ޢަރަބިންގެ ތެރޭގައި ބުއްދިވެރިކަމާއި ފަސާޙަތްތެރިކަމާއި ފަންނުވެރިކަމުގައި ޚާއްޞަގޮތެއްގައި އަރާ 4 މީހަކު ވިއެވެ. ޢަމްރޫ ބުނުލް ޢާސް އަކީ އެއިގެތެރެއިން އެއްބެއިކަލެކެވެ. ޢަމްރު ބުނުލް ޢާސް އިސްލާމްވެ ވަޑައިގެންއިރު އެކަލޭގެފާނުންނަކީ އެކަލޭގެފާނުންގެ މީހުންގެ ވެރިމީހާއެވެ. ޢަމްރު ބުނުލް ޢާސްއަށް ރަސޫލުﷲ ގެފާނުން ފެންނަ ކޮންމެ ހިނދެއްގައި އެމާތް ރަސޫލާ އެކަލޭގެފާނުންނާއި ބައްދަލުކުރައްވަނީ ނުހަނު ހޫނު މަރުޙަބާއަކާ އެކުއެވެ. ރަސޫލުﷲ ގެފާނުން އިންނަވާ މަޖްލީހަކަށް ޢަމްރު ބުނުލް ޢާސް އަށް ވަޑައިގަނެވިއްޖެނަމަ އަބަދުވެސް ވަރަށް ހޫނު މަރުޙަބާއެއްކިޔައެވެ. އަދި ރަސޫލުﷲ ގެފާނުން އެކަލޭގެފާނުންނަށް ގޮވައިލައްވާނަމަ، އެކަލޭގެފާނުން އެންމެ ލޯބިވާ ނަމަކުން އަބަދުވެސް ގޮވައިލައްވައެވެ.
މިގާތްކަމާއި ރަޙްމަތްތެރިކަމާއި ޤަދަރުކުރުން ތަޖްރިބާކުރެއްވުމުން، ޢަމްރު ބުނުލް ޢާސް އަށް ޔަޤީން ކުރެވުނީ ރަސޫލުﷲ ގެފާނުންގެ އަރިހުގައި އެންމެ ލޮބުވެތިކަންބޮޑީ އެކަލޭގެފާނުންކަމަށެވެ. އެހެންކަމުން މިކަން އަދި ޔަޤީން ކޮށްލުމަށްޓަކައި އެއްދުވަހަކު ރަސޫލުﷲ ގެފާނުންގެ އަރިހުގައި އިށީންދެވަޑައިގެން އެއްސެވިއެވެ.
"އޭ ރަސޫލުﷲ ގެފާނުންނެވެ! ކަލޭގެފާނުން އެންމެ ލޯބިވަނީ ކާކުދެކިތޯއެވެ؟"
ރަސޫލުﷲ ގެފާނުން ޖަވާބުދެއްވިއެވެ: "ޢާއިޝަތު" ގެފާނުންދެކިއެވެ.
ޢަމްރު ވިދާޅުވިއެވެ: "ނޫނެކެވެ! ތިމަންކަލޭގެފާނުން މިއެއްސެވީ ފިރިހެނުންގެ ތެރެއިންނެވެ. ކަލޭގެފާނުންގެ ޢާއިލާގެ ތެރެއިންނެއް ނޫނެވެ."
ރަސޫލުﷲ ގެފާނުން ޖަވާބުދެއްވިއެވެ: "އެކަމަނާގެ ބައްޕާ" ފުޅުދެކިއެވެ. (އަބޫބަކުރުގެފާނުން ދެކިއެވެ.)
ޢަމްރު އެއްސެވިއެވެ: "ދެން؟"
ރަސޫލުﷲ ގެފާނުން ޖަވާބުދެއްވިއެވެ: "ޢުމަރު ބުނުލް ޚައްޠާބު"
ޢަމްރު އެއްސެވިއެވެ: "ދެން؟"
ދެން ރަސޫލުﷲ ގެފާނުން އެކަލޭގެފާނުންނަށް ނަޞްރު ދެއްވުމުގައި އިސްވެވަޑައިގެން ބެއިކަލުން (ކުރިން އިސްލާމްވީ ބެއިކަލުން) ނާއި އެބެއިކަލުންގެ ޤުރުބާނީތަކުގެމައްޗަށް "އެވެނި ... މިވެނި..." ބެއިކަލެކޭ ނަންގަންނަވައި ނަންތައް ވިދާޅުވަމުން ގެންދެވިއެވެ.
ޢަމްރު ބުނުލް ޢާސް (މިވާހަކަ ކިޔައިދެއްވަމުން) ވިދާޅުވިއެވެ: "ތިމަން(ކަލޭގެފާނުން)ގެ ނަން، ރަސޫލުﷲ ގެފާނުން (ލޯބިވާ މީހުންގެ ނަންލިސްޓުގައި) އެންމެފަހަތަށް ލައްވައިފާނޭކަމުގެ ބިރަށްޓަކައި ދެން ހިމޭނުން އިންނެވީއެވެ."
ބައްލަވާށެވެ. މިހުންނެވީ ރަސޫލުﷲ ގެފާނުން އެހެންމީސްތަކުންނާއިމެދު ބަހައްޓަވާ އޯގާތެރިކަމެވެ. ޢަމްރު ބުނުލް ޢާސް އާއި މެދު ބާއްވާ އޯގާތެރިކަމުން އެކަލޭގެފާނުންނަށް ހީކުރެވުނީ އަޅުގަނޑުމެންނަށްވެސް ހީކުރެވޭނެ ގޮތަށެވެ. އެކަމަކު އެއީ ﷲ އެމާތް ރަސޫލާ (ސައްލައްﷲ ޢަލައިހި ވަސައްލަމަ) އިލާހީ ތަރުބިއްޔަތުން ތަރުބިއްޔަތު ކުރެއްވި ރިވެތި ގޮތެވެ. އަހަރެމެންނަށްވާ ނަމޫނާއެކެވެ.
ވިސްނަވާލައްވާށެވެ! ތިބާ ބަޔަކާއިމެދު މިފަދައިން ގާތްކޮށް ވިސްނާނަމަ، އެމީހުން ތިބާއާއިމެދު ނުނިޔަތްލާނެ ފުރުސަތުވެސް ނުލިބޭނެއެވެ. އެހާވެސް އެމީހުންނަށް ތިބާގެ ފަރާތުން ޔަޤީންކަމާއި ގާތްކަން ލިބޭނެއެވެ. ތިބާގެ ގޮތް ނޭންގޭ މީހަކު ނުނިޔަތްލީކަމުގައިވިޔަސް އެގޮތް ދަންނަ މީހުން އެއަށް ޖަވާބުދާރީވެސް ވާނެއެވެ.
= ޑރ. މުޙައްމަދު ޢަބްދުއް ރަޙްމާން އަލް ޢަރިފީގެ "އިސްތަމްތަޢު ބިޙަޔާތިކަ" =
= ކުރީގެ ސަޢޫދީގެ މުފްތީ ޒައިނީ ދަޙްލާން ލިޔުއްވި ރަސޫލުﷲ ގެފާނުންގެ ސިޔަރަތުން =
އޭ ތި ޝެއިޚް އަރީފީގެ ފޮތް ވަރަށް ފައްކާ ކިޔާލަން. އިނގިރޭސި ތަރުޖަމާ “އެންޖޯއީ ޔުއަަރ ލައިފް”. ކަލާމުއްﷲ ވެބްސައިޓްއިން ޑައުންލޯޑް ކުރެވޭ!