ވާހަކަ

ހަމައެންމެ ސީޑީއަކުން....

މަގުމަތީގައި އާވާރާވެގެން ދުއްވަމުން ދިޔަ ޒުވާނެކެވެ. ކާރުގެ ތެރޭގައި ހުރީ ވަރަށް ބާރަށް ލަވަ ޖަހާފައެވެ. ދުއްވަމުން ދިޔައީ ނުހަނު ހަލުވިދުވެލީގައި ހިނގާފައި ދާ މީހުންވެސް ވަކިނުވާހައި މިންވަރަށެވެ.
ޒުވާނާގެ އަތްފައި ދިޔައީ ޖަހާފައި ހުރި ހަރާމް މިއުޒިކުގެ އަޑާއި އެކު ތެޅެމުންނެވެ. ހިތްވެސް އެ މިޔުޒިކަށް ގެނބިފައވާ ފަދައެވެ.
ކުއްލިއަކަށް ކުރިމަތިން އެ ހިއްލާލީ ރުޅިއަރައިގެންފައިވާ ރަތްކުލައިގެ ޓުރެފިކް ނިސާނެވެ. އެ ޒުވާނާއަކީ ނުކިޔަމަންތެރި ޒުވާނަކަސް ޓުރެފިކަށް ކިޔަމަންތެރި ޒުވާނެކެވެ. ޓުރެފިކް ސާހިބާ ކުރައްވާ އަމުރުތަކަށް ކިޔަމަންތެރިވަނީއަކީ ކިޔަމަންތެރި ވާ ހިތަކުންނޫނެވެ. ހިތުގެ ނުރުހުމާއި ހިތުގެ ޝޫއޫރުތަކާއި ދެކޮޅަށެވެ. ބޯލަނބަން ޖެހޭ އެއްވެސް ފަރާތެއް ވާ ކަމަށް ގަބޫލުކުރާ ޒުވާނެއް ނޫނެވެ. ނަމަވެސް އެ ނުރައްކާތެރި ވަގުތުގައި ނުކުމެއްޖެނަމަ ވާނެ ގޮތް އިހުސާސް ކުރެވޭތީ ނުކުންނަން ނުކެރިފައި އިނީއެވެ.

އިންސާނާގެ ތަބީއަތަކީ މިއެވެ. ގެއްލުމެއް ވެދާނެކަމުގެ ޔަގީންކަން ލިބިފައި ވާނަމަ އިންސާނާ އެކަމަކުން ދުރުހެލިވެއެވެ. ނިދާފައި އޮތް ސިންގާއެއްގެ ކައިރިއަށް ހިނގަމުން ހިނގަމުން ގޮސް ނުކުމެވިއްޖެނަމަ އެ ސިންގާ ހޭލައްވާލަން ކެރޭނެތޯއެވެ. ވިސްނާށެވެ. ހަމަ އެފަދައިން ނަރަކައާއި މެދުގައި އަހަރެމެންގެ ޔަގީންކަން ނޯންނަނީ ކީއްވެބާއެވެ؟

ވިސްނާށެވެ. މިފަދަ ހާލަތެއްގައި އެއްކަލަ ޒުވާނާ ޓުރެފިކުގެ އަމާން ފެހި ކުލައަށް އިންތިޒާރުކުރަން އިންދާ ކަނާތް ފަރާތުން އެ ޓުރެފިކުގައި ޖެހުނު އެހެން ކާރެއް މަޑުކޮށްލައިފިއެވެ. ހަމަ ޓުރެފިކުގެ ފެހި އަމާން އައްޔަށް އިންތިޒާރު ކުރަމުންދާ ޒުވާނެކެވެ.
ޒުވާނާ އިވެމުންދިޔަ މިޔުޒިކު ތެރެއިން ހެވެރިކަމެއްވީ ފަހުން ހުއްޓި ކާރުން ދިއްކޮށްލި ސީޑީއަކުންނެވެ. ސީޑީގައި ހިފުމާއެކު ފެހި ޓުރެފިކު އޭގެ މޫނުމަތި ދައްކާލިއެވެ. އެޔާއެކު ހަމަ އެޔާއެކު ޓަސް ކިޔާފައި ކާރުތައް ގޯންޏަކުން އޮއްސާލި ހަނޑޫ ފުއްތަކެއް ހެން ކުރިޔަށް އޮތް މަގުތަކަށް ނުކުމެގެންފިއެވެ. މަންޒިލްތަކަށް ނުފޯރައިގެން އުޅޭ ކަހަލައެވެ. އެހެނަކުން ނޫނެވެ. ހަމަ ލިބިފައިވާ ވަގުތީ އަވަސްކަމުގެ ބޭނުން ހިފަންބޭނުންވަނީއެވެ.

ހަޔާތުގައި ލިބިފައިމިވާ ކުޑަ ވަގުތުކޮޅުގެ ބޭނުން އަވަހަށް ހިފަން ނޫޅެ، އެހެން ކަންކަމުގައި އަވަސް އެރުމަކީ ހަމަ އިންސާނުންގެ އާދައެކެވެ. އިންސާނާ ވިސްނާކަހަލައެވެ. މިތަނުގައި ގިނަވަގުތު ތަކެއް ލިބޭނެ ކަމަށް އުއްމީދުކުރާ ކަހަލައެވެ. އެކަމަކު މަރުވެގެން ދާ އިރުގައި އެތައް ބަޔަކު މިދުނިޔެ ދޫކޮށްލާފައި ދަނީ ގަންނަން އުޅުނު ކާރުގެ އަގު ފުރިހަމަ ނުކުރެވިގެން އުޅެނިކޮށެވެ. އަލަށް ގަތް ކާރުގެ އާ ނުކެނޑި އުޅެނިކޮށެވެ. ރަން ކިޔައިގެން އިންނަން "ހަތްދުވަސް ހަމަކުރަން" ހުއްޓާ ހަމަ އަލަތު ކައިވެނީގެ ރަހަ ނުދެކި މަރުވެ އެދަނީ ހަމަ ކިތައް މީހުން ހެއްޔެވެ؟

މިޒުވާނާވެސް މި ސީޑީ ލިބުން އިރު ހުރީ އެފަދަ ހާލަތެއްގައެވެ. އެއީ ކޮންއެއްޗެއްތޯ ބަލާވެސް ނުލާ ކާރުގެ ތެރެއަށް އެއްލިއެވެ. ދުވަސްތައް ފާއިތުވަމުންގޮސް ފާފައިގެ މިޔުޒިކު ތަކުގެ ތެރޭގައި ޒުވާނާ ވަރުބަލިވެފައިވާ ދުވަހެއް އައެވެ. އިންސާނާގެ ނަފުސަކީ ވަރަށް ނިކަމެތި އެއްޗެކެއެވެ. ފާފަކުރުމުގައިވެސް ވަރުބަލިވާ ނަފުސެކެވެ. އުފާ ކުރުމުގައިވެސް ވަރުބަލިވާ ނަފުސެކެވެ. މިފަދައިން އެޒުވާނާވެސް ވަރުބަލިވީ ދުވަހެކެވެ.
އެ ޒުވާނާއަށް މިފަދަ ދުވަހެއްގައި އެއްކަލަ ސީޑީ ގައިވަނީ ކޮން އެއްޗެއްތޯ ބެލުމަށް އެދުންވެރިވެ އެ ސީޑީ ލައިގެން އަޑުއަހަން ފެށިއެވެ. ޒުވާނާއަށް އިވެންފެށި އިބާރާތްތައް އޭނާގެ ހިތް ތޮރުފަން ފެށިއެވެ. ވަރުބަލިވެފައިވާ ނަފުސަށް އާ ޖޯޝެއް ގެނުވަން ފެށިއެވެ. ބުނެދޭން ނޭންގޭ އަސަރުތަކެކެވެ. ޒުވާނާ ހިތް ރޮމުން ދިޔައެވެ. އިވެމުން ދިޔައީ ޝެއިޚެއްގެ ދަރުސެކެވެ.

ފާފަތަކާމެދު އަމިއްލަޔަށް ވިސްނާލެވުނެވެ. އެއްކަލަ ޒުވާނާގެ ހިތުގެ ރުއިން މަޑުމަޑުން ގިސްލުމަކަށް ބަދަލުވެއްޖެއެވެ. އެގިސްލުން ހިފަހައްޓާލެވުނީ މަދު ސިކުންތުކޮޅަކުއެވެ. އިރުކޮޅަކުން އަޑުން އަޑުނަގާ ރޯން ފެށިއްޖެއެވެ. ޙަޤީޤީ ފިރެހެނުންނަކީ ދުވަހަކުވެސް ކަރުނަ ނައަޅާނެ ކަމަށް ބުނަމުން އައި މިޒުވާނާގެ ގެ ދިރިއުޅުން އެވަގުތުން އެވަގުތަށް ބަދަލުވެއްޖެއެވެ. އެޒުވާނާއަށް މިވީ ކީއްހެއްޔެވެ؟
ހަޔާތަކީ ކުޑަ ވަގުތުކޮޅެއް މިޒުވާނާއަށް ވިސްނުނީއެވެ. މަރު އައިސް ބައްދަލުކުރާނެ ވަގުތަކާމެދު މިޒުވާނާއަށް ވިސްނެން ފެށުނީއެވެ.
މިސްކިތެއް ދުވަހަކު ލޮލުން ނުވެސް ދެކޭ މިޒުވާނާ މިސްކިތާ ކައިރިއަށް މަޑުމަޑުން ޖެހެން ފަށައިފިއެވެ. ހަޔާތުގެ ބާކީ ބައި ނަފުސު އިސްލާޙު ކުރުމުގެ މަސައްކަތުގައި މިޒުވާނާ މަޝްޣޫލުކުރުވައިފިއެވެ.

ދެކޭށެވެ. ޒުވާނެއްގެ މުޅި ދިރިއުޅުން ދިއްކޮށްލި ސީޑީއަކުން ބަދަލުވެގެން ދިޔައީއެވެ. ހެޔޮމަގަށެވެ. ﷲ ގެ މަގަށް ދައުވަތު ދިނުމަށް ތިބާއަށް ކޮންމެހެން އަޒުހަރު ޔުނިވަރސިޓީއަކުން ނުވަތަ މަދީނާ ޔުނިވަރސިޓީއަކުން ޑިގުރީ ނަގާކަށް ނުޖެހެއެވެ. ހަމަދިއްކޮށްލާ ކުޑަ ގަނޑުކޮޅަކުންވެސް އެހެން މީހެއްގެ ހަޔާތަށް ހެޔޮ ބަދަލެއް އަތުވެދާނެއެވެ. ފޭސްބުކްގެ ސުޓޭޓަސްގައި ހަމަ ލިޔެލާ ޖުމުލައަކުން މީހަކަށް ހިދާޔަތު ލިބިގެން ހިނގައިދާނެއެވެ.
ﷲ ތަބާރަކަވަތަޢާލާ ސޫރަތުއް ފުއްސިލަތުގެ 33 ވަނަ އާޔަތުގައި ވަޙީކުރައްވަނީ "މާތްﷲގެ ދީނަށް ދަޢުވަތުދީ ހެޔޮ އަމަލުކޮށް އަދި ތިމަންނާއަކީ އިސްލާމުންގެ ތެރެއިންނޭ ބުނާ މީހާގެ ބަހަށްވުރެ ހެޔޮބަހެއް ވޭ ހެއްޔެވެ."
ވީމާ އަޅުގަނޑުމެންނަކީ އެފަދަ ބަޔެއްކަމުގައި ވުމަށް އަމާނާތްތެރިކަމާއެކު މަސައްކަތް ކުރަމާތޯއެވެ.
މާތްﷲ އަޅުގަނޑުމެންނަށް ޙައްޤާއި ބާތިލް ވަކިކުރުމުގެ ތައުފީޤު ދެއްވައި ހައްޤުގެ މަގުގައި ފައިތިލަ ސާބިތުކުރައްވާންދޭވެ. އާމީން.

ހަވާލާ: މިއީ ނަޖުދުކަރައަށް އަޅުގަނޑުމެން ކުރި ދަތުރެއްގެ ތެރޭގައި އަޚަކު ކިޔައިދެއްވި ވާހަކައެއް އަޅުގަނޑުގެ އަމިއްލަ ބަހުން ޢިބާރަތް ކުރެވިފައެވެ. އެއަޚާއަށް ހެޔޮ ރަޙުމަތްލައްވައި ޢިލްމުވެރިކުރައްވާށިއެވެ. (ނިމުނީ)

 

ގުޅުންހުރި

4 ޚިޔާލު

  1. ވަރަށްރީތިވާހަކައެއް

  2. މާޝާﷲ، ވަރަށް ފުރިހަމަ، ލިޔުންތެރިޔާއަށް މާތްﷲ ރަޙުމަތްލައްވާށި!

  3. މާޝާﷲ، މާތްﷲ އެފަދަ ހެޔޮ އަމަލު ކުރާ އެންމެންނަށް ރަހްމަތް ލައްވާޝިއެވެ. އާމީން!

    ހަޤީގަތުގައިވެސް މީހަކަށް ތެދުމަގު ކިތަންމެ ކުޑަ ކުޑަ ކަމެއް މެދުވެރި ކުރައްވަވައިނަމަވެސް ﷲ ދައްކަވާ ދެއްވާ، އެ އިލާހުގެ އޯގާވަންތަކަން ހުރިހާ އަޅުތަކުންގެ މައްޗަށްވޭ.. އަލްހަމްދްލިﷲ!

  4. ގިނަ މީހުންނަށް ހަވާނަފްސާ ދެކޮޅަށް ހަނގުރާމަ ކުރުމުގައި ކާމިޔާބު ނުހޯދެނީ..!! ވަރަށް ފުރިހަމަ ލިޔުމެއް. ލިޔުންތެރިޔާއަށް ﷲ ހެޔޮރަޙުމަތް ލައްވާށި..!! އާމީން..!!

Your email address will not be published. Required fields are marked *

More in ވާހަކަ