ރާއްޖޭގެ ކަންތައްތައް ތަރައްގީވެ ކުރިއަރާ ދާއިރު އެއްމެ ބޮޑަށް އިހުމާލު ކުރެވިފައިވަނީ އަދި ކުރެވެމުން ދަނީވެސް އަތޮޅުތަކާއި އަތޮޅުތަކުގައި ދިރިއުޅުއްވާ ރައްޔިތުންގެ ކަންކަމެވެ. އެގޮތުން މާލޭގެ ރައްޔިތުންނާއި އަތޮޅުތަކުގެ ރައްޔިތުން ވަނީ ގިނަ ގޮތްގޮތުން ތަފާތު ކުރެވިފައެވެ. އަތޮޅުތަކުގެ ރައްޔިތުން މާލެ އައުމަށްޓަކައި ކުޑަސިޓީގެ ނަމުގައި ވިސާނަގައިގެން މާލެ އައި ދުވަސް ވަރެއްވެސް ރައްޔިތުންވަނީ މާޒީގެ ތެރެއިން މާދުރުނޫން މާޒީއެއްގައި ދެކިފައެވެ. ކުޑަސިޓީގައި ނުޖެހި އުޅޭ އަތޮޅުތެރޭގެ މީހަކު އެނގިއްޖެނަމަ އެމީހަކު ވަގުތުން ސިފައިންގެއަށް ގެންދެވެއެވެ. އަދި އަތޮޅުތެރެއިން މާލެއަންނަ އޮޑިފަހަރު މާލޭ ފަޅަށް ވަނުމާއިއެކު ދޯނީގެ ކައްޕިތާނުގެ ފުރަތަމަ ވާޖިބަކީ މިދެންނެވި ކުޑަސިޓީ ސަރުކާރުގެ ކަމާއިބެހޭ ވުޒާރާއާއި ހަވާލުކުރުމެވެ. އެކަން ލަސްވެއްޖެނަމަ އެމީހަކުޖެހެނީ ޖަލުގެ ތޭރިތަކުގެ ބިއްދޮށުގައި ލަސްވެލާށެވެ. އާދެ އެމީހެއްގެ ޖާގައެއްކަމުގައި ވަނީ ޖަލެވެ.
އަތޮޅުތަކުގެ ރައްޔިތުންނާއި މެދު މާލޭމީހުން ދެކެމުން އައީ އަޅުން ނުވަތަ ޖަނަވާރުންގެ ގޮތުގައެވެ. އަދި ދެރަކޮށްލާ ނިކަމެތި ކޮށްލުމަށްވެސް ތަފާތު ބަސްތައް އަމާޒުކުރަމުން ދެއެވެ. އެމީހުނާއިމެދު އެހާވެސްބޮޑަށް ވަނީ އެކިގޮތްގޮތުން ތަފާތު ކުރެވިފައެވެ. އެހެންނަމަވެސް މިއަދު މާލެއިން މިފެންނަ ތަރައްގީގެ އަސްލަކީ އެއްވެސް އުޖޫރައަކާއިނުލާ އަތޮޅުތަކުގެ ރައްޔިތުން ކޮށްދީފައިވާ މިންނެއް ބުރަ މަސައްކަތެވެ. އެގޮތުން ދިވެހިރާއްޖެ އާއި ބޭރުދުނިޔެއާއި ގުޅުވާލަދޭ ދޮރާށި ކަމަށްވާ ހުޅުލޭގައިވާ މާލޭ އިންޓަނޭޝަނަލް އެއާޕޯޓާއި ދަރުބާރުގެ ފަދަ މަސައްކަތްތަކީ ދިވެހިރައްޔިތުން ޚާއްޞަގޮތެއްގައި އަތޮޅުތެރޭގެ ބޭފުޅުން ކޮށްފައިވާ ބުރަ މިންނެއް މަސައްކަތް ތަކެވެ. އެމީހުންވަނީ އެކަމުގައި އެމީހުންގެ ޖާނާއި މާލުން އެކަމަށް ގުރުބާން ވެފައެވެ. އެހެންނަމަވެސް އަދިވެސް އެމީހުނާއިމެދު އިހުމާލު ކޮށްލެވިފައިވަނީ ވަރަށްވެސް ބޮޑަށެވެ. އެމީހުންގެ ފަރާތުން ވޯޓެއް ބޭނުންވެއްޖެނަމަ އެވަރެއް ނެތެވެ. އެކަން ނިމުމުން އޭގެ ހަދިޔާއަކަށް ފެންކައްކާ ބޮލީގެ އިއްޒަތް އެމީހުނަށް ލިބެއެވެ.
މިހާރުވެސް އަތޮޅުތެރެއިން އަންނަފަރާތްތަކަށް ދަތިވާ ވަރަށްގިނަ ކަންތައްތައް އެބަހުއްޓެވެ. އޭގެތެރެއިން އެންމެ ދަތިވާ އެއްކަމަކީ އެމީހުން މާލެ އައުމަށްފަހު ފަސޭހައިން އަރާފޭބޭނެ ގޮތެއް ނެތުމެވެ. މިހެންވުމުން މިހާރު އަތޮޅުތަކުން އަންނަ މީހުން މާލެ އަރާ ފޭބުމުގައި އުޅެންޖެހިފައި މިވަނީ ވަރަށް ދަތި ހާލެއްގައެވެ. އަވިދޭނަމަ ރަތްދަކަ އަވީގެ ތެރެއަށް ނުވަތަ ވާރޭވެހޭނަމަ ވާރޭގެ ތެރެއަށެވެ. މިހާރު މިކަން އޮތްގޮތުން ބޯޓުފަހަރަށް މީހުންއަރާ ފޭބުގެ ތެރޭގައި ބައެއްފަހަރު ވަރަށް ހިތާމަވެރި ހާދިސާތައްވެސް ހިނގާފައިވާކަން ފާހަގަކުރަމެވެ.
އެހެންނަމަވެސް މާލެއާއި ވިލިނގިލި އަދި ހުޅުމާލެ ފަދަ ތަންތަނަށް ދަތުރުކުރާ މީހުނަށް ފެރީޓާމިނަލެއް ހުންނަފަދައިން އަތޮޅުތެރެއިން އަންނަ ފަރާތްތަކަށްވެސް މިފަދަ ތަނެއް ހެދުން ވަރަށް މުހިއްމުކަމުގައި އަޅުގަނޑު ދެކެމެވެ. މިތަނަކީ ބޯޓުތަކަށް މުދާއަރުވާ ބާލާ ސަރަހައްދާއި ވަކިން، މާލެ އަންނަ ބޯޓުފަހަރު އައިސް ފުރަތަމަ ފަސިންޖަރުންނާއި އެމީހުންގެ ފޮށިތަންމަތި ބާލާތަނެއްކަމުގައި ހެދިދާނެއެވެ. އަދި އެތަނުގައި ކުދި ފިހާރައާއި ފާޚާނާ އަދި ކެފޭފަދަ ޚިދުމަތްތައް ގާއިމު ކޮށްފައި ބެހެއްޓިދާނެއެވެ. މިފަދަގޮތަކަށް ތަނެއް ހެދިއްޖެނަމަ މިކަމުން ރައްޔިތުންނަށް ރަނގަޅު ޚިދުމަތެއް ދެވިފައި ސަރުކާރަށްވެސް މިއިން މަންފާއެއް ކުރާނެކަން ޔަގީނެވެ.
ޚިޔާލު