ރިޕޯޓް

ސިޔާސީ ފިކުރު (އެއްވަނަ ބައި)

އިސްލާމީ ނަޒަރުގައި ޕޮލިޓިކްސް އަކީ ކޮބައިކަން ސާފުވާން އެބަޖެހެވެ. ބައެއް މުސްލިމުން ދެކޭގޮތުގައި އިސްލާމް ދީނަކީ "ޑިމޮކްރެޓިކް" ދީނެކެވެ. އެހެންނަމަވެސް  ދީނީ ޢިލްމުވެރިން "ޑިމޮކްރަސީ" ޤަބޫލެއްނުކުރައްވައެވެ. ނުވަތަ ޑިމޮކްރަސީއަކީ އިސްލާމީ ނިޒާމެއްގެ ގޮތުގައި ބަލައިނުގަންނަވައެވެ. އެބޭކަލުން މި ނިޒާމު ޤަބޫލުނުކުރައްވާ ސަބަބަކީ ޑިމޮކްރަސީގައިވާގޮތުން ހުރިހާ ބާރުތަކެއް ފެށިގެން އަންނަނީ ރައްޔިތުންގެ ކިބައިންނެވެ. ޤާނޫނުތައް ހަދަނީ ރައްޔިތުންގެކިބައިން އިންތިހާބުކުރެވޭ ބައެކެވެ. ގިނަ ރައްޔިތުން ނުވަތަ "މެޖޯރިޓީ"އަކީ ޙައްގުކަމުގައި ޑިމޮކްރަސީގައި ބަލައިގަނެއެވެ. ނަމަވެސް އިސްލާމީ ނިޒާމެއްގައި ހުރިހާ ބާރުތަކެއް ފެށިގެން އަންނަނީ ޢާލަމްތަކުގެ ވެރި އިލާހު ﷲ سبحانه و تعالى‎ ގެ ފަރާތުންނެވެ. ޙައްޤާއި ބާތިލްވަނީ އެއިލާހުގެ ފޮތުގައި އަންގަވާފައެވެ. ގިނަ ރައްޔިތުންބޭނުންވިޔަސް އެއިލާހުގެ ޙުކުމްތަކެއް ބަދަލެއްނުކުރެވޭނެއެވެ. ނުވަތަ ގިނަ ރައްޔިތުން ބޭނުންވެގެން އެ ޙުކުމްތައް ތަންފީޒުނުކޮށް ހުރުމަކީވެސް އިސްލާމީ ނިޒާމެއްގައި އޮތްކަމެއްނޫނެވެ.

އިސްލާމީ ނަޒަރަކުން ބަލާއިރު ސިޔާސި ފިކުރު ނުވަތަ "އިސްލާމިކް ޕޮލިޓިކަލް ތޯޓް" އަކީ ކޮބާކަން ބަލާ ދިރާސާކުރަން އެބަޖެހެއެވެ. ދީނާ ސިޔާސަތު ވަކިކުރުމަށް ބައެއްމީހުން އަޑުއުފުލާ މިފަދަ ދުވަސްވަރެއްގައި އިސްލާމްދީނާއި ސިޔާސަތާއިހުރި ގުޅުންވެސް ދިރާސާކޮށް ބަލަންއެބަޖެހެއެވެ.

 އަހަރެމެންނަށް އެނގެންއޮތްގޮތުގައި ބިމުގައި މީސްތަކުންލައްވާފައިވަނީ އެބިން އާރާސްތުކޮށް ބިނާކުރުމަށެވެ. މިގޮތުން ދުނިޔޭގައި ފުރަތަމަ ލެއްވުނު خليفة އަކީ އާދަމްގެފާނެވެ. މިކަމަށް ޢިޝާރާތްކުރައްވާ ކީރިތި ޤުރުއާނުގައި ބަޔާންކުރައްވައިފައިވަނީ މިފަދައިންނެވެ. މާނައީ، "ހަމަކަށަވަރުން، ކަލޭގެފާނުގެ ވެރިރަސްކަލާނގެ ބިމުގައި خليفة އަކު ލައްވާހުށީމޭ ملائكة ންނަށް وحى ކުރެއްވިހިނދު ހަނދުމަކުރައްވާށެވެ!..." (2:30) މި އާޔަތުގައި ބަޔާންވެގެންއެވަނީ އާދަމްގެފާނު މިބިންމަތީގައި ޚަލީފާއަކު ކަމުގައި ލެއްވެވި ވާހަކައެވެ. އެބަހީ ބިން އާރާސްތުކޮށް އެބިމުގައި "ވެރިއެއްގެ" ގޮތުގައި އާދަމްގެފާނު ލެއްވެވި ވާހަކައެވެ. خليفة އަކީ މާތް ﷲގެ ފަރާތުން ބިމުގައި އެ އިލާހުގެ ޝަރީޢަތް ތަންފީޒުކުރުމަށް ލައްވަވާފައިވާ ވެރިންނެވެ. ޙަޤީޤީ ވެރިއަކީ މާތްﷲއެވެ. މާތްﷲ ވަޙީކުރައްވާފައިވެއެވެ. މާނައީ، " އުޑުތަކާއި، ބިމުގެ ވެރިކަން ملك ވެގެންވަނީ، އެކަލާނގެއަށެވެ. ދިރުއްވަނީވެސް، އަދި މަރުގަންނަވަނީވެސް، އެކަލާނގެއެވެ. " {57:2}

ޑިމޮކްރަސީއާއި ޚިލާފަށް އިސްލާމީ ވެރިކަމެއްގައި ހުރިހާ ބާރުތަކެއް ފެށިގެންއަންނަނީ މާތްﷲ سبحانه و تعالى‎ގެ ކިބައިންނެވެ. މިކަން ބަޔާންކުރައްވާ ޤުރުއާނުގައި އަންގަވާފައިވަނީ މިފަދައިންނެވެ. މާނައީ، "އެކަލާނގެއީ، އުޑުތަކާއި، ބިމުގެ ވެރިކަން އެކަލާނގެއަށް ملك ވެގެންވާ ރަސްކަލާނގެއެވެ. އަދި އެކަލާނގެ ދަރިކަލަކު ނުހިއްޕަވައެވެ. އަދި ވެރިކަމުގައި އެކަލާނގެއަށް އެއްވެސް ބައިވެރިޔަކު ނުވެއެވެ." {25:2} އަދިވެސް އަންގަވާފައިވެއެވެ. މާނައީ، "އަދި އެކަލާނގެ يدقدرة ފުޅުގައި ވެރިކަންވާ ރަސްކަލާނގެ މަތިވެރިވެ ވޮޑިގެންފިއެވެ." {67:1} އަދިވެސް ކީރިތި ޤުރުއާނުގައި ވަޙީކުރައްވާ އަންގަވާފައިވެއެވެ. މާނައީ، "އެކަލާނގެއީ، اللَّه އެވެ. އެކަލާނގެއީ، އެކަލާނގެ ފިޔަވައި حق ވެގެން އަޅުކަމެއްވެވޭ إله އަކު ނުވާ ރަސްކަލާނގެއެވެ. ރަސްވަންތަ ރަސްކަލާނގެއެވެ." {59:23}

ވެރިކަމަކީ ތިމާ އަމިއްލައަށް ހޯދައިގަންނަ އެއްޗެއްނޫނެވެ. ވެރިކަންދެއްވަނީ މާތްﷲއެވެ. އަދި ވެރިކަން ގެންދަވަނީވެސް މާތްﷲއެވެ. އެ އިލާޙު އިރާދަކުރެއްވި އަޅަކަށް ވެރިކަންދެއްވަވާ ފަދައިން އެއިލާހު އިރާދަކުރެއްވި އަޅެއްގެ އަތުން ވެރިކަން ނަންގަވައެވެ. މިކަން އަންގަވާ ކީރިތި ޤުރުއާނުގައި ވަހީކުރައްވާފައިވަނީ މިފަދައިންނެވެ. މާނައީ، "ކަލޭގެފާނު ވިދާޅުވާށެވެ! ވެރިކަން މިލްކުވެގެންވާ، ހައްދަވާ ބޮޑުކުރެއްވި ރަސްކަލާކޯއެވެ! އިބަރަސްކަލާނގެ އިރާދަކުރައްވާ މީހަކަށް ވެރިކަން ދެއްވަމުއެވެ. އަދި، އިބަރަސްކަލާނގެ އިރާދަކުރައްވާ މީހެއްގެ ކިބައިން ވެރިކަން ވަކިކުރައްވަމުއެވެ." {3:26}

މީސްތަކުންގެ މެދުގައި ވެރިކަންކުރުމަށް ތިމާ އިސްކުރެވޭހިނދު އަމިއްލަ ނަފްސުގެ މައްޗަށް ބޮޑާވެ އެއިލާހުގެ ޙުކުމްފުޅުތަކަށް ގޮންޖަހާ ނުކިޔަމަންތެރިވާ އަޅުންގެ އަތުން ވެރިކަން ނެންގެވުމަށް އެއިލާހު ކުޅަދުންވަންތައެވެ. އަދި މީސަތަކުންނަށް އަނިޔާވެރިވާ ވެރިން ނިކަމެތިކުރައްވައެވެ. މިކަން އަންގަވާ މާތްﷲ ވަޙީކުރައްވާފައިވެއެވެ. މާނައީ، "އަދި، އިބަރަސްކަލާނގެ އިރާދަކުރައްވާ މީހަކު މަތިވެރިކުރައްވަމުއެވެ. އަދި، އިބަރަސްކަލާނގެ އިރާދަކުރައްވާ މީހަކު ނިކަމެތިކުރައްވަމުއެވެ. އެންމެހާ ހެޔޮކަންވަނީ، އިބަރަސްކަލާނގެ يدقدرة ފުޅުގައެވެ. ހަމަކަށަވަރުން، އިބަރަސްކަލާނގެއީ، ކޮންމެކަމެއްގެ މައްޗަށް ކުޅަދުންވަންތަ ރަސްކަލާނގެއެވެ. " {3:26} އަދިވެސް ވަޙީކުރައްވާފައިވެއެވެ. މާނައީ، "ހަމަކަށަވަރުން، މީސްތަކުންނަށް إمام އަކު ކަމުގައި ތިމަންރަސްކަލާނގެ ކަލޭގެފާނު ލައްވާހުށީމެވެ. އެކަލޭގެފާނު ދެންނެވިއެވެ. ތިމަންއަޅާގެ ދަރިފަސްކޮޅުންވެސް މެއެވެ. އެކަލާނގެ وحى ކުރެއްވިއެވެ. އަނިޔާވެރިންނަކަށް ތިމަންރަސްކަލާނގެ عهد އެއް ނުލިބޭނެތެވެ." (2:124)

އިސްލާމީ ވެރިކަމެއްގައި ވެރިން ވާންޖެހޭނީ މާތްﷲގެ ޝަރީޢަތް މި ބިންމަތީގައި ތަންފިޒުކުރާ ބަޔަކަށެވެ. އަދި މީސްތަކުންގެ މެދުގައި ވެރިކަން ކުރައްވާއިރު ޢަދުލުވެރިކަމާއި އިންސާފުވެރިކަމާއެކު ވެރިކަންކުރުމަށް އިސްލާމްދީނުގައިވަނީ އަންގަވާފައެވެ. ކީރިތި ޤުރުއާނުގައި މިފަދައިންވަނީ ވަޙީކުރައްވާ އަންގަވާފައެވެ. މާނައީ، "އޭ داود ގެފާނެވެ! ހަމަކަށަވަރުން، ބިމުގައި خليفة އެއްކަމުގައި ތިމަންރަސްކަލާނގެ ކަލޭގެފާނު ލެއްވީމެވެ. ފަހެ، ކަލޭގެފާނު މީސްތަކުންގެ މެދުގައި حق ގޮތުގައި حكم ކުރައްވާށެވެ! އަދި އަމިއްލައެދުމަށް ކަލޭގެފާނު تبع ވެވަޑައިނުގަންނަވާށެވެ! ފަހެ، އޭރުން ކަލޭގެފާނު اللَّه ގެ މަގުން އެއްކިބާކޮށްފާނެތެވެ. ހަމަކަށަވަރުން، اللَّه ގެ މަގުން އެއްކިބާވާމީހުން (ދަންނާށެވެ!) حساب ބައްލަވާ ދުވަސް ހަނދާންނައްތައިލުމުގެ ސަބަބުން އެއުރެންނަށް ގަދަވެގެންވާ عذاب ހުށްޓެވެ." (38:26) ދާއުދުގެފާނަކީ މަތިވެރި ރަސޫލެއްގެ އިތުރުން ގަދަފަދަވެގެންވާ ރަސްކަލެކެވެ. ބާރުގަދަ ވެރިއެވެ. ޤުރުއާނުގައި ބަޔާންކުރައްވާފައިވާ ފަދައިން ވެރިން ވާންޖެހޭނީ ތެދުވެރި އަދި އިންސާފުވެރި ބަޔަކަށެވެ. ޒާތީގޮތުންނާއި، ނަޞްލީގޮތުން ނުވަތަ ކުލައިގެގޮތުން ވަކިބަޔަކު ތަފާތުކޮށް ކަންތައްކޮށްގެންނުވާނެއެވެ. ހުރިހާ އެންމެންގެ މައްޗަށް އިންސާފުން ކަންތައްކުރުމަކީ ވެރިންގެ މައްޗަށް ދީން ލާޒިމްކުރާކަމެކެވެ.

ވެރިން އިޚްތިޔާރުކުރާ އިރު ބަލަންޖެހޭ ކަންތައްތަކެއް ވަނީ ކީރިތި ޤުރުއާނުގައި ބަޔާންކުރައްވާފައެވެ. ވެރިންގެ ގޮތުގައި ހަށިގަނޑު ދުޅަހެޔޮ އަދި ޢިލްމު އުނގެނިގެން ތިބި މީހުން އިސްކުރުމަށް ދީނުގައި އިރުޝާދު ދެއްވާފައިވެއެވެ. ވަކިން ޚާއްޞަކޮށް ވެރިމީހާ ވާންޖެހޭނީ އިސްލާމު ދީނުގެ ޢިލްމުވެސް ލިބިގެންވާ މީހަކަށެވެ. ބަޤަރާ ޞޫރަތުގެ 247 ވަނަ އާޔަތުން ދޭހަވާގޮތުގައި ޠާލޫތު އެބައިމީހުންގެ ވެރިޔަކަށް އިސްކުރެވުނީ އެކަލޭގެފާނުގެ ބާރުގަދަކަމާއި ޢިލްމުވެރިކަމުގެ މައްޗަށް ބުރަވެއެވެ. އެއްވެސް ހާލެއްގައި އެމީހެއްގެ މުއްސަނދިކަމާއި ތަނަވަސްކަމަށް ބަލާފައެއްނޫނެވެ. މިކަން ބަޔާންކުރައްވާ ކީރިތި ޤުރުއާނުގައި މާތްﷲ އަންގަވާފައިވަނީ މިފަދައިންނެވެ. މާނައީ، " އަދި، އެއުރެންގެ ނަބިއްޔާ އެއުރެންނަށް ވިދާޅުވިއެވެ. ހަމަކަށަވަރުން، اللَّه، ތިޔަބައިމީހުންނަށް ރަސްކަލެއްކަމުގައި طالوت ފޮނުއްވައިފިއެވެ. އެއުރެން ދެންނެވޫއެވެ. އޭނާއަށްވުރެން ރަސްކަމަށް ތިމަންމެން حق ކަން ބޮޑުކަމުގައިވާއިރު، ތިމަންމެންގެ މައްޗަށް އޭނާއަށް ރަސްކަން އޮންނާނީ ކޮންފަދައަކުންތޯއެވެ؟ އަދި، އޭނާއަކަށް މުދަލުގެ ތަނަވަސްކަމެއްވެސް ލިބިފައެއް ނުވެއެވެ. އެ ނަބިއްޔާ ވިދާޅުވިއެވެ. ހަމަކަށަވަރުން، ތިޔަބައިމީހުންގެ މައްޗަށް اللَّه، އޭނާ خيار ކުރެއްވިއެވެ. އަދި، އޭނާއަށް علم އާއި، ހަށިގަނޑުގެ ގޮތުން ތަނަވަސްކަން އިތުރު ކުރެއްވިއެވެ. اللَّه، އެކަލާނގެ އިރާދަކުރައްވާ މީހަކަށް، އެކަލާނގެ ވެރިކަން ދެއްވައެވެ. އަދި، اللَّه އީ، ތަނަވަސްވަންތަ، މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ." {2:247}

ގުޅުންހުރި

1 ޚިޔާލު

  1. ދިވެހިރާއްޖެ އަޅުވެތި ކުރަން އިންގިރޭސިން ނާއި ގުޅިގެން ގ.ކެނެރީގޭ މުހައްމަދު ނަޝީދު އިންގިރޭސިން ނާއި ގުޅިގެން ކުރިކަންތަށްތަށް
    1/ އެއާ ޕޯޓް ޢައިރު މުސްލިމުންނަށް ކުއްޔަށް ދިނުން
    2/ ދިރާގު ހިއްސާ އިންގިރޭސިން ނަށް ވިއްކާލުން
    3/ ފެންކުންފުނީގެ ހިއްސާ ޢައިރުމުސް ލިމުންނަށް ވިއްކާލުން
    މިތިން ތަނުންވެސް ފައިދާ ލިބެނީ އިންގިރޭސިންނަށް!

Your email address will not be published. Required fields are marked *

More in ރިޕޯޓް