހަރު 100% ޔަޤީން ނުވިޔަސް، މީހަކު ބަލާހެން ހީވިޔަސް އަހަރެމެން ކުރާ ނުބައި ޢަމަލު ހުއްޓާލަމެވެ. އެކަމަކު ﷲ…. އެންމެ މޮޅަށް ބައްލަވާ ވޮޑިގަންނަވާ އިލާހް…. ހަމަކަށަވަރުންވެސް އަހަރެމެން ކުރާ ހުރިހާ ޢަމަލެއް ބައްލަވާ ވޮޑިގަންނަވާކަން އަހަރެމެންނަށް އެނގެއެވެ. އެކަމުގައި އަހަރެމެން ޝައްކެއްވެސް ނުކުރަމެވެ. އެކަމަކު އެކަމަށް އަހަރުމެންނަށް ސަމާލުކަން ދެވެނީ ކިހާ ވަރަކަށް ހެއްޔެވެ؟ ބައެއް މިސާލުތަކަށް ބަލާލަމާ ހިނގާށެވެ…
– މުސްލިމުންގެ ޚަލީފާ ޢުމަރު ބުން ޚައްޠާބް ރަޟިޔަﷲ ޢަންހު، ގެއެއްގެ ކައިރިން ހިނގާފައި ވަޑައިގަންނަވަނިކޮށް، އަންހެން ކުއްޖަކާއި އޭނާގެ މަންމަ، ކަމަކާމެދު ދެބަސް ވެގެން އުޅޭ އަޑު އިވި ވަޑައިގަތެވެ. ދެބަސް ވެގެން އުޅެނީ ކިރަށް ފެން އެއްކޮށް ގިނަކޮށްގެން އެ މުސްލިމުންނަށް ވިއްކުމާ މެދުގައެވެ. މަންމަ ބުނަނީ ފެން އެއްކުރުމުން އެމީހުންނަށް ގިނައިން ވިއްކައިގެން ގިނަ ފައިދާ ވާނެކަމަށެވެ. އަދި އެކަން ޚަލީފާ އަކަށް އެނގިވަޑައި ނުގަންނަވާނެ ކަމަށެވެ. އެކަމަކު ޚަލީފާއަށް ނުފެނުނު ކަމުގައި ވިޔަސް، ﷲ.. އަލް ބަޞީރު.. އެމީހުންގެ އެ ޢަމަލް ބައްލަވާވޮޑިގެންވާނެކަން، އެ އަންހެން ކުއްޖާ އޭނާގެ މަންމަ އަށް ހަނދާން ކޮށްދިނެވެ. ޚަލީފާ މި ކުއްޖާ އާ މެދު ޝައުޤުވެރިވެ، އެ ކުއަޖާ އެކަލޭގެ ފާނުގެ ދަރިފުޅާ ކައިވެނި ކޮއްދެއްވިއެވެ. އަދި އެ ދެމަފިރިންގެ ކިބައިން ޞާލިޙް ދަރީން އުފެދިގެން ދިޔައެވެ!
– ނޫޙް އިބްނު މަރިޔަމް ކިޔާ މުއްސަދި މީހެއްގެ ވަރަށް ރީތި އަންހެން ދަރިއެއް ހުރެއެވެ. އަދި އޭނާގެ މުބާރަކް ކިޔާ އަޅެއް ހުރެއެވެ. އޭނާ މުބާރަކްއަށް އޭނާގެ ބަގީޗާ ބަލަހައްޓަން ހަވާލު ކުރިއެވެ. އެއްދުވަހަކު ނޫހް އޭނާގެ ބަގީޗާ އަށް ޒިޔާރަތް ކުރިއެވެ. އަދި މޭބިސްކަދުރު ކޯންޏެއް ގެނެސް ދެއްވުމަށް މުބާރަކް ގެ ކިބައިން އެދުނެވެ. މުބާރަކް ގެނައި މޭބިސްކަދުރު ހުރީ ހިތި ވެފައެވެ. އަނެއްކާވެސް އަމުރު ކުރިއެވެ. މި ފަހަރުވެސް ގެނައީ ހިތި އެއްޗިއްސެވެ. މިގޮތަށް 3 ފަހަރު ކަންތައް ކުރުމުން، ނޫހް ކަންބޮޑުވެގެން މުބާރަކް އާ ސުވާލު ކުރިއެވެ. ތިބާ އަށް ހިތި އެއްޗިއްސާ ފޮނި އެއްޗިހި ވަކި ކުރަން ނޭނގެނީ ހެއްޔެވެ؟ މުބާރަކް ޖަވާބު ދިނެވެ. ﷲ ގަންދީ ބުނަމެވެ. ތިބާ އަހަރެންނާ ހަވާލު ކުރީ މިތަން ބަލަހައްޓާށެވެ. އެހެން ކަމުން އެންމެ މޭމިސްކަދުރެއްގައިވެސް އަހަރެން ރަހައެއް ނުބަލަމެވެ. ނޫހް މިކަމާ ވަރަށް ބޮޑަށް ޙައިރާންވެ، އަދި މުބާރަކް އާމެދު ޝައުޤުވެރިވެ އޭނާގެ އަންހެން ދަރިފުޅާ ކައިވެނި ކުރުމަށް ހުށައެޅިއެވެ. ޢަބްދުﷲ ބިން މުބާރަކް ރަޙިމަހުﷲ އަކީ މިދެމަފިރިންގެ ކިބައިން އައި ފޮނިމޭވާ އެކެވެ!
– ލުޤްމާން ޢަލައިހިއްސަލާމް އެކަލޭގެފާނުގެ ދަރިކަލުންނަށް ނަސޭޙަތް ދެއްވަމުން ވިދާޅުވިއެވެ. “އޭ ދަރިފުޅާއެވެ! ހަމަކަށަވަރުން، އެ عملއަކީ ރެވިއޮށްޓަރެއްގެބަރުދަންހުރި عملއެއް ކަމުގައިވިޔަސް، ހިލައެއްގެ ތެރޭގައިވިޔަސް، ނުވަތައުޑުތަކުގައިވިޔަސް، ނުވަތަ ބިމުގެ ތެރޭގައިވިޔަސް (قيامةދުވަހުން) اللَّهއެ عملއެއް ގެންނަވާނެތެވެ. ހަމަކަށަވަރުން، اللَّهއީ، އޯގާވަންތަކަންބޮޑު، މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ.” (سورة لقمان16)އެކަލޭގެ ފާނުގެ މި ނަޞޭހަތް، ނަމާދާއި، ހެޔޮކަންކަމަށް އަމުރު ކުރުމާއި ނުބައި ކަންކަން ނަހީ ކުރުމަށް އަމުރު ކުރުމުގެ ކުރިން ގެންނަވާފައި ވުމުން މިކަމުގެ މުހިންމު ކަން ދޭހަވެއެވެ. މިއީ އަހަރެމެންގެ ބެލެނިވެރިންނަށްވެސް ވަރަށް މުހިއްމު ފިލާވަޅެކެވެ. އެބައިމީހުންނަކަށް އަބަދަކު ދަރިން ކުރާ ކަންތައްތައް ބަލާކަށް ނުހުރެވޭނެއެވެ. ނަމަވެސް އެ ޅަ ސިނކުނޑިތަކުގައި، ﷲ ތާއަބަދު އަހަރެމެންގެ އަމަލުތައް ބައްލަވާ ވޮދިގެންވާކަން އަންގައިދީ، އެކަން ހިތުގައި އަށަގަންނަވައި ދެވިއްޖެ ކަމުގައިވާ ނަމަ، އެބައި މީހުން ކޮންމެ ތަނެއްގައިވިކަމުގައި ވީ ނަމަވެސް ﷲ އެބައިމީހުންނަށް ބައްލަވާވޮޑިގެން، އެބައިމީހުންގެ ޢަމަލުތައް ދެނެވޮޑިގެންވާ ކަން އިޙްސާސްވެ އެކަމަށް ސަމާލު ވާނެއެވެ.
ފޭސްބޫކްގައި އަޅުގަނޑުގެ ރައްޓެއްސެއް ލާފައިވާ ފޮޓޯއެއްގައި ވެއެވެ. “ތިބާ މީސްތަކުންދެކެ ލަދުގެންފައި ﷲ އަށް ލަދުވެތި ނުވަމު ހެއްޔެވެ. ތަނެއްގައި 24 ގަޑިއިރު މަސައްކަތް ކުރާ cctvކެމެރާއެއްވާނަމަ (މީސްތަކުންނަށް ލަދުން) އެތަނެއްގައި ފާފަކުރުމުން ތިބާ ރައްކާތެރިވަމުއެވެ. ނަމަވެސް! ރެއައި ދުވާލު އަލިކަމައި އަނދިރިކަމުގެ ތެރޭގައި ތިބާ ކުރާ ހުރިހާ ކަމެއް މޮޅަށް ދެނެވޮޑިގެންވާ ﷲ އަށް ތިބާ ލަދުވެތި ނުވަމުއެވެ. އޭ އަޚުންނާއި އުޚްތުނޭ ތަޢުބާވެލައްވާ!”
މަސައްކަތް:
1- سورة قގެ 16 ވަނަ އާޔަތުން ފެށިގެން 18 ވަނަ އާޔަތާ ހަމައަށް، ތަރުޖަމާ އިން މާނަ ހޯދައިގެން އެ އާޔަތްތަކުގައި ވާ އެއްޗެއް ބެލާލުން.
2- ފާފައެއް ކުރުމަށް ހިތަށް އަރާ ކޮންމެ ފަހަރަކު، ﷲ.. އައްރަޤީބް… ބައްލަވާވޮޑިގެންވާ ކަން އަމިއްލަ ނަފްސަށް ހަނދާންކޮށްދިނުން.
3- ނުބައި އާދައަކުން ދުރުހެލިވާން ވާން ބޭނުން ކަމުގައި ވާ ނަމަ سورة العلقގެ 14 ވަނަ އާޔަތް ނުވަތަ މާނަ ގަނޑަކަށް ޕްރިންޓްކޮށް އެފަދަ ޝަހުވަތްތަކާ ދިމާއަށް ގެންދާ ޓީވީ، ކޮމްޕިއުޓަރ، އައިޕޮޑް ފަދަ ތަކެތީގައި ފަސޭހައިން ފެންނަ ގޮތަކަށް ހަރުކޮއްލުން.
4- ފާފަކުރާ މީހަކު، އޭނާއަށް ނަޞޭޙަތެއް ދިނުމަށް އެދުމުން، އިބްރާހީމް ބުން އަދްހަމް ރަޙިމަހުﷲ، “ފަސްކަމެއްގެ މައްޗަށް ބާރު ފޯރުވޭނެ ނަމަ ތިބާ ފާފަ ކުރިޔަސް މައްސަލައެއް ނެތް” ކަމަށް ވިދާލުވެ ދެއްވި ޖަވާބު ހޯދައިގެން ކިޔާލުން.
5- ﷲ ބައްލަވާވޮޑިގެންވާ ކަމަށް އަބަދުވެސް ސަމާލުކަން ދޭ މީހުންގެ ތެރެއިން އަހަރުމެން ލެއްވުން އެދި ދުޢާ ކުރުން.

















ޚިޔާލު