ތިމާމެން ކުރާ އެކި އެކި ކަންކަމުގައި، ސިހުރު ހެދުމާއި، ފާލު ބެލުން ފަދަ ކަންކަމަކީ މުޅި ދުނިޔޭގެ އެކި ޤައުމުތަކުގައިވެސް ވަކި ބަޔަކު ކުރަމުން ދާ ކަންކަމެވެ. ނަމަވެސް އެއްވެސް ޖެހިލުމެއް ނެތި އަޅުގަނޑަށް ދަންނަވާލަންކެރޭ ވާހަކައަކީ، ނިސްބަތުން ބަލާއިރު ދިވެހީންނަށްވުރެއް މިކަމުގައި ދުނިޔޭގެ އެއްވެސް ބަޔަކު ކުރީގައި ނޫޅޭނެ ވާހަކައެވެ.
ތެދު ތެދަށް ދަންނަވަނީނަމަ، ދިވެހީންނަކީ އެމީހުން ކުރާ ކޮންމެ ކަމެއްގައިވެސް ކޮންމެވެސް މިންވަރަކަށް މި ނުބައި ޝިރުކުގެ ޢަމަލު ކުރަމުން ދާބައެކެވެ. މިސާލަކަށް ދަންނަވަނީނަމަ، އާ އޮޑި ބާލާއިރު ދޯންޏަށް ސިހުރު ހެދުމުން ފެށިގެން ގޮސް ތިމާގެ ހަޔާތުގެ ބައިވެރިޔަކު ހޯދުމަށްވެސް ސިޙުރު ހަދާ މީހުން ރާއްޖޭގައި އުޅެމުން ދެއެވެ. ދެމަފިރިން ދޭތެރޭ މައްސަލަ ޖެހި އެ ދެމީހުންގެ ގުޅުން ނިމުމަކަށް ގެނައުމަށް ހަދާ ވަރިތޮޅިއަކީވެސް ރާއްޖޭގައި ގިނަ އަދަދަކަށް ހަދަމުން ދާއެއްޗެކެވެ.
ދިވެހީންނަކީ، ގިނަ ކަންތައްތަކުގައި، ސިހުރު ހަދައިގެން ކުރިހޯދަން ބޭނުންވާ ބަޔަކަށް ވީ ހިނދު، ލޯކަލް ކައުންސިލް އިންތިހާބުގައި ކުރިހޯދުމަށް އެފަދަ ކަންކަން ކުރިކަމީ އަޅުގަނޑުމެން ހައިރާން ވާންޖެހޭ ކަމެއް ނޫނެވެ. ޤަބޫލުކުރެވުނަސް، ނުކުރެވުނަސް ހަޤީގަތަކީ މި ފަހަރު ލޯކަލް ކައުންސިލް އިންތިހާބުގައި ކުރި ހޯދުމަށްޓަކައި، ކެމްޕޭނުކުރެއްވުމުގައި އުޅުއްވި ބޭފުޅުންނަށްވުރެއް ބުރަކޮށް އުޅުއްވީ މިދަންނަވާ ނުބައި، ސިހުރު ހެދުމުގައި އުޅުނު މީހުންނެވެ. ރޭގަނޑު މީސްތަކުން ނިދާ މުޅި ރަށް ހިމޭންވުމުން މިވެރިން ނުކުމެ ރަށުތެރޭ މިޖަހާ ސަކަރާތަކީ، ދުވާލުގެ މެންދުރުކޮޅު ކެމްޕޭނުކުރަށްވާ ބޭފުޅުން މި ކުރަށްވާ ކެމްޕޭނަށްވުރެ ވަކި ކުޑަ ކަމެއް ނޫނެވެ.
ލޯކަލް ކައުންސިލް އިންތިހާބުގައި ކުރި ހޯދުމަށްޓަކައި، ބައެއް މީހުން ސިހުރު ހެދިކަމަށް، ޤަބޫލުނުކުރެވޭ ބޭފުޅުންނަށް ދަންނަވާލަމެވެ. މިނުބައި އަމަލު ކުރަނިކޮށް ލޮލުން ދެކުނު މީހުން އަޅުގަނޑުގާތު މިވާހަކަ ދަށްކާފައި އެބަހުއްޓެވެ. ރޭގަނޑު ކީއްކުރަންތޯއެވެ. ރޯމާ ދުވާލު އެންމެން ހިނގާ މަގުމަތީގަވެސް، މި ޖާހިލުން ކިޔަވާ ކުފުރުގެ ކިޔެވެލިތައް ކިޔަވަމުން ހިނގާފައި އެބަހުއްޓެވެ. މިއީ ޙަޤީގަތެވެ.
މި ނުބައި ޖަރީމާ ހިންގާ ބޭފުޅުންނަށް އަޅުގަނޑު އާދޭހާކު ގޮވާލަމެވެ. ދުނިޔޭގެ އެދުމަށްޓަކައި ތިބޭފުޅުންގެ އާޚިރަތް ތިޔަ ވިއްކަވާލައްވަނީތޯއެވެ؟ ތިމާ ތާއީދުކުރާ ޕާޓީއަށް ކުރި ހޯދައި ދިނުމަށްޓަކައި، މަތިވެރިވެގެންވާ އިސްލާމް ދީނުންވެސް ބޭރުވަނީތޯއެވެ؟ ހެޔޮ ނުވާނެއެވެ. މިއަދު ތިބޭފުޅުން ތިކުރަށްވާ ޖާހިލު އަމަލުތަކުގެ ނަތީޖާ ވަރަށް ފޮނިވެދާނެއެވެ. އެކަމަކު އަދި އެއީ ނިމުމެއް ނޫނެވެ. ތިޔަ ކުރާ އަމަލުތަކާމެދު މާތްﷲ ސުވާލުކުރަށްވާނެއެވެ. އަދިވެސް ދަންނަވަމެވެ. އިސްލާމް ދީނުގެ ބޮޑެތި ބައެއް އިލްމުވެރިން ލިޔުއްވާ ގޮތުގައި ސިހުރު ހާދާ މީހެއްގެ ޖަޒާއަކީ މެރުމެވެ. އަދި އެމީހަކީ ދީނުން ބޭރުވެފައިވާ މީހެކެވެ.
“حَدَّثَنَا أَحْمَدُ بُنِ مَنِيْعُ , حَدَّثَنَا أَبُو مُعَاوِيَةُ عَنْ إِسْمَاعِيْلُ بُنِ مُسْلِمٍ عَنِ الْحَسَنِ بْنِ جُنْدُبٍ قَالَ , قَالَ رَسُولُ اللهِ حَدُّ السَّاحِرِ ضَرْبَةٌ باِ لسَّيْفِ.”
މާނައީ: ޙަސަނު ބުނި ޖުންދުބުގެ ކިބައިން އިސްމާޢީލު ބުނި މުސްލިމު ރިވާކުރެއްވިކަމަށް އަބޫ މުޢާވިޔަތުގެ ކިބައިން އަޙްމަދު ބުނި މުނީޢު ތިމަންނާއަށް (ތިރުމިޛީ އަށް) ވިދާޅުވިއެވެ. ރަސޫލުﷲގެފާނު ޙަދީޘްފުޅުކުރެއްވިއެވެ. ސިޙުރުވެރިޔާގެ ޙައްދަކީ ކަނޑިން ޖަހާ މަރާލުމެވެ. (ސުނަނު އައް ތިރުމީޛީ : (1462 ވަނަ ޙަދީޘް)
މި ލިޔުމަކީ ކަނޑިތީމު އޮންލައިނުން ނަކަލު ކޮށްފައިވާ ލިޔުމެކެވެ.
ޚިޔާލު