ވާހަކަ

ބިރުވެރި ފުރާވަރު

ލޮލުގެ އޮޕަރޭސަން ކުރިތާ ދެދުވަސްފަހުން މޫނުމަތީގައި ބަނދެފައި ހުރި ފޮތިގަނޑު ނައްޓުވަން ފަށައިފިއެވެ. އަހަރެންގެ ހިތް އަވަސް ވިއެވެ. ކުރިމަތިން ފެންނާނީ ކޮން އެއްޗެއް ކަމެއް ވަޒަން ކޮށްލެވޭ ގޮތެއް ނުވިއެވެ. ހިތަށް ހަމަ ސިފަނުކުރެވެނީއެވެ. ލޮލުގެ ފެނުމުން ހަޔާތުން މިވީ ހާ ދުވަހު މަހުރޫމުވެފައި ހުރެފައި ކުއްލިއަކަށް އެ ނިއުމަތް ލިބުމަކީ ހާދަހާ ބޮޑު އުފަލެއް ލިބޭނެ ނިއުމަތެއްތާއެވެ.

އެކަމަކު ކަންވީ ހީކުރި ގޮތަކަށް ނޫނެވެ. އެންމެންވެސް އުންމީދުކުރި ގޮތާ ހިލާފަށެވެ. އަހަރެންގެ ދެލޮލުގެ ކަޅުކަޅިވަނީ ހުދުވެފަ ކަމަށް ޑޮކްޓަރ ބުނާއަޑު އިވުނެވެ. އަހަރެންނަށްވެސް ހުރިހާ ކަމެއް ގޯސްކަން އެނގުނީ ފޮތިގަނޑު ނައްޓައިގެން އެތައް އިރެއްވީ އިރުވެސް އަހަރެންނަށްވެސް އެހުރިހާ މީހުން ސިފަކޮށްދޭ ވައްތަރުގެ އެއްވެސް އެއްޗެއް ނުފެންނާތީއެވެ. އަހަރެންގެ ހިތް ތެޅެން ފެށިއެވެ. އަހަރެންގެ ލޯ ކުރިން އިންގޮތަށް ނޫން އެހެންގޮތަކަށް މިހާރު އިންނަންވީ ކީއްވެބާއެވެ. އަނެއްކާ އަހަރެންގެ ލޮލުގެ ކަޅުކުލައިގައި އިންނަ ކަޅިއަށް ވީ ކިހިނެއްބާއެވެ. ކަޅާ ހުދުގެ ތަފާތެއް ނޭންގުނަސް އަހަރެން ކަޅި އިންނަނީ ކަޅު ކުލައިންކަން އެންމެންގެ ވާހަކަތަކުން ދޭހަވާހައިވެއެވެ. ލޮލަށް ކުލަތަށް ނުފެނުނަސް އަހަރެންގެ ހަވަނަ ހިއްސުން މިހުރިހާއެއްޗެއްގެ ތަފާތުވަކިކުރާ ކަހަލައެވެ.
ދެން އިވުނީ ޑޮކްޓަރުގެ އަޑުލެއްވުންތަކެވެ. ވަރަށް ސިއްރުން މާދުރުގައި ހުރެގެން އެކިޔާ އެއްޗެހިވެސް އަހަރެންނަށް އަޑުއިވެއެވެ. އަހަރެންގެ ހަވަނަ ހިއްސު ހާދަހާވައިތޫނީއެވެ. އެހެން މީހުންނަށް ނުއިވޭ ތަފާތު އަޑު އަހަރެންނަށް ފާހަގަކުރެވުނީއަކީ މަދެއްކޮށެއް ނޫނެވެ. ” ދެން އުއްމީދެއް ނެތް. އެކަމަކު އަދި 5 އަހަރު ފަހުން އަނެއްކާވެސް މަސައްކަތްކޮށްލެވިދާނެ” ޑޮކްޓަރުގެ މިޖުމްލަ އަހަރެންނަށް އަލެއް ނޫނެވެ. ކިތަންމެ ޑޮކްޓަރަކު މިހެން ބުނާއަޑު އަހައިފީމެވެ. އެކި ކަރަކަރައިގެ ޑޮކްޓަރުންނެވެ. އެއިން ކޮންމެ މީހަކަށްވެސް ދެއްކުމަށްޓަކައި އަހަރެންގެ މައިންބަފައިން ވަރަށްގިނަ ހޭދަކުރަމުން އަބަދުވެސް ދެއެވެ. ފައިސާ ލޮލަށް ނުފެނުނަސް އެއީ އެހެން ކަރުދާހާ ހިލާފުކަރުދާހެއްކަން އަތްލީމަ އެނގޭހައިވެއެވެ.

ދެން އަހަރެންވެސް ލޮލަށް ނުފެނިގެން ސަކުވާ ނުކުރާނީއެވެ. ނަމަވެސް ގެޔަށް ބަދަލުވިތާ ތިންދުވަސް ތެރޭ އަހަރެންނަށް ތަފާތު ބަދަލުތައް އަންނަން ފަށައިފިއެވެ. އަހަރެންގެ ލޮލުން މަންމަ މެނަށް ކޮންމެސް އެއްޗެއް ފެންނަނީއެވެ. އެއީ ކޯއްޗެއްބާއެވެ. އެންމެންވެސް އަހަރެންގެ ލޮލުގެ ކުލަ އެކި އިރަށް އެކި ކުލަޔަށް ބަދަލުވަމުންދާކަމަށް ބުނަންފަށައިފިއެވެ. ޑޮކްޓަރަށް ގެންދިޔުމަށް ވަރަށް އާދޭސްކުރިއެވެ. ނަމަވެސް އަހަރެން ލޮލުގެ މަތިން އުންމީދުކަނޑާލާފައި ގޭގައި ހުންނަން ނިންމީއެވެ.
އަހަރެންނަށް ނިދަން އޮއްވާ މިރޭވެސް އަނެއްކާވެސް އަހަރެންނަށް ގޮތެއްވާން ފަށައިފިއެވެ. ލޮލަށް ބާރުގަނޑެއް އަރާފައި ދެން އެކި އެކި ސޫރަތައް ލޮލުގެ ކުރިމަތީގައި ސިފަވަނީއެވެ. އަހަރެންނަށްނަށް ފުރަތަމަ ކޮޅު އެކަންވީ މަޖަލަކަށެވެ. ނަމަވެސް…. ނަމަވެސް ކޮންމެސް ގޯހެއް އެބައުޅެއެވެ. އަހަރެންނަށް ނޭންގޭ ކަންތައްތަކެއް އަހަރެންގެ ވަށައިގެން ހިނގަމުންދާ ކަމުގެ އިހުސާސްކުރެވެން ފަށައިފިއެވެ. ކޮންމެ ރެޔަކުވެސް ވަކި ގަޑިއެއްގައެވެ.
ބިރުންއޮތްނަމަވެސް މަންމަމެން ގާތު މިވާހަކަ ނުބުނީ މަންމަމެން ކަންބޮޑުވެގެން އުޅެފާނެތީއެވެ.

މިރޭވެސް އެވަގުތު ޖެހިއްޖެއެވެ. ކުއްލިއަކަށް އަހަރެންގެ ލޮލުގެ ކުރިމައްޗަށް އައިސް ހުއްޓުނީ ކަޅުބިޔަ މީހެކެވެ. އޭނާ އަހަރެންނަށް ގޮވަނީއެވެ. ކޮންމެސް ތާކަށް އައުމަށް ދައުވަތުދެނީއެވެ. ހަދާނެ ނަހަދާނެ ގޮތެއް ނޭންގިގެން އަހަރެން ހަޅޭއްލަވަން ފަށައިފީމެވެ. ނަމަވެސް އަޑުއިވޭ ހިސާބުގައި އެއްވެސް މީހަކުނެތެވެ. އެމީހަކު މަޑުމަޑުން އައިސް އަހަރެންގެ ދެ ލޮލަށްބަލާލިއެވެ. އަހަރެންނަށް ހަމަ އަސްލުވެސް ފެންނަނީބާއެވެ.
އިރުކޮޅެއްނުވެ އެމީހަކު އެނދުގެ ދަށަށް ގޮސް ގެއްލެނީއެވެ. ދެން އަނެއްކާވެސް އަހަރެންނަށް އެއްވެސް ތަނެއް ނުފެންނަން ފެށިއެވެ. ކޮންމެރެޔަކު ހަމަ އެއްގަޑިއެއްގައި މި މަންޒަރު ތަކުރާރުވަނީއެވެ. ކޮންމެރެޔަކުވެސް ތަފާތުމީހެކެވެ. ބޮޑު ފަލަ އަންހެނެއްވެސް ބަޔެއް ފަހަރަށް ފެނެއެވެ. އަނެއްކާ މިއީ އަހަރެންނަށް ފެންނަ ހުވަފެނެއް ނޫންބާވައެވެ.

މިގޮތަށް ތަކުރާރުވަނީ ހަފުތާޔަކު ހަތަރު ރެޔެވެ. މެދުކެނޑޭ ރޭރޭ ހަމަ އެއްވެސް އަޑެއް ބަޑެއް ނީވެއެވެ. މިކަމާ އަހަރެން ވިސްނަން ފަށައިފީމެވެ. އެނދުގެ ދަށުގައިވަނީ އަނެއްކާ ކޮންއެއްޗެއްބާވައޭ އަހަރެންގެ ހިތަށް އަރަމުން ދިޔައެވެ. އަހަރެން ކަހަލަ ކަނުއަނދިރި މީހަކަށް އެތަން ހޯދިޔަސް ފެންނާނީ ކޮންއެއްޗެއްބާވައެވެ. މިރޭމިއީ ހަމަ އެރެޔެވެ. ކޮންމެގޮތެއް ވިޔަސް އަހަރެން މިވާހަކައެއްވެސް މީހެއްގާތުގައި ނުބުނާނަމެވެ. ހަމަ ވާގޮތެއް ބަލަން ހުންނާނީއެވެ.

އަހަރެން މަޑުމަޑުން އެނދުގައި އޮށޯވެގެން އުޑުތިލަމަތިން އޮތީމެވެ. ދެލޯމަރައިގެންނެވެ. އެކަމަކު މިރޭ އެމަންޒަރުތައް ސިފަވާންފެށީ އެހެން ރޭރެޔާ ހިލާފަށެވެ. އެމަންޒަރު ސިފަވަނީ ހިތަށެވެ. ދެމީހަކު އައިސް އަހަރެންގެ ގައިގައި ކޮއްޓަނީއެވެ. އެނދުގެ ދަށަށް އައުމަށް ހަނާއަޅަނީއެވެ. އަހަރެންގެ މޭގަނޑު ބަން ކިޔާފައި އަނގައިން ބޭރަށް އަތުވެދާނެހެންވެސް ހީވެއެވެ. ބިރުންނެވެ. އެކަމަކު އަހަރެން މިރޭ އެ އެނދުގެ ދަށުގައިވަނީ ކޮންއެއްޗެއްތޯ ބެލުމަށް މަސައްކަތްކުރާނަމެވެ. ލޮލަށް ނުފެނުނަސް އެތަނުގައި އެއްޗެއްވާނަމަ އަހަރެންގެ އަތުގައި ޖެހޭނެތާއެވެ. މަޑުމަޑުން އަހަރެން ބެޑުސީޓުގެ ދަށުން އެތެރެޔަށް ދެމިގަތީމެވެ. އެވަގުތު އަހަރެން ވަޅުގަނޑެއް ކަހަލަތަނަކަށް ވެއްޓިއްޖެއެވެ. ދެންވީ ގޮތެއް ހުދު އަހަރެންނަކަށްވެސް ނޭންގުނެވެ.

ވާނުވާ އަހަރެންނަށް އެނގުނު އިރުއޮތީ ހޮސްޕިޓަލުގައެވެ. ހަމަ ކުރީންއޮތް ކަނު އަނދިރިކަމުގައެވެ. އަހަރެންގެ އަތްފައި ތަޅުވާހެން ހީވެގެން ނަރުސް ކުއްޖަކު އަހަރެންގެ ގައިގައި ހިފާ ތަޅުވައިގަތެވެ. އަދި “މީނަ މަރެއްނުވެޔޭ” ގޮވާ އަޑު އިވެން ފަށައިފިއެވެ. މަޑުމަޑުން ޑޮކްޓަރު އައިސް އަހަރެންގެ މޫނުގައި އަޅާފައި އޮތް ބެންޑޭޖުގަނޑު ނައްޓުވާލައިފިއެވެ. އަހަރެންގ ދެލޮލަށް ހަމަ ހަގީގަތުގައިވެސް ފެންނަން ފެށިކަމާމެދު ސައްކުކުރެވުނެވެ. ނަމަވެސް އަހަރެންނަށް ފެންނަން ފެށިއެވެ. ހުރިހާ ކުލަތައް މަޑު މަޑުން ސާފުވަމުން ގޮސް ހުރިހާތަނެއް ފެންނަން ފަށައިފިއެވެ. އަހަރެން ވީ އުފަލުން ހަޅޭއްލަވައިގަތީމެވެ. ހޭން ފެށުނީ ބޭ އިހުތިޔާރުގައެވެ.

” މީނަ މޮޔަވެފަބާ؟ ” ޑޮކްޓަރު މަޑު މަޑުން ނަރުސްއާއި ކުރި ސުވާލު އަޑުއިވިފައި އަހަރެންނަށް ރޮއިގަނެވުނީ ކުރިން ހޭންފެށިވަރަށްވުރެ ބާރަށެވެ. ” އަހަރެން މޮޔައެއްނުވެ. އަހަރެންގެ ލޮލަށް އަލަށް ފެނުނީމަ އަހަރެން ރޯންވީތޯ” އަހަރެން ބާރަށް ހަޅޭއްލަވައިގަތީމެވެ. ޑޮކްޓަރުހުރީ ފާޑަކަށް ގަބުވެފައެވެ. “ކުރިން ލޮލަށް ނުފެނޭތޯ؟” ޑޮކްޓަރުކޮށްލީ ސުވާލެކެވެ.

އަޖާއިބުވެފައި ހުރި ބީރައްޓެހި ޑޮކްޓަރ ނަރުސްއާއި ދިމާލަށް ބަލާލީ އަޖާއިބުވެގެންނެވެ. މިވަނީ ކިހިނެއްބާއޭ ބުނާކަހަލަ ގޮތަކަށެވެ.  އަހަރެންގެ އާއިލާމީހުން އަނެއްކާ ކޮބައިބާވައޭ އަހަރެންގެ ހިތަށް އަރަމުން ދިޔައެވެ.  އޭރު ނޫކުލައިގެ ފާޑެއްގެ ހެދުމެއް ލައިގެން ތިބި ބަޔަކު
އެތަނަށް ވަނުމަށްފަހު “މިއީ ފުލުހުންނޭ” ބުނުމަށްފަހު އެންމެން ފޮނުވާލައިފިއެވެ. ބޮޑު ބިޔަ އަންހެނަކު އަހަރެންނާ ގާތްވުމަށް ފަހު ސުވާލުތަކެއް ކުރަމުންދިޔައެވެ.

“ތިޔަގޭގައި ތިބި އެންމެން ވީނުވީ ގޮތެއް ނޭންގިގެން އަވައްޓެރިން ފުލުހުންނަށް ރިޕޯޓުކޮށްގެން ދިޔައީ. ހަމައެކަނި ވިންދުޖަހާމީހަކަށްވެސް މީހުން ސަލާމަތްކުރާ މީހުންނަށް ފެނުނީ ކަލޭ. އެވެސް ވަޅުގަނޑެއްގެ ތެރެއަށް ވެއްޓިފަ އޮއްވާ. އެތަނުގައި އަންހެނަކާއި ފިރިހެނަކު މަރާލާފައިވެސް އޮތް. އެތަން ފެނުނީ ގެ ވަރަށް ރަނގަޅަށް ބަލާ ފާސްކުރަނިކޮށް. އަހަރެމެން ބެލި ބެލުމުން އެނގުނީ ތިގެޔަކީ މީގެ އަށްޑިހަ އަހަރުން ފެށިގެން ފަޅަށް ހުރި ގެޔެއްކަން.

އެވަޅުގަނޑަށް ވެއްޓުނު އެއްވެސް ގޮތެއް އެނގޭތަ؟” އަންހެނާގެ ސުވާލުތައް ވަރަށްވެސް އަވަހެވެ.
އެޔާއެކު އަހަރެންގެ ބަޑި ފަޅައިގެން ހިނގައްޖެއެވެ. އަހަރެންގެ މަންމަޔާއި ބައްޕަ ފިޔަވައި ދެން މަރުވެފައި އޮންނާނީ ކޮންބަޔެއްބާވައެވެ.
“އެމީހުން ކޮބާ؟” އަހަރެން މަޑު މަޑުން އަހާލީމެވެ.

“އެއީ މީހުންތަކެއް ނޫން. އެއީ މީގެ އެތައް އަހަރެއް ކުރީން މަރުވެފައި ނުވަތަ މަރާލާފައި އޮތް ދެކަށިގަނޑު”
އޭރު އަހަރެންނަށް ވީނުވީއެއް ކިރިޔާ ރޯފިލީއެވެ. މިޔޮއް ހުރިހާ ދުވަހު މައިންބަފައިންކަމަށް ހީކޮށް މިއުޅެވުނީ ދެ ރޫހާއެކުއެވެ. ލޮލަށް ނުފެނުނީ ދެލޯ ކަނުވީމައެއްވެސް ނޫނެވެ. އެދެރޫހު އަހަރެންނަށް ފެންނަން ބޭނުން ނުވީއެވެ. އެހެން މީހުން ހީކުރީ އަހަރެން އެގޭގައި ދިރިއުޅުނީ އެކަނި ކަމަށެވެ. އަހަރެންގެ ވާހަކަތައް އިނގެންދެނެވެ. އެކަމު….

އެކަމަކު މިއަދު އަހަރެން ދޫކޮށްލާފައި އެދެ ރޫޙު އެ ދިޔައީ ކޮންތާކަށް ބާވައެވެ؟ އަހަރެންގެ ހަގީގީ މައިންބަފައިން ކޮބާބާވައެވެ؟ އަހަރެންނަށް އެދެރޫޙުގެ ގަބުރަށް އަނިޔާ ދެވުމުން އަހަރެން ދޫކޮށްލީބާވައެވެ. ނަމަވެސް މިސުވާލުތަކުގެ ޖަވާބެއް އަހަރެންނަކަށް ހޯދަން އުޅެ އުޅެވެސް ނުލިބުނެވެ. އަދި ކުރިޔަށް އޮތްތަނުގައި ލިބޭނެ ކަމެއްވެސް ނޭންގެއެވެ. މިއީ އަހަރެންގެ ހަޔާތުގައި ހިނގި ހަގީގީ ހާދިސާއެކެވެ. އަހަރެންނާއި ދިމާލަށް މީހުން މަލާމާތަށް “ގޮސްޓު ގާލް” އޭ ގޮވަނީ މި ސަބަބުތަކާ ހެދި ކަމަށްވިޔަސް އަހަރެން ދެރައެއްނުވެއެވެ. އެދެ މީހުންދެކި އަހަރެން އަދިވެސް ލޯބިވެއެވެ.

ނޯޓު: މިއީ ވަރަށް އާދަޔާ ހިލާފު ޑައިރީއަކުން ނެގިފައިވާ ހުލާސާ ވާހަކައެކެވެ. ވާހަކަ އެކުލަވާލެވިފައި މިވަނީ ފުރާވަރުގެ އަންހެން ކުއްޖަކަށް ދިމާވި ހާދިސާއަކުންނެވެ. މިހާދިސާ ހިނގީ އެމެރިކާގެ އަވަށެއްގައެވެ. ޑައިރީގެ ވެރިޔާ ބޭނުންވަނީ އެ ސިޓީގެ ނަން ހާމަނުކުރާށެވެ.

ގުޅުންހުރި

1 ޚިޔާލު

  1. mi vaahaka vvv.hadi. vee nuvee eh neyn`gunu

Your email address will not be published. Required fields are marked *

More in ވާހަކަ