ކީރިތި ޤުރުއާން ހިތުދަސްކުރުމަށް ހިތްވަރު ދިނުމުގެ ގޮތުން ޙާފޡުންނަށް ދޭ އެލަވަންސް ދެގުނަ ބޮޑުކޮށް، މިމަހުން ފެށިގެން ޖަމާކުރަން ފަށައިފިއެވެ.
އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން މަޢުލޫމާތު ދީފައިވާ ގޮތުގައި ކީރިތި ޤުރުއާން ހިތުދަސްކުރަން ހިތްވަރު ދިނުމުގެ ގޮތުން ޖުލައި މަހުން ފެށިގެން ރައީސުލްޖުމުހޫރިއްޔާގެ ވައުދުފުޅާ އެއްގޮތައް ހާފިޒުންގެ އެލަވަންސް ވަނީ ބޮޑުކޮށްފައެވެ. އެގޮތުން މީގެ ކުރިން ޙާފިޡުންނަށް ދެމުން އައި 2000 ރުފިޔާގެ އެލަވަންސް ވަނީ 4000 ރުފިޔާއަށް ބޮޑުކޮށްފައިކަމަށް މިނިސްޓްރީއިން ބުނެފައިވެއެވެ.
ހާފިޒުންގެ އެލަވަންސް އިތުރުކުރެއްވުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒު އިންތިޚާބުގެ ކެމްޕެއިން ދުވަސްވަރު ވެވަޑައިގެންނެވި ވައުދެކެވެ. އެ ވައުދުފުޅު ތަންފީޒުކުރެއްވުމުގެ ގޮތުން ޖޫން 24 ގައި ވަނީ މިކަން ރަސްމީކޮށް އިއުލާނު ކުރައްވާފައެވެ.
ރައީސް މީގެ ކުރިން ފާހަގަކުރައްވާފައިވާ ގޮތުގައި، ކީރިތި ޤުރުއާން ހިތުދަސްކުރާ މީހުންނަކީ މީގެ ކުރިން އަތުގެ އިނގިލިތަކުން ގުނާލެވޭހައި މަދު ޢަދަދެއްގެ ބައެއް ކަމަށެވެ.
ނަމަވެސް މިހާރު އެ އަދަދު އިތުރުވަމުންދާ ކަމަށާއި އަދި ސަރުކާރުގެ އަމާޒަކީ ހާފިޒުން އުފެއްދުމަށް ޚާއްސަ އިސްކަމެއް ދީގެން މަސައްކަތްކުރުން ކަމުގައި ވެސް ރައީސް ވިދާޅުވިއެވެ.
ހާފިޒުންނަށް ދެވޭ ޢިނާޔަތް ކަނޑައެޅުމުގެ ޒިންމާ އަދާކުރާނީ ރައީސް އޮފީހުގެ މަޝްވަރާއާއެކު ކީރިތި ޤުރުއާނާބެހޭ ޤައުމީ މަރުކަޒުންނެވެ. މި އިނާޔަތަކީ ދާއިމީ ގޮތެއްގައި ކޮންމެ މަހަކަ ޙާފިޡުންނަށް ލިބޭ އެއްޗެކެވެ.
ޚިޔާލު