ވާހަކަ

ޢަހުދަށް ވަފާތެރިވުން

ދުވަސްވަރަކީ އުމަވީންގެ ވެރިކަންނިމި ޢައްބާސީންގެ ވެރިކަން ފެށުނު ދުވަސްވަރެވެ. ޢައްބާސީންގެ ކަނޑީގެ މިޔައިން ސަލާމަތްވުމަށްޓަކައި ބަނޫ އުމައްޔާގެ އެންމެހާ ބޮޑު ބޮޑެތީން ގެންދިޔައީ އަމިއްލަ ނަފްސައިގެން ފިލޭތޯ މަސައްކަތްކުރަމުންނެވެ. އަނެއްކޮޅުން ޢައްބާސީން ގެންދިޔައީ އުމަވީން ހޯދުމަށްޓަކައި ހުރިހާ ތަނެއް ބަލައި ހޯދަމުންނެވެ.

އިބްރާހީމް ބިން ސުލައިމާން ބިން ޢަބްދުލްމަލިކުވެސް ހިމެނުނީ ބަނޫއުމައްޔާގެ ފިލައިގެން އުޅޭ ސަރުދާރުންގެ ތެރޭގައެވެ. އެންމެފަހުން ޢައްބާސީންގެ ފުރަތަމަ ޚަލީފާ އަބޫ ޢަބްދުﷲ ސައްފާޙުގެ އަރިސް މީހުން ޚަލީފާގެ އަރިހުގައި އިބްރާހިމްއަށް ޝަފާޢަތްތެރިވިއެވެ. ޚަލީފާ އޭނާގެ ގާތް އެކުވެރީންގެ ބަސް ޤަބޫލުކުރައްވައި އިބްރާހީމް ބިން ސުލައިމާނަށް އަމާންކަންދެއްވިއެވެ. އަމާންކަން ލިބުމުން އިބްރާހިމް، ޚަލީފާގެ އަރިހަށް އައިސް ކުށްތަކަށް މަޢާފަށް އެދުނެވެ. ޚަލީފާ އޭނާއަށް ކަމޭ ހިއްތަވައި ޢިއްޒަތްދެއްވިއެވެ. އަދި ޚަލީފާގެ ޚާޢްޞަ އެކުވެރިންގެ ތެރޭގައި ހިމެނުއްވިއެވެ.

އެއްދުވަހަކު ޚަލީފާ ސައްފާޙު، އިބްރާހީމް ބިން ސުލައިމާނަށް ވިދާޅުވިއެވެ. [ތިބާ ދުވަސްތަކެއް ވަންދެން ފިލައިގެން އުޅުނީމެވެ. އެދުވަސްވަރު ތިބާއަށް އާދަޔާޚިލާފު ޙާދިޘާއެއް ކުރިމަތިވެފައިވާނަމަ އަހަރަމެންނަށް ކިޔައިދީބަލާށެވެ.] އިބްރާހީމް، އޭނާގެ ޙަޔާތުގައި ދިމާވި އެންމެ ޙައިރާންކުރުވި ޢަޖައިބު ޙަދިސާ ކިޔައިދޭންފެށިއެވެ. އަޑުއައްސަވާށެވެ! އަދި އަޅުގަނޑުމެންގެ ސަލަފުންގެ ކެތްތެރިކަމާ ސާބިތުކަމާ އަޙުދަށް ވަފާތެރިވުން ހުރި މިންވަރަށް ސާބަސްދެއްވާށެވެ!

އިބްރާހިމް ބަޔާންކުރައްވައެވެ. އިބްރާހީމް ބިން ސުލައިމާން ހިފައި ހައްޔަރުކުރުމުގެ ޝާހީ އަމުރު ނެރެވުމާއެކު މީސްތަކުންގެ ލޯތަކަށް އަހަރެން ފިލީމެވެ. އެއްވެސް ތާކުން އަހަރެންނަކަށް އަމާންކަމެއް ނެތެވެ. މަރަށް ފިލޭތޯ އަހަރެން ދުވަމުން ދިޔައީމެވެ. މިހެން ފިލައިގެން އުޅެމުން އަހަރެން ޙީރަތަށް އައީމެވެ. އަދި ސަހަރާގެ ތެރެއިން ބަދަވީއެއްގެ ކައިރިން ޙިމާޔަތް ހޯދީމެވެ. ނަމަވެސް އެވަރުންވެސް އަހަރެންނަކަށް އަމާންކަމެއް ނުލިބުނެވެ. އަހަރެން އަތުލައިގަންނާނެ އިރެއްގެ ބިރުވެރިކަން އަބަދުވެސް އަހަރެންގެ ހިތުގެ ވިންދު އަވަސްކުރަމުން ގެންދިޔައެވެ.

އެއްދުވަހަކު އެ އަޢުރާބީގެ ގޭގެ ފުރާޅުމަތީ ސަހަރާއަށް ނަޒަރު ހުއްޓާލައިގެން އަހަރެން ހުރީމެވެ. މިހެން ހުއްޓާ ކުއްލިއަކަށް ދުރުން ކަޅު ދިދައެއް ފެނުނެވެ. ކޫފާއިން ނުކުމެގެން އަންނަ އެޤާފިލާގެ މިސްރާބު ހުރީ ޙީރަތާ ދިމާއަށެވެ. އަހަރެންގެ ހިތުގެ ވިންދު ކުއްލިއަކަށް އަވަސްވިއެވެ. ހިތުގައި ބިރުވެރިކަން އުފެދިގެންދިޔައެވެ. އަހަރެންގެ ހަވަނަ ޙިއްސު ބުނަންފެށިއެވެ. [އެވާނީ ކަލޭ ހައްޔަރުކުރަން އަންނަ ބަޔަކަށެވެ. ކޮންމެވެސް މީހަކު ކަލޭ ހުރިތަން ބުނީކަންނޭގެއެވެ.] ޤާފިލާ އޭރު ހުރީ ވަރަށް ދުރުގައެވެ. އަހަރެން އަވަސްއަވަހަށް އެތަން ދޫކޮށް ފިލަން ދުއްވައިގަތީމެވެ. އަދި ކޫފާއަށް އައީމެވެ. އަހަރެންގެ ކުރިމައްޗަކު ދާނެ ވަކި މަންޒިލެއްނުވެއެވެ. ރައްކާތެރިކަމެއްދީ މަދަދުވެރިކަމުގެ އަތެއް ދިއްކޮށްލާނެ ފަދަ މީހަކުވެސް އަހަރެން ނުދަންނަމެވެ. އަހަރެން އެގޮތް މިގޮތަށް އާވާރާވެގެން ރަށުތެރޭ ހިންގަމުން ދިޔައީމެވެ. މީހުންގެ ނަޒަރުތަކުން ހީވަނީ އެމީހުން އަހަރެން ހޯދަމުން ގެންދާހެނެވެ. މިހެން ހިނގަމުން ދަނިކޮށް ވަރަށް ބޮޑު ގެއެއް އަހަރެންނަށް ފެނުނެވެ. އެގޭގެ ދޮރާށިވެސް ވަރަށް ބޮޑެވެ. އެކަމުންވެސް އެގޭގެ ވެރިމީހާއަކީ ކޮންމެވެސް ބޮޑު މުއްސަންޖެއްކަން ނުވަތަ ޤަދަރުވެރިއެއްކަން އެނގުނެވެ. އަހަރެންނަށް އިޚްތިޔާރަކާނުލައި އެގެއަށް ވަދެވުނެވެ. އެގޭގެ ތަނަވަސް ފެންޑާގައި ހައިބަވެތި މީހަކު އިނެވެ. އޭނާގެ ހެދުން ހުދުވެފައި ސާފެވެ. އޭނާއަށް ބަލާލުމުން އެއީ ވަރަށް ޢިއްޒަތްތެރި ރަގަޅު މީހެއްކަން އެނގެއެވެ. އޭނާއަށް އަހަރެން ފެނުމާއެކު ވަގުތުން ސުވާލުކުރިއެވެ. [ކަލެއަކީ ކާކުހެއްޔެވެ؟ ބޭނުންވަނީ ކޮންކަމެއް ހެއްޔެވެ؟] އަހަރެން ބުނީމެވެ. [އަހަރެންނަނަކީ ޤަތުލުކޮށްފާނެކަމުގެ ބިރަށްޓަކައި ފިލަންދުވާ މީހަކީމެވެ. ތިބާގެ ކިބައިން އަމާންކަމަށް އެދިގެން އައީމެވެ.]

އޭނާ، އަހަރެންނަށް އެތެރެއަށް އައުމަށް އިޝާރާތްކުރިއެވެ. އެތެރެއަށް ވަދެ އޭނާގެ އަންހެނުންގެ ކޮޓަރިއާ ޖެހިގެން ހުރި ހުސް ކޮޓަރިއެއްގައި އަހަރެން ބެހެއްޓިއެވެ. ގޭގެ ވެރިޔާގެ ހެޔޮކަން ހުރި މިންވަރަކީ ކޮންމެ ދުވަހަކުވެސް ތަފާތު ބާވަތްބާވަތުގެ ކާނާ އަހަރެންނަށް ގެނެސްދެއެވެ. އަހަރެން ނުލާހިކު އަމާންކަމާއެކު އެގޭގައި ހުރީމެވެ. އޭނާ މާބޮޑަކަށް އަހަރެންނާ ވާހަކައެއް ނުދައްކައެވެ. އަހަރެންނަކީ ކާކުތޯއެއްވެސް އަހަރެންގެ ކުށަކީ ކޮބައިތޯއެއްވެސް އަދި އަހަރެން ހޯދަން އުޅެނީ ކޮން ބައެއްތޯއެއްވެސް އޭނާ ނުބަލައެވެ. އެފަދަ ކަމަކާ ބެހޭގޮތުން އޭނާ އެއްވެސް ސުވާލެއްނުކުރެއެވެ. ނަމަވެސް އޭނާގެ ފަރާތުން އެއްކަމެއް އަހަރެންނަށް ފާހަގަވިއެވެ. އެއީ ކޮންމެ ދުވަހަކުވެސް ހެނދުނު ހެނދުނާ އޭނާ ކޮންމެވެސް ތަނަކަށް ދެއެވެ. އަދި މެންދުރުވުމުގެ ކުރިން އެނބުރި ގެއަށް އާދެއެވެ.

އެންމެފަހުން އެއްދުވަހު ޚުދް އަހަރެން އޭނާއާ ސުވާލުކުރީމެވެ. [ކޮންމެ ދުވަހަކުވެސް ތިބާ ތަނަކަށް ދާތަން އަހަރެން އެބަދެކެމެވެ. ތިބާ ތިޔަ ދަނީ ކޮންތާކަށް ކޮން ބޭނުމަކު ހެއްޔެވެ؟]  އޭނާ ބުންޏެވެ. [އިބްރާހީމް ބިން ސުލައިމާން ބިން ޢަބްދުލްމަލިކު ވަނީ ތިމަންގެ ބައްޕަ ޤަތުލުކޮށްފައެވެ. އޭނާ މިހާރު ޙީރަތުގައި ފިލައިގެން އުޅޭކަމުގެ ޚަބަރު އިތުބާރުހުރި ފަރާތަކުން ތިމަންނައަށް ވަނީ ލިބިފައެވެ. ތިމަން ކޮންމެ ދުވަހަކުވެސް މިދަނީ އޭނާ ހޯދާށެވެ. އެއީ އޭނާގެ ކިބައިން ތިމަންގެ ބައްޕަގެ ޤަތުލުގެ ބަދަލު ހިފުމަށެވެ.]

އޭނާގެ ޖަވާބު އަޑު އިވުމާއެކު އަހަރެންގެ އިސްތަށިތައް ކޮޅަށް ޖެހުނެވެ. އަހަރެންނަށް އަހަރެންގެ މަރު ޔަޤީން ވިއެވެ. އަހަރެން އޭނާކުރެން އޭނާގެ ނަމާއި އޭނާގެ ބައްޕަގެ ނަން އެހީމެވެ. އޭނާގެ ޖަވާބުން ހަމަ ވަގުތުން އޭނާ އެބުނަނީ ތެދެއްކަން އަހަރެންނަށް ޔަޤީންވިއެވެ. އަހަރެން، އޭނާއަށް ބުނީމެވެ. [ތިބާ އެތައް ދުވަހަކުއްސުރެ ތިދަނީ އަހަރެންނަށް މެހެމާންދާރީ އަދާކުރަމުންނެވެ. މިހާރު އަހަރެންވެސް ތިބާގެ ހައްޤު އަދާކުރުމުގެ ވަގުތު އަތުވެއްޖެއެވެ. ތިބާ، އަހަރެންނާމެދު ކަންތައްކޮށްފައިވަނީ ނުލާހިކު ރަގަޅަށެވެ. އެހެންކަމުން އޭގެ ބަދަލު އަހަރެންގެ ފަރާތުންވެސް ތިބާއަށް ލިބެންޖެހޭނެއެވެ. ތިބާ ތި ހޯދާ މީހާ ވީތަނެއް އަހަރެން ބުނެދީފާނަމެވެ.] އޭނާ އަވަސްއަވަހަށް ބުންޏެވެ. [އާނއެކެވެ!  އަވަހަށް ބުނާށެވެ. އޭނާ ފިލާ ހުރީ ކޮންތާކުހެއްޔެވެ؟] އަހަރެން ބުނީމެވެ. [އަހަރެންގެ ޢިއްޒަތްތެރި އަޚާއެވެ! ތިބާ ތިޔަ ހޯދާ މީހަކީ އަހަރެންނެވެ. ތިބާގެ ބައްޕަގެ ޤާތިލް މިހުރީ ތިބާގެ ކުރިމަތީގައެވެ. އިބްރާހިމް ބިން ސުލައިމާން ބިން ޢަބްދުލްމަލިކު ބިން މަރުވާނަކީ އަހަރެންނެވެ. ތިބާ އުފަލާއެކު އަހަރެންގެ ކިބައިން ބަދަލުހިފާށެވެ.]

އަހަރެން އެހެން ބުނުމުން އޭނާގެ މޫނު މައްޗަށް ހިނިތުންވުމެއް ވެރިވެގެން ދިޔައެވެ. އޭނާ ބުންޏެވެ. [އެތައް ޒަމާނަކު ފިލައިގެން އުޅެންޖެހުމާ ޢާއިލާ އާ ވަކިވުމުގެ ސަބަބުން ތިބާ މިހާރު މަރުވުމަށް ލޯބިކުރަނީ ހެން އެބަހީވެއެވެ.] އަހަރެން ބުނީމެވެ. [ނޫނެކެވެ. އެފަދަ އެއްވެސް ކަމެއް ނޫނެވެ. އަހަރެން މިޙަޤީޤަތް ތިބާއަށް ފޮރުވާކަށް ބޭނުމެއްނޫނެވެ. ތިބާގެ ބައްޕަގެ ހޯދަންތިއުޅޭ ޤާތިލަކީ ހަމަ އަހަރެންނެވެ. އަހަރެން ތިބާގެ ބައްޕަ ޤަތުލުކުރީ އެވެނި ތަނެއްގައި މިވެނި ތާރީޚެއްގައެވެ.]

އަހަރެން އެޙާދިސާގެ ހުރިހާ ތަފްޞީލެއް އޭނާއަށް ކިޔައިދިނީމެވެ. އެއާކު އޭނާގެ މޫނުގެ ކުލަ ބަދަލުވެގެންދިޔައެވެ. އޭނާގެ ލޮލުން ރުޅިވެރިކަމުގެ ކަނި ބުރަން ފެށިއެވެ. އޭނާ އެތަށް އިރެއް ވަންދެން މަތި ބަލަހައްޓައިގެން ކޮންމެވެސް އެއްޗެއް ވިސްނަމުން ގެންދިޔައެވެ. ދެން ހީވީ އޭނާ ކޮންމެވެސް ގޮތެއް ނިންމިހެންނެވެ. އޭނާ ކުއްލިއަކަށް އަހަރެންނާ ހަތަރުކަޅި ހަމަކޮށް ބުނަންފެށިއެވެ. [ހަމަކަށަވަރުންވެސް އެއްދުވަހަކުން ހުރިހާ އާރަކާއި ބާރެއް މިލްކުވެ ވޮޑިގެންވާ އެންމެ ޢަދުލުވަންތަ ޙާކިމްގެ ކުރިމަތީގައި ތިމަންގެ ބައްޕައާއެކު ކަލެއަށް ހުއްޓެންޖެހޭނެއެވެ. އަދި ހަމަކަށަވަރުންވެސް އެކަލާނގެ ކަލޭގެ ކިބައިން ކަލޭގެ އަނިޔާވެރިކަމާ ނުބައިކަމާ އަދި ޙައްޤަކާ ނުލައި ކަލޭ އޮހޮރުވައިލި ލޭގެ ބަދަލު ހިތްޕަވާހުއްޓެވެ. ދެން އޮތީ ތިމަންގެ މުޢާމަލާއެވެ. ޙަޤީޤަތަކީ ތިމަންވަނީ ކަލެއަށް އަމާންކަން ދީފައެވެ. ކަލޭ ރައްކާތެރިކުރާނެކަމަށް ވަޢުދުވެފައެވެ. އެހެންކަމުން ތިމަން މިހުރީ ތިމަންގެ ވަޢުދު އުވާލުމަށް ތައްޔާރަކަށްނޫނެވެ. އެހެނީ ޢަހުދާ ޚިލާފުވުމަކީ ތިމަން ދެކޭގޮތުގައި ލިބޭ ނިކަމެތިކަމެކެވެ. ނަމަވެސް މިހާރު ތިމަންގެ އެދުމަކީ ވީހާވެސް އަވަހަކަށް ތިމަންގެ ކުރިމަތިން ކަލޭ ދުރަށް ދިއުމެވެ. ފަހަރުގައި ތިމަންނައަށް ނަފްސުގެ މައްޗަށް ކޮންޓޯލްނުކުރެވިގެން ކަލޭ ޤަތުލުކުރެވިދާނެއެވެ.]

ދެން އޭނާ އެއްހާސް ދިރުހަމު އަހަރެންނަށް ދިއްކޮށްލިއެވެ. އަދި ބުންޏެވެ. [މީގައި ހިފާށެވެ. މިއީ ދަތުރުގެ ކޮއްތެވެ. އަދި އަވަހަށް މިތަނުން ދާން އުޅޭށެވެ.] އޭނާގެ މާތް އަޚްލާޤުގެ ސަބަބުން އަހަރެން ވަރަށް ބޮޑަށް ލަދުގަތެވެ. އަހަރެން ދީނާރުގައި ހިފުމަށް އިންކާރުކުރީމެވެ. އަދި އަވަސް އަވަހަށް އެގެއިން ނުކުމެގެން ދިޔައީމެވެ.

އޭ މުއުމިނުންގެ އަމީރެވެ! މިއީ އަޅުގަނޑުގެ ޙަޔާތުގައި ދިމާވި އެންމެ ޢަޖައިބުކުރުވަނިވި އާދަޔާޚިލާފު ޙާދިސާއެވެ. އަޅުގަނޑުގެ މުޅި ޙަޔާތުގައިވެސް މަނިކުފާނު ފިޔަވައި އިންތިހާއަށް ދީލަތި ޢަހުދަށްވަފާތެރިވި މީހަކު ފެނިފައިވާނަމަ އެމީހަކީ އޭނާއެވެ. އޭނާ ބިރުވެރިކަމުގެ ދުވަހުގައި އަޅުގަނޑަށް ރައްކާތެރިކަން ދިނެވެ. އަދި އޭނާގެ ބައްޕަގެ ޤާތިލަކީ އަޅުގަނޑުކަން އެނގުމަށްފަހުވެސް އޭނާ ކުރި ޢަހުދަށް ވަފާތެރިވެ އަޅުގަނޑަށް މަޢާފުކުރިއެވެ. (تاريخ مدينة دمشق  لإبن عساكر 6/416)

____________

ލިޔުމުގެ އަޞްލު: ސުންހެރޭ ނުޤޫޝް / ޝެއިޚް ޢަބްދުލްމާލިކް މުޖާހިދު

ގުޅުންހުރި

1 ޚިޔާލު

  1. ވަރަށް އިބުރަތްތެރިވާހަކައެއް މިފަދަލިއުންތައްގިނަގިނައިންފެންނާނެކަމުގާ އުންމީދުކުރަން. ﷲ ތިބާއަށް ހެޔޮރަހުމަތްލައްވާށި. ތިބާގެއުމުރުދިގުކުރައްވާށި އާންމީން،

Your email address will not be published. Required fields are marked *

More in ވާހަކަ