ރިޕޯޓް

ހެއިޓީ އެފުށް މިފުށަށް ޖެހުމުގެ އިބްރަތް ހާސިލްނުކުރާނަން ހެއްޔެވެ؟

' ހެއިޓީގެ ބިން ކުޑަހިދުކޮޅަކަށް ހެލިގެން ދިއުމާއި އެކު ވަރުގަދަ ފައުންޑޭޝަންތަކުން ބިންގާއެޅިފައިވާ ވަރުގަދަ އިމާރާތްތައް ދިޔައީ ކުދިކުދިންވެގެންނެވެ. މުޅި ސަހަރު 'ގިސްލާ ރޯއަޑުން' ގުގުމަން ފެށީ ދެތިން މިނިޓްގެ ހުއްޓުމެއް މުޅި ގައުމަށް ވެރިވުމަށްފަހުގައެވެ. ހުރިހާ ކަމެއްވެސް ވީ ކުއްލި އަކަށެވެ. ސަލާމަތްވާކަށް ފިލަން ދުވާކަށް ވަގުތެއް ނުލިބެއެވެ. ފިލަންވެސް ވަކި ވަންނާނީ ކޮންތާކަށް ހެއްޔެވެ؟ އިމާރާތްތައް ވަނީ ފުނޑުފުނޑުވެފައެވެ. ކޮޅަށްހުރި އިމާރާތަކަށް ވަދެފިނަމަ އެއިމާރާތް ބޮލަށް ވެއްޓިދާނެތީ ތިބީ ބިރުންނެވެ. ހަމަ ބިމުގައި ފައިޖައްސައިގެން ހުރިނަމަ ބިން ކަނޑާ އަޑިއަށް ނުދާނެކަމުގެ ޔަގީންކަމެއް އޮތީއެއް ނޫނެވެ. ދަރިން ވީނުވީތަނެއް ނޭނގެއެވެ. ފޯނުގެ ހިދުމަތްވަނީ މުޅިން ކެނޑިފައެވެ. ކުރުކޮށްބުނާނަމަ ގައުމު އޮތީ މުޅިން ހުއްޓުމަކަށް އައިސްފައެވެ.'

މިއީ ހެއިޓީއަށް އައި ބާރުގަދަ ބިންހެލުމަށްފަހު ގައުމުގެ ހާލަތު ބަދަލުވެގެން ދިޔަގޮތުގެ ކުޑަކުޑަ މިންވަރެކެވެ. ހެއިޓީއަށް އައި ބާރުގަދަ ބިންހެލުމަކީ ފަހުގެ ތާރީހުގައި އައި އެންމެ ބާރުގަދަ ބިންހެލުންކަމަށް ދިރާސާ ކުރާ ފަރާތްތަކުން ދަނީ ހަމަކުރަމުންނެވެ. 2008 ވަނަ އަހަރު އައި ތޫފާނަކުން ހެއިޓީ ހިންދަމާނުލެވިގެން އުޅެނިކޮން މިއައި ބިންހެލުމުގެ ސަބަބުން ހެއިޓީގެ ރައްޔިތުންވަނީ ކުޑަކަކޫ މައްޗަށް ތިރިވެފައެވެ. ފަހުގެ ތާރީހުގައި ދުނިޔެއަށް އައިކަމަށް ބުނާ އެންމެ ބޮޑު މިބިންހެލުމުގެ ކާރިސާގައި 3 މިލިއަން ރައްޔިތުންނަށްވަނީ އެކި ގޮތްގޮތުން ގެއްލުން ލިބިފައެވެ. ބިންހެލުން އައިތާ 12 މިނިޓްގެ ފަހުން ހެއިޓީގެ ޖައްވުވަނީ ހިރަފުހުން ފޮރުވާލާފައެވެ. ވެއްޓިފައިވާ އިމާރާތްތަކުގެ ހިރަފުހުގެ ސަބަބުން 'ވާނުވާ' ނޭނގި އެތައް ބަޔަކުވަނީ 'ގަބު'ވެއެވެ. މަގުމަތީގައި ގަބުރުތަކުން އުތުރި އަރާއިރު އިމާރާތްތަކުގެ ދަށުވެފައިވާ ގަބުރުތަކުގެ ކުނިވަމުން މުޅި ސަރަހައްދުވަނީ އެއްވަސްވެފައެވެ. އަދިވެސް މަރުވި މީހުންގެ ފުރިހަމަ އަދަދު އެނގިފައިނުވާއިރު މަރުވެފައިވާ މީހުން ވަޅުލުމުގެ މަސައްކަތްދަނީ ކުރިއަށެވެ.

'ހެއިޓީ' އަކާއި އަޅުގަނޑު އަޅައިގަނެގެން މިއުޅެނީ ކިހިނެއްވެގެންބާއޭ މީހަކު ހިތަށްއަރާފާނެއެވެ. ބުނަންތޯއެވެ. ހެއިޓީއެއްގެ ވާހަކަ މިދައްކަނީ އެގައުމުގެ ރައްޔިތުން ދެކެ ވާ ލޯތްބަކުންނޫނެވެ. އަދި ކިޔެއްހެއްޔެވެ! އެގައުމުގެ ވާހަކަ ދައްކައިގެން އެއްޗެހިތަކެއް ލިބެނީކީވެސް ނޫނެވެ. މަގްސަދަކީ އެބިރުވެރި ހާދިސާއިން ދިވެހިންނަށް އެއްޗެއް ވިސްނައި ދިނުމެވެ. އެބިރުވެރި ހާދިސާގެ ވާހަކަ ދިވެހިންގެ ތެރޭގައި ނުދައްކާ މިތިބެނީ އެފަދަ ހާދިސާއެއްގެ ބިރުވެރިކަން ހިތަށްވެރިވެ އޭގެން ތިމާއަށް ހެޔޮ ފައިދާއެއް ލިބިދާނެތީ ހެއްޔެވެ؟ ނޫނީ އެހާސަރުތައް އަމުނައިގެން ސުނާމީން ތިމާމެންގެ ނަފްސުތައް ހޭލިފަދައިން، ދުޢާކުރުމަށް ދެއަތް އުފުލިފަދައިން 'ހެއިޓީގެ ކާރިސާ'ގެ ސަބަބުން ތިމާމެން އިސްލާހު ވެދާނެތީ ހެއްޔެވެ؟

އެންމެހާ ދިވެހިންނޭ!

ހެއިޓީއަކީވެސް ތޫފާނެއްގެ ސަބަބުން 2008 ވަނަ އަހަރު ކަރުނަތަކެއް އޮހޮރާފައިވާ ބައެކެވެ. 2004 ވަނަ އަހަރު އަޅުގަނޑުމެން ދިވެހިން ހިތްތައް ރޮއްވިފަދައިންނެވެ. ހެއިޓީއަކީވެސް ސިޔާސީގޮތުން އެއްބަޔަކު އަނެއްބަޔެއްގެ ކަރުހިފާ ނޮޅާ ހަދަމުން އައިބަޔެކެވެ. ދިވެހިން ސިޔާސީގޮތުން ބައިބައިވެފައި މިވާ ފަދައިންނެވެ. ހެއިޓީއަކީވެސް ކަލަކު ގަބޫލުނުކުރާ މީހުންނާއި އެއްޖިންސުންގެ ގުޅުން ހިންގާ މީހުންގެ ވަކިތަކުން ޒަހަމްވެފައިވާ ފަގީރު ގައުމެކެވެ. ދިވެހިންގެ ތެރޭގައި ކަލަކުނެތްކަމަށް ގަބޫލުކުރާ މީހުންނާއި އެކަން ގަބޫލުކުރިޔަސް އިސްލާމް ދީނަށް އެއްވެސް ގޮތަކަށް ނޫޅޭ މީހުން ބައިވަރެވެ. އެއްޖިންސުންގެ ގުޅުން ހިންގާ މީހުންނާއި ފޭރޭ މީހުން މިވަނީ އިންތިހާއަށް ގިނަވެފައެވެ. ހެއިޓީއެކޭ އެއްފަދައިންނެވެ. ކަން މިހެން ހުރިއިރު ހެއިޓީ މިވަނީ ބޮޑުވެގެންވާ ބިންހެލުމަކާއި ކުރިމަތިލާފައެވެ. ދިވެހިންނަށް އަދި އޮތްގޮތް ދަންނަވާކަށް ނޭނގެއެވެ. އެންމެ މޮޅަށް ދެނެވޮޑިގެންވަނީ މާތްﷲ އެވެ. އެހެންކަމުން 'ހުން އައުމުގެ ކުރިން ރަޖާލުން' ބުއްދިވެރިއެވެ. މިދެންނެވީ ހެއިޓީއަށް އައި ފަދަ ޤުދުރަތީ ކާރިސާއެއް މިކުޑަކުޑަ ޖަޒީރާ މުތްތަކަށް އައިސްފިކަމަށް ބުނެ މީޑިއާތަކުގެ ފަލަ ސުރުހީތަކުން ފަވާލުމުގެ ކުރިން ތިމާގެ އުޅުމާއި މެދު މުރާޖާއާކޮށްލުމަށް ވަގުތު ދިނުން ކިހިނެއްވާނެބާއެވެ؟

ހާދިސާ ތަކާއި ކާރިސާތަކުގެ ވާހަކަތަކަކީ ނިދަންއަރާ ކުޑަދަރިފުޅަށް ކިޔައިދޭފަދަ 'ޔޯލަ' ވާހަކައެއް ނޫނެވެ. އަދި އެއީ އަޑުއަހާލުމަށްފަހު ހަނދާނުން ފޮހެލެވިގެންވާނެ ވާހަކަތެކެއްވެސް ނޫނެވެ. އޭގެން ތިމާގެ އުޅުމަށް ހެޔޮ ބަދަލެއް ގެނެސް އެފަދަ ހާދިސާތަށް އަޅުގަނޑުމެންގެ ތެރޭގައި އާންމު ނުކުރުމަށް އެދި ދުއާކުރަންވީއެވެ. އަޅުގަނޑުމެންގެ ތެރޭގައިވެސް އެފަދަ ބިންހެލުމެއް އަތުވެއްޖެނަމަ ކަންތައް ވެދާނެ ގޮތާއި މެދު ކުޑަ އިރުކޮޅަކުވެސް ވިސްނާލާށެވެ. ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ބިންހެލުމެއް އަތުވެއްޖެނަމަ އުފެދިދާނެ ރާޅެއް މިބިންތިރި ޖަޒީރާ ގައުމަށް އަރައިފިނަމަ 'ސުނާމީ ޕާރްޓް 2' ގެ ސުރުހިގެ ދަށުން ތާރީހްގެ ތެރެއަށް ވަދެގެން ހިނގައިދާނެކަމާއި މެދު ވިސްނާލާށެވެ. ހުޅަނގުގެ ނަމުންނަމަ 'ކާރިސާ'، އަޅުގަނޑުގެ ޑިކްޝަނަރީން ވާ 'ކޯފާ' އެއް އައުމުގެ ކުރިން އިންޒާރުތަކެއް އަންނާނެއެވެ. އޭގެ 'ޓްރޭލާ'ތައް އެކި ގައުމުތަކުން މިދަނީ ފެންނަމުންނެވެ. ކުދި ބޮޑު ތޫފާންތަކާއި ބިންހެލުންތަކުން އަބަދުވެސް ބަޔަކުދަނީ ފަނާވަމުންނެވެ. ކާރިސާތަކުން ބޮޑަށް އިބްރަތް ހާސިލްކުރަންވީ ސަލާމަތުން ތިބި މީހުންނެވެ. އަޅުގަނޑުމެން ދިރިތިބި މީހުންނެވެ.

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *

More in ރިޕޯޓް