ރިޕޯޓް

ޒުވާނުން އެދެނީ ހަމައެކަނި އުފާކޮށް ނަށަން ހެއްޔެވެ؟

ކުޅިވަރާއި އަދި މިޔުޒިކްޝޯތައް ޒުވާނުންނާއި ގުޅުވަން ފެށުނީ ކޮން އިރަކުކަމެއް ދަންނަވަން ދައްޗެވެ. ކޮންމެއަކަސް ކައިރި މާޒީގައި ކަންކަން ބައްޓަންވަމުން އައީ އެފަދައިން ގުޅުވުމުގެ ސިޔާސަތުތަކެއްގެ ތެރެއިންނޭ ދެންނެވުމަކީ މުޅިން ގޯހަކަށް ނުވާނެއެވެ. ނަމަވެސް ވިސްނާލަން ވީ ނުކުތާއަކީ ދިވެހި ޒުވާނުން މިއަދު އެދެނީ ހަމައެކަނި މިޔުޒިކުޝޯތަކާއި ކުޅިވަރަށް ތޯއެވެ. އަދި  "ޒުވާނުންނާއި ކުޅިވަރު"، ނުވަތަ "ޒުވާނުންނާއި މިޔުޒިކު" ފަދަ ޝިޢާރުތަކަށް ތޯއެވެ.

ޤައުމުގައި މިވަޤުތު ގިނައީ ޒުވާނުންނެވެ. އަދި ޤައުމުގެ ޒުވާނުން މިއަދު އެދެނީ އެކަށީގެންވާ ރަނގަޅު އިޤްދިޞާދެއް ބިނާކުރުމަށެވެ. ޒުވާން ކަމުގެ ދުވަސްތައް  ދަރަނިތަކުގެ މަތީގައި ވޭތުކުރަން ބޭނުންވަނީ އަޅުގަނޑުމެންގެ ތެރެއިން ކޮން ޒުވާނެއްތޯއެވެ. އަދި ހަމަ އެބީދައިން ދަރަނިވެރިވެފައިވާ ޤައުމެއްގެ ޒުވާނުންތަކެއްގެ ގޮތުގައި ތިބުމަށް ކެތްވަނީ ކޮން ޒުވާނެއްގެ ލަނގޮޑިއަށްބާއެއެވެ؟ ވުމާއެކު، ވަޒީފާގެ ފުރުޞަތުތައް ތަނަވަސް ވުމާއި، ކޮރަޕްޝަން ނައްތާލުމާއި، އަކަށީގެންވާ އާމްދަނީއެއް ލިބުމާއި ދިރިއުޅުމުގެ އަގުތައް ތިރިވެގެން އައުމަކީ އަޅުގަނޑުމެން ޒުވާނުންގެ އެދުމެވެ.

ތަޢުލީމު އެންމެ ފުރިހަމަ ގޮތުގައި ހޯދެން އަންނަނީ ޒުވާން އުމުރުފުރައިގައެވެ. ސަބަބަކީ الرحمن ( އައް ރަޙްމާން) ގެ ރަޙްމަތްފުޅުން ދެއްވާފައިވާ ތޫނިފިލިކަމާއި، ހިތުދަސްކުރުމުގެ ބާރު އެންމެ ގަދައީ ޒުވާން އުމުރުގައި ކަމަށް ވީތީއެވެ. ނަމަވެސް، ދަރަނިވެރިނުވެ، މަތީ ތަޢުލީމު ޙާޞިލް ކުރުމުގެ ހުވަފެނަކީ މިއަދު ޒުވާނުން ދެކެމުން އަންނަ ހުވަފެނެކެވެ. ވުމާއެކު، މަތީ ތަޢުލީމު  ޙާޞިލްކުރުމަށް ޒުވާނުންނަށް ލޯނު ދޫކުރުމުގެ ފިކުރު ގެ ބަދަލުގައި ތަފާތު ފިކުރެއް ޒުވާނުންނަށްޓަކައި ހޯދަން އެބަ ޖެހެއެވެ.

އަޅުގަނޑަކީވެސް ޒުވާނަކީމެވެ. ޒުވާން ކަމުގެ ލެޔާއި ޖޯޝާއި ފޯރި މި ހަށިގަނޑުގެ ތެރޭގައިވެސް ހިނގައެވެ. އެހެން ޒުވާނުންނެކޭވެސް އެއްފަދައިންނެވެ. ނަމަވެސް މި ޖޯޝާއި ފޯރީގެ ތެރެއިން ދެދުނިޔެ ހަލާކުވެގެން ދިޔުމަކަށް އަޅުގަނޑުމެންގެ ތެރެއިން އެއްވެސް  ޒުވާނެއް ނޭދެއެވެ. މާތް ﷲ ގެ ޢަރްޝީގެ ހިޔާވަހިކަން ފިޔަވާ އެހެން ހިޔާވަހިކަމެއް ނުވާދުވަހުގައި ހިޔާވަހިކަން ލިބޭ ޒުވާނާއަށް ވުމަށް އަޅގަނޑުމެންގެ ތެރެއިން ނޭދެނީ ކާކުތޯއެވެ؟ ދީނުގެ އެންމެ އަސާސީ މިންވަރު ރަނގަޅަށް ދަސްނުވެ ޒުވާންކަން މިލާ މޯޅިވާން ބޭނުންވާނީ އަޅގަނޑުމެންގެ ތެރެއިން ކާކުތޯއެވެ؟ އަޅުގަނޑުމެންގެ މުޖްތަމައުގައި ޖާހިލުކަމުގެ ކަނޑުގައި ޣަރަގުވަމުން ދާ ޒުވާނުންތަކެއް އެބަތިއްބެވެ. ޑްރަގްސްއާއި، ބަދުއަޚްލާޤީ ޢަމަލުތަކާއި، މިޔުޒިކުގެ އަނދިރިކަމުގެ ތެރޭގައި އަޅުގަނޑުމެންގެ އަޚުން ނެތިފަނާވާކަށް ބޭނުމެއްނޫނެވެ.

ވުމާއެކު، އެކި އެކި ދުވަސްތަކާއި، ހަފްލާތައް ފާހަގަކުރުމުގެ ނަމުގައި ޒުވާނުންގެ ޖޯޝުތައް އުތުރިއަރާފަދަ މިޔުޒިކު ޝޯތައް ބޭއްވުމަކީ ޒުވާނުން އެދޭކަންކަން ފުރިހަމަ ވާނޭ ކަމެއް ނޫނެވެ.

އެންކަމުން، ތިބާއަކީ ޒުވާނުންގެ ތާއީދާއި ލޯބި ހޯއްދެވުމަށް އެދިލައްވާ ފަރާތެއްނަމަ، ޒުވާނުން އެދޭ ކަންތައްތައް ކުރައްވާށެވެ. މަޖާ ކުރުމާއި، އުފާ ކުރުމުގެ ނަމުގައި ނުބައި ކަންތައްތަކެއްގެ ޖަލުގައި އަޅުގަނޑުމެންގެ ޒުވާންކަން ޖެއްސުވިޔަ ނުދެއްވާށެވެ. އަޅުގަނޑުމެން ޒުވާނުން މިއަދު އެދެނީ ހަމައެކަނި ވަޤުތީ އުފާތަކެއް ނޫނެވެ. ލަވަކިޔާ ނެށުމާއި ކުޅިވަރު ޚާނާތަކާއި ޒުވާންކަން ގުޅުވާ ޕޮލިސީތަކެއްވެސް ނޫނެވެ. ނަމަވެސް މިއަދުގެ ޒުވާނުން އެދެނީ ޤައުމުގެ ތަރައްޤީއާޢި ހަމަޖެހުމުގައި ޒުވާނުން ހިއްޞާކުރުވުމަށެވެ. އަދި ދެދުނިޔޭގެ ކާމިޔާބީ ޙާޞިލްކުރާ ޒުވާން އަމީރަކަށް ވުމަށެވެ.

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *

More in ރިޕޯޓް