ވާހަކަ

އެއްވެސް މީހަކީ އެންމެ އުފަލުގައި އުޅޭ މީހެއްނޫނެވެ.

ވަރަށް އުފަލާ އަރާމުގައި ދެމަފިރިއަކުއުޅުނެވެ. މި ދެމީހުންވެސް އެންމެ ކަންބޮޑުވަނީ އެމީހުންގެ އެ އުފާވެރިކަން ނިމުމަކަށް އައިސް އެ ދެމީހުންގެ ދެމެދުގައި މައްސަލަތަކެއް ޖެހިދާނެތީއެވެ.

އެއްދުވަހަކު އެމީހުންގެ ސަހަރަށް އުމުރުން ދުވަސްވީ މުސްކުޅި މީހަކު ޒިޔާރަތް ކުރިއެވެ. މީނާއަކީ ދީންވެރި މީހެކެވެ. މީނާ ކަންކަމަށް ހައްލު ހޯދައިދީ، އުޅެންވީ ރަނގަޅު ގޮތާއި އުޅެގެން ނުވާނެގޮތް މީސްތަކުންނަށް ކިޔައި ދެއްވައެވެ. މި ހަބަރު އެއްކަލަ ދެމަފިރިންނަށް ލިބިގެން މި މީހާގެ ގާތަށް ދިޔައެވެ. އަދި އެމީހުންގެ ވާހަކަތައް މި މުސްކުޅިމީހާއަށް ކިޔާދިނެވެ.

މި ދެމަފިރިންގެ ވާހަކަތައް އަހާފައި މުސްކުޅިމީހާ ބުންޏެވެ. " ކަލޭމެން ދުނިޔޭގެ ކަންކޮޅުތަކަށް ދަތުރުކޮށް އެންމެ އުފަލުގައި އުޅޭ ދެމަފިރިއަކު ހޯދާށެވެ. އަދި އެފަދަ މީހަކު ފެނިއްޖެ ނަމަ އެތަނުން ފިރެހެން މީހާގެ ގަމީހުން އެތިކޮޅެއް ދިނުމަށް އެދޭށެވެ. އެއީ ކަލޭމެން އެ އުފާވެރިކަމުގެ މަތިން ހަނދާން ކުރުމަށެވެ."

މި މުސްކުޅި މީހާގެ ވާހަކަ ތަކަށްފަހު އެ ދެމަފިރިން އެމީހުންގެ ދަތުރު ފެށިއެވެ. މިހެން ދަތުރު ކުރަނިކޮށް އެމީހުންނަށް ހަބަރު ލިބުނީ އެތާކައިރީ ސަހަރުގެ ވެރިޔާ އާއި އޭނާގެ އަންހެނުންނަކީ އެންމެ އުފަލުގައި އުޅޭމީހުން ކަމުގައެވެ. އެހެންވެ އެމީހުން އެ ސަހަރުގެ ވެރިޔާ އާއި ބައްދަލުކޮށް އެމީހުންނަކީ ދުނިޔޭގައި އެންމެ އުފަލުގައި އުޅޭ މީހުންތޯ ސުވާލު ކުރިއެވެ. ޖަވާބުގައި އެމީހުން ބުންޏެވެ. " އާއެކެވެ! ތިމަންނަމެންނަކީ ހުރިހާ ގޮތަކުންވެސް އެންމެ އުފަލުގައި އުޅޭ މީހުންނެވެ. އެކަމަކު އެންމެ ކަމެއް ފިޔަވައެވެ. އަހަރެމެންގެ ދަރިއަކު ނުހުރެއެވެ."

މި ޖަވާބުން އެމީހުންނަށް އެނގުނީ އެ ސަހަރުގެ ވެރިޔާއާއި އޭނާގެ އަންހެނުންނަކީ ދުނިޔޭގައި އެންމެ އުފަލުގައި އުޅޭ ދެމަފިރިން ނޫންކަމެވެ. އެހެންވެ އަނެއްކާވެސް އެމީހުން ދަތުރު ކުރިއަށް ގެންދިޔައެވެ.

މިހެން ދަތުރު ކުރަނިކޮށް، މާ ދުރު ހިސާބެއްގައި، އުފަލުގައި ދެމަފިރިއަކު އުޅޭކަމުގެ ހަބަރުލިބިއްޖެއެވެ. އެހެންވެ އެ ދެމަފިރިން ކައިރިއަށްގޮސް ހަމަ އެސުވާލު ކުރިއެވެ. ޖަވާބުގައި އެމީހުން ބުންޏެވެ. " އާއެކެވެ! އަހަރެމެންނަކީ ދުނިޔޭގައި އެންމެ އުފަލުގައި އުޅޭ ދެމަފިރިންނެވެ. އެކަމަކު އެންމެ ކަމެއް ފިޔަވައެވެ. އެއީ އަހަރެމެންގެ ދަރިން މާގިނަ އީއެވެ. އެކަމުގެ ސަބަބުން ބައެއް އުނދަގޫތައް ކުރިމަތިވެއެވެ."

ދަތުރު ކުރަމުން ދިޔަ ދެމަފިރިން ހިތައްއެރިއެވެ. " ނޫނެކެވެ! މިއީ އަދި އެންމެ އުފަލުގައި އުޅޭ ބަޔަކަށް ނުވާނެއެވެ." އެހެންވެ އެމީހުން އެމީހުންގެ ދަތުރައިގެން ކުރިއަށްދިޔައެވެ. މިގޮތުން ވަރަށްގިނަ ގައުމު ތަކަށް މި މީހުން ދަތުރު ކުރިއެވެ. ނަމަވެސް އެންމެ އުފަލުގައި އުޅޭ ދެމަފިރިއަކު ދިމައެއް ނުވިއެވެ.

އެއްދުވަހަކު އެ ދެމަފިރިން ސަހަރާއެއްގެ ތެރެއިން ދަތުރުކުރިއެވެ. މި ދަތުރުގައި ބަކަރި ހުއިހައްޕާ މީހަކާ ދިމާވިއެވެ. އެމީހާ އާއި އެކީ އޭނާގެ އަންހެނުންނާއި ދަރިން މަސައްކަތުގައި އުޅޭތަން ދަތުރު ކުރަމުން ދިޔަ ދެމަފިރިންނަށް ފެނުނެވެ. އަދި އެމީހުން ގާތަށްގޮސް ސުވާލު ކުރިއެވެ. ބަކަރި ހުއިހައްޕާމީހާއާއި އޭނާގެ އަންހެނުން ޖަވާބުގައި ބުންޏެވެ. " ކޮންމެ މީހަކީވެސް އުފަލުގައި އުޅޭ މީހެކެވެ. ރަސްގެފާނު ފިޔަވައެވެ." މި ޖަވާބު އިވުމުން އެއްކަލަ ދެމަފިރިންނަށް މިއީ ދުނިޔޭގައި އެންމެ އުފަލުގައި އުޅޭ މީހުންކަން އެނގުނެވެ. އަދި އެ ފިރެހެންމީހާގެ ގަމީހުން އެތިކޮޅެއް ދިނުމަށް އެދުނެވެ. ބަކަރި ހުއިހައްޕާ މީހާ ބުންޏެވެ. " އަހަރެންގެ މި ގަމީހުން އެތިކޮޅެއްދީފިނަމަ އަހަރެން ހުންނަންޖެހޭނީ، އެހެން ގަމީހެއް ލިބެންދެން އެއްޗެއް ނުލައެވެ." މި ޖަވާބު އަޑުއިވިފައި އެއްކަލަ ދެމަފިރިން ހިތައް އެރިއެވެ. މި ދުނިޔޭގައި އެންމެ އުފަލުގައި އުޅޭ މީހަކު ހޯދުމަކީ ވަރަށް އުނދަގޫ ކަމެކެވެ. އެހެންވެ އެމީހުން އެމީހުންގެ ރަށަށް އެނބުރި ދިޔައެވެ. އަދި އެއްކަލަ މުސްކުޅި މީހާއާއި ބައްދަލުކޮށް އެމީހުންގެ ވާހަކަތައް ކިޔާދިނެވެ. އެމީހުންގެ ވާހަކަތައް އަޑުއިވިފައި މުސްކުޅި މީހާގެ ގާތަށް ވަރަށް ހިނިއައެވެ. އަދި ބުންޏެވެ. " ތިޔަ ދަތުރަކީ ބޭކާރު ދަތުރެއް ހެއްޔެވެ؟ ނޫނީ ތިޔަ ދަތުރުން އެއްވެސް އިބުރަތެއް ލިބުނު ހެއްޔެވެ؟" ޖަވާބުގައި އެތަނުން ފިރެހެންމީހާ ބުންޏެވެ. " މި ދަތުރަކީ ފައިދާ ހުރި ދަތުރެކެވެ. މި ދަތުރުން އަހަރެންނަށް އެނގުނީ ދުނިޔޭގައި އެއްވެސް މީހަކީ އެންމެ އުފަލުގައި އުޅޭ މީހެއް ނޫންކަމެވެ. އަދި އުފާވެރިކަން ލިބޭނީ ﷲ އަޅުކަން ކުރުމުގައި ވަގުތުތަށް ހޭދަކުރާމީހާއަށެވެ."

މާތް ﷲ ވަހީ ބަސްފުޅުގެ މާނައިގައި ވަނީ މިފަދައިންނެވެ."ފަހެ ތިޔަބައިމީހުންގެ ގާތަށް ތިމަން ރަސްކަލާނގެ ހަޟުރަތުން ތެދުމަގު އަތުވެއްޖެ ހިނދަކު ތިމަން ރަސްކަލާނގެ ތެދުމަގާ ތަބާވެއްޖެ ބަޔަކަށް އެއްވެސް ބިރެއްނެތެވެ. އަދި އެއުރެންނީ ހިތާމަ ކުރާނޭ ބަޔަކު ކަމުގައިވެސް ނުމެވޭމެއެވެ."

އަންހެންމީހާވެސް އެ ދަތުރުން އޭނާއަށް ލިބުނު އިބުރަތް ތަކުގެ ވާހަކަ ކިޔައިދިނެވެ. " އަހަރެންނަށް ދެކަމެއް ދަސްވިއެވެ. އެއީ ލިބޭ މިންވަރަށް ޝުކުރުކުރުމެވެ. އަދި އުފާވެރި ކަމާ ހިތާމަވެރި ކަމަކީ ކެތްތެރިވުމަށް ދަސްކޮށްދޭ ދެކަން ކަމެވެ."

މާތް ﷲގެ ވަހީ ބަސްފުޅުގެ މާނައިގައި ވަނީ މިފަދައިންނެވެ." އަދި ތިޔަބައިމީހުންގެ ވެރި ރަސްކަލާނގެ އެންގެވި ހިނދު ހަނދުމަ ކުރާށެވެ. ހަމަ ކަށަވަރުން ތިޔަބައި މީހުން ޝުކުރުކޮށްފިނަމަ ހަމަ ކަށަވަރުން ތިމަންރަސްކަލާނގެ ތިޔަބައިމީހުންނަށް އިތުރު ކޮށްދެއްވާ ހުށީމެވެ." އަދި ވެސް ވަހީ ކުރައްވާނީ މިފަދައިންނެވެ. " އަދި ކެތްތެރި ކަމާއި ނަމާދުން ތިޔަބައި މީހުން ވާގި ހޯދާށެވެ."

އެއަށްފަހު އެ ދެމަފިރިން އެ މުސްކުޅި މީހާ ދިން ނަސޭހަތަށް ވަރަށް ޝުކުރު އަދާކޮށްފައި ހިނގައްޖެއެވެ. އަދި އެ މުސްކުޅި މީހާވެސް އެދެމީހުންނަށް އުފާވެރި ހިތްހަމަޖެހޭ ދުވަސްތަކެއް ދެއްވުންއެދި ދުއާކުރިއެވެ.

ގުޅުންހުރި

1 ޚިޔާލު

  1. މިއީ ވަރަށް ރަގަލު އިބްރައްތެރި ވާހަކައެއް.‫​.‫​އެއްވެސް އިންސާނަކު ހީކޮށްގެން ނުވާނެ ތިމަންނާމެނަކީ އުފަލުގަ ދިރިއުޅޭ ބަޔެކޭ.‫​މިކަހަލަ މައުލޫމާތުތަކަކީ އަލުގަޑުމެންމަށް ވަރަށް މުހިންމު މައުލޫމާތުތަކެއް.‫​

Your email address will not be published. Required fields are marked *

More in ވާހަކަ