ރާއްޖޭގެ ޚަބަރު

ފުވައްމުލަކުގައި ކުރިއަށްދިޔަ އިމާމުންނާއި، ޒުވާން ޚަތީބުން ތާޒާކުރުމުގެ ޕްރޮގްރާމް ނިންމާލައިފި

ފުވައްމުލައް ސިޓީގައި ކުރިއަށްގެންދިޔަ އިމާމުންނާއި، ޒުވާން ޚަތީބުން ތާޒާކުރުމުގެ ޕްރޮގްރާމް ނިމުމަކަށް އައިސްފިއެވެ. އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން މަޢުލޫމާތު ދެއްވިގޮތުގައި މި ޕްރޮގްރާމުގައި ޖުމްލަ 42 ފަރާތަކުން ބައިވެރިވެފައިވެއެވެ.

މި ޕްރޮގްރާމަކީ ޤުރްއާނާއި، ތަޖުވީދު، ތަފްސީރު، ފިޤުހު، ޙަދީޘް އަދި އަޤީދާގެ ޢިލްމުގެ ދާއިރާއިން އިމާމުންނަށް ބޭނުންވާ މުހިންމު ޢިލްމީ ކަންކަން އުނގަންނައިދިނުމަށް އަމާޒުކޮށްގެން ކުރިއަށްގެންދެވުނު ޕްރޮގްރާމެކެވެ. މީގެ އިތުރުން މިސްކިތްތައް ބެލެހެއްޓުމުގެ ގޮތުން އަދާކުރަންޖެހޭ މަސްއޫލިއްޔަތުތައް އަދާކުރެވޭނެ ފެންވަރަށް އިމާމުންގެ ޝަޚްޞިއްޔަތު ބިނާކުރުމަށްވެސް މި ޕްރޮގްރާމުގައި އަހައްމިއްޔަތުކަން ދެވިފައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިސްނެންގެވުމުގެ ދަށުން ފެށިގެންދިޔަ މި ޕްރޮގްރާމަކީ ރަށްރަށަށް ދިމާވެފައިވާ ޚަޠީބުން ލިބުމުގެ ދަތިކަމަށް ހައްލެއް ހޯދުމަށާއި ޒުވާނުންނަށް މި ދާއިރާއިން ފުރުސަތު ފަހިކޮށްދިނުމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން އެންމެ އިސްކަމެއް ދީގެން ކުރިއަށްގެންދާ ޕްރޮގްރާމެކެވެ.

މިހާތަނަށް ޒުވާން ޚަތީބުން ތަމްރީން ކުރުމުގެ 3 ބުރު ނިމިފައިވާއިރު، ޖުމްލަ 503 ޚަތީބުން ވަނީ މި ޕްރޮގްރާމް ފުރިހަމަކޮށްފައެވެ. އޭގެތެރޭގައި ހިމެނެނީ ފުރަތަމަ ބުރުން 65 ޚަޠީބުންނާއި، ދެވަނަ ބުރުން 169 ޚަޠީބުންނާއި އަދި ތިންވަނަ ބުރުން 269 ޚަތީބުންނެވެ.

އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވަނީ އަންނަ ފަސް އަހަރުގެ ތެރޭގައި 1000 ޒުވާން ޚަޠީބުން ތަމްރީން ކުރުމުގެ އަމާޒު ހިފާފައެވެ. މިއީ ރާއްޖޭގެ މިސްކިތްތަކަށް ދިމާވެފައިވާ އިމާމުންގެ ދަތިކަން ހައްލުކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމުގައި ފާހަގަކުރެވެއެވެ.

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *