ކޮލަމިސްޓް

ޞާލިހު އަޅުތަކުންނަށް ކުރިމަތިވާ އިމްތިޚާނުތައް ގިނަވާނެ

 

ހުރިހާކަމެއްމެ އެއްމެ މޮޅަށް ދެނެވޮޑިގެންވާ އެއްމެ ރޭވުންތެރި ޙިކުމަތްތެރި ﷲ ޞުބުޙާނަހޫ ވަތަޢާލާއަށް ޙަމްދާއި ޘަނާ ކިޔަމުން، އެކަލާންގެ އަޅާ އަދި ރަސޫލާ މުހައްމުދުގެ ފާނަށް ސަލާމާތް ޞަލަވާތް ލެއްވުމަށް އެދި ދުޢާކުރަމުން އަޅުގަނޑަށް ލިބިފައިވާ ޢިލްމެއްގެ މައްޗަށް ބިނާކޮށް ލިޔަން ފަށަމެވެ. އަޅުގަނޑުގެ ދުޢާއަކީ އަޅުގަނޑުގެ މިލިއުމަކީ އަޅުގަނޑާއި އަދި މި ދިވެހި އުއްމަތުގެ އެއްމެހާ މުސްލިމު އަޚުންނާއި އުޚުތުންނަށް މިލިއުމުގެ ސަބަބުން ފައިދާ ކުރަނިވި ލިއުމެއް ކަމުގައި ﷲ ސުބުޙާނަހޫ ވަތަޢާލާ ލެއްވުމެވެ.

މި ފަހަކަށް އައިސް އަޅުގަނޑުމެން އެއްމެންމެ ކަންބޮޑުވާ އެއްކަމެއް ކަމުގައި ވެފައި މިވަނީ ދިވެހި ސަރުކާރުގެ އިސްކޮށް ތިއްބެވި ބޭފުޅުންގެ ފަރާތުން އިސްލާމްދީނަށް ބަދުބަސް ބުނުމާއި އަދި ދީނީ ޢިލްމުވެރިން ބަދުނާމުކޮށް އެބޭފުޅުންނަކީ ހައްދުފަހަނަ އަޅާފައިވާ ބައެއްކަމުގައި ބުނަމުން ދިއުމެވެ. ޖުމްލަ ގޮތެއްގައި ބުނާނަމަ، އިސްލާމްދީން ނެތިކޮށްލުމަށް ނުވަތަ މި ފަސްގަނޑުގައި އިސްލާމް ދީން ފިޔަވާ އެހެން ދީންތަކަށް ޖާގަ ދިނުމަށް ޔަހޫދީންނާއި ނަޞާރައިން ކުރަމުންދާ ކަންކަމަށް ހިތްވަރު ދިނުމެވެ. އެގޮތުގެ މަތިން ދިވެހިންގެ މެދުގައި އެއްމެ މަޤްބޫލު އެއްމެ ގިނަ ބައެއްގެ ލޯބި ލިބިފައިވާ ޝެއިޚުންގެ އަގުވައްޓާލާ އެބޭފުޅުންނަކީ ޓެރަރިސްޓުންކަމަށާއި އަދި ޓެރަރިޒަމަށް ވާގިދޭ ބައެއް ކަމުގައި ބުނެ ދުނިޔެއަށްވަނީ އިޢުލާން ކޮށްފައެވެ.

ދީނީ ޢިލްމުވެރިންގެ އަސަރުކުރުވަނިވި ދަރުސްތަކުގެ ސަބަބުން ސަރުކާރުގެ ލާދީނީ އެޖެންޑާތަކަށް ހުރަސް އެޅޭތީ އެބައިމީހުން ދަނީ ވަރަށް ވެސް ކަންބޮޑުވަމުންނެވެ. އެގޮތުގެ މަތިން ރާއްޖޭގެ ގިނަބައެއްގެ ލޯތްބާއި އިޙްތިރާމް ލިބިގެންވާ ޝެއިޚް ފަރީދާއި ޝެއިޚް އިލްޔާސަކީ ސަރުކާރުން ވަރަށް ޖެހިލުންވާ ދެ ބޭފުޅުން ކަމުގައިވެ، އެދެބޭފުޅުން ހައްޔަރުކޮށް އަނގަ ބަންދު ކުރެވޭނެ ގޮތެއް އޮތްތޯ ސަރުކާރުން ދަނީ ތަފާތު ރޭވުންތައް ރާވާ އެބޭފުޅުންގެ އަގު ވައްޓާލަމުންނެވެ. ޝެއިޚް ފަރީދުގެ މައްޗަށް އެއްވެސް ތާކުންތާކު ނުޖެހޭ ދަޢުވާއެއް ކުރަމުން ދިއުމާއި އަދި ޝެއިޚް އިލްޔާސްގެ ބޯކޮޅުބަލަމުންދާކަމީ ސަރުކާރުން ދީނީ ޢިލްމު ވެރިންނަށް ބިރުދެއްކުމަށް މަސައްކަތް ކުރާކަމުގެ ޞާފު ހެކިތަކެވެ.

ޝެއިޚް އިލްޔާސް ދަރުބާރުގޭގައި ދިރިއުޅުމުގެ މަޤްޞަދާއި ބެހޭގޮތުން ބޭއްވި ދަރުސް ނިއްމާލަމުން ޝެއިޚަށް ސަރުކާރުން އިންޒާރުތަކެއްދީ ހައްޔަރު ކުރަން އުޅޭކަން ބެލުންތެރިންނާއި އަޑު އެހުންތެރިންނަށް އިވިގެން ދިޔައީ ފުން ހިތާމަޔަކާއިއެކު ލޭ ކައްކުވާލަމުންނެވެ. އަދި ހަމަ އެއާއި އެކު ޝެއިޚް ފަރީދު ބަންދުކޮށްގެން ނަމަވެސް ޝަރީއަތަށް ހާޒިރު ކުރާނެ ކަމުގައި ގާޒީއަކު ބުނި ބުނުންވެސް ދިޔައީ ދިވެހިންގެ ތެރޭގައި ތިބި އިސްލާމް ދީނަށް ލޯބިކުރާ ދަރިންގެ ލޭ ދީނަށްޓަކައި އޮހޮރުވާލަން ޖެހުނަސް އޮހުރުވާލަން ތައްޔާރަށް ތިބި ކަން ހާމަވެގެން ދިޔަ ކަމަކަށެވެ.

ކަން މިހެން ހުރުމާއިއެކުވެސް އަޅުގަނޑު ދަންނަވާނީ މި އެއްމެހާ ކަންކަމަކީ ﷲ އަޅުގަނޑުމެންނާއި ކުރިމަތި ކުރުވާ އިމްތިޚާނު ތަކެކެވެ. ﷲ ސުބުޙާނަހޫ ވަތަޢާލާ އެކަލާންގެ ޞާލިހް އަޅުތަކުން ގިނަ ގުނަ ގޮތްގޮތުން އިމްތިޚާނު ކުރައްވައެވެ. އެކަމަކީ އެކަލާންގެ ވަޢުދު ކުރައްވާފައިވާ ކަމެކެވެ. ﷲ ގެ ވަޙީ ބަސްފުޅުގެ މާނައިގާ ވަނީ "ތިޔަބައިމީހުން އީމާން ވެއްޖައީމޭ ބުނުމުން އެކަން އިމްތިޚާނު ނުކޮށް ދޫކޮށް ލާނެ ކަމަށް ހީވަނީ ހެއްޔެވެ؟" މާނައަކީ އަހަރެންމެންގެ އަނގައިން އަހަރެންމެންނީ އީމާންވެއްޖެ ބައެއް ކަމުގައި ބުނެފިނަމަ ﷲ އެކަމުގެ ދޮގާއި ތެދު ބައްލަވާ އިމްތިޚާނު ކުރައްވާނެއެވެ. އަދި ކެތްތެރިކަމާއި ހިތްވަރު ދެއްވުމަށް އެދި ދުއާކޮށްފިނަމަ ދަތި އުނދަގޫތަކުގެ ތެރެއިން ކެތްތެރިކަމާއި ހިތްވަރު ދެއްވައެވެ. ﷲ ސުބުޙާނަހޫ ވަތަޢާލާއީ އެކަލާންގެ ސާލިޙު އަޅުތަކުން އަބަދާއި އަބަދު އިމްތިޚާނު ކުރައްވަވާ އެއްމެ އިންޞާފުވެރި ފަރާތެކެވެ. ދެން އެ އިމްތިޚާނުތަކުން އެ އަޅާ ފާސްވެއްޖެ ހިނދު އެފަދަ އަޅުންނަށް ނަސްރުދެއްވުމަށް ޝަރުތު ފުރިހަމަ ވެއްޖެނަމަ އަނިޔާވެރިންގެ މައްޗަށް ނިޔާވެރި ސާލިޙް އަޅުތަކުންނަށް ނަސްރުދެއްވައެވެ.

ހިތުގާ ބަލިމަޑުކަމެއްވާ މީހުނާއި ދީނުގެ ދުސްމަނުންގެ ކިބައިން ދިމާވާ އުނދަގޫތަކާއި ދުއްތުރާތަކަށް ހިތާމައެއް ކުރުމެއް ނެތެވެ. އަދި އެކަމާއި ބިރުން ދުރަށް ފިލަން ދިއުމެއްވެސް ނުމެ ވޭމެއެވެ. ﷲ އިރާދަ ކުރައްވާނަމަ ޝެއިޚް ފަރީދާއި އަދި ޝެއިޚް އިލްޔާސަކަށްވެސް އަދި އެފަދަ އެއްވެސް ޢިލްމުވެރިޔަކަށް އަދި އެއްވެސް ޞާލިޙް އަޅަކަށް އެއްވެސް ގެއްލުމެއް ނުދެވޭނެއެވެ. އަދި ޙައްޤަށް ނަޞްރު ދެއްވާނެ ކަމީ ﷲ ގެ ވަޢުދު ފުޅެކެވެ. ﷲ އީ އެކަލާންގެ ވަޢުދާއި ޚިލާފުވެ ވޮޑިނުގަންނަވާ ފަރާތެވެ. އެހެންނަމަވެސް އެ ކާމިޔާބާއި ނަޞްރު ލިބޭ ހުށީ އެކިއެކި ފަރާތްތަކަށް ހިތްތައް ނުފޮރޮޅާ އީމާން ކަމުގައި ސާބިތުވެ ތިބޭނަމައެވެ. ކާފިރުވެ ފާސިޤްވެފައިވާ މީހުނަށް ޝެއިޚްގެ ޖިސްމަށް ކޮށްމެފަދަ ގެއްލުމެއްވެސް ދެވިދާނެއެވެ. އެހެނަސް ޝެއިޚްގެ ބަލަދުވެރި ﷲ އެކަން މޮޅަށް ދެނެވޮޑިގެންވެއެވެ. އަދި އެކަމަކީ ޝެއިޚަށް ހިތާމައެއްގެ ބަދަލުގައި އުފަލެއް ކަމުގައި ލެއްވުމަށްވެސް އެކަލާންގެ ކުޅަދުން ވަންތައެވެ. އަދި އެފަދަ އެކަކު ނައްތާލާއިރަށް އެފަދަ 100 މީހުން އުފަންވާނެކަން ދަންނާށެވެ. މުއުމިނުން ވާގި އެދެނީ ﷲ ގެ ޙަޟުރަތުންނެވެ. އަދި ވަކީލު ކުރަނީ ހަމައެކަނި ﷲ އަށެވެ. ﷲ ގެ ނޫރުފުޅު ނިއްވާލުމަށް ކިތައްމެ ހިތް އެދުނު ކަމުގައިވިޔަސް އެ ނޫރުފުޅު ނިއްވާ ނުލެވޭނެއެވެ.

މިފަދަ ވަގުތެއްގައި އަޅުގަނޑުމެންގެ އީމާން ތެރިކަން ވަރުގަދަ ކުރަންވީ ރަސޫލުﷲ ޞައްލަﷲ ޢަލަހި ވަޞައްލަމަ އާއި ޞަހާބީން ދީނަށްޓަކައިވި ޤުރުބާން ހަނދާން ކުރުމުންނެވެ. އެބޭކަލުންނަށް ޖެހުނު ބުރަތަކާއި މުޞީބާތްތަކާއި އުނދަގޫތައް ހަނދުމަ ކުރުމުންނެވެ. އަދި އެބޭކަލުންނަށް ލިބުނުވޭނާއި ކެކުޅުންތަކެވެ. އެހެންމަވެސް އެއިން އެއްވެސް ކަމެއްގެ ސަބަބުން އެބޭކަލުން ދީން ފިޔަވާ އެހެން ކަމެއް ޚިޔާރު ނުކުރައްވަވައެވެ. ﷲ ގެ އަމުރުފުޅުތަކު މައްޗަށް ދުނިޔެ ޚިޔާރެއް ނުކުރެއެވެ. އެކަމުގެ ޖަޒާއެއްގެ ގޮތުން ﷲ އެބޭކަލުންނަށް ރުއްސަވާ ދެއްވި މަތިވެރި ޖަންނަތު ނުފުދޭތޯއެވެ؟ އަޅުގަނޑުމެން މިއަދު ހިތްވަރު ލިބިގަންނަންވީ ނަމާދާއި ކެތްތެރިކަމުންނެވެ. ހަތިޔާރެއް ކަމުގައި ލިބެން އޮތް އެއްމެ ބޮޑު އެއްޗަކީ ތިބާގެ ދުލާއި ހިތެވެ. އެ ދުލާއި ހިތުން ﷲ އަށް ދުޢާކޮށް ދަންނަވާށެވެ. ﷲ އީ ޞާލިޙް އަޅުތަކުންގެ ދުޢާ އިޖާބަކުރައްވާ ރަސްކަލާންގެއެވެ. "ޔާ ރައްބުލް ޢާލަމީން. އަޅަމެންގެ ތެރޭގައި ތިބި ފިތުނަވެރިންގެ ފިތުނައިގެ ސަބަބުން އަޅަމެންގެ މައްޗަށް އާއްމު ވެގެންވާ ކޯފާއެއް ނުފޮނުއްވާން ދޭވެ! އަދި އަޅަމެންނީ އީމާން ވުމަށްފަހު ކާފިރުވެގެންދާ ބަޔަކު ކަމުގައި ނުލައްވާންދޭވެ! އަދި ކާފިރުވި މީހުންގެ މައްޗަށް އަޅަމެނަށް ނަޞްރުދެއްވާން ދޭވެ"

އެއްމެހާ ދިވެހި ލޮބުވެތި މުސްލިމް އަޚްނާއި އުޚުތުންނޭވެ. ދީނީ ނަސޭޙަތްދޭކަށް ﷲ ގެ އަޅުތަކުންގެ ތެރެއިން އަޅެއްގެ ހުއްދައަކަށް ބޭނުމެއް ނުވެއެވެ. އެކަމަކީ ﷲ ޞުބުޙާނަހޫ ވަތަޢާލާ ހުއްދަ ދެއްވާ ސެޓްފިޓް ދެއްވާފައިވާ ކަމެކެވެ. ދިވެހިރާއްޖޭގެ ޤާނޫނޭ ދުނިޔޭގެ ޤާނޫނޭ ބުނެ ﷲ ގެ ޤާނޫނުތަކުގެ މައްޗަށް ހަދާފައިވާ އެއްވެސް ޤާނޫނަކަށް ބޯލަނބާ ކިޔަމަން ގަތުމަކީ ﷲ އާއި ރަސޫލާއަށް ކާފިރުވުންކަން ދަންނާށެވެ. އޭ މަގޭ ލޮބުވެތި މުސްލިމު އަޚްތަކުންނޭވެ! ހެޔޮކަންތަކަށް އަމުރުކޮށް ނުބައިކަންތައްތައް ނަހީކޮށް ހެދުމަށް އެއްމެހާ މުއުމިންތަކުންނަށް ﷲ ވަނީ ގަދަ އަމުރުކުރައްވާފައެވެ. ތިޔަބައިމީހުން ދަލީލަކަށް ބޭނުންވާނަމަ ކީރިތި ޤުރުއާނާއި ރަސޫލުﷲ ޞައްލަﷲ އަލަހި ވަޞައްލަމަގެ ޙަދީސްތައް ބައްލަވާށެވެ. އެތައް ބައިވަރު ދަލީލެއް ލިބޭހުއްޓެވެ. ވީމާ އެކަންކަން ކުރަން އެއްވެސް މީހަކު ފަހައް ނުޖެހޭށެވެ. ﷲގެ ޞާލިޙް އަޅުތަކުންނަށް މިދުނިޔޭގައި ބަލާ މުސީބާތްތަކާއި ކުރިމަތިވާނެއެވެ. އަނިޔާވެރި ކަމާއި ކުރިމަތިލާން ޖެހޭނެއެވެ. އެ އެއްމެހާ ކަންކަމަކީވެސް ފަހުން ދެއްވަން ހުރި ހެޔޮދަރުމަތަކަށް ތިބާ ޝަރުތު ފުރިހަމަވޭތޯ ބައްލަވަން ކުރައްވާ އިމްތިޚާނު ތަކެވެ. އެހެނެކޭ ކިޔާފާ ދުނިޔޭގެ އަނިޔާވެރިކަމުން ސަލާމަތް ވުމަށް ﷲ ގެ އަމުރުފުޅުތަކާއި ޤާނޫނު ތަކަށްވުރެ އަޅުންގެ ޤާނޫނުތައް އިސްކޮށް ދުނިޔޭގެ އެދުން ބޮޑުކޮށް އަޅުތަކުންނަށް ބިރުން ﷲ ގެ މަގުން އެއްކިބާ ނުވާށެވެ. އެކަން އެހެން ނުކޮށްފިނަމަ އޭރުން އަހަރެމެންގެ މައްޗަށް ގަދަވެގެންވާ ޢަޒާބެއް އައުން ގާތްވެގެން ވެއެވެ. ޝެއިޚް އިލްޔާސާއި އަދި ޝެއިޚް ފަރީދާއި އަދިވެސް އެއްމެހާ ޢިލްމުވެރިންނާއި މުސްލިމް ޞާލިޙް އަޅުތަކުންނަށް ކެތްތެރިކަން ދެއްވާ އަނިޔާވެރިން ބަލިކުރައްވާ ފާންދޭވެ! އާމީން ޔާރައްބުލް ޢާލަމީން.

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *