އިމާމް އަބޫ ޙަނީފާ (ރަޙިމަހުﷲ) އެއްދުވަހަކު މިސްކިތުގައި އިންނަވަނިކޮށް، ޚަވާރިޖުންގެ ޖަމާޢަތެއްގެ މީހުން ކަނޑި އުރައިންދަމައިގަނެގެން މިސްކިތަށް ވަނެވެ. އަދި އަބޫޙަނީފާގެ އަރިހަށް އައިސް އެކަލޭގެފާނު ވަށައިލިއެވެ. ދެން އެކަލޭގެފާނާއި އެމީހުންނާ ދެމެދު ދެކެވުނު ވާހަކަތައް ތިރީގައިމިވަނީއެވެ.
ޚަވާރިޖުން: އޭ އަބޫޙަނީފާއެވެ! އަހަރަމެން، ތިބާ އާއި ދެ ސުވާލެއް ކުރަމެވެ. ތިބާ އެ ދެ ސުވާލަށް ޖަވާބުދީފިނަމަ ރަގަޅަވެ. އެހެންނޫންނަމަ އަހަރަމެން، ތިބާ ޤަތުލުކޮށްލާނަމެވެ.
އަބޫޙަނީފާ: ކަލޭމެންގެ ކަނޑިތައް އުރަޔަށްލާށެވެ! އެހެނީ ތިޔަށް ބެލުމުން ތިމަންގެ ހިތް އެކަމުގައި މަޝްޣޫލުވަނީއެވެ.
ޚަވާރިޖުން: ނޫނެކެވެ! އަހަރަމެންގެ ކަނޑިތައް އެއްވެސް ޙާލެއްގައި އުރަޔަކަށްނުލާނަމެވެ. މިކަނޑިތައް ވަނީ ތިބާގެ ލެޔަށް ފެންބޮވައިގެންފައެވެ.
އަބޫޙަނީފާ: އެންމެ ރަގަޅެވެ. ސުވާލުކުރާށެވެ!
ޚަވާރިޖުން: ދޮރުމަތީގައި ދެމައްޔިތުންގެ ޖަނާޒާ އެބައޮތެވެ. އޭގެތެރެއިން އެކަކީ ރާބޮއި ޢަމަލުވެގެން ވަނިކޮށް މަރުވި މީހެކެވެ. ދެވަނަ މީހަކީ ޒިނޭގެ ސަބަބުން ބަލިވެއިން އަންހެނެކެވެ. އަދި ވިހެއުމުގެ ތެރޭގައި އޭނާ މަރުވީ ތައުބާނުވެ ހުއްޓައެވެ. މިދެމީހުންނަކީ މުއުމިނުން ހެއްޔެވެ؟ ނުވަތަ ކާފަރުންހެއްޔެވެ؟
އަބޫ ޙަނީފާ އާއި ސުވާލުކުރަން އައިސް ތިބި ޚަވާރިޖުންގެ މިގުރޫޕްގެ މީހުން ޤަބޫލުކުރާ ޢަޤީދާއަކީ ބޮޑުފާފައަކަށް އަރައިގެންފި މީހަކީ ކާފަރެކެވެ. އެހެންކަމުން މިޙާލަތުގައި އެދެމީހުންނަކީ މުސްލިމުންކަމުގައި އަބޫޙަނީފާ ވިދާޅުވެއްޖެނަމަ ޚަވާރިޖުންގެ ކުރިމަތީގައި އެކަލޭގެފާނުގެ ލޭ ހުއްދަވީއެވެ. އެހެންކަމުން އަބޫޙަނީފާ، އެމީހުންނާ ސުވާލުކުރެއްވިއެވެ. ކަލޭމެން ނިކަން ބުނެބަލާށެވެ! އެދެމީހުންނަކީ ކޮން ދީނެއް ޤަބޫލުކުރާ ބައެއް ހެއްޔެވެ؟ އެއީ ޔަހޫދީން ހެއްޔެވެ؟
ޚަވާރިޖުން: ނޫނެކެވެ.
އަބޫ ޙަނީފާ: ނަޞާރާއިން ހެއްޔެވެ؟
ޚަވާރިޖުން: ނޫނެކެވެ.
އަބޫ ޙަނީފާ: މަޖޫސީން ހެއްޔެވެ؟
ޚަވާރިޖުން: ނޫނެކެވެ.
އަބޫ ޙަނީފާ: ބުދަށް އަޅުކަންކުރާ ބައެއް ހެއްޔެވެ؟
ޚަވާރިޖުން: ނޫނެކެވެ.
އަބޫ ޙަނީފާ: އެހެންކަމަށްވާނަމަ އެއީ ކޮން ދީނެއްގެ ބައެއް ހެއްޔެވެ؟
ޚަވާރިޖުން: އެއީ މުސްލިމުންނެވެ.
އަބޫ ޙަނީފާ: ކަލޭމެން އަމިއްލައަށް ޖަވާބު ތިޔަ ދިނީއެވެ. ކަލޭމެން ތިޔަ އިޢުތިރާފުވަނީ އެދެމީހުން (ރާބުއިމީހާ އާއި ޒިނޭކުރި މީހާ) އެއީ މުސްލިމުންކަމުގައެވެ. އެހެންކަމުން ކަލޭމެން މުސްލިމަކު ކާފަރުކުރަނީ ކީއްވެހެއްޔެވެ؟
ޚަވާރިޖުން: އެދެމީހުންނަކީ ސުވަރުގެވަންތަވެރިން ހެއްޔެވެ؟ ނުވަތަ ނަރަކަވަންތަވެރިން ހެއްޔެވެ؟
އަބޫ ޙަނީފާ: ތިމަންވެސް އެދެމިހުންނާ ބެހޭގޮތުން ބުނާނީ އެދެމީހުންނަށްވުރެވެސް ނުބައިކަންބޮޑު މީހަކާ މެދު ﷲ ގެ ޚަލީލް، އިބްރާހީމް ޢަލައިހިއްސަލާމް ވިދާޅުވި ފަދައިންނެވެ. فَمَن تَبِعَنِي فَإِنَّهُ مِنِّي ۖ وَمَنْ عَصَانِي فَإِنَّكَ غَفُورٌ رَّحِيمٌ (سورة إبراهيم 36) މާނައީ: ފަހެ، މި އަޅާޔަށް ތަބާވެއްޖެ މީހަކީ، ހަމަކަށަވަރުން، އަޅުގެ (ދީނުގެ) މީހެކެވެ. އަދި އަޅާޔަށް އުރެދިއްޖެމީހާ (ދަންނާށެވެ!) ފަހެ، ހަމަކަށަވަރުން، އިބަރަސްކަލާނގެއީ، ގިނަގިނައިން ފާފަފުއްސަވާ، ރަޙީމްވަންތަ ރަސްކަލާނގެއެވެ.
އަދި ތިމަން ބުނާނީ އެދެމީހުންނަށްވުރެ ބޮޑު ފާފަވެރިޔަކާއި މެދު ޢީސާ ޢަލައިހިއްސަލާމް ވިދާޅުވިފަދައިންނެވެ. إِن تُعَذِّبْهُمْ فَإِنَّهُمْ عِبَادُكَ ۖ وَإِن تَغْفِرْ لَهُمْ فَإِنَّكَ أَنتَ الْعَزِيزُ الْحَكِيمُ (سورة المائدة: 118) މާނައީ: އެއުރެންނަށް، އިބަރަސްކަލާނގެ ޢަޒާބުދެއްވާނަމަ، ފަހެ، ހަމަކަށަވަރުން، އެއުރެންނީ، އިބަރަސްކަލާނގެ އަޅުންނެވެ. އަދި އެއުރެންނަށް އިބަރަސްކަލާނގެ ފާފަފުއްސަވާނަމަ، ފަހެ، ހަމަކަށަވަރުން، އިބަރަސްކަލާނގެއީ، ޢަޒީޒުވަންތަ ޙަކީމުވަންތަ ރަސްކަލާނގެއެވެ.
މިބަސްތައް އަޑުއިވުމުން އެމީހުންގެ ކަނޑިތައް އުރަޔަށް ލާން، ޚަވާރިޖުންނަށް މަޖުބޫރުވިއެވެ. އަދި އިމާމް އަބޫ ޙަނީފާއަށް އެއްވެސް ގެއްލުމެއްނުދީ އެމީހުން އެނބުރި ދިޔައެވެ.
______________________________________
މަޞްދަރު: ސުންހެރޭ އައުރާޤް / ޝެއިޚް ޢަބްދުލްމާލިކް މުޖާހިދު















މާޝާ ﷲ! ވަރަށް ޢިބްރަތްތެރި ވާހަކައެއް،
އިންޝާ ﷲ! މި އީ ވަރަށް ޢިބުރައިތްްތެރި އަދި ކޮންމެ އުމުރެއްގެ ކުއްޖަކަށްވެސް ކިޔޭނެ ވާހަކަ އެއް!