ވާހަކަ

ހަޤީޤީ ޙާދިޘާ: ބޮނޑިބަތް ކެވޭނީ ﷲ އިރާދަކުރެއްވިއްޔާއެވެ.

މިވާހަކައަކީ ރާއްޖޭގެ  ރަށެއްގައި ހިނގާފައިވާ ހަޤީޤީ ޙާދިޘާއެކެވެ. އެއްވެސް ހާލެއްގައި މިވާހަކަ މިބަޔާންކުރަނީކީ މިކަންމެދުވެރިވީ ފަރާތަށް މަލާމާތެއް ރައްދުކުރުމަކަށް ނޫނެވެ. ނަމަވެސް މިކަމުން އަޅުގަނޑުމެންނަށް ލިބޭ ޢިބުރަތް ޙާޞިލުކުރުމަށްޓަކައެވެ. މާތްﷲ އެފަރާތަށް ހެޔޮރަޙުމަތްލައްވާށިއެވެ. އާމީން

އަށްޑިހައިގެ އަހަރުތަކުގެވެސް މާކުރިއެވެ. މިކަން ހިނގާފައިވާ ސީދާދުވަސްވަރެއް ނޭންގެއެވެ. ދިވެހިންނަކީ އޭރުގައި ވަރަށް ގިނަކަންކަން ފާހަގަކޮށް މީހުންނަށް ކާންދީ އުޅުނު ބަޔެކެވެ. ކައިވެންޏެއް ކުރެވުނަސް، އަދި އޮޑިޔެއް ބޭލިޔަސް އަދި އެނޫން ކަންކަމާއި ގުޅިގެން ރައްޔިތުންނަށް ކާންދިނުމަކީ ދިވެހިންގެ އާދައެކެވެ. (މިކަމުގެ ތެރޭގައި ދީނީ ރަނގަޅުކަންކަމާއި އަދި ދީނީގޮތުން ސާބިތުނުވާ ހުއްދަނޫންކަންކަންވެސް ހިމެނުނެވެ. ހުއްދަނޫން ކަންކަމުގައި ތެރޭގައި މައުލޫދުކޭމާއި އަދި ފާތިހާކޭން ފަދަ ކަންކަން ހިމެނެއެވެ.

މިގޮތުން ރަށެއްގައި ކެއްކުނު ކެއްކުމެކެވެ. ރަށުގެ އަންހެންވެރިންވެގެން ބޮނޑިބަތް ކައްކައި ރޭގަނޑަށް ކޭން އެޅުމަށް މީހުން ތައްޔާރުވަމުން ދިޔައެވެ. އަދި ރަށުގެ ހުރިހާ ރައްޔިތުންނަށް ދަޢުވަތު ދެވެމުން ދިޔައެވެ.

މިގޮތުން ދަޢުވަތު ދެވެމުން ދަނިކޮށް އަޅުގަނޑުމެންގެ ވާހަކައިގެ ބަތަލަށްވެސް ދަޢުވަތު ދެވިއްޖެއެވެ. ކޮންމެއަކަސް ބޮނޑިބަތަކީ އެޒަމާނުގައި ވަރަށް އަގުހުރި މީރު ކެއުމެކެވެ. ބޮނޑިބަތުގެ ވާހަކަ ނަންގަތީމާ މިޒަމާނުގައި ކުޅުދިޔާކުރުވާ ފަދަ އަޖައިބުކަމެއް ހުންނަ ކެއުމެކެވެ.

ބޮނޑިބަތުގެ ނަންއިވުނީމާ އަޅުގަނޑުމެންގެ ބަތަލަށްވެސް ވީ ހަމައެފަދައިންނެވެ. ކުޅުދިޔާވެ ހިންދިރުވާލެވި ތަލިމަތީގައި ދޫ ހާކާލެވިއްޖެއެވެ. އަދި ބުންޏެވެ. ” ހޫމް.. ހުރެބަލަ މިރޭ ބޮނޑިބަތް ކާލާނާން..”
ނަސީބު ދިމާކުރިގޮތުން މިބޭބެއަށް އިންޝާﷲ އޭ ބުނާކަށް ހަނދާނެއް ނުވިއެވެ. ނުވަތަ ﷲ އިރާދަކުރެއްވިއްޔާއޭ ބުނާކަށް ހަނދާނެއް ނުވިއެވެ.

އަޞުރު އަތަށް އަޅާލީއިރު އަޅުގަނޑުމެންގެ ވާހަކައިގެ ބަތަލުގެ ހާލުހުރީ ކިހިނެއްކަމަށްތޯއެވެ؟ ހުންއައިސް މީހާގެ ދެލޯރަތްވެ އިރުކޮޅަކަށްފަހު އިރުކޮޅެއް ދިޔައީ ހުންގަދަވެ ވާނުވާ ނޭންގެމުންނެވެ. ބޮނޑިބަތުގެ ހަފުލާ ފެށުނު އިރު އެއޮތް ބޮޑު މީހާ އޮތްތަނުން ހިރިވެސް ނުލެވެއެވެ. އެއްޗެއް ކާހިތެއްނުވެއެވެ. ހުންއައީ ގިނިނުދެކޭ މީހާގެ ގާތަށް ރަތްމައި އައިހެންނެވެ. ކޮންމެއަކަސް އެހާ ކާހިތުން ހުއްޓާ މިބޭބެއަށް ބޮނޑިބަތް ގަނޑުގެ މީރުކަމުން މަހުރޫމު ވާން ޖެހުނީ އިންޝާﷲ އޭ ނުބުނެވުމުގެ ސަބަބުންނެވެ.

މިހާދިޘާގެ ފަހުން މިބޭބެ ދުވަހަކުވެސް އިންޝާﷲ ނުވަތަ ﷲގެ އިރާދަފުޅާލައިގެން މެނުވީ އެއްވެސް ކަމެއް ވާނެކަމަށް ނުބުނެއެވެ. އިބުރަތްލިބިގަންނަ ފިކުރުކުރާ ބުއްދިވެރިންނަކީ ކުރެވޭ ކުށްތަކުން ތަޢުބާވެ، ކުރެވޭ އެފާފަތަކަށް ރުޖޫޢަނުވާ މީހާއެވެ.

އެހެންކަމުން އަޅުގަނޑުމެންގެ އުޅުމާއި ބުޅުމާއި ބުނުން ބަހައްޓަންވާނީ އިސްލާމީ ހުދޫދުތަކުގެ ތެރޭގައެވެ. ﷲ ހުއްދަކުރެއްވި އެއިލާހުގެ ފޮތުގައި އަންގަވާ އުސޫލުގެ މަތިންނެވެ.

އެއިލާހު ވަޙީކުރައްވާފައިވެއެވެ.
وَلَا تَقُولَنَّ لِشَيْءٍ إِنِّي فَاعِلٌ ذَٰلِكَ غَدًا ﴿٢٣﴾ إِلَّا أَن يَشَاءَ اللَّـهُ ۚ… (24) ކަހަފްސޫރަތް
“އަދި ތިބާ (ﷲގެ އިރާދައާއި ނުލާ) މިޔަނި އެވެނި ކަމެއް މާދަންކުރާނަމޭ ނުބުނާށެވެ. ހަމައެކަނި ” ﷲގެ އިރާދަފުޅާއި ލައިގެން” މެނުވީއެވެ. “
އެބަހީ: މާދަން ނުވަތަ މުސްތަޤުބަލުގައި ކުރަންއޮތްކަމެއްގެ ވާހަކަ ﷲގެ އިރާދަފުޅާއި ލައިގެން މެނުވީ ނުބުނާށެވެ. ތިޔަބައިމީހުން ބުނާއިރު އިންޝާﷲ އާއިއެކު ކިޔުމަށް ހަނދުމަ ކުރައްވާށެވެ.

އަދިވެސް އެއިލާހު އަލްއިންސާނު ސޫރަތުގައި ވަޙީކުރައްވައެވެ.
وَمَا تَشَاءُونَ إِلَّا أَن يَشَاءَ اللَّـهُ ۚ إِنَّ اللَّـهَ كَانَ عَلِيمًا حَكِيمًا ﴿٣٠﴾
އަދި ﷲ ސުބުޙާނަހޫ ވަތަޢާލާ އިރާދަކުރައްވައިގެން މެނުވީ ތިޔަބައިމީހުންނަށް އެއްވެސް ކަމަކަށް ނޭދެވޭނެއެވެ. ހަމަކަށަވަރުން ﷲ ސުބުޙާނަހޫ ވަތަޢާލާއަކީ އެންމެޢިލްމުވެރި އެންމެޙިކުމަތްވަންތަ އިލާހެވެ.

އަދިވެސް އެއިލާހު އައްތަކުވީރު ސޫރަތުގައި ވަޙީކުރައްވައެވެ.
وَمَا تَشَاءُونَ إِلَّا أَن يَشَاءَ اللَّـهُ رَ‌بُّ الْعَالَمِينَ ﴿٢٩﴾
އަދި ތިޔަބައިމީހުންނަށް ނޭދެވޭނެއެވެ. ﷲ ސުބުޙާނަހޫ ވަތަޢާލާ އިރާދަކުރެއްވުމުން މެނުވީއެވެ. އެއީ ޢާލަމްތަކުގެ (އެބަހީ: އިންސީންނާއި ޖިންނީންނާއި އަދި ﷲ ފިޔަވައި ވާކޮންމެއެއްޗެއްގެ) ވެރި ރައްބެވެ.

ނިންމުން

ދިވެހި ޅެންވެރިޔަކުވެސް ކިޔައިފައި އޮވެއެވެ.
ކާކަށްތަ ދާނައީ ކުޅަ
ވާގިލާ ރުންޖަހާ މުގު
ރާކަށެއް އިރާދަ މުގު
މާނައަކީ މުގުރަކުން ޖަހާ ﷲގެ އިރާދަކުރައްވާފައިވާ ކަމެއް މުގުރާލަން ކުޅަދާނައީ ފަހެ ކާކަށްބާވައެވެ؟އެހެނީ ﷲގެ އިރާދަޔާއި ނުލާ އެއްކަމެއް އެކަކަށްވެސް ނުވާހުއްޓެވެ. އެއީ އިނގިލި ތެޅުވުން ކަމުގައި ވިޔަސް، މުގުރުން ޖަހައި މުގުރު ބިންދުން ކަމުގައި ވިޔަސްމެއެވެ.

ވީމާ އަޅުގަނޑުމެން ކޮންމެ އެއްޗެއްބުނިނަމަވެސް އިންޝާﷲ ކިޔުމަށް ހަނދުމަކުރަންވާނެއެވެ. މުސްލިމުންގެ ގޮތަކީ ﷲ ސުބުޙާނަހޫ ވަތަޢާލާގެ ފޮތުގައި ހިފައި ޢަމަލާއި ބަހުން އެކަންދެއްކުމެވެ. ދުޢާއަކީ އަޅުގަނޑުމެންނަކީ ހެޔޮލަފާ ޞާލިޙު ރަނގަޅު މުސްލިމުން ކަމުގައި ލައްވައި މުސްލިމުންގެ ގޮތުގައި މަރުގަންނަވާ ބަޔެއްކަމުގައި ލެއްވުމެވެ.

والله أعلم. وصلى الله وسلم على نبينا محمد وعلى آله و صحبه أجمعين.

ނޯޓު: ޤުރުއާނުގެ މާނައިގެ ތަރުޖަމާގެ އަސްލު: ޚާން އަދި ޚިލާލީގެ ޤުރުޢާން ތަރުޖަމާ،
ކޮންމެ އާޔަތެއްގައި އެވަނީ މާނައިގެ ތަރުޖަމާއެވެ. ލަފުޒީ ތަރުޖަމާއެއްނޫނެވެ.

ގުޅުންހުރި

1 ޚިޔާލު

  1. މީހަމަ ބުހުތާން ދޮގު ވާހަކައެއް……. އެއްވެސް އަސްލެއް ނެތް…. ބޭނުން މިވާހަކައޮތް ފޮތެއް ބަލަން………..

Your email address will not be published. Required fields are marked *

More in ވާހަކަ